"އޯ ވާއޮ" ޔުއާނާމެންނަށް ބަލާލުމާއެކު ލޯހިމަކޮށްލާ ހިނިގަނޑެއް ޖަހާލަމުން އަޝްބާ ބުނެލީ ކައިރިއަށް ހުއްޓުނު އަޒިކިޔަލްއަށް ބަލާލާފައެވެ. ތިބެވުނުލެއް ގާތްކަމާއި އަޝަލް ހުރީ އޭނާގެ އަތުގައި ހިފައިގެންކަން ޔުއާނާއަށް އިހްސާސްވީ އެވަގުތުއެވެ. އަޒިކިޔަލްގެ ދެ ލޮލުން ފެނުނު އަސަރުތަކުން ޔުއާނާއަށް ލަދުން ގޮސް ރޮވޭގޮތްވިއެވެ.
އަވަސްއަވަހަށް ދުރަށް ޖެހިލުމާއެކު ޔުއާނާ ބޭނުންވީ ދުއްވައިގަންނާށެވެ. ނަމަވެސް ސިހުނީ އޭނާގެ އަތުގައި އަޒިކިޔަލް ހިފުމާއެކު ދަމަމުން ކަހަލަ ގޮތަކަށް ދުރަށް ގެންދަންފެށުމުންނެވެ.
"ތި މީހުން ކުރިޔަށް ގެންދޭ. އަހަރެމެން ބެކް ޑްރޮޕާ ހަވާލު. ޔުސްރާ ލީޑުކުރަނެ" ގޭޓުން ވަދެ ތިބި އަންހެނުންތައް ޔުއާނާއަށް ފާހަގަވީ ވެސް އަޒިކިޔަލްގެ އެންގުމުންނެވެ. އެއާއެކު އަވަސްއަވަހަށް ޔުއާނާ ވާހަކަދައްކަންފެށިއެވެ. "އަޒިކިޔަލް... އަހަރެން ހިނގައިދާނަމޭ ރީތިކޮށް ފަހަތުން" ޔުއާނާގެ ބުނުން އަޑުއިވުނުކަމަކަށް އަޒިކިޔަލް ނުހެދިއެވެ.
ބެކްޑްރޮޕާއި ހަމައަށް އާދެވުމާއެކު މަޑުޖެހިލަމުން އަޒިކިޔަލް ބަލާލިއެވެ. "އަހަރެން އަތުގަހިފީމަ ހިތްހަމަނުޖެހުނީތަ؟ އެހެން މީހެއް ނޫންވީމަ ދޯ." މަޑުން ހަމަޖެހިފައި ހުރި ރާގަކަށް ބުނި ނަމަވެސް އެ ބުނުމުގައިވި ނުރުހުން ޔުއާނާއަށް އިހުސާސްވިއެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނަމަވެސް ގަސްތުގައި އަޒިކިޔަލް އެ ފުރުސަތު ދޭން ބޭނުން ނުވީފަދައެވެ. "އުޅޭ އަވަހަށް ފަށަން. ކިހިނެތް މީއްޗިހި ހަރުކުރަނީ." ވީގޮތް ސާފުކޮށްދެން ކިތަންމެ ބޭނުންވި ނަމަވެސް ޔުއާނާއަށް އެކަން އެއްފަރާތްކޮށްލަން މަޖުބޫރުވީއެވެ. މަސައްކަތް ކުރާނޭ ގޮތް ކިޔައިދެން ފެށުމާއެކު ދެ މީހުން ވެސް މަސައްކަތުގައި މަޝްޣޫލުވެއްޖެއްވެ.
ދޭތެރެއަކުން ޔުއާނާގެ ނަޒަރު އޭނާއަށް ހުއްޓޭކަން އެނގިހުރެ ވެސް އަޒިކިޔަލް އަޅައެއްނުލައެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ދޭތެރެއަކުން އަޝްބާ އެ ދިމާލަށް އައިސް އަޒިކިޔަލްގެ ކައިރީ ވާހަކަދައްކަންހުރެއެވެ. ހިތްހަމަނުޖެހުން ނަމަވެސް ޔުއާނާ އެއްޗެއް ނުބުނެއެވެ.
ހުރިހާ ކަމެއް ނިމުނުއިރު ގަޑިން ދޭއް ޖެހީއެވެ. ތައްޔާރުވާން ދިއުމުގެ ކުރިން ޔުއާނާ ފަހު ފަހަރަށް ވަށައިގެން ބަލާލިއެވެ. ހުދުކުލައިގެ އަސުރުމާތައް ހުރި ދިމާލުގައި ހުދު ބެކްޑްރޮޕް ބެހެއްޓިފައިވާއިރު ރަންކުލައިގެ ތާނަ އަކުރުން "ޔޫނުސް އާއި ޔުމްނާގެ ރަންކިޔުމުގެ ހަފްލާ" ޖަހާފައިވެއެވެ. ބެކްޑްރޮޕްގެ ވަށައިގެން ހުދާއި ރަންކުލައިގެ ފުއްޕާހަންތައް ހަރުކުރެވިފައިވާއިރު އެކި ދިމަދިމާލުގައި ބަލާލަން ރީތިވާނެހެން ހުދާއި ރަންކުލައިގެ މާތައް ހަރުކުރެވިފައިވެއެވެ. ހަމަ އެ ކުލައިގެ މާތަކާއި ފުއްޕާހަމުން ގޭޓުގެ މަތި ޒީނަތްތެރިކުރެވިފައިވެއެވެ. ބެކްޑްރޮޕްގެ ކަނައަތްފަރާތުގައި ހުރި މޭޒުގައި ރަންފޮތިގަނޑެއް އެޅިފައިވާއިރު އޭގެ މަތީގައިހުރި ފޮނިކާތަކެތި ވެސް ހަމަ އެ ކުލައެވެ. އޭގެތެރެއިން މެދުގައި އިން ހުދުކުލައިގެ ކޭކު ވިދާ ފަދައެވެ. ވައަތްފަރާތުގައި ދިގުކޮށް ރަންކިޔުމަށް ޚާއްސަކުރެވިފައިވީ މޭޒުގައި ވެސް ވަނީ ރަންކުލައިގެ ފޮތިގަނޑެއް އެޅިފައެވެ. މޭޒުގެ ވަށައިގެން ޖަހާފައިހުރި ގޮނޑިތަކުގައި ވެސް ހަމަ އެ ކުލައިގެ ފޮތިގަނޑު އެޅިފައިވީއިރު އައްސާފައިވީ ހުދު ރިބަނެވެ. އެއާ ޚިލާފަށް މެހެމާނުންނަށް ޚާއްސަކުރެވިފައިވީ ގޮނޑިތަކާއި މޭޒުތަކުގައި ހުރީ ހުދު ފޮތި އަޅާ ރަންކުލައިގެ ރިބަން އައްސާފައެވެ.
ތަނުގެ ފުރިހަމަކަމާމެދު ހިތްހަމަޖެހިފައިހުރެ ޔުއާނާ ގޭތެރެއަށް ވަނީ މަސައްކަތުގައި އުޅުން އެންމެންނަށް ޝުކުރުއަދާކޮށް ތައްޔާރުވާން ދިއުމަަށް އަންގާފައެވެ. އެހާ އަވަހަށް އަޒިކިޔަލްގެ ހިލަމެއް ނުވުމުން އެ ޚިޔާލުގައިހުރެ ގޭތެރެއަށް ވަތްއިރު ފޯނެއްގައި ބަދިގެ ދޮރުމަތީ އަޒިކިޔަލް ހުރިތަން ފެނުނެވެ. ޔުއާނާ ފެނުމާއެކު ނިކަން އަވަހަށް ފޯނު ބާއްވާފައި ގެއިން ނިކުންނަން ހިނގައިގަނެއްޖެއެވެ. އެ މޫނުމަތީން ފެނުނު ނުތަނަވަސްކަން ޔުއާނާގެ ހިތުގައި ގިނަގުނަ ސުވާލު އުފައްދައިފިކަން ޔަގީނެވެ.
ތައްޔާރުވެގެން ޔުއާނާ ނިކުތްވަގުތަކީ އަޝަލްއާއެކު ސަބާނާ ގޭތެރެއަށް ވަދެގެން އައި ވަގުތެވެ. ދެ މީހުން ވެސް ތިބީ ހަފްލާއާއި ގުޅޭނެހެން ހެދުން އަޅައިގެންނެވެ.
"ވަރަށް ރީތި" ކައިރިއަށް އައިސް ހުއްޓުމާއެކު އަޝަލް ބުނެލީ ޔުއާނާއަށް ބަލަހައްޓައިގެން ހުރެއެވެ. ޔުއާނާ ހިނިތުންވެލީ ގަދަކަމުންނެވެ. އަޝަލްގެ ބެލުން އޭނާއަށް އެއްގޮތަކަށް ވެސް ކަމަކުނުދިޔައެވެ.
"އާނާ އަވަހަށް ނިކުމެލަންވީނު ބޭރަށް. ދޮންތަ ވެސް މިހާރު ތައްޔާރުވެ ނިމެނީހެން މަންމައަށް ހީވަނީ. ހެކިވެރީން އަންނާނެ އިރުކޮޅަކުން." ސަބާނާގެ ބުނުމަށް ޔުއާނާ އަވަސްއަވަހަށް ނިކުންނަން ހިނގައިގަތެވެ.
ވަލުގޯތިން ބަގީޗާއަށް ނިކުންނަ ދޮރުން ވަދެގެން އަންނަ ޔުއާނާ ފެނުމާއެކު އަޒިކިޔަލް އަތުގައި އޮތް ރަންކުލައިގެ ކުޅޭ ބަޑި ދައްކާލީ ހިނިތުންވެ ހުރެއެވެ. އެއާއެކު ޔުއާނާގެ މޫނު ވެސް އުޖާލާވެއްޖެއެވެ. "މީތި މަސައްކަތްކުރޭތަ އަނެއްކާ؟" އަޒިކިޔަލްގެ އަތުން ބަޑި އަތުލަމުން ޔުއާނާ އަހާލިއެވެ.
"އާނ ބަލައިފިން. މިއޮތީ އަނެއް ބަޑި. އާނާގެ އަމާޒު ރަނގަޅިއްޔާ ހަމަ ވާނެ" ހިނިއައިސްފައިހުރެ އަޒިކިޔަލް ބުނެލިއެވެ. "އަންނާނަން ބޭރު ގަސްތަކު ތެރޭ ފޮރުވާފަ" ފޯރީގައިހުރެ ޔުއާނާ ބުނެލީ މައި ގޭޓާއި ދިމާލަށް ހިނގައިގަންނަމުންނެވެ.
އަޒިކިޔަލްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ފަސްބައިފުޅާކޮށް އުނަގަނޑަށް ރޫޖައްސާފައިހުރި ދޫ ގަދަ ރަންކުލައިގެ ހެދުމުގައި ފޮތީގެ ވިދުން ޔުއާނާގެ ހަންގަނޑަށް ރިވެލިވެފައިވާ ގޮތް ނުހަނު ހިތްގައިމެވެ. އަޅާފައިވާ ޝޯލްގެ ވިދުމާއި ކަޅީގެ ވިދުން އެކުވެ ބަސްހުއްޓޭފަދަ ވިދުވަރެއް އެ ލޮލުން ފޮނުވައިދެއެވެ. ހިނގާފައިދާއިރު ފަސްބައި ފަހަތުން ވިހުރޭގޮތް ވެސް އެހާމެ ޗާލެވެ.
ދާދި ކުޑަ އިރުކޮޅެއްކުރީން އޭނާ ދެކެ ހިތްހަމަނުޖެހިފައި ހުރި މީހަކު އެހާ ފޯރީގައި ވާހަކަދެއްކުމުން ޔުއާނާ ހައިރާންވި ނަމަވެސް ހިތްހަމަޖެހިއްޖެއެވެ. އެނބުރި ހަފްލާގެ ކަންކަން ހަމަޖެއްސުމައިގެން އުޅުނު އިރުވެސް އަޒިކިޔަލް ފެނުނީ ނުހަނު ގާތްކޮށް އުޅޭތަނެވެ.
އެންމެން ހަމަވެ ރަން އަޤުދުކޮށް ނިމިއްޖެއެވެ. ދިގު މޭޒުގައި ތިބި އާއިލާގެ އެންމެ ގާތް އިސް މީހުން ތެދުވެ ސަލާންގަލާންކޮށް ތަހުނިޔާ ކިޔައިފިއެވެ. ސަޔަށް އަންނަން ދަޢުވަތު އެރުވިފައިވީ އެހެން މީހުން އަންނަން ފެށީ އެ ވަގުތުއެވެ.
ބެކްޑްރޮޕްގެ ކުރިމަތީ ހުއްޓިލައިގެންހުރި ޔުމްނާ ހުރީ މިނާފުށްތަކުން ޖަރީވެފައިވީ ގަދަ ރަންކުލައިގެ ހެދުމެއްގައެވެ. ހެދުމުގެ ފަސްބައި ފުޅާވެފައި ހައިބަތު ދައްކުވައިދެއެވެ. ޔުއާނާ އައިސް ޔުމްނާގެ ފުރިހަމަކަމަށް ތައުރީފުކޮށްލަމުން އޭނާގެ ގައިގައި ބައްދާލުމާއެކު ޔުމްނާގެ ޝަކުވާ ފެށިއްޖެއެވެ.
"މަންމަމެން ކައިރީ ރަންކިޔާ ހަފްލާ ކުޑަކޮށް ބާއްވަން ބުނީމާ ވެސް ބަލާ ކޮށްލާފަ އޮތްވަރު" ޔުއާނާ ހީލީއެވެ. "އެ ރަނގަޅުވާނެ. އެހާ ގިނަ މީހުނަކަށް ދައުވަތެއް ނުދޭ ނަސީބަކުން. މިތަން ތައްޔާރުކުރަން އުޅުން މީހުނާއި އެންމެ ގާތް މީހުން. ދޮންތަ ހަމަޖެހިލައިގެން ހުރޭ." ޔުމްނާގެ އަތަށް ފިތާލަމުން ޔުއާނާ ބުނެލިއެވެ.
ދުރުގައި ހުރި ނަމަވެސް ޔޫނުސްގެ ނަޒަރު އިރުއިރުކޮޅާ ޔުމްނާއަށް ހުއްޓެއެވެ."އޭ ޔޫނުސް... ދެން ދޭ އެ ދިމާލަށް. މަށަކާ ނޫނޭ ރަން ކިއިގެން ތިއުޅެނީ މަ ކައިރީ ތިހުންނަނީ." ކައިރީހުރި އަޒިކިޔަލް ޖީބުގައި އޮތް އަތަރުފުޅީން އަތުގައި ހާކާލުމަށްފަހު ޔޫނުސްގެ ގައިގައި އުނގުޅާލަމުން ބުނެލީ ބޭރުން މެހެމާނުން ވަންނަން ފެށުމުންނެވެ.
"ތިހިރީ ރަނގަޅަށް. ދެން ދޭ" އަޒިކިޔަލްގެ ކޮނޑުގައި ޖަހާލަމުން ޔުމްނާގެ ކައިރިއަށް ހިނގައިގަންނަން އުޅުނު ޔޫނުސް ހުއްޓުނީ ދޮރުން ވަދެގެން އައި ދެ އަންހެންކުދީން ފެނިފައެވެ.
"ޔަޒާ ކީއްވެ ލަސްވީ..." އޭނާގެ އެންމެ ހަގު އަންހެން ކޮއްކޮ އާއި މުޚާތަބުކޮށް ޔޫނުސް ބުނެލިއެވެ. "މި އަޝްބާ ތަތްކަމުންނެއްނު. ކޮބައިތަ އަހަރެންގެ ވާންއުޅޭ ފަހަރި..." ޔޫނުސްއަށް ޖަވާބުދިނުމަށްފަހު ކައިރީހުރި އަޝްބާގެ އަތުގައި ހިފައިގެން ޔަޒާ ހިނގައިގަތީއެވެ.
ޔޫނުސްއަށް ބަލާލެވުނީ އަޒިކިޔަލްގެ މޫނަށެވެ. "އެއީ ކޮންކަމެއް މިހާރު. ކުލައިގެ ވާހަކަ އެންގިއިރު ގައިމު ވެސް ސީދާ އެ ކުލަ ނުލާން އެންގުނު ކަންނޭނގެ. މެހެމާނުންނަށް ދެވުނީ ކްރީމް ގޯލްޑް ކުލަ" އަޒިކިޔަލް ހިތްހަމަނުޖެހުނީ އަޝްބާ ލައިގެންހުރި ހެދުމުގެ ކުލަ ފެނިފައެވެ.
ޔުއާނާއަށް ޔުމްނާ ބޭނުންވެގެން ޚާއްސަކުރި ގަދަ ރަންކުލައިގެ ފިއްތި ހެދުމެއްގައި އަޝްބާ އައީ ހަމަ ގަސްތުގައޭ އަޒިކިޔަލްގެ ހިތަށް އެރިއެވެ.
"އަހަންނަކަށް ވެސް ނޭނގެ މި ވީ ގޮތެއް. ޔަޒާ އައީ މިއަދު ހެނދުނު ރަށަށް ވެސް. އެހެންވީމަ އޭނައަށް ފަހަރެއްގަ އެކަން ނޭނގިދާނެ. އެކަމަކު އަޝްބާއަށް އެކަން ނޭނގި ނުދާނެކަން ޔަޤީން. ޔަޒާގެ ބެސްޓީ ވީމަ ކުރެވޭނެ ކަމެއް ވެސް ނޯންނާނެއްނު" ޔޫނުސްގެ މޫނުގައިވީ ކަންބޮޑުވުން ކުޑަކުރުމަށް އަޒިކިޔަލް އެއީ މައްސަލައެއް ނޫންކަމުގައި ބުނެލިއެވެ. އަދި އަމުދުން ބޭރުގައި ކިޔަވަން ހުރި ޔޫނުސްގެ ކޮއްކޮ ފެނުނު ފުރަތަމަ ދުވަހު ބޮޑު މައްސަލަގަނޑަކަށް އެކަން ހަދަން އަޒިކިޔަލް ބޭނުންނުވީއެވެ.
ޔޫނުސް ގޮސް ޔުމްނާގެ ކައިރީ ހުއްޓިލުމާއެކު މެހެމާނުންނާއެކު ފޮޓޯ ނެގުމުގެ ސެޝަން ފެށިއްޖެއެވެ. ކެމެރާ ހިފައިގެން އުޅުނު ޔުއާނާ ދިޔައީ ޔުމްނާއާއި ދިމާކުރަމުންނެވެ.
"ދޮންތާ. ތި ގައިގަ ނުޖެހި ވެސް ރީތިކޮށް ފޮޓޮއަށް ހުއްޓެވޭނެ ދޯ" ޔުއާނާގެ ބުނުމަށް ޔުމްނާ ލޯބޮޑުކޮށްލި ގޮތް ފެނި ހެމުންހެމުން ޔުއާނާ އެނބުރިލީއެވެ. އެ ވަގުތު އަޒިކިޔަލްއާއި ދިމާލަށް ހިނގައިގަތް އަޝްބާ ޔުއާނާގެ ލޮލުގައި އަޅައިގަތެވެ.
"ހާއި އައްކީ..." އަޅައިގެންހުރި ޝޯލްގެ ދެފަރާތުން ކަންފަތުގައި ލާފައި އިން ބޮޑު ދެ ބޮޅު ފެންނަންއިން އިރު މޫނުގައި ގަދަ މޭކަޕެވެ. ފުރިހަމަނުވާ ހިނިތުންވުމަކާއެކު އަޒިކިޔަލް އިސްޖަހާލީއެވެ. އެ ވަގުތު އެދިމާލަށް ދުވެފައި އައި ތުއްތު ޔޫޙް އަޒިކިޔަލްގެ އަތުގައި ހިފާ ދަމަންފަށައިފިއެވެ. ހުދު ގަމީހެއްގެ މަތީން ރަންކުލައިގެ ވެސްޓެއް ލައިގެން ހުރިއިރު ކުޑަކުޑަ ޔޫޙް ހީވަނީ ފުށްކޮޅެއްހެންނެވެ. އަނގަމަތީގައި ރަންކުލައިގެ ކުނޑިއާއި އެއްވެގެން ޗޮކްލެޓް ހޭކިފައި ހުރިއިރު ކުދިކުދި ދަތްތައް ދައްކާލައިގެން ހުރެ އަޒިކިޔަލް ކައިރިން އެދުނީ އިތުރު ޗޮކްލެޓެއް އޭނާއަށް ދިނުމަށެވެ.
"އެ ހުރީ ބަލާ މިހާރު ވެސް އައްކިބެއާ ދިމާލަށް ބަލައިގެން ހުރިގޮތް. އިތުރު ޗޮކްލެޓެއް ދިންކަން އެނގިއްޖިއްޔާ..." ލޯ ބޮޑުކޮށްލަމުން އަޒިކިޔަލް ޔުއާނާ ދައްކާލުމާއެކު ބިރުގަންނަ ވައްތަރެއް މޫނަށް ޖައްސާލިއެވެ.
ދުރުގައިހުރި ޔުއާނާގެ ނަޒަރު ހަގީގަތުގައި ވެސް އެވަގުތު ހުރީ އެ ދިމާލަށެވެ. އަޒިކިޔަލްއަށް ނޭނގުނީ ޔޫޙް އޭނާ ކައިރިއަށް ފޮނުވި މެދުވެރި އަކީ ޔުއާނާކަމެވެ. އަދި އެއީ އަޝްބާއާއި އަޒިކިޔަލްއާ ދެމެދަށް ހުރަސްއެޅުމަށް ކަމެވެ.
ޕާޓީ ނިމެން ގާތްވެފައިވާއިރު އަޒިކިޔަލްއާ މާ ބޮޑު ވާހަކައެއް ދެއްކޭ ގޮތް ނުވުމުން އަޝްބާ ފޫހިވާގޮތްވިއެވެ. އަޒިކިޔަލްގެ ސަމާލުކަން ވަނީ ޔޫޙްގެ މައްޗަށް ދޫވެފައެވެ. އެންމެފަހުން ކުރާހިތްނުވި ނަމަވެސް އަޝްބާ މަސައްކަތްކުރީ ޔޫޙްއާ ގުޅުން ބަދަހި ކުރުމަށެވެ. އަޒިކިޔަލްއަށް ޓަކައެވެ. ނަމަވެސް ޔޫޙްއާއި އެއްހަމައަކަށް ތިރިވެލާ ވާހަކަދައްކަންފެށުމާއެކު އެ ކުއްޖާގެ އަނގަމަތީގައިވާ ކާއެއްޗެހިތައް އަޝްބާގެ ހެދުމުގައި އުނގުޅިއްޖެއެވެ. ގަސްތުގައި ނޫންކަން އެނގޭއިރު ވެސް އަޝްބާގެ ރުޅި ދިޔައީ އިންތިހާއަށެވެ. ފުންމައިގެން ތެދުވި ގޮތަށް އޭނާ ގޮސް ލައިގަތީ އެތަނާއި އަރާހަމަވި ސަބާނާގެ ގައިގައެވެ.
"ކިހިނެތް އެވީ؟" ސަބާނާގެ ބުނުމަށް އަޒިކިޔަލްއަށް ކުރެވުނުހާ ވެސް ކަމަކީ ދެކޮނޑު އަރުވާލުމެވެ. ޔޫޙް ސަބާނާއާ ހަވާލުކުރުމަށްފަހު އޭނާ ގޭޓުކައިރިއަށް ނިކުމެލީ އެ ވަގުތު ފޯނެއް އައުމުންނެވެ. ފޯނަށް ޖަވާބުދީ ނިމުނުއިރު އަޒިކިޔަލްގެ މޫނުގައިވީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. އަލުން އެނބުރި ހަފުލާއަށް ވަންނަން އެނބުރުން ވަގުތު ސިހުނީ ފަހަތުގައި ހުރި ޔުއާނާ ފެނުމުންނެވެ.
އަޒިކިޔަލް ޖެހިލުންވީ އޭނާ ދެއްކި ވާހަކަތައް ޔުއާނާއަށް އިވުނިއްޔޭ ހިތަށް އަރާފައެވެ. ވީ ވެސް އެހެންނެވެ. ބަލަހައްޓައިގެންހުރި ހަރު ބެލުމާއެކު ޔުއާނާ ވާހަކަދައްކަންފެށިއެވެ. "ކާކު ކައިރީ ކީކޭ ބުނާނެ ގޮތެއް ނޭނގިގެން ތިއުޅެނީ؟" ބުމަ އަރުވާލުމާއެކު ޔުއާނާ އަހާލިއެވެ.
އަޒިކިޔަލް އަނގަހުޅުވާލީ މަންޒަރު ތަފާތު ކޮށްލެވޭ ތޯއެވެ. ނަމަވެސް އެ ފުރުސަތު ވެސް ޔުއާނާ އޭނާއަށް ބަންދުކޮށްލައިފިއެވެ. "ނުބުނާތި ކަމެއް ވެގެނެއް ނޫޅެމޭ. އެނގޭ ކަމެއް ވެއްޖެކަން. ކިޔައިދެން އާދޭ މި ފަރާތަށް." ގޭޓާ އެއްފަރާތަށް ޖެހިލުމަށް ހިނގައިގަންނަމުން ޔުއާނާ ބުނެލިއެވެ. އެއްޗެއް ނުބުނި ނަމަވެސް އަޒިކިޔަލް ޔުއާނާގެ އަތުގައި ހިފާ މަޑުކުރުވައިފިއެވެ. ވާނުވާ ނޭނގުނު ނަމަވެސް ޔުއާނާ ހަމަހިމޭންކުރުވީ އަޒިކިޔަލްގެ ބެލުމެވެ. އުޑަފައިން ބިންމައްޗަށް ތިރިވުމާއެކު ސިހިފައި ޔުއާނާއަށް ފަހަތަށް ޖެހިލެވުނީއެވެ.