ފެނަކަ އިންސްޓިޓިއުޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ފުނަރު) ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އިންޖިނިއަރިން ރިޕެއާ އެންޑް މެއިންޓެނެންސް ކޯހަކީ ދޫކޮށްލައިގެން ވާވަރުގެ ކޯހެއް ނޫނެވެ. އެއީ އެއަށްވުރެ ފައިދާ ބޮޑު ކޯހެކެވެ.

ތިން މަހަށް ހިންގާ މި ކޯހުގެ ކޮންމެ ބައިވެރިއަކަށް އެލަވަންސެއްގެ ގޮތުގައި މަހަކު ތިން ހާސް ރުފިޔާ ލިބޭނެއެވެ. އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ކޯހުގައި ބައިވެރިވާ މީހުންނަށް ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދޭނެއެވެ. އަދި ޑީސަލް ޖަނަރޭޓަރުގެ މެއިންޓެނެންސް މަސައްކަތް ކުރާނޭ ގޮތުގެ ޢަމަލީ ތަޖުރިބާ ވެސް ލިބިގެންދާނެއެވެ.

މިއީ ސީދާ ދިވެހި ޒުވާނުން ހުނަރުވެރިކޮށް ވަޒީފާގެ މާހައުލަށް ނެރުމަށްޓަކައި ހިންގާ ކޯހެކެވެ. ސޯޅަ އަހަރުން މަތީގެ ދެ ޖިންސްގެ ޒުވާނުންނަށް މި ކޯހުގައި ބައިވެރިވެވޭނެއެވެ.

މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗު 1 ގައެވެ. ކޯހަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މިހާރު އަންނަނީ ހަމަވަމުންނެވެ. ކޯހުގައި ބައިވެރިވުމަށް ދީފައިވާ އެންމެފަހު މުއްދަތު ހަމަވާނީ ފެބުރުވަރީ 25 ވަނަ ދުވަހު 1:00 ގައެވެ. އެހެން ކަމުން އެންމެ ފަހުވަގުތާ ހަމައަށް ނުތިބެ އަވަހަށް އެޕްލައި ކުރާށެވެ.

މިއީ ކަރަންޓް ޚިދުމަތުގެ ދާއިރާއިން މީހުން ބިނާ ކުރުމުގެ ސިޔާސަތުގެ ދަށުން އެ އިންސްޓިޓިއުޓުން ހުޅުވާލި ފުރުސަތެކެވެ. ފެނަކައިގެ ފުނަރު ޕްރޮގްރާމަކީ އެތަނުން ފޯރުކޮށްދޭ އަސާސީ ތިން ޚިދުމަތުގެ ދާއިރާއިން ފަންނީ ގޮތުން ދިވެހީން ބިނާ ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އެތިން ދާއިރާއަކީ ފެނާއި ކަރަންޓާއި ނަރުދަމާއެވެ.