ހަރުކަށި ފިކުރުގެ ޖަމާޢަތްތަކަށް ހުށަހެޅޭ ކުޑަކުދިން އިސްލާހުކުރުމަކީ ދައުލަތާއި މުޖުތަމައުގެ ޒިންމާއެއް ކަމަށް ސްޓޭޓް މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢަލީ ނަޛީރު ވިދާޅުވެއްޖެއެވެ.
ކޮންމެ ކުޑަކުއްޖަކީވެސް ގަދަރުވެރި ދިރިއުޅުމެއްގެ ޙައްޤު ލިބިފައިވާ ކުޑަކުއްޖެއްކަމަށް ދައުލަތުން ޤަބޫލުކުރައްވާކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަޛީރު މިހެން ވިދާޅުވެފައިވަނީ، "ރާއްޖޭގައި ހަރުކަށި ފިކުރުގެ ގުރޫޕުތަކާ ގުޅުންހުރި ކުޑަކުދިން" އިސްލާހުކޮށް މުޖުތަމައުއަށް ގަދަރުވެރި ބައެއްގެ ގޮތުގައި ގެނައުމަށް މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް ޔޫ.އެން.އޯ.ޑީ.ސީ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފެއްޓެވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައެވެ.
ސީރިޔާގެ ކޭމްޕްތަކުގައި ދިވެހި ޢާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން މިހާރުވެސް އެބަތިބިކަމަށް އޭނާ ވިދާޅުވިއެވެ. ނަޛީރު ވިދާޅުވީ އެފަދަ ކުޑަކުދިން އަނބުރާ ޤައުމަށް ގެނެސް، ރިހެބިލިޓޭޓްކޮށް، އަލުން މުޖުތަމަޢަށް ނެރުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އަދި ރައްޖޭގައި މިފަދަ ފިކުރުތަކުގެ ޝިކާރައަކަށް ވަމުންދާ ކުދިން އެކަމުން ސަލާމަތްކުރުމަކީވެސް ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އެ ކަން ކުރާނޭ މަގު ފަހިކުރުމަށްޓަކައި، ޔޫ.އެން.އޯ.ޑީ.ސީން މި ފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ މަގުޗާޓު ޕައިލެޓްކުރާނޭ ފުރަތަމަ ޤައުމަކީ ރާއްޖެ ކަމުގައި ހެދުމަށް 2020 ވަނަ އަހަރުގެ މާރިޗުމަހު ދިވެހި ސަރުކާރުން އެދިވަޑައިގެންފައިވާނޭކަމަށް ވެސް ސްޓޭޓު މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއާއެކު އެކުލަވާލެވުނު ހާލަތު ދެނެގަތުމުގެ ދިރާސާ އަށް ފަހު ރާއްޖޭގެ ކަމާ ގުޅޭ މުވައްސަސާތަކުގެ ޤާބިލިއްޔަތު އިތުރުކުރުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ޢަލީ ނަޛީރުގެ އިތުރުން، ރާއްޖޭގައި ހުންނަވާ އދ. ގެ ރެޒިޑެންޝަލް ކޯޑިނޭޓަރ ކެތަރީން ހެސްވެލް އާއި ޔޫ.އެން.އޯ.ޑީ.ސީ ގްލޯބަލް ޕްރޮގްރާމް ޓު އެންޑް ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަންގެ ކޯޑިނޭޓަރ ޑރ. އެލެކްޒެންޑްރާ ސޫޒާ މާޓިންސްގެ އިތުރުން، ކަމާ ގުޅުންހުރި މުވައްސަސާތަކުގެ މަންދޫބުން މި ހަރަކާތުގެ އިފްތިތާޙީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ހޯމްމިނިސްޓްރީން ވިދާޅުވިއެވެ.