"އާނާ..." ދުރުން ޔުމްނާ ގޮވާލި އަޑަށް ސިހިފައި ފަހަތަށް ޖެހުނު ޔުއާނާ އަޅައިގަތީ ރީތިވާ މޭޒުގައެވެ. އަރިއަޅާލި ވަގުތު ހުށިޔާރުވެހުރި އަޒިކިޔަލް ޔުޢާނާގެ އުނަގަނޑުގައި އަތްއަޅުވާލާ ގާތަށް ދަމާލިއިއެވެ. އަޒިކިޔަލްގެ ސީދާ ކަސްރަތީ ހަށިގަނޑުގައި ޔުޢާނާ އައިސް ލައްވުމާއެކު އެ އޮމާން މޫނަށް އަޒިކިޔަލް ބަލާލީ ފުން ނަޒަރަކުންނެވެ.
"އާނާ" ކުރިއަށްވުރެގާތުން ޔުމްނާގެ އަޑު އިވުމާއެކު ތެޅިގަނެފައި އަޒިކިޔަލްގެ އަތުން ވީއްލިގެން ޔުޢާނާ ނިކުމެއްޖެއެވެ. އަވަސްވެފައިވީ ހިތުގެ ވިންދު ހަމައަކަށް އަޅުވާލަމުން ދޮރާއި ގާތުގައި ހުރި ޔުމްނާއަށް ހިނިތުންވުމެއް ރައްދުކުރިއެވެ.
"ދޮންތަ ގޮވާ އަޑެއް ނީވޭތަ؟" ލޯ ހިމަކޮށްލަމުން ޔުމްނާ ބުނެލީ ފަހަތުން ނިކުތް އަޒިކިޔަލްގެ މޫނުން ޔުއާނާގެ މޫނަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލަމުންނެވެ.
"ދޮންތަ ތިހާ ބާރަށް ގޮވީމަ ޔޫއްކޮއަށް ހޭލެވިދާނެއޭ. ދެންވެސް ހިނގާބަލަ ތި ކުރަން އައި ކަމެއް ކުރެވޭތޯ" ޔުމްނާގެ އަތުގައި ހިފާ ދަމާލަމުން ޔުޢާނާ ހިނގައިގަތީ އިތުރަށް އެތަނުގައި ހުރެއްޖެނަމަ އޭނާގެ މޫނުން ކަމެއް ބޭޒާރުވެދާނެކަމަށް ޓަކައެވެ. ފަހަތުން އައި އަޒިކިޔަލްގެ ތުންފަތް އެއްމިޔަކަނުން ދެމިލީ ޔުޢާނާގެ އަވަސްއަރުވާލުން ފެނިފައެވެ.
"ހާދަ ލަހޭ ތިމީހުން. އަދި މިރެއަށް ހާދަ ކަމެއް ކުރަން އެބައޮތޭ. ތި އަވަސްކޮށްގެން ހިނގާބަލަ ނިކުންނަން." ސޯފާގައި އިން ޔޫނުސްއަށް ޔުއާނާމެން ފެނުމާއެކު ކުދިކިޔާލިއެވެ.
"ދެން މަންމަމެން ތި ގެނައިއްޔޯ. މައިގަނޑު ދެ މީހުން މިތަނުގަ ނެތި މަންމަމެން ހުރިހާ ކަމެއް ނިންމާލަންވީ؟"ސަބާނާގެ ކައިރީ އިން ޔޫނުސްގެ މަންމަ ނާއިލާ ބުނެލިއެވެ.
ރަކި ހިނިތުންވުމެއްގައި މޯޅިވެފައި ހުރި މަލެއްހެން ޔުމްނާ ހުރި ސަބަބު ޔުޢާނާއަށް އެނގުނީ ނާއިލާމެން ދެމަފިރީންނާއެކު ޔޫނުސްގެ އެއްބަނޑު އެއްބަފާ ކުދީން ސިޓިންރޫމުގައި ތިބުމުންނެވެ. އަންނަމުން އަތަށް އެވަރަކަށް ފިތީ އެހެންވެތާއެވެ. ޔުޢާނާ ޔުމްނާއަށް ބަލާލީ ލާނެތް ގޮތަކަށް ހީލަމުންނެވެ.
"އަޒިކިޔަލް ދާންވީނު މިރެޔަށް ހަމަކުރަންހުރި އެއްޗެހި ގަންނަން ޔުޢާނާ ގޮވައިގެން. ޔުސްރާ ވެސް ދާނެ ތިމީހުނާއެކީ" ސޯފާގެ ކޮޅުގައި އިން ޔޫނުސްގެ ދައްތަ ޔުސްރާއަށް އިޝާރާތްކުރަމުން ނާއިލާ ބުނެލިއެވެ. ނުތަނަވަސްކަން ވެރިވި ޔުޢާނާގެ މޫނު ނުފެންނަ ކަމަށް ހަދަމުން ޔުމްނާ ބޯޖަހާލީ އެޚިޔާލާ ރުހެމޭ ބުނާފަދަ ގޮތަކަށެވެ.
"އެ ތެދެއް... އާނާ އަށް އެނގެއެއްނު ދޮންތަ ބޭނުންވާ އެއްޗެހީގެ ކުލަތަކަށް ދަންދެން. އަނެއްކޮޅުން ޔުސްތަ ވަރަށް މޮޅުވާނެ ތީމްއާ އެއްޗެހި ގުޅުވަން" ޔުމްނާ ބުނެލިއެވެ.
އެހެންމީހުނަށް ނުފެންނާނެހެން ޔުމްނާއަށް ލޯ އަޅާލުމަށްފަހު ޔުއާނާ ގޯތިތެރެއަށް ނިކުތްއިރު އަޒިކިޔަލް ސައިކަލު ގޯތިތެރެއިން ނެރުނީއެވެ. ޔުޢާނާއަށް ދިން ނަޒަރުން އެބުނީ އަރާށޭކަން އެނގުނު ނަމަވެސް އެކަން އެނގުނުކަމަށް ނުހަދާ އޭނާ ގޮސް އެރީ ސައިކަލު ސްޓާޓްކޮށްގެން އިން ޔުސްރާގެ ފަހަތަށެވެ. ފަހަރަކު ފިހާރައަކަށް ވަންނަމުން ގޮސް އެއްޗެހި ހަމަވިއިރު ކޮންމެ މީހެއްގެ އަތުގައި ދެ ތިން ކޮތަޅު އޮތެވެ. ބޮޑުމަގުގެ ކޮޅުގައިހުރި ރީތިވާއެއްޗެހި ވިއްކާ ފިހާރައިން މީރުވަސްދުވާ އުއްބަތިތަކެއް ގަނެގެން ނިކުތް ވަގުތު ޔުސްރާ އެއްފަރާތަކަށް ޖެހިލީ ފޯނެއް އައިސްގެންނެވެ.
ދޭތެރެދޭތެރެއިން ސައިކަލެއް ފެނިލި ނަމަވެސް ހިސާބުގެ ގޮތުން މަގުމަތި ނުހަނު ފަޅެވެ. "އާދެބަ އަދި އެ ފިހާރަ ބަލާލަން" އަތުގަ ކޮށްޓާލަމުން ކުރިމަތީހުރި މާވިއްކާ ފިހާރައަށް ވަންނަން މިސްރާބުޖެހި އަޒިކިޔަލްގެ ފަހަތުން ޔުއާނާ ހިނގައިގަތީ ހައިރާންވެހުރެއެވެ.
އޭސީގެ ފިނީގައި ފިހާރަތެރޭ ވަނީ މާމެލާމެލީގެ ތާޒާ ވަހުން ހުވަނދުލެވިފައެވެ. ނޯށުގައި ހަރުލި މީރުވަހުން ޔުޢާނާއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. އެކި ކުލަކުލައިގެ އެކި ވައްތަރުގެ މާ މަލުގެ ތެރެއިން ވެސް އޭނާގެ ލޮލުގައި އަޅައިގަތީ އަޒިކިޔަލް ގޮސް ހުއްޓިލި ދިމާލުގައިހުރި ފިޔާތޮށިކުލައިގެ ލިލީ މާ ތަކަށެވެ. އެ ދިމާލަށް ދާން ހިނގައިގަތް ވަގުތު ޔުޢާނާގެ ހައިރާންކަން އިތުރުވީ ފިހާރައިގައި އިން ކުއްޖާގެ ކައިރީ ލިލީ މާބޮނޑިއެއް ތައްޔާރުކޮށްދެން އަޒިކިޔަލް އެދުމުންނެވެ.
"އެއީ ކޮންކަމަކަށް؟" މަޑު ހިނިތުންވުމެއްފިޔަވާ އަޒިކިޔަލްގެ ފަރާތުން ޔުޢާނާ ކުރި ސުވާލަށް ޖަވާބެއް ނުލިބުނެވެ. ލާރި ދައްކަން އަޒިކިޔަލްއާއެކު ކައުންޓަރު ކައިރިއަށް ޔުއާނާ ދިޔައީ އެ ދިމާލުގައިހުރި ޕްލާސްޓިކް މާތަކުގެ ފޮޓޯއެއް ނެގުމަށެވެ.
"ޔޫންބެ ކީ ދޯ މިކަހަލަ މާތަކެއް ބޭނުންވާ ވާހަކަ" އަޒިކިޔަލްއަށް ދޯ ދެމުން ޔުއާނާ އެނބުރިލީ ވަގުތު ފިހާރައިގެ ސޭޓަކަށް އިން ދައްތަ ބުނެލި ވާހަކައިން އޭނާއަށް ބަލާލެވުނީ އަޒިކިޔަލްގެ މޫނަށެވެ.
"ދެ ކުދީން އެކުގައި ނުފެންނަތާ ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ. ރަނގަޅު ދޯ ދެ ކުދީން ވެސް" އެވަގުތު ތައްޔާރުކޮށްގެން އައި މާބޮނޑި އެކަމާއި ހަވާލުވި ޒުވާން އަންހެންކުއްޖާ ދިއްކޮށްލުމުން ހިފަން ނުހިފަންހުރި ގޮތަކަށް ހުރުމަށްފަހު ވެސް ޔުޢާނަ ހިފީ އަޒިކިޔަލް ކޮތަޅުން ފުރިފައި އޮތް ދެ އަތް ދައްކާލުމުންނެވެ.
"އަލްޙަމްދުލިއްލާހް. އަދި ނުފެނިފައެއް ނެތެއްނު ދޯ ދައްތާ. ކުރިއަށް އަދި އޮތިީތާ ދުވަސްތައް" ދެ މާނަ އެކުލެވޭ ރާގަކަށް ހިނިތުންވެހުރެ އަޒިކިޔަލް ބުނެލި ޖުމްލައިން ޔުއާނާއަށް ބުމަ އަރުވާލެވުނީ އުންމީދު ވެސް ނުކޮށް ހުރި ޖަވާބެއް އަޒިކިޔަލްގެ ފަރާތުން ލިބުމުންނެވެ.
"މި ތިބީ ދޯ. މިހާރު ކޮންއިރެއް ތި މީހުން ގެއްލިގެން ހޯދަނީ. ގުޅަން ވެސް ގުޅައިފިން އާނާއަށް" ފިހާރައިން ނިކުތުމާއެކު ރީތިވާ ސާމާނު ވިއްކާ ފިހާރަ ކުރިމަތީ ސައިކަލުތައް ކައިރީހުރި ޔުސްރާ ގޮވާލިއެވެ.
"ފޯނު ގޭގަ ބާއްވާފަ އާދެވުނީ." އަތުގައިހުރި ކޮތަޅުތައް ސައިކަލު ކައިރީ ބަހައްޓަމުން ރައްދުގައި ޔުއާނާ ބުނެލިއެވެ.
"އެ މަންޖެ ހިތުން އަދި ވެސް އަޒިކިޔަލްގެ ނަން ފިލައިފިހެނެއް ހިއެއްނުވެ" މާ ވިއްކާ ފިހާރައިގެ ކޭޝިއަރަކަށް އިން ކުއްޖާއަކީ ސްކޫލް ދައުރު އަޒިކިޔަލްއަށް ލޯބި ހުށައެޅި ކުދިންތަކުގެ ތެރެއިން އެކަކެވެ. އަޒިކިޔަލްއަށް އެއްމިޔަކަނުން ހިނިތުންވެވުނީ ޔުޢާނާއަށް އެކަމުން އަސަރުކޮށްފިކަން އެނގުމުންނެވެ.
"މީހަކަށް ބުނެދޭކަށް ނުޖެހޭނެ ކަންނޭނގެ އަހަންނަކީ އަހަރެންގެ އަނބިމީހާގެ ހައްގެއްކަން" ސީދާ ޔުއާނާގެ މޫނަށް ނަޒަރު ހުއްޓައިގެންހުރެ އަޒިކިޔަލް ބުނެލިއެވެ.
"މިއީ އާނާއަށް." ޔުއާނާގެ އަތުގައި އޮތް މާބޮނޑިއަށް އިޝާރާތްކޮށް އަޒިކިޔަލް ބުނެލީ މާބޮނޑީގެ ކުލަ ރިވެލިވެފައިވީ ތާޒާ މޫނަށް ވެރިވި ކުލަވަރު ފަރުވާތެރިކަމާއެކު ދިރާސާކުރަމުންނެވެ. ހިނިތުންވި ނަމަވެސް ޔުއާނާއަށް އިހްސާސްކުރާނެ އެއްޗެއް ނޭނގި ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ.
"ހިތުގެ އެދުމަކީ ހުކުރު ހެދުމެއް ކަހަލަ އެއްޗެއް. އަމިއްލަ ޟަމީރާއި ހިތުގެ އަޑު ރަނގަޅަށް ދެނެނުގަނެވޭ ފަހަރު ވެސް ހިނގައިދާނެ" އެންމެފަހުން މާބޮނޑިއަށް ބަލަހައްޓައިގެން ހުރިގޮތަށް ހުރެ ޔުއާނާ ބުނެލި ޖުމްލަ އަޒިކިޔަލްގެ ސިކުނޑީގައި ގުގުމާލިއެވެ.
މާބޮނޑި ހިފައިގެން ގޭގެ އޮޅީން ވަންނަން ފަސްޖެހުނު ނަމަވެސް ސިއްރުސިއްރުން ޔުއާނާ މައިދޮރު ހުޅުވާލީ، ފިހާރައަށް ދިޔައިރު ގޭތެރެއިން އިވުނު ސަމާސާގެ އަޑު ކެނޑި ދިރޭ ފުރާނައެއްގެ ހިލަމެއް ނުވާތީއެވެ. ކަނު އަނދިރިކަން ވެރިވެފައިވީ ބޮޑު ކޮޓަރިއަށް ނަޒަރެއްް ދެމުން އޭނާގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީ އެންމެން ނިދަން ވަނީކަން ޔަގީންވުމުންނެވެ.
"އާނާ ހާދަ ލަސްވީ؟" ސިއްސައިގެންގޮސް ފަހަތަށް އެނބުރިލި ޔުއާނާއަށް ކަނު އަނދިރީގެ ތެރެއަށް ލޯހޭނެން ވަގުތު ނެގިއެވެ. "ދޮންތަތަ؟ ކިހިނެތްވެފަ އަނދިރީގަ ތީނީ؟" ހިޔަންޏެއްހެން ސޯފާގައި އިނީ ޔުމްނާކަން ޔުއާނާއަށް ވަކިކުރަން އެނގުނީ އަޑުންނެވެ.
"އެއްޗެހި ބަދަލުކޮށްގެން ދޮންތަ ކޮޓަރިއަށް އައިސްދެއްޗޭ" ޔުމްނާގެ ބުނުމަށް އާނބަސް ދެމުން ޔުއާނާ ކޮޓަރިއަށް ވަނީ މާބޮނޑި އެއްފަރާތަކަށްލައި ނިވާ ކޮށްގެން ހުރެއެވެ.
ނިދަން ތައްޔާރުވެގެން ޔުއާނާ ޔުމްނާގެ ކޮޓަރިއަށް ވަތްއިރު އެނދުގެ މެދުގައި ދެފައިވަށްކޮށްގެން ޔުމްނާ އިނީ ފޯނަށް ގެއްލިފައެވެ. ކައިރީ އައިސް އިށީނދެ ޔުޢާނާ އެ ފޯނަށް ބޯދިއްކޮށްލުމާއެކު ފޯނު ނިއްވާލަމުން ހުރިހާ ސަމާލުކަމެއް އޭނާއަށް އަނބުރާލައިފިއެވެ.
"ދޮންތަ މާ ބޮޑަށް ހިތްނުތަނަވަސްވަނީ ދޯ" ޔުމްނާގެ އަތުގައި ހިފާ ފިއްތާލަމުން ޔުއާނާ ބުނެލީ ފޯނުން ކައިވެންޏާއި ބެހޭގޮތުން ކިޔަންއިން ލިޔުން ފެނުންކަމުގެ އިޝާރާތެއްގެ ގޮތުންނެވެ.
"ނުތަނަވަސް ވެސް ވޭ. ފިކުރު ވެސް ކުރެވޭ. މާދަމާއަކީ ބޮޑު ދުވަހެއް. މީހަކާ އިންނަން ރަންކިޔުމަށްފަހު ދެން ކައިވެންޏާއި ދެމެދުގައިވާ މުއްދަތަކީ ވެސް އިމްތިހާނެއް...ނޫންތަ؟" ޔުއާނާގެ އަތުގައި ހިފައިގެން އިނދެ ޔުމްނާ ބުނެލީ ލަސްލަހުންނެވެ.
"ތެދެއް ތިބުނީ. އަދި ކައިވެންޏަށްފަހު އެކަމަކު ޙަޤީޤީ އިމްތިހާނާ ކުރިމަތިވާނީ "ޔުމްނާގެ ދެ ލޮލަށް ބަލާލަމުން ޔުޢާނާ ބުނެލީ ހިތި ހިނިތުންވުމަކާއެކުއެވެ.
"ދޮންތަ ހީކުރީ ދޮންތަކަމަށް އެންމެ ފުރަތަމަ މީހަކާ އިނދެ ކުރެވުނު ތަޖުރިބާ ހިއްސާކުރާނީ. އެކަމަކު ދިމާ އިދިކޮޅަށް ދޯ މިދަނީ" މަޑު ހުނުމަކާއެކު ޔުމްނާ ބުނެލީ ޔުއާނާގެ ކޮނޑުގައި ބޯ އަޅާލަމުންނެވެ.
ޔުމްނާއަށް ވުރެ ޔުޢާނާ އުމުރުގެ ގޮތުން ދެ އަހަރު ހަގު ނަމަވެސް ކަންކަމުގައި އަބަދުވެސް އިސްކޮށް އުޅެނީ ޔުއާނާއެވެ. ވިސްނުމާއި ފިކުރުގެ ގޮތުން ވެސް ޔުއާނާއަކީ ހަރު، ހިތްތިރިކަމާއި ކެތްތެރިކަމުގެ ނަމޫނާއެކެވެ.
"ދޮންތަ ހުރީމެއްނު ކައިވެނި ކުރެވުނުއިރު އެންމެ ކައިރީގަ. އެވަރުން ފުދެޔޭ." ހިނިތުންވެލަމުން ޔުއާނާ ބުނެލީ ފުން ވިސްނުމަކަށް ގެއްލި އިނދެއެވެ. "އިރާދަކުރެއްވިއްޔާ ދޮންތަގެ ކައިވެނިީގައި ބަރަކާތް ލައްވާނެ"
އެކިއެކި ވާހަކަދެއްކުމުގައި ވަގުތުތައް ހޭދަވެގެންދިޔަ ގޮތެއް ނޭނގި ދެ ލޮލަށް ބަރުވެގެން އެންމެ ފުރަތަމަ ނިދުނީ ޔުމްނާއަށެވެ. އޭރު ގަޑީން މެންދަމު ތިނެއްޖެހީއެވެ. އަމިއްލަ ކޮޓަރިއަށް ދާން ޚިޔާލުކޮށްފައި ވެސް އަލުން ހެޑްބޯޑުގައި ލެނގިލަމުން ޔުއާނާ ދެ ލޯ މަރާލީ އުނގުގައި އޮތް ޔުމްނާ އޭނާގެ އަތަށް ބާރުކޮށްލުމުންނެވެ.