ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެއަށް މުހިންމު ދައުރެއް ލިބުމަށް އިންޑިއާއިން ތާއީދުކުރާ ކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މީޑިއާއާ ވާހަކަދައްކަވަމުން، އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖަޔަޝަންކަރު ވިދާޅުވީ، އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިއާސަތަށް އެންމެ އެކަށީގެންވާ ޝަޚްޞިއްޔަތަކީ، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކަމުގައެވެ.

ޑރ. ޖަޔަޝަންކަރު ވިދާޅުވީ، ޢަބްދުﷲ ޝާހިދުގެ ތަނަވަސް ޑިޕްލޮމެޓިކް ތަޖުރިބާއާއި އޭނާގެ ލީޑަރޝިޕް ކޮލިޓީތަކުން، އިންޑިއާއިން ދެކެނީ، އދގެ އާންމު މަޖިލީހުގައި ދުނިޔޭގެ 193 ގައުމަށް އިސްވެހުންނެވުމަށް އެންމެ އެކަށީގެންވާ ޝަޚްޞިއްޔަތަކީ ޢަބްދުﷲ ޝާހިދު ކަމުގައެވެ. އދގެ އާންމު މަޖިލީހުގެ ރިއާސަތަށް މިނިސްޓަރ ޝާހިދު އިންތިޚާބު ކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް އިންޑިއާއިން ކުރާނެ ކަމުގެ ޔަގީންކަންވެސް ޑރ. ޖަޔަޝަންކަރު ދެއްވިއެވެ. އަދި 2021ން 2022އަށް އިންޑިއާއިން އދގެ ސަލާމަތީ މަޖިލީހުގެ އޭޝިއާ ބައްރުގެ ގޮނޑި ފުރަމުންދާނެ މުއްދަތު ކަމަށް އިޝާރާތް ކުރައްވަމުން ޖަރަޝަންކަރު ވިދާޅުވީ، އެ މުއްދަތުގައި މިނިސްޓަރ ޝާހިދުއާއެކު މަސައްކަތް ކުރުމުގެ އުފާ ލިބިވަޑިވަޑައިގަންނަވާނެ ކަމަށެވެ.

މީގެއިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން އޭނާ ވަނީ، ފުޅާދާއިރާއެއްގައި ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ މަސްރަޙުގައި ޙަރަކާތްތެރިވުމަށް އިންޑިއާއިން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޢަބްދުﷲ ޝާހިދު، މަގާމާ ހަވާލުވެވަޑައިގަތް ފަހުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އައިސްފައިވާ ބަދަލަށް ތަޢްރީފް ކުރައްވަމުން، ޑރ. ޖަޔަޝަންކަރު ވިދާޅުވީ، ކޮމަންވެލްތާއި އިންޑިއަން އޯޝަން ރީޖަނަލް އެސޯސިއޭޝަން ގައި ދިވެހިރާއްޖެ އަލުން ބައިވެރިވެގެން އަދި އދގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން ދިވެހިރާއްޖެއިން ވަނީ ދިވެހި ގައުމުގެ ހަގީގީ ބުރަދަން ބައިނަލްއަގްވާމީ މުޖުތަމައަށް ދައްކާފައެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އިންސާނީ ހާލަތަށް ފާޑުކިޔުންތައް އަމާޒު ވުމާއެކު، ކުއްލިގޮތަކަށް ކޮމަންވެލްތުން ވަކިވެގެން ތިން އަހަރު ވަންދެން އޮތުމަށްފަހު ރާއްޖެއިން ކޮމަންވެލްތާ ގުޅުނީ 2020ގެ ފެބްރުއަރީގައެވެ.