މިއަދަކީ ވަރަށް ބޮޑު ދުވަހެކެވެ. އަހަރެންގެ ވާންއުޅޭ މައިދައިތައާއި، ބަފައިބެ ފެންނަ ދުވަހެވެ. މިއަދު އަހަންނަށް ވުރެ ބޮޑަށް ހާސްވެފައި ވަނީ އިސްޙާޤެވެ.
އިސްޙާޤު ހާސްވިޔަކަސް ހައިރާންވާކަށް ނުޖެހެއެވެ. އަހަރެމެން ދެ މީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުން ނުކުމެދާނެ މައްސަލައަކާ ދޭތެރޭ އޭނާ ވިސްނާނެތާއެވެ. އަހަރެންގެ އުމުރަކީ 38 އަހަރެވެ. އިސްޙާޤުގެ އުމުރަކީ އެންމެ 20 އަހަރެވެ. އެކަމަކު ލޯބިވީމާ އުމުރަށް ބެލޭނީ ކިހިނެއް ހެއްޔެވެ؟
އަންހެނުން އެ މީހުންނަށް ވުރެ ހަގު ފިރިހެނުންނާ އިނުމަކީ ގިނަ ކަމަކަށް ނުވިޔަސް ނުހިނގާ ކަމެއް ނޫނެވެ. އަހަރެމެން ދެ މީހުންގެ ގުޅުމާ މެދު ވެސް ބާވަތް ބާވަތުގެ ވާހަކަ ދެކެވުނެވެ. އެއްވެސް އުނދަގުލަކާ ނުލައި ދަރިއަކު ލިބުނީއޭ ކިޔައިގެން ރައްޓެހިން ދިމާކޮށް އުޅުނެވެ. އެހެން ނަމަވެސް މިހާރު އެ ވާހަކަތައް ހުއްޓިއްޖެއެވެ.
އިސްޙާޤަކީ ވަރަށް ރަނގަޅު އަޚުލާގެއްގެ ވެރިއެކެވެ. ދުނިޔޭގެ ކުލަ ރީތި ހުވަފެންތަކާއި، އަވާމެންދުރުގެ ހަގީގަތް އެނގޭ ވަރަށްވުރެ އޭނާ މާ ޅައެވެ. މުސްކުޅިވެ، ނާރުތަކުގެ ބާރު ދެރަވާ ވާހަކައާއި، ގައިގެ ހަން ދޫވެ، ރޫޖެހޭ ވާހަކަ އިސްޙާޤަށް ވަނީ ހެއްވާ ވާހަކަތަކަކަށެވެ.
އުމުރާއި ތަޖުރިބާގެ ތަފާތު ފިޔަވައި އަހަރެމެން ދެ މީހުންގެ މިޒާޖު މުޅިން އެއްގޮތެވެ. އެހައި ޅަ، ރީތި ޒުވާނަކު ލިބުނީތީ އަހަރެން ވަރަށް ބޮޑަށް އުފާކުރަމެވެ. އަމިއްލަ ނަސީބުގެ ގަދަކަން މައްޗަށް ހައިރާންވެއެވެ. ބައެއް ފަހަރަށް ގަބޫލުކުރަން ވެސް ދަތިވެއެވެ. މިއީ ހުވަފެނެއް ނޫންބާވައޭ ހިތަށް އަރައި، ޖެހިލުން ވެސް ވެއެވެ.
އަހަރެންގެ ނަސީބުގެ ތަރި މެދުއުޑުގައި ވިދާ ބަބުޅަން ފެށީ، އެ ރައިޙާނާއޭ ކިޔާ ނުލަފާ އަންހެންމީހާ އަހަންނަށް ދިން ކެހި ހިތުން ފޮހެވުނު ތަނާއެވެ.
އެވެނި މީހަކު ތިމަންގެ ދިރިއުޅުން ހަލާކުކޮށްފިއޭ ބުނުމަކީ ހަމަޖެހޭ ކަމެއް ނޫންކަން އަހަންނަށް އެނގެއެވެ. ތިމާގެ ނަސީބު ދެރަކަމުން ދިމާވާ ކަންތައްތަކުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އެޅުވުމަކީ ރަނގަޅު ކަމެއް ނޫންކަން ވެސް އެނގެއެވެ. އެކަމަކު މިއީ އަހަރެން ކަންތައް ކުރި ގޮތެވެ. ރައިޙާނާއާ ދިމާއަށް އިނގިލި ދިއްކޮށް، އޭނާގެ ނުބައިކަމުގެ ޝަކުވާ ކުރީއެވެ.
އަހަންނާއި ރައިޙާނާއާ ދެ މީހުންނަކީ އެއް ދުވަސްވަރެއްގައި ވަރަށް ގާތް ދެ ރަހުމަތްތެރިންނީމުއެވެ. އުމުރުން ހަތަރު އަހަރުން ފެށިގެން އުޅުނީ އެކީގައެވެ. ކުޅުނީ އެކީގައެވެ. އުޅުނީ އެއް ސްކޫލެއްގައެވެ. އެކަކު އަނެކަކަށް ސިއްރު ކިޔައިދެމެވެ.
ފިރިހެން ކުއްޖަކާ “އެ ގޮތަށް” ފުރަތަމަ ވާހަކަ ދެއްކީ ވެސް އެކީގައެވެ. އޭގެ ފަހުން އެކަކު އަނެކަކަށް ވާހަކަ ކިޔައިދީ ހީނ މަޖާކޮށް ހެދި ހަނދާން މިހާރުވެސް އެބަހުއްޓެވެ.
އަހަރެން މީހަކާ އިންނަން ގަސްތުކުރާ ވާހަކަ ވެސް އެންމެ ފުރަތަމަ ބުނީ ރައިޙާނާ ގާތުގައެވެ. އަދި މާޖިދު އެހެން ކުއްޖަކާ ރައްޓެހިވެގެން އަހަންނަށް މަކަރު ހަދަން ފެށީމާވެސް އަހަރެން ފުރަތަމަ ބުނީ ރައިޙާނާ ގާތުގައެވެ.
“ރައިޙާނާ! ހުރިހާ ކަމެއް މުޅިން ސަކަރާތް ވެއްޖެ!” އަހަރެން އެ ރޭ ރައިޙާނާގެ އުނގުގައި ބޯއަޅައިގެން އޮވެ ރުއީމެވެ.
“މާޖިދު އެހެން ކުއްޖަކާ ރައްޓެހިވީތަ؟”
“އާނ!” އަހަރެން ޖަވާބު ދިނީމެވެ. މާޖިދު އެހެން ކުއްޖަކާ ރައްޓެހި ވެގެން އުޅޭކަން އަހަންނަށް ޔަގީނެވެ. އެހެން ނަމަވެސް އެ ކުއްޖަކީ ރައިޙާނާއޭ ހަމަ އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ. ރައިޙާނާ އަހަންނަށް އެހައި ބޮޑު ލަނޑެއް ދީފާނެއެކޭ ހިތަށް އަރާނީވެސް ކިހިނެއް ހެއްޔެވެ؟ އެކަމަކު ހަގީގަތް ވާނީ ހަގީގަތަށެވެ.
ވިދިގެން އައި ދުވަހު އެ ދެ މީހުން އެކީގައި އަހަރެމެން ގެއަށް އައިސް، ވަރަށް އޯގާތެރިކަމާއެކު ދެ މީހުން ހިތާވެގެން އުޅޭ ވާހަކަ އަހަރެން ގާތު ބުނެފިއެވެ. ކިތަންމެ ފޮނި އިބާރާތްތަކެއް ބޭނުން ކުރިޔަސް ހިތާމަވެރި ވާހަކައެއްގައި އުފާވެރި ކަމުގެ ކުލައެއް ނުޖެއްސޭނެއެވެ.
މިއީ ހެއްވާ ވާހަކައަކަށް ނުވޭހެއްޔެވެ؟ އެންމެ ގާތް ރަހުމަތްތެރިޔާއާއި، ލޯބިވެރިޔާއާ ދެ މީހުން ހިތާވަނީއެވެ. އަހަރެންގެ އުންމީދުތަކާއި، މުސްތަގުބަލުގެ ފޮނި ހުވަފެންތައް ވިއްސިވިހާލި ކޮށްލީއެވެ. ހިތްހެޔޮކަމާ އެކީގައެވެ. ހެޔޮ އެދުންތަކާ އެކުގައެވެ. އަޖާއިބެއް ފަހެ ނުވޭ ހެއްޔެވެ؟
ދެން ހެވެވެ. އެ ވާހަކަ ހުއްޓާލަމާ ހިނގާށެވެ. އެ ދުވަހުގެ ފަހުން އަހަރެން އެ ދެ މީހުންކުރެ މީހަކު ނުދެކެމެވެ. އެކަމަކު އެ މީހުންނާ މެދު ވިސްނައި ފިކުރުކޮށް ހަދަމެވެ. އެ ވޭންދެނިވި މަންޒަރު ހިތަށް ގެންނަމެވެ. އެކަމަކުން ސަލާމަތްވީ ވިއްސަކަށް އަހަރު ފަހުންނެވެ.
އާންމު ގޮތެއްގައި އަހަރެން ވަގުތު ހޭދަކުރަނީ އެކަންޏެވެ. މިކަހަލަ ވަގުތުތަކުގައި ބަދަލު ހިފުމުގެ ޚިޔާލު ވަރަށް ބޮޑަށް ހިތަށް ވަދެއެވެ. ބައެއް ރޭރޭ ނިދެނީ ވެސް މި ޚިޔާލުގައި އޮވެގެންނެވެ.
އެކަމަކު އިސްޙާޤާ ބައްދަލުވުމުގެ ދެ ހަފުތާއެއްހައި ދުވަސް ކުރިން މި ޚިޔާލު ފޮހެވިގެން ހިނގައްޖެއެވެ. މާޒީގެ ހިތި ހަނދާންތައް ފިލައިގެން ހިނގައްޖެއެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބެން ފަށައިފިއެވެ. ހިތަށް ލިބުނު ގިނަގުނަ ވޭންތަކުން މިންޖު ވެއްޖެއެވެ.
އިސްޙާޤާއި އަހަންނާ ދެ މީހުން މަސައްކަތް ކުރަނީ އެއްތަނެއްގައެވެ. އޭނާއަކީ ހީވާގި، ކަމަށް ކަމޭހިތާ، ފެންވަރު ރަނގަޅު ޒުވާނެކެވެ. ދެ މީހުން ވާހަކަދައްކަން ފެށިތާ އެންމެ ހަފުތާއެއް ވީތަނާ އޭނާ އަހަންނާ އިންނަން ގަސްތުކުރާ ވާހަކަ ބުނެފިއެވެ.
އިސްޙާޤަކީ އޭނާ ބޭނުން އެއްޗެއްގެ ވާހަކަ ބުނަން ޖެހިލުންވާ މީހެއް ނޫނެވެ. އަހަރެމެން ދެ މީހުންގެ އުމުރުގެ ތަފާތު ބެލުމަކީ އޭނާއަށް އެހައި މުހިންމު ކަމަކަށް ނުވިއެވެ. އެހެން ނަމަވެސް އަހަރެން އެ ކަމާ ހާސްވިއެވެ.
“އަދި ވިއްސަކަށް އަހަރުން އިސްޙާޤު އަހަރެން ދެކެ ފޫހިވާން ފަށާފާނެ.” އަހަރެން ބުނީމެވެ.
“އާނ. ފަހަރެއްގައި ތިޔަހެން ވެސް ވެދާނެ.” އޭނާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. “އެހެން މީހަކާ އިނދެފިއްޔާ ދިހަ ވަރަކަށް އަހަރުން ފޫހިވެދާނެ. އަދި ފަސް އަހަރުން ޝާޢިރާ އަހަރެން ދެކެ ފޫހިވުމަކީ ވެސް އެކަށީގެންވާ ކަމެއް.”
“އަހަރެން މުސްކުޅިވީމާ…” އަހަރެން ޖެހިލުންވެ ހުރެ ވާހަކަދެއްކީމެވެ.
“ބުނަންތަ؟” އޭނާ ކުޑަކުއްޖަކަށް ނަސޭހަތް ލައިދޭހެން ވާހަކަދެއްކިއެވެ. “މާދަމާ ވާނޭ ގޮތެއް އަހަރެމެން ދެ މީހުންކުރެ މީހަކަށް ނޭނގޭ. އަހަރެމެން ގޮތެއް ނިންމަން ޖެހެނީ މިހާރު ހިތުގައި އޮތް އެއްޗަކަށް ބަލައިގެން. އަހަރެމެންގެ އަތްފޯރާ ފަށުގައި އޮތީ މިއަދު. މާދަމައެއް ނެތް. އެހެންވީމާ އިތުރު ވާހަކަ ނުދައްކާ!” އޭނާ އަހަރެން މޭގައި ޖައްސައިލިއެވެ.
“އިސްޙާޤު މައިންބަފައިން ގާތު ބުނީ ކީކޭ؟” އަހަރެން އަހައިލީމެވެ.
“އަހަރެން ހުރިހާ ވާހަކައެއް ރަނގަޅަށް ކިޔައިދިނިން.” އޭނާ ބުންޏެވެ.
“އެމީހުން ބުނީ ކީކޭ؟” އަހަރެން ބިރުން ހުރެ އަހައިލީމެވެ.
“އަހަރެންގެ އުފަލަކީ އެ މީހުންގެވެސް އުފާ.” އިސްޙާޤު އެ ވާހަކައިގެ ތަފްސީލަކަށް ނުދިޔައެވެ.
އެ މީހުން އުފާ ނުވާނެކަން އަހަންނަށް އެނގެއެވެ. އެއްވެސް މީހަކު އެ މީހެއްގެ އުފަން ދަރިއަކު މުސްކުޅިޔަކާ ދެވާކަށް ނުރުހޭނެއެވެ. އެކަމަކު އަހަރެން އިސްޙާޤު ދަންނަމެވެ. ބޭނުން އެއްޗެއް ނުލިބޭހައި ހިނދަކު އޭނާ ދުލެއް ނުކުރާނެއެވެ.
“އަހަރެމެން ދެ މީހުންނަށް އެކީގައި އުޅެވޭނެތަ؟” އަހަރެން އަހައިލީމެވެ. މިއީ ޖަވާބެއް ހޯދަން ވަރަށް މުހިންމު ސުވާލެކެވެ.
“ތިޔަކަން ވަރަށް އަވަހަށް އެނގިދާނެ.” އިސްޙާޤު މަޑުމަޑުން ބުނެލިއެވެ.
ވަރަށް އަވަހަކީ މިއަދެވެ. ހެނދުނު ތެދުވެގެން އަހަރެން އެންމެ ފުރަތަމަ ދިޔައީ ބޯކޮށާ ތަނަކަށެވެ. މީގެ ކުރިން އަހަރެން ފޮރުވަން ނުރުހުނު ނުރަތައް ކަޅުކުރުވައިފީމެވެ.
ކުރިން ނުރުހުނު ކަމެއް މިއަދު ކުރެވުނީ ކީއްވެގެން ބާވައެވެ؟ ހުދުކުލައިގެ އިސްތަށިތައް ކަޅުވީމާ އަހަރެންގެ ހިތްވަރު އާލާ ވާނީ ހެއްޔެވެ؟ ނުވަތަ އަހަރެން މިހާރަށްވުރެ ޒުވާންކަމަށް ދައްކާނީ ހެއްޔެވެ؟ އަހަރެން ވިސްނައިލީމެވެ. މި ދެ ސުވާލުގެ ޖަވާބަކީ ވެސް އާނއެކޭ ކަމަށް ވެދާނެވެ.
އެ ދުވަހު އަހަރެން ވަރަށް ރަނގަޅަށް ތައްޔާރުވީމެވެ. ފަނަރަ ވަރަކަށް ފަހަރު ލޯގަނޑު ދޮށުގައި ހުރެގެން ފަރި ބެލުނެވެ. އަހަރެން ބަރާބަރު ގަޑިއަށް ރެސްޓޯރެންނަށް ހިނގައްޖައީމެވެ. އިސްޙާޤުގެ މައިންބަފައިން އައީ ދިހަ ވަރަކަށް މިނިޓް ފަހުންނެވެ. އެ ދެ މީހުން ރެސްޓޯރެންޓަށް ވަދެގެން އައިތަން އަހަންނަށް ވަރަށް ރަނގަޅަށް ފެނުނެވެ. އެއީ މާޖިދާއި ރައިޙާނާއެވެ!
ހިނިތުންވުން ފުހެވިއްޖެއެވެ. ޢުމުރުން 38 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ތިން މީހުންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އިސްޙާޤު ހައިރާންވެއްޖެއެވެ. ރައިޙާނާ ކުއްލިއަކަށް އިށީނދެއްޖެއެވެ. މޭޒުމަތީގައި ހުރި ބިއްލޫރިތަށި ވެއްޓި ފުނޑުފުނޑު ވެއްޖެއެވެ. ހީވަނީ ފިލްމުތަކުން ފެންނަ ކަހަލަ، ރޯލު ލަސް މަންޒަރެއް ހެންނެވެ.
ހަތަރު މީހުން ވެސް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެންމެ ފަހުން އަޑެއް ބޭރުކޮށްލެވުނީ އިސްޙާޤަށެވެ. “ކިހިނެއްވީ؟ ޝާޢިރާ، މަންމަމެން ދަންނަނީތަ؟”
އެންމެ ފަހުން އަހަރެންގެ އަޑު ވެސް ބޭރުވާ ގޮތްވެއްޖެއެވެ.
“ރައިޙާނާ އަހަންނަށް މާފުކުރޭ. ކުރިން އަހަންނަށް އެނގިފައި އޮތްނަމަ…”
މާޖިދު ވަރަށް ބާރަށް ހީނގަތެވެ. ރައިޙާނާ ވެސް ހަމަޖެހިލާފައި އިސްޙާޤުގެ އަތުގައި ހިފައިލިއެވެ.
“ކިހިނެއް؟” އަހަރެންގެ މޫނަށް ބަލައިލާފައި އޭނާ ހިތްހެޔޮކަމާއެކީ އަހައިލިއެވެ. އަހަރެން އިސްޙާޤާއި އޭނާގެ މަންމައާ ދިމާއަށް ބަލައިލީމެވެ. ދެ މީހުން ވަރަށް ވައްތަރެވެ. ކުރިން އެ ކަން ފާހަގަ ނުކުރެވުނީ ކީއްވެގެން ބާވައޭ ހިތަށް އެރިއެވެ.
“ޝާޢިރާއަކީ މަންމަގެ ޅައިރުގެ ރަހުމަތްތެރިއެއް.” ރައިޙާނާ މިހެން ބުނެފައި އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. އަނެއްކާވެސް ކުޅިގަނޑެއް ފަށަނީ ނޫންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ހަމަ އެއާއެކު އޭނާއަށް ކުރެވޭނޭ ކަމެއް އެބައޮތް ބާވައޭ ވެސް ހިތަށް އެރިއެވެ.
އިރުކޮޅެއް ފަހުން އަހަރެން އުޒުރެއް ދައްކާފައި ގޮސް ފާޚާނާއަށް ވަދެއްޖައީމެވެ. މިފަހަރު ރައިޙާނާ އަހަރެންގެ ފަހަތުން ނާންނާނޭކަން އެނގެއެވެ. ހެއްވާ ވާހަކަ ދައްކައި މަޖާކުރާނޭ ފުރުސަތު ނުލިބޭނޭކަން ވެސް އެނގެއެވެ. މިއަދު އަހަރެމެން އެންމެން މި ތިބީ “ހެއްވާ ފިލްމު ކުޅޭ” ބަޔަކަށް ވެފައެވެ.
އަހަރެން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލައިފައި ވިސްނޭތޯ މަސައްކަތް ކުރީމެވެ. ބާރަށް ހީނގަންނާނަމޭ ވެސް ހިތަށް އެރިއެވެ. ވޭތުވެދިޔަ ތާނގައި އަހަރެން ބަދަލު ހިފަން ރޭވި ރޭވުމުގައިވެސް މިހައި މޮޅު ތަދުބީރެއް ކުރެވިފައެއް ނެތެވެ.
އެކަމަކު އަހަރެން އުފަލެއް ނުވެއެވެ. ކުރިއަށް އޮތް އުނދަގޫ ދަތުރު ހިތަށް އަރާފައި ފިކުރު ބޮޑުވީއެވެ. ކޮންމެ ފަދަ ގުރުބާނީއެއް ވެގެންވެސް މި ގުޅުން ބަދަހިކުރަން އަހަރެން ކަނޑައަޅައިފީމެވެ. އަހަރެން މި ކުރިމަތިލާ ތިން މީހުންނަކީ ވެސް އަހަރެން އިންތިހާއަށް ލޯބިވާ ތިން މީހުންނެވެ.
އަހަރެން ވިސްނައިލީމެވެ. މީގެ އެތައް އަހަރެއް ކުރިއާ، މިހާރާ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ އޭރު ވެސް ދެ އަންހެނުން އެކަކު ދެކެ ލޯބިވީއެވެ. މިހާރު ވެސް ދެ އަންހެނުން އެކަކު ދެކެ ލޯބިވަނީއެވެ.
އަނިޔާއެއް ނުވަތަ ހިތާމައެއް ލިބިއްޖެ ނަމަ ހިތަށް ހަމަޖެހުމެއް ލިބޭނީ ބަދަލު ހިފީމައޭ ބުނާތީ އަޑުއަހަމެވެ. އެކަމަކު އަހަންނަށް އެ ކަންތައް މި ފެށުނީ ދިމާ އިދިކޮޅަށެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނީ ލޯބިވީމައެވެ.
(ނިމުނީ)