ނިޔަތާއި ބަހާއި އަމަލުން އިސްލާމްދީނުގައި ސާބިތުވެތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދިވެހި މުޖުތަމައަކީ ޤުރްއާނާ ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމައަކަށް ބަދަލުކުރުމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން، އެއްބާރުލެއްވުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބެއްކަމަށް ފެންނަން އޮތީ އިސްލާމްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަންކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ، ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައިވާ ދުވަސްވަރަކީވެސް މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަހުލާގީ ސިފަފުޅުތަކުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދޮގު ހެދުމާއި ދޮގު ހަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން އަޒުމު ކަނޑައެޅުމަށާއި ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ އިތުރުން ދައުލަތާއި ސަރުކާރުގެ އިސްވެރިންވެސް މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ބޭއްވި ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުން ވެސް އޮތެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަހެވެ.