“ފައިސާ. ދުނިޔޭގެ އެންމެ ބޮޑު ބާރަކީ ފައިސާ.” އޭނާ އާދައިގެ މަތީން ހުވަފެނީ ދުނިޔެއެއްގައި ހުރެގެން އޭނާގެ ކޮއްކޮމެންނާ ވާހަކަ ދައްކަމުން ދިޔައެވެ.

“އަހަރެން ދައްކާ ވާހަކަ ގަބޫލު ކުރޭ. ފައިސާއަކީ ދަގަތްފާނުގައި ހުންނަ ކަހަލަ ވަރުގަދަ ބާރެއް ހުންނަ އެއްޗެއް. ދަގަތްފާނަށްވެސް ދަމަނީ ބައެއްކަހަލަ އެއްޗެހި.” އޭނާ ހިނދުކޮޅަކަށް ވާހަކަ ދެއްކުން ހުއްޓައިލުމަށްފަހު ކޮއްކޮމެނާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. އަދި އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އެކަމަކު ފައިސާ އަށް ދަމައި ނުގަންނަ އެއްޗެއް ނެތް. މާއްދީ އެއްޗިއްސާއި މާއްދީ ނޫން އެއްޗެހިވެސް ފައިސާ އަށް ދަމައިގަނޭ.”

“މާއްދީ އަކީ ކޮން އެއްޗެއް؟” އިއްކޫ މައުސޫމު ރާގަކަށް އަހައިލިއެވެ. އޭނާ އިއްކޫއާ ދިމާއަށް ބަލައިލިއެވެ.

“އަށްވަނަ ކުލާހުގައި ކިޔަވާ ކުއްޖަކަށް މާއްދީ އެއްޗިއްސަކީ ކޮބައި ކަމެއްވެސް ނޭނގެ.” އޭނާ ދެ އަތަކަށް ބޯ ހޫރައިލިއެވެ.

“ދައްތާ. އަހަރެމެންގެ ފެންވަރު ބަލަން ނޫޅޭ.” އޭނާޔާ ސުވާލެއް ކޮށްފާނެތީ ބިރުން އަވަސް އަވަހަށް ސެހެރް ބުނެލިއެވެ.

“ކަލޭމެން އެންމެންނަކީ ވެސް އެއްވަނަ ދަރަޖައިގެ މޮޔައިން. ދުނިޔޭގައި އެއްވެސް ކަމެއް ކުރެވޭނެ އެކަކަކުވެސް ކަލޭމެންގެ ތެރެއަކު ނެތް.”

އޭނާގެ މިޒާޖު ބަދަލުވަމުންދާކަން އެނގުމާއެކު އަސްމާ އޭނާގެ ސަމާލުކަން އަސްލު މައުޟޫއަށް އަނބުރައިލިއެވެ.

“ދައްތާ. ދައްތަ ދެއްކީ ފައިސާގެ ބޭނުންތެރިކަމުގެ ވާހަކައެއްނު؟“

“އާނ.” އޭނާ އުފާވެރި ރާގަކަށް ބުނެލިއެވެ. “އަހަރެން ބުނީ ފައިސާއަށް ކޮންމެ އެއްޗެއްވެސް ގަނެވިދާނެއޭ. ކަލޭމެންވެސް ފައިސާގެ ބޭނުންތެރިކަން ހަނދާން ނައްތައި ނުލާތި. ދިރިއުޅުމުގެ މައިގަނޑު މަގުސަދަކަށް ހަދަން ވާނީ ފައިސާ ހޯދުން. ނިކަން ވިސްނައިލަބަލަ. އަހަރެމެން އެހެން އެންމެންނާ ވަކީން އުޅެން މި ޖެހެނީ އަހަރެމެންގެ ފަގީރުކަމުން– އަހަރެމެންގެ ބޮޑު ބޭބެއެއްވެސް އެބަހުރި. ބޮޑު ދައިތައެއްވެސް އެބައިން. އެކަމަކު އެއިން އެކަކާވެސް އަހަރެމެންނަކާ ގުޅުމެއް ނެތް. އެއީ އަހަރެމެންގެ އަތުގައި މުދަލާއި ފައިސާ ނެތީމާ. އަހަރެމެންގެ އަތުގައި ފައިސާ ހުރިނަމަ އަހަރެމެންނާ ދިމާއަށް އިސްއުފުލައި ބަލައިލާންވެސް ކެރޭނޭ މީހަކު ނުހުންނާނެ.”

“ދައްތާ. ބޮޑުބޭބެ މި ގެއަށް އައިސް އުޅެއެއްނު؟“

“އޭނާ އަންނަނީ އެއީވެސް އަހަރެމެން ކަހަލަ ފަގީރަކަށް ވާތީ. އޭނަގެ އަތުގައިވެސް ފައިސާ ހުރިނަމަ ވީހީ ހަމަ އެހެން މީހުން ކަހަލަ މީހަކަށް.”

“ޒާރާ. ކަލޭގެ ތަގުރީރު އަދި ނިމޭކަށް ނޫޅޭތަ؟ ތެލިތައްވެސް އެހެރީ އަދި ނުދޮވެ.” މަންމަ ބަދިގެތެރެއިން ގޮވައިލި އަޑު އިވުނެވެ.

“މި އަންނަނީ.” މަންމައަށް ޖަވާބުދީފައި އަނެއްކާވެސް އޭނާ އެނބުރުނީ ކޮއްކޮމެނާ ދިމާއަށެވެ.

“ބޮޑުބައްޕަގެ ގެ ކަލޭމެންނަށް އޮންނާނީ ފެނިފައި. އެ ގެއަށް ލިބިފައިވާ ހުރިހައި ޒީނަތްތެރިކަމެއްގެ އަސްލަކީ ފައިސާ.”

“ދައްތާ.” އިއްކޫ އަނެއްކާވެސް ވިސްނައިލައިފައި ބުނެލިއެވެ. “އަހަރެމެން ފައިސާ ހޯދާނީ ކިހިނެއް؟“

“މިއަދު އަހަރެމެންގެ އަތަކު ފައިސާއެއް ނެތް. ކުއްލިއަކަށް އެހައި ގިނަ ފައިސާއެއް ނުވެސް ހޯދޭނެ. އެކަމަކު ފައިސާ ލިބޭނެ ގޮތްގޮތް ރޭވިދާނެއެއްނު؟ ދިރިއުޅުމުގައި ކުރިއަށް ހުރި ކަންތައްތައް ރާވާނީ ފައިސާ ލިބޭނެ ގޮތް ގޮތާ މެދު ވިސްނައިގެން.”

“އެއީ ކިހިނެއް؟“

“ކޮއްކޯ އަޑުއަހާ.” އޭނާ ކޮއްކޮއަށް ވިސްނައިދިނުމުގެ ގޮތުން ބުނެލިއެވެ. “ކޮއްކޮ އަދި މާކުޑަ. ކިތަންމެ މޮޅަކަށް ކިޔަވައިގެން ހުއްޓަސް މި ޒަމާނަކު ފައިސާއެއް ނުލިބޭނެ. މޮޅު ވަޒީފާއެއްވެސް ނުލިބޭނެ. އެހެންވީމާ ކޮއްކޮވެސް ވަގުތު ނަގައިނުލައި ފައިސާ ލިބޭނޭގޮތަކާ މެދު ވިސްނައިގެން ކުރިއަށްދާތި.”

“މިސާލަކަށް؟“

“މިސާލަކަށް ވަރަށް މުއްސަނދި ކުއްޖަކާ އިންނާނީ.”

“ސާބަސް ޒާރާ… ވަރަށް މޮޅު.” ދާދި ދެންމެއަކު އައިސް ޒާރާގެ ވާހަކަ ސިއްރުން އަޑު އަހާން ހުރި އަޙްސަން ބުނެލިއެވެ.

“ތިޔަ ބުނާ ގޮތުން ހީވަނީ މުއްސަނދި އަންހެން ކުދީންނަކީ މަގުމަތީގައި ސަފަކަށް އެތުރިގެން ތިބޭ ބައެއްހެން. އެކަހަލަ ކުއްޖަކު ހޯދުމަކީ ވަރަށް ފަސޭހަ ކަމެއް ހެން.”

“ވަރަށް ފަސޭހައިން ލިބޭނެ.”

“އަހަރެން މިއުޅެނީ އެ ކަހަލަ ކުއްޖަކު ނުލިބިގެން.”

“މަސައްކަތްކުރީމާ ލިބޭނެ.”

“އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިއްޖެއްޔާ ކޮންމެ އެއްޗެއްވެސް ލިބިދާނެކަމަށް ތިޔަ ބުނީ އަމިއްލައަށް. ހެޔޮ ނިޔަތަކާއެކު ސީދާ މަގުން ކުރާ މަސައްކަތުން ނުލިބޭނޭ އެއްޗެއް ނޯންނާނެ.”

“އަޙްސަން. އަހަރެން ދައްކާ ވާހަކަ ގޮތްގޮތަށް އަނބުރައިގެން މާނަ ނެރެން މަސައްކަތް ނުކުރޭ. އަހަރެން މި ދައްކާ ވާހަކައަކީ ހަމަ ރަނގަޅު ވާހަކަ.” ޒާރާ ކުޑަކޮށް ހާސްވެފައި ބުނެލިއެވެ.

“ތިޔަ ދައްކަނީ އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. މިތިބަ ކުޑަކުދިންގެ ސިކުނޑިއަށް ވަދެގެން އެ ކުދިން ނުބައި މަގަށް އަޅުވަން މަސައްކަތް ނުކުރޭ… މިހައި ކުޑައިރު ތިޔަ ކަހަލަ ޚިޔާލުތައް އިއްކޫގެ ބޮލަށް ވައްދަން އުޅުމަކީ އޭނާ ކުރިއަށްދާން އޮތް މަގަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށްވާނެ.”

“އޭނާއަށް ކުރިއަށް ނުދެވެންވީ ކީއްވެގެން؟ ފައިސާ ލިބުމާއެކީ ހުރިހައި މަގެއް އަމިއްލައަށް ހުޅުވިގެން ހިނގައިދާނެ… މަގު އޮންނާނީ އަލިވެ އުޖާލާވެފައި… އަލި މަގެއްގައި ދަތުރުކުރާ އިރު މަންޒިލުވެސް ފަސޭހައިން ފެންނާނެ.”

އެންމެ ފަހު ޖުމުލަ ބުނެލުމަށްފަހު އޭނާ ހިނިތުންވެލިއެވެ.

“ތިމާ ކުރާ އެއްވެސް ކަމެއް ނެތި ކުރިމަތީން ފެންނަ މަންޒިލަކީ ހަގީގީ މަންޒިލަކަށް ނުވާނެ.”

“ދެން އެވާނީ ކޮންއެއްޗަކަށް؟“

“އަވާމެންދުރަކަށް. މަކަރަކަށް. އޮޅުމަކަށް.”

“އަޙްސަން ކޮންމެ އެއްޗެކޭ ކިޔަސް އަހަރެން ގަބޫލުކުރާ ގޮތެއް ބަދަލެއް ނުކުރާނަން.”

“ތިޔައީ ޒާރާގެ ދީނާއި އީމާންކަމަކީ ފައިސާއަށް ވެފައި ވާތީ ވެގެން އުޅޭ ގޮތެއް.” އަޙްސަން އޭނާއަށް މަލާމާތްކޮށްލިއެވެ. އެކަމަކު ޒާރާ އޭނާގެ ވާހަކަޔާ ދެކޮޅު ހެދުމުގެ ބަދަލުގައި އެއްބަސްވީއެވެ.

(ނުނިމޭ)