އާދައިގެ މަތިން ފަތިސް ނަމާދަށް އަރަން ތައްޔާރުވެގެން ސަބާނާ މިސްރާބުޖެހީ ދަރީން ނަމާދަށް ތެދުވިތޯ ޔަގީންކުރުމަށެވެ. އެކަނިމާއެކަނި ދަރިން ބަލާ ބޮޑުކުރިއިރު، ދީނީ ކަންކަމަށް ސަމާލުކަންދީ ސީދާ މަގުގައި ފައިތިލަ ސާބިތުކުރުމަށް އޭނާ ދެ ދަރިންނަށް ވެސް ނުހަނު ބޮޑަށް ބާރުއަޅައެވެ.

ފުރަތަމަ ޖެހުނު ޔުމްނާގެ ކޮޓަރިއަށް ބޯ ދިއްކޮށްލުމާއެކު ސަބާނާއަށް ލިބުނީ ހައިރާންކަމެކެވެ. ހޮޅިބުރީގެ ގަދަ ހުދު އަލީގައި އެކަކު އުނގުގައި އަނެކަކު ބޯ އަޅައިގެން ނިދިފައި ތިބިގޮތުން ދެ ކުދީންނަށް ނިދި ޖެހުނީ ވާހަކައިގައި ތިބެކަން ސަބާނާއަށް ފަހުމްވިއެވެ. ކައިރިވެލުމަށްފަހު ދެ ފަހަރަކު ކޮށްޓާލުމާއެކު ޔުމްނާ ފުންމައިގެން ތެދުވެއްޖެއެވެ

"މަންމަތަަ؟" ނިދި އަޑަކުން ޔުމްނާ އަހާލިއެވެ. "އާނ މަންމަ. އަވަހަށް ތެދުވެ ނަމާދުކޮށްލާ. ރޭ ވަރަށް ލަހުން ދޯ ނިދީ." ހޭވިފައިހުރި ބޮލުގެ އިސްތަށިތައް ރަމަތަކުރަމުން އެނދުން ފޭބި ޔުމްނާގެ މޫނަށް ފުން ނަޒަރަކުން ބަލަހައްޓައިގެން ހުރެ ސަބާނާ ބުނެލިއެވެ.

"އާނ. މަންމަ އާނާއަށް ނުގޮވައްޗޭ. އަހަންނަށްވުރެ ވެސް ލަހުން ޔަގީނުން ވެސް އާނާއަށް ނިދުނީ. "ޔުއާނާގެ ގައިގައި ރަޖާ އަޅައިދެމުން ޔުމްނާ ބުނެލިއެވެ.

މަންޒަރު ބަލަހައްޓައިގެންހުރި ސަބާނާ ނިކުތީ އަވަސްކުރުމަށް ބުނަމުންނެވެ. "ދަރިފުޅު ނަމާދުކޮށްގެން ބަދިގެފަރާތަށް ނިކުމެލައްޗޭ" ނަމާދުކޮށް ނިމިގެން ސައިހަދަންހުރިއިރު ސަބާނާއަށް ވިސްނެމުންދިޔައީ ޔުމްނާގެ މޫނުން ފެނުނު ނުތަނަވަސްކަމާމެދުއެވެ.

އެއް ދަރިފުޅުގެ ކައިވެނި ކުރެވި ނިމި އެ ދަރިފުޅުގެ ކައިވެނީގެ ގުޅުމަށް ވެރިވި އިންދިރާސްކަން އެންމެ ކައިރިން ދުށީ އޭނާއެވެ. އެކަމާމެދު އޭނާއެކޭ އެއްފަދައިން ޔުމްނާ ވެސް ވިސްނާނެކަން ސަބާނާ ދަނެއެވެ. އެފަދަ ނޭދެވޭ ޚިޔާލާއި ފިކުރު ތަކުން ދުރުވެ ޔުމްނާ އަމިއްލަ ނަފްސަށް އިތުބާރުކުރަން ސަބާނާ ބޭނުމެވެ.

"މަންމާ" ބުރުގަލުގައި ގޮށެއް ޖަހަމުން ޔުއާނާ ނިކުމެގެން އައީ ގަޑިން ވީވަރު ފެނި ދެ ލޯ ބޮޑުވެފައިހުރެއެވެ.

"މަންމަ ކީއްވެތަ ނުގޮވީ. ދޮންތަ ވެސް ގޮވައިވެސްނުލާ... މިހާރު ކޮބައިތަ؟" މާދުރުން ކުދިކިޔަމުން އައިސް ކާގޭ ދޮރުމައްޗަށް އެރުމާއެކު ޔުއާނާގެ ދުލުގައި ތަޅުލެވިއްޖެއެވެ.

ކާމޭޒުދޮށުގައި އިށީނދެ އިން އަޒިކިޔަލްގެ ކައިރީ ކޮޅަށް ސަބާނާ ހުރިއިރު ދެމައިންގެ މޫނުމަތީގައި ވެސް ވީ ހިނިތުންވުމެވެ. ޔުއާނާއަށް ހިތާހިތުން ޝުކުރުކޮށްލެވުނީ ބުރުގާ އަޅައިގެން އާދެވުން ކަމަށް ޓަކައެވެ. "ބަލަ އެއީ އަމިއްލަ ފިރިމީހާއޭ. އޭނާއަށް ފެންނަން ނުޖެހޭ އެއްޗެއް އޮވޭތަ" ހިތާހިތުން ޔުއާނާއަށް ބުނެވުނެވެ.

"ދޮންތަ އެބައޮތް ޔޫހް ކައިރީ މަންމަ ކޮޓަރިީގަ. ދަރިފުޅަށް ނުގޮވާށޭ ދޮންތަ ބުނީމަ މަންމަ ވެސް ބޭއްވީ ދެން. އަނެއްހެން ކުރަންޖެހޭ ކަމެއް ނެތެއްނު" ސަބާނާއަށް ރައްދެއް ނުދީ ތުންފިއްތާލަމުން ޔުއާނާ ހިނގައިގަންނަން އުޅުނީ ޔޫހް ކައިރިއަށް ދިއުމަށެވެ. ނަމަވެސް ހުއްޓެން ޖެހުނީ މަންމަ ގޮވާލުމުންނެވެ.

"އާނާ އާދެބަލަ އަޒިކިޔަލްއަށް ސައިދޭން. ދަރިފުޅު ވެސް އަދި ސައިނުބޮމެއްނު. ދެކުދިން އެކީ ސައިބޮއެލާ. ދޮންތަ ވެސް ސައިބޮއެގެން އެދިޔައީ މަންމަ ވަރަކަށް ކިޔައިގެން ކުޑަކޮށް ނިދާލަން. މަންމަ މި އަންނަނީ ކޮމިޓީއަށް ސޮއި ޖަހާލާފަ. މިއަދު މީ ބޮޑު ދުވަހެއްނު. މިގޭ ވަލުފަރާތަށް އަންހެން ވެރީންތައް އަންނާނެ ސައިހަދަން އަށެއްޖަހާއިރަށް. ދޭއް ޖަހާއިރަށް ހުރިހާ ކަމެއް ނިމެން މަންމަ ބޭނުން" އަވަސްއަރުވާލައިފައި ހުރި ރާގަކަށް ސަބާނާ ބުނެލީ ކާގޭ ދޮރުން ނިކުންނަމުންނެވެ.

ޔުއާނާގެ އެކަނިވެރިކަމަކީ އަޒިކިޔަލްގެ އިހުމާލު ކަމުގައި ގަބޫލު ކުރެވުނު ނަމަވެސް ހީނަރުވެފައިވާ އެ ގުޅުން ރަނގަޅުވުމަކީ ސަބާނާގެ ހިތުގެ އެދުމެވެ. އެއްއިރަކު ވެސް އޭނާގެ ހިތުގައި އަޒިކިޔަލްއާމެދު އެކަމުގެ ގިލަންވެރިކަމެއް ނުބާއްވައެވެ. ޝައްކެއްނެތްގޮތުގައި އޭނާގެ ދެ ލޮލުގެ ނޫރު ފަދަ ލޯބިވާ ހަގު ދަރިފުޅުގެ އުފާވެރި ކަމަކީ އެއީއެވެ. ވީއިރު އޭނާގެ ހިތް ހަލާލު ދީ އެ ގުޅުމަށް ގަދަރުކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި އޭނާ ގަބޫލުކުރެއެވެ.

އިސްޖެހިފައި އިން އަޒިކިޔަލްގެ މޫނަށް ބަލާލުމަށްފަހު ޔުއާނާ މޭޒުމަތީ ހުރި ތަށިތަކުގެ މަތި ނެގިއެވެ. ފެންފުޅިއެއް ހިފައިގެން އައިސް ކައިރިވެލުމާއެކު އަޒިކިޔަލް އޭނާގެ ކުރިމަތީ ހުރި ތަށި ނަގާ ދިއްކޮށްލައިފިއެވެ.

"ރޮށިތަ؟" އަޒިކިޔަލް އެ އިޝާރާތްކުރީ ކޮން ކަމަކަށްކަން ލަފުޒުތަކަކާ ނުލާ ޔުއާނާއަށް ދެނެގަނެވިއްޖެއެވެ. ހެނދުނުގެ އެ ވަގުތު އަޒިކިޔަލް ކާން ބޭނުންވާނީ ގިނަފަހަރަށް ރޮށްޓެވެ. އެހެންނޫނީ ޕާންކަހަލަ ލުއި އެއްޗަކުން ނާސްތާކޮށްފާނެއެވެ.

އަޒިކިޔަލްއަށް ހިނިތުންވެވުނީ ޔުއާނާ އޭނާގެ ކަންކަމަށް ފަރުވާތެރިވާ މިންވަރު ހިތަށް އަރާފައެވެ. ރޮށި ފިލުވަދީ ރިހަ އަޅައިދިނުމަށްފަހު އަޒިކިޔަލްއާއި ތަށި ކައިރިކޮށްލަމުން ޔުއާނާ އިށީނދެ ހަމަޖެހިލިއެވެ. ރަނގަޅަށް ސައި ބޯން ނުފެށެނީސް ގޯތިތެރެއިން އަންހެންވެރިންގެ އަޑު އިވެންފަށައިފިއެވެ.

"ހާއި" ކާގެއަށް ވަދެގެން އައި އަޝްބާ ފެނުމާއެކު ތުނބުގައި ޖެއްސި ޖޫސްތަށި އަލުން މޭޒުމަތީ ބަހައްޓަމުން ޔުއާނާ ބަލާލިއެވެ. "އަނހަ އައްކި ވެސް އެބަ އިނިންތަ؟ އެބައުޅޭ އަހަރެމެންގެ މަންމަމެން ބޭރުގަ. ދަރުބަދިގެ ތަޅުދަނޑި ބަލައި މި އައީ" ޔުއާނާއަށް ބުމަ އަރުވާލަމުން އަޝްބާ ބުނެލިއެވެ. އަނގަޔާއި ދިމާކުރި ސަމްސާ އަލުން ތަށިތެރޭ ބާއްވަމުން ޔުއާނާ ތެދުވިއެވެ.

އަޝްބާ ކީއްކުރަނީ ދެން މިތާ؟" ތަޅުދަނޑި ހިފައިގެން ޔުއާނާ އަރާހަމަވިއިރު އަޒިކިޔަލް އަހާލި އަޑުއިވުނެވެ. އަޒިކިޔަލްއާއި ޖެހިގެންހުރި ގޮނޑި ދަމާލަމުން އަޝްބާ އިށީނީއެވެ. ޔުއާނާ ތަޅުދަނޑި ހަވާލުކުރުމުން ވެސް ދިޔުމުގެ ޚިޔާލެއް އޭނާގެ ނެތެވެ.

"އަހަރެން ވިއްޔާ ކަމެއް ނުކުރެވޭނީތަ.. އެންމެން އެކީ ސައި ހަދާއިރު އަހަރެން ވެސް ބައިވެރިވާންވާނެއްނު" ޔުއާނާއަށް ލޮލަށް ގޮތެއް ހަދާލެވުނެވެ. މަންމައަށް ވެސް ސައިހަދަން ގެންނަން އެނގުނީ ދޭފަތެއް ވެސް ހަލުވާލަން ނޭނގޭ ބައެއް ހެއްޔެވެ. އަންހެނުންގެ ކޮމިޓީ އިސްވެރީން ކައްކަން ގެނައި އިރު އެމީހުންގެ ދަރީން ވެސް ގޮވައިގެން އަންނަން ދަޢުވަތު ދިނީ ތޯއްޗެކެވެ.

"މީނީނު. ތަޅުދަނޑި ބަލައި އައި މީހާ ތަޅުދަނޑިއަކަށް ވީތަ؟" ބަދިގެތެރެއަށް ވަދެގެން އައި ޔުސްރާ ބުނެލީ ސަމާސާ ރާގަކަށް އަޝްބާއަށް ބަލާލަމުންނެވެ.

"އަޒިކިޔަލް ދިން މާބޮނޑީގެ ވަސް ރަނގަޅުތަ ދެން؟" އަޝްބާ އަތުން ތަޅުދަނޑި ނަގަމުން ޔުސްރާ ބުނެލީ ޔުއާނާގެ ކޮނޑުގައި މަޑުމަޑުން ޖަހާލާފައެވެ.

"ލޯބިން ދޭ އެއްޗެހީގައި ވަސް ވެސް މީރުވާނެތާ ދޯ" ޔުސްރާގެ ދިމާކުރުމުގައި ޔުއާނާ ބައިވެރިވީ ހަމަ ގަސްތުގައެވެ. އަޝްބާގެ މޫނަށް ސަކަ ގޮތަކަށް ބަލާލަމުން ޔުއާނާ އަޒިކިޔަލްއާއި ގާތަށް ޖެހިލީ ނުހަނު ގަދަޔަށް އަޒިކިޔަލް ކެއްސައިގަނެ ކޮށިއަރާގޮތްވަމުންނެވެ. ބޭއިޚްތިޔާރުގައި އަޒިކިޔަލްގެ ބުރަކަށީގައި ތަޅާލުމަށްފަހި ފެންތަށި ތުނބުގައި ޖެއްސުންއިރު ޔުޢާނާއަށް އިތުރު ބަޔަކު އެތާނގައި ތިބިކަން ވެސް ރޭކާނުލައެވެ.

ރަނގަޅުތަ މިހާރު"؟ ފެންތަށި ދުރުކޮށްލުމަށްފަހު އަޒިކިޔަލްގެ މޭގައި ފިރުމާލަމުން ޔުއާނާ ބުނެލިއެވެ. އެހެނަސް ސިއްސައިގެންދިޔައީ ޔުސްރާގެ މަސްނޫއީ ކެއްސުމާއެކު އަޝްބާ ނުހަނު ބާރަށް ގޮނޑި ދުރުކޮށްލުމުންނެވެ. ލަދުންގޮސް އޭނާއަށް ހަރަކާތެއް ކޮށްލަން ނޭނގުނު ނަމަވެސް ހިނިއަންނަގޮތްވީ ދިމާކޮށްލުމަށްފަހު ނިކުމެގެންދިޔަ ޔުސްރާގެ ފަހަތުން ލޯ ހަދާލަމުން އަޝްބާ ނިކުތްގޮތްފެނިފައެވެ.

އަވަސްއަވަހަށް ދުރަށް ޖެހެން އުޅުނު ޔުއާނާއަށް ހުއްޓުންއެރީ އަޒިކިޔަލްގެ މޭގައި އޮތް އޭނާގެ އަތް ދުރުކުރިޔަ ނުދީ ހިފެހެއްޓުމުންނެވެ. "ކިހިނެތްވީ؟" މައުސޫމް ގޮތަކަށް ޔުއާނާ އަހާލި ރާގުން އަޒިކިޔަލްގެ ހިތް ވިރިގެން ފައިބަން އުޅުނު ފަދައެވެ.

"ވީ ގޮތެއް ނޭނގެ. މޭގަ ރިއްސަނީ. އަދި އެއްފަހަރު ފިރުމާލަނިކޮށް ރަނގަޅުވެދާނެ." އަޒިކިޔަލްގެ ވާހަކަ ފެށުނުއިރު ހާސްކަން ވެރިވެފައިވީ ޔުއާނާގެ މޫނަށް ފާއްދާލި ރަތްކުލަޔާއެކު ގޮށްމުށުން މަޑުމަޑުން އަޒިކިޔަލްގެ މޭގައި ޖަހާލައިފިއެވެ.

"މިހާރު ހުންނާނީ ރަނގަޅަށް" ގަދަކަމުން އަޒިކިޔަލްގެ އަތުން ވީއްލިގަންނަން މަސައްކަތްކުރަމުން ޔުއާނާ ބުނެލިއެވެ. ދޫކޮށްނުލާން ހުރި ނަމަވެސް ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު އަޒިކިޔަލްއަށް މަޖުބޫރުވީ ޔުޢާނާގެ އަތް މިނިވަންކުރުމަށެވެ. ކާމިޔާބީގެ ހިނިތުންވުމަކާއެކު ޔުއާނާ ދުރަށްޖެހިލިގޮތުން އަޒިކިޔަލްގެ ކައިރިއަށް ހިނިއައެވެ.

"އާނ ހަމަ މިހާރު މިދަނީ" ހިނިތުންވުން ފޮރުވާލަމުން ފޯނަށް ޖަވާބުދިން އަޒިކިޔަލް އަވަސްއަވަހަށް ކައިރީހުރި ޖޫސްތަށި ދަމާލަމުން އަތް ދޮވެގެން ދޮރާއި ދިމާލަށް ދަންދެން ޔުއާނާ އިނީ ކަޅިޖަހާނުލައި ބަލާށެވެ.

ދޮރާ ހަމައިން އަވަސްކޮށް ނަގަމުން ދިޔަ ފިޔަވަޅުތައް މަތަކޮށްލަމުން އަޒިކިޔަލް ފަހަތް ބަލާލުމާއެކު ދެ މީހުންގެ ހަތަރުކަޅި ބައްދަލުވެއްޖެއެވެ.

"މާފުކުރައްވާ ކަމަނާ. ވަރަށް މުހިންމު ކަމެއް ޖެހިގެން މިގަޑީ މިދަނީ. އެހެންނޫންނަމަ ކަމަނާ ހިތްޕުޅު ފުރޭވަރަށް ބަލަންދެން އިނީމުސް." އަޒިކިޔަލްގެ ޖުމްލަތަކުން ރަކިވި ޔުއާނާ އަނގައަށް ގޮތެއް ހަދާލިއެވެ. އެކި ގޮތްގޮތަށް ނަން ނަމުން ގޮވާ ޔުޢާނާއާއި އެފަދައިން ދިމާކޮށް ސަމާސާކުރުމަކީ އަޒިކިޔަލްގެ އާދައެކެވެ. ޔުޢާނާއަށް ހީވީ އޭނާގެ ކައިވެނީގެ އެންމެ އުފާވެރި ދުވަސްތަކަށް ދެވުނުހެންނެވެ. ޔުޢާނާ ލޯ އަޅާލިގޮތުން ލާނެތް ހިންޏެއްް އައިސްފައިހުރެ އަޒިކިޔަލް ނުކުމެގެން ދިޔައީ އެއް ލޯ މަރާލާފައެވެ

އޭނާއަށް އެއްޗެއް ބުނަން އަނގަ ހަރަކާތްކޮށްލެވުނީ ވެސް އަޒިކިޔަލްގެ ފިޔަވަޅުތަކުގެ އަޑު ކެނޑުމުންނެވެ. "ކާކުތަ އުޅެނީ އޭނައަށް ބަލާހިތުން. ގިރާފަހުރި ހަކުރު ޓައްޕެކޭ ނެތޭ ތަފާތެއް." ލޯ އަނބުރާލަމުން ތަށިތައް ނަގައިގެން އެނބުރިލި ޔުއާނާ ސިއްސައިގެން ދިޔައީ ނުހިނު ކައިރީގައި ހުރި ޔުމްނާ ފެނުމުންނެވެ.

"ހަކުރު ޓައްޕޭ؟ އޭތި ވާނީ ވަލުގޯތީގައެއްނު." ނިތަށް ރޫ އަރުވައިގެންހުރި ޔުމްނާގެ ބުނުމަށް ޔުއާނާ ރައްދު ނުހޭން ހުރި ފަދަ ގޮތަކަށް ހުރެއެވެ.

"ހިނގާބަ އަވަހަށް ދޮންތަ ގޮވައިގެން ސައި ހަދާތަނަށް ކުރިއަށްދާ މިންވަރު ބަލާލަން" ޔުމްނާގެ ބުނުމަށް ޔުއާނާ އަތްމަތި ހަލުވިކޮށްލަމުން މޭޒުމަތި ސާފުކޮށް ނިންމާލިއެވެ. "ހިނގަމާ އަވަހަށް ކަންމަތި ބަލަންދާން. ދޮންތައަށް ނޭނގުނަސް ދޭފަތް ހަލުވަން މަންމަ ގެނެއްސަ ތިބީ ވަރަށް ކަމަށް ކުޅަދާނަ ޒުވާން ކަނބަލުން. އަހަރެމެން އެކަހަލަ ކަމަކާ އިނގިއްޔެއް ހިއްލާލާކަށް ވެސް ނުޖެހޭނެ." އެއްޗެކޭ ބުނަން ހިތުލައިގެން ނެތް ނަމަވެސް ބަދިގޭ ސިންކާއި ދިމާލުގައި ހުރި ކުޑަދޮރުން ބިއްލޫރިތައް ދުރުކޮށްލުމާއެކު ހިޔާކޮށްފައިހުރި ޖޯލިތަކުން ޖޯއްޔެއްގައި އޮތް އަޝްބާ ފެނި ޔުޢާނާގެ އަނގައިން ނިކުތެވެ.

"ކޮންބައެއްތަ؟" ވާނުވާގައިހުރި މީހަކު ފަދައިން ޔުމްނާ އަހާލިއެވެ. "ހިނގާބަލަ... އެ ދިމާލަށް ނިކުތީމަ އެނގިދާނެއްނު" ޔުމްނާގެ އަތުގައި ހިފާ ދަމާލަމުން ޔުއާނާ ބުނެލިއެވެ.

ގޭގެ ފަހަތުގައި އަތްމަތި ހަލުވިކަމާއެކު އެންމެންތައް މަސައްކުރަމުން ދިޔައިރު އަންހެންވެރީންގެ ފޯރީގެ އަޑު އިވިއިވި ހުއްޓެވެ. އެ އެންމެންތަކާއި ވަކީން ޖޯލީގައި ހަމަޖެހިލައިގެން އޮތް އަޝްބާ ފެނި ޔުމްނާއަށް ޔުއާނާ ބުނި ވާހަކަ ދޭހަވެއްޖެއެވެ.

"އަނހަ. ރަންކިޔާ ކުއްޖާ މި ތަނަކަށް ނާންނާނެ ދޯ. އަވަހަށް ހިނގާ. އަދި އެބަހުރި ޔޫނުސް ގެނެސްފަހުރި އެއްޗެހިތަކެއް ހިނގާބަލަ ބަލާލަން. ޔުއާނާ ދޭބަލަ މޭޒުތައް ޖަހާ ދިމާލަށް. އެ މަސައްކަތަށް ވެސް މީހުންތައް އައިސްގެން އެބައުޅޭ. ތީ އެއްނު އެކަމުގެ އިސް މާލިމީ" ހެދިކާ ހަދަން އުޅުނު އަންހެނުންތަކުތެރޭ އަތްގާތްކޮށްދެންހުރި ޔުސްރާ ޔުމްނާގެ އަތުގައި ހިފާ އެތަނާ ދުރަށް ގެންދަމުން ބުނެލިއެވެ.

ހިނިއައިސްފައިހުރެ ޔުއާނަ ނިކުތީ ގެއާ އިންވެގެންހުރި ބަގީޗާއަށެވެ. އެއީ މަންމައަށް ޓަކައި ބައްޕަ ގަނެ ހަދިޔާކޮށްފައިވާ ބިމެކެވެ. އެތަނުގައި ވިނަ ހައްދާ އެކި ވައްތަރު ވައްތަރުގެ މާމެލާމެލީން އެތަނަށް ވެރިވެފައިވާ އާރޯކަމާއި ހުވަނދު ވަހަކީ މަންމަގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. ތަނަވަސް ބަގީޗާއަށް ވަދެގެން މާ ކުރިއަށް ނުދެވެނީސް ބަގީޗާގެ މައި ގޭޓާއި ދިމާލު ގޯޅިން އައި ޕިކަޕު އެތަނަށް ހުއްޓާލުމާއެކު ބަރުގޮނު އަޅައިފިއެވެ. ޔުއާނާ އަވަސްވެލީ ނިކުތުމަށެވެ. ވަށް މޭޒާއި ގޮނޑިން ބަރުކޮށްފައި އޮތް ޕިކަޕުން ފުންމާލުމާއެކު ޔުއާނާގެ ކައިރިއަށް އައި އަޝަލް ގޮވާލިއެވެ. "އަވަހަށް އެތެރެއަށް ވައްދަންވީނު. އަދި އެބައާދޭ އިތުރު ޕިކަޕެއް" ޔުއާނާ ބޯޖަހާލުމާއެކު އެތެރެއަށް އެއްޗެހިތައް ވައްދަން ފެށިއެވެ.

އެއްޗެހިތައް ތަރުތީބުކުރަންވީ ގޮތް ހަރަކާތްތެރިވަމުންދިޔަ މީހުންނަށް ކިޔައިދިނުމުގައި ޔުއާނާ އުޅުނީ ހޭބޮއިނުލައެވެ. ޚުދު އޭނާ އަމިއްލައަށް ވެސް ކުދިކުދި މަސައްކަތްތައް ކުރަމުން، ކަންކަން ރަނގަޅު ތޯ އައީ ބަލަމުންނެވެ. ޔުއާނާ އާދެބަލަ މިހިރީ ފަށްތައް ހަރުކުރެވިފަ. ކިހިނެތް މާތައް ހަރުކުރަނީ." ބަގީޗާއަށް ވަންނަ ގޭޓު ޒީނަތްތެރިކުރުމުގައިހުރި އަޝަލް ގޮވާލިއެވެ. ރަންކުލައިގެ ވިދާ ފަށްތަކެއް ގޭޓުގެ އެންމެ މަތީންފެށިގެން ހަރުކުރެވިފައިވާއިރު ހުދާއި ރަނުގެ އިތުރުން ރަނާއި ގުޅޭނެ އެކި ކުލަކުލައިގެ މާތައް މަތީގައި ހަރުކުރުމަށް ޓަކައި އެތާހުރި މޭޒެއްގައި ބެހެއްޓިފައިހުއްޓެވެ.

"ވަކިވަކީން ގޭޓަކު ނޫނޭ ތަތްކުރަނީ." ބޯހޫރާލުމާއެކު ޔުއާނާއަށް ބުނެވުނެވެ. "ކޮބާތަ މިތަނަށް އަންނަންބުނި އަންހެންވެރީންތައް. މިހާރު ތި މީހުންގެ މަސައްކަތް ގާތްގަނޑަކަށް ނިމުނީއޭ މި. ބެކްޑްރޮޕް ނުފަށާ މި މަޑުކުރަނީ އެ މީހުނަށް" ހަރުގަނޑުން ފޭބި އަޝަލްއާ މުޚާތަބުކޮށް ޔުއާނާ ބުނެލިއެވެ. އެ ވަގުތު ގޭޓުގެ ބޭރުން ދަގަނޑު ގޭޓު ކޮށްޕާލި ބާރުމިނާއެކު ހަރުގަނޑުން އަރިއަޅާލީ ޔުއާނާ ހުރި ދިމާލަށެވެ. ހުޝިޔާރުކަމާއެކު އަޝަލް ޔުއާނާގެ އަތަށް ދަމާލާ ދުރަށް ލުމާއެކު ހަރުގަނޑުގައި ހިފެހެއްޓިއެވެ. ހަމަ އެ ހިނދުން ގޭޓުން އަޝްބާއާއެކު ވަދެގެންއައި އަޒިކިޔަލްގެ ނަޒަރު އެ ދެ މީހުންނަށް ހުއްޓިގެން ދިޔައެވެ.