ޕްރީސްކޫލްތަކުގެ މުދައްރިސުން މާދަރީ ބަހަށް އަހުލުވެރިކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ. މިއީ ދިވެހިބަހުގެ އެކެޑަމީން އިންތިޒާމް ކޮށްގެން ބާއްވާ ބައްދަލުވުމެވެ.
އޮންލައިންކޮށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކަޅުތަކުން 270 އަށްވުރެ ގިނަ ޕްރީސްކޫލް މުދައްރިސުން ބައިވެރިވެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އާޓުސް، ކަލްޗަރ އެންޑް ހެރިޓޭޖު މިނިސްޓްރީގެ މުޝީރު އަދި ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ކުރީގެ ރައީސް އައްބާސް އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި އެވުޒާރާގެ ވަޒީރު ޔުމްނާ މައުމޫނާއި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.