ޔުއާނާއަށް ވާނުވާ ރޭކާލީ އަރައިގެންހުރި އުސް ރަންކުލައިގެ ބޫޓުގެ ނެއްޓިފައިން ބުޅިގަނޑު އަޒިކިޔަލް އަޅުވާލަދިނުމުންނެވެ.
ތެދުވުމާއެކު އަޒިކިޔަލް ފުން ނޭވާއެއްލިއެވެ. އެ ވާހަކަ ފޮރުވުމުގެ ބޭނުމެއް ނެތެވެ. ޚުދު އޭނާ ވެސް ހަދާނެގޮތް ހުސްވެފައިވާ މި ދަނޑިވަޅުގައި ބުއްދިވެރިގޮތަކީ ޔުއާނާއާއި އެ ވާހަކަ ހިއްސާކުރުމެވެ.
"އަޔާޝް ދޮންބެ އަންނަން އުޅުނު. ކުއްލިއަކަށް މާ ބަލިބޮޑުވެގެން ނާދެވުނީ" ޔުއާނާގެ މޫނުން ސިހުމާ އެއްވަރަށް ކަންބޮޑުވުން ވެސް ފެނުނެވެ.
"ވަރަށް ބޮޑަށްތަ؟" އެހިއިރު ވެސް ޔުއާނާއަށް އޭނާ އުންމީދުކުރާފަދަ ތަސައްލީއެއް ނުލިބޭނޭ ހިތަށް އެރިއެވެ. އެކަން ޔަގީންކޮށްދިނީ އަޒިކިޔަލްގެ ހަމްދަރުދީގެ ބެލުމެވެ.
އަޔާޝްއަކީ ސަބާނާއަށް ވުރެ ދޮޅުއަހަރު ދޮށީ އޭނާގެ އެއްބަނޑު އެއްބަފާގައި ހުރި ހަމައެކަނި މީހާއެވެ. ކުޑައިރުއްސުރެ ވެސް އަޔާޝްގެ ކަންތައްތަކަށް ސަބާނާ ނުހަނު ސަމާލުކަންދީ އަޔާޝްދެކެ ވާ އިންތިހާ ލޯތްބަކީ ބަޔާންކުރެވޭނެ އެއްޗެއް ނޫނެވެ. މި ފަދަ އުފާވެރި ދުވަހެއްގެ އާރޯކަން އެ ޚަބަރުން މިލާ މޯޅިވާނެކަމާމެދު ޝައްކެއްނެތެވެ. ޔުއާނާގެ ހިތް ދެރަވީ ޔުމްނާއަށް އެންމެ އުފާވެރި އެއް ދުވަހުގެ ނިމުން މިފަދައިން ނިޔާކުރީތީއެވެ.
"ކީއްވެ ކުރީން ނުބުނީ؟ މިއަދު ތަންކޮޅެއް ކުރިން ތި ޚަބަރު ލިބިއްޖެ ދޯ..." ޔުއާނާ އަހާލީ އޭނާއަށް ހީވާހީވުން ޔަޤީންކުރުމަށެވެ. މީގެ ކުރީން ވެސް އަޒިކިޔަލް ފޯނުގައި ހުރިއިރު މޫނުމަތީން ފާޅުވި އަސަރުތަކަށް ބިނާވެ ހުރެއެވެ.
"ހެނދުނު ޔަޒާ ބަލައި އެއަރޕޯޓަށް ދިޔައިރު އެނގިއްޖެ. އިޔާޝްގެ އެދުމަށް އިތުރު މީހަކު ކައިރީ ނުބުނެ މަޑުކުރީ. އޭނާއަށް ވެސް އެނގޭ އެންމެން ހާސްވެގެން ތެޅިގަންނާނެކަން. އަނެއްކާ އަހަންނަށް މި ޚަބަރު ދޭނެގޮތެއް ނުވެސް އެނގޭ. އިޔާޝް އަންނަނާނަމޭ ބުނެ ވައުދުވެފަ އޮތީމަ ޔުމްނާ ވެސް އިޔާޝް ކޮބައިތޯ ވަރަށް އެހިއޭ ޔޫނުސް ބުނި" ބޯޖަހާލަމުން އަޒިކިޔަލް ދެއްކި ވާހަކައިން ޔުއާނާގެ މޫނުގެ ކުލަ ފަނޑުވިއެވެ.
ހަފްލާގެ ކަންތައް ނިމި ދުނިޔެ މައްޗަށް އަނދިރިވީއިރު އެންމެންތައް ސިޓިންރޫމަށް ޖަމާވެ ތިއްބެވެ. އަޒިކިޔަލް, ޔޫނުސް އަދި އޭނާގެ މައިންބަފައިންގެ އިތުރުން ޔުއާނާގެ އާއިލާއެވެ. ޔުމްނާގެ ކައިރީ ސަބާނާ އިންއިރު އެ މޫނުމަތީން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ސޯފާތަކުގެ ފަހަތުގައި ކޮޅަށް ހުރި ޔުއާނާއަށް ކައިރީހުރި އަޒިކިޔަލްއަށް ބަލާލާ އަތުގައި ކޮށްޓާލެވުނެވެ. އޭނާގެ ނުތަނަވަސްކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ހަފްލާ ނިމިގެން އެންމެންތައް ހާޒިރުކުރުމަށްފަހު އެ ޚަބަރު އިއުލާނުކުރީއްސުރެ އެކަކު ވެސް އެއްޗެއް ބުނާތަނެއް ނުފެނެއެވެ. ހަފްލާއަށް ތައްޔާރުވެގެން ތިބިގޮތަށް އެންމެން ތިބިއިރު އެ ހަމަހިމޭންކަމުން ޔުޢާނާގެ ލަގޮނޑިއަށް ބާރުވަނީއެވެ.
އިރުގަނޑެއްގެ ހަމަހިމޭންކަމަކަށްފަހު ސަބާނާ އެންމެންގެ މޫނުތަކަށް ބަލާލިއެވެ. "ނަމާދު ވަގުތު ފާއިތުވަނީ. ޤަދަރުގައި ކޮންމެ ކަމެއް ވެސް ލިޔެވިފައިވާނީ އެންމެ ރަނގަޅަށް. ހުރިހާ ކުދިން ވެސް ނަމާދުކޮށްގެން އާދޭ. މަންމަ ކަންތައްތައް ހަމައަކަށް އަޅުވާނަން." ސަބާނާ ތެދުވުމާއެކު ފަހަރަކު މީހަކު ތެދުވެ ހިނގައިގަނެއްޖެއެވެ.
އަޒިކިޔަލް ވެސް އެނބުރިލީ މިސްކިތަށް ދާށެވެ. ނަމަވެސް އޭގެ ކުރީން ކައިރީގައިހުރި ޔުއާނާގެ އަތުގައި ހިފާލާ މަޑުމަޑުން ފިއްތާލީ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނޭ ބުނާފަދަ ގޮތަކަށެވެ. އެއަށްފަހު އޭނާ ޔޫނުސް ގޮވައިގެން ގެއިން ނިކުމެ މިސްކިތާ ދިމާލަށް މިސަރާބު ޖެހިއެވެ.
މަޣްރިބް ނަމާދުކޮށްގެން ޔުއާނާ ނިކުތްއިރު ޔުމްނާގެ ކޮޓަރީގެ ދޮރު ހިއްމިއަކަށް ހުޅުވިފައި ހުއްޓާ ފެނުނެވެ. ކައިރިވެލުމާއެކު އެތެރެއިން ސަބާނާ ވާހަކަދައްކާ އަޑު އިވުނެވެ.
"ދަރިފުޅު ހިތްވަރުކުރަންވާނެ. އިރާދަކުރެއްވިއްޔާ ޔޫނުސް އާއި ދަރިފުޅު ގުޅެން އޮތީ މާ އުފާވެރި މާ އުޖާލާ ގޮތެއްގައި ކަމަށް ވެދާނެ." ޔުއާނާއަށް ދޮރުފަތްކައިރީން ފާރުގައި ލެނގިލެވުނެވެ.
"މަންމާ. އަހަރެން ހާހެއް ނުވެޔޭ... މިއީ އަހަރެމެން ގުޅުމަށް އައި ހުރަހެއް ނޫނެއްނު. މަންމަ އަހަރެން ގޮވައިގެން ދޯ ދާނީ" ޔުމްނާގެ އަޑު އެއާ ވިދިގެން އިވިގެން ދިޔައެވެ.
ޔުއާނާ ދުރަށް ޖެހިލީ އިތުރަށް އެ ތަނުގައި ކޮޅަށަ ހުންނާނެ ހިތްވަރު ނެތިގެންނެވެ. ޔޫޙް ކޮބައިތޯ ބަލާލަން ސަބާނާގެ ކޮޓަރިއަށް ވަތްއިރު އެނދުގައި އަރާމުކޮށް ނިދާފައި އޮތްތަން ފެނުނެވެ. ޔޫޙްގެ ގައިމަތީ އޮތް ރަޖާގަނޑު ރީތިކޮށްލި ވަގުތު ކައިރީގައި އޮތް ބަޑި ފެނުމާއެކު ޔުއާނާ ހަނދާންވިއެވެ. ހަފްލާ ނިމިގެން ރަންކީ ޖޯޑު ނިކުންނަ ވަގުތު، ގޭޓުގެ މަތީ ރަންކުނޑި އަޅާފައިހުރި ފުއްޕާހަންތައް ގޮއްވާލަން އަޒިކިޔަލްއާއެކު ޔުްާނާ ރޭވިއެވެ. އެ ކަމަށް ޓަކައި ފޮރުވި ބަޑި މަތިން ވެސް ހަނދާން ނެތީއެވެ. ފަހު ވަގުތު ކަންތައްތައް ދިމާވި ގޮތުންނެވެ.
ސަބާނާގެ ކޮޓަރިން ޔުއާނާ ނިކުތް ވަގުތު އަޒިކިޔަލްއާއެކު ޔޫނުސް ވަދެގެން އައިތަން ފެނުނެވެ. އެ ވަގުތު ސަބާނާއާއެކު ޔުމްނާ ވެސް ކޮޓަރީން ނިކުމެއްޖެއެވެ.
"އެންމެ އަވަހަށް ދަންވަރު ތިންގަޑި ބައިގެ ފްލައިޓް. ތިން ޖާގަ ލިބެން އޮތީ. ތަންކޮޅެއް ލަސްވީ. ތަންކޮޅެއް އަވަހަށް ހަމަޖައްސަން އުޅެގެން ވާނީ." ސަބާނާގެ ކައިރީ ހަމަޖެހިލަމުން ޔޫނުސް ބުނެލިއެވެ.
"ކޮންމެވެސް އެއްބަޔަކު މި ކޮޅުގަ މަޑުކުރަން ވެސް ޖެހޭނެއްނު. ޔޫޙް ގެންދޭތަ؟" ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލާލުމާއެކު ޔޫނުސް ބުނެލިއެވެ. އަޒިކިޔަލްއަށް ބަލާލެވުނީ ޔުއާނާގެ މޫނަށެވެ. އެ ވަގުތު ހަތަރުކަޅި ބައްދަލުވުމާއެކު ޔުއާނާގެ ލޮލުން އޭނާއަށް ފާޅުވީ ހާސްކަމެވެ.
"ޔޫނުސް ދާންވީނު މަންމަމެންނާ އެކީ. ފިރިހެނަކު ކޮންމެހެން ވެސް ބޭނުންވާނެ. އަޔާޝް ދޮންބެ ބޭނުމެއްނުވޭ އެހާ ދިގު ދަތުރެއް ޔޫޙް ގޮވައިގެން ކުރާކަށް." އަޒިކިޔަލް ބުނެލިއެވެ. ސަބާނާ ވެސް އެއްބަސްވުމަށް ބޯ ޖަހާލީއެވެ.
ޔުމްނާގެ މިލާފައިވާ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު ޔުއާނާ ކައިރިވެލާ އެއްފަރާތުން ބައްދާލައިފިއެވެ." ޔޫޙް ފެނުނީމަ އަޔާޝްދޮންބެ މާބޮޑަށް ހިތްދަތިވެދާނެ. އަހަރެމެން ޔޫޙް ބަލާނަން ދޯ އަޒިކިޔަލް." ހާލަތުގެ ގޮތުން ދާން ކިތަންމެ ބޭނުންވި ނަމަވެސް ޔުއާނާ އޭނާގެ ބުއްދީގެ ބޭނުން ކުރިއެވެ.
ޔޫނުސްއާއި ޔުމްނާ ދެ ތަނެއްގައިހުރެ ދިމާވި ކަންތައްތަކާ މެދު ހިތާމަކުރަން ޔުއާނާ ބޭނުންނުވީއެވެ. ޔުމްނާގެ ހިތަށް ކުޑަ ވެސް ރާޙަތެއް ކުރާނީ އޭރަށް ކަން ޔުއާނާއަށްއިނގޭތީއެވެ. އަނެއްކާ ޔޫޙް އެންމެ ބޮޑަށް ދޯޅީ އޭނާއާއި އަޒިކިޔަލް އާއެވެ.
މަޝްވަރާކުރުމަށްފަހު ބޭރަށް ދާގޮތަށް ހަމަަޖެހުނީ ޔުމްނާއާއި ޔޫނުސްގެ އިތުރުން ސަބާނާއެވެ. އަޒިކިޔަލްއަށް ސަބާނާ އެންގީ އެ ގެއަށް ބަދަލުވުމަށެވެ. ކަންތައްތައް ދާލެއް އަވަސްކަމުން ޔުއާނާއަށް ވާނުވާ އެއް ނޭނގުނެވެ. އިހްސާސްކުރާނެ ގޮތެއް ނޭނގި އެންމެން ވެސް ފެނުނީ ހިތްވަރުކޮށްފައި ދަތުރަށް ތައްޔާރުވާތަނެވެ.
އަޔާޝްގެ ހާލަތު ދަށްވަމުންދާކަމުގެ ޚަބަރު ލިބުނީ އެރޭގެ ބާރަ ޖެހިއިރުއެވެ. ޚަބަރު ދޭން ގުޅި އަޝަލްގެ ބައްޕަގެ އަޑު ވެސް ތުރުތުރުލައެވެ. ސަބާނާގެ ދެ ލޯ ފެންކަޅިވި ނަމަވެސް ނުހަނު އަވަހަށް އެ އަސަރުތައް ފޮރުވާލައިފިއެވެ.
ފުރަން އެންމެން ނިކުމެ ތިބިއިރު ޔޫނުސްގެ އާއިލާއިން ވެސް އެކި ކަންކަމުގައި އެހީތެރިވާތަން ފެނުނެވެ. ޔުސްރާ, ނިދިފައި އޮތް ޔޫޙްގެ ކައިރީގައި ބެހެއްޓުމަށްފަހު ޔުއާނާ ވެސް ބަނދަރުމައްޗަށް ދިޔައެވެ.
ވަދާޢުގެ ސަލާމް ކުރަންވީއިރު ޔުމްނާއަށް ރޮވިއްޖެއެވެ. ހިތްވަރުކުރި ނަމަވެސް ޔުއާނާގެ ދެ ލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހާލުމާއެކު ޔުއާނާ ޔުމްނާގެ ގައިގައި ބައްދާލިއެވެ.
"އަޒިކިޔަލް... މަންމަ ބުނި ވާހަކަތައް ހަނދާންކުރައްޗޭ. ވީ ވަޢުދު ފުއްދާނެކަމަށް މަންމަ މި ބަލަނީ" ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް ސަބާނާގެ ދުލުން މަންމަ ކިޔައިދިން އަޑު އިވުމާއެކު އަޒިކިޔަލްގެ ހިތް ފުރިއްޖެއެވެ. ކައިރީހުރި ޔުއާނާގެ ސުވާލުގެ ނަޒަރު ފެނުނު ނަމަވެސް އަޒިކިޔަލް އެ ކަން ނުފެންނަ ކަމަކަށް ހެދިއެވެ. ސަބާނާގެ އަތަށް ފިތާލުމާއެކު އަޒިކިޔަލް ބުނެލީ ހާސްނުވުމަށެވެ.
ޔޫނުސް ފުރުވުމަށް އައިސްތިބި މީހުންގެ ތެރެއިން ޔަޒާ ފެންކަޅިވެފައި ހުރުމުން ޔޫނުސް އެ ކުއްޖާ މަސަލަސްކުރަން އުޅޭތަން ފެނެއެވެ. އޭނާއާއެކު އަޝްބާ އައިސް ހުރި ނަމަވެސް އޭނާ ހުރިކަން ވެސް ޔުއާނާއަށް ފާހަގަވީ ކައިރިއަށް އައިސް އަޒިކިޔަލްއާ ވާހަކަދެއްކުމުންނެވެ. އޭރު މާލެއަށް ދާން ލާންޗު ނައްޓާލީއެވެ. ލޮލުފިޔައެއް ޖަހާލުމެއްނެތި އަވަސްއަވަހަށް ދަތުރައިގެން އުޅުން އިރު އެންމެންގެ ލޯމަތީން ވެސް ވަރުބަލިކަން ފެނެއެވެ. ދަންވަރުގެ ވަގުތު މަގުތައްމަތީން ދިރޭ ފުރާނައެއްގެ ހިލަމެއްނުވާއިރު އެ ހަމަހިމޭންކަން ވެސް ޙާލަތުގެ ނާޒުކުކަން ތަޞައްވުރުކުރާފަދައެވެ.
ކަރުނަތައް ކޮންޓްރޯލްކޮށްގެން ވާޓަރާއި ދުރުވަމުންދިޔަ ލޯންޗަށް ބަލަހައްޓައިގެންހުރި ޔުއާނާއަށް ހަމަހޭވެރިކަން ވީ އަޝްބާގެ އަޑަށެވެ.
"ދެން ތި ދެމީހުން އެކަނި ތަ އެ ގޭގަ އުޅޭނީ؟" ވެރިވެފައިވި މާޔޫސްކަމުގެ ހަމަހިމޭންކަމުގެ އަސަރެއް އަޝްބާގެ ހިތަށް ނުކުރާ ފަދައެވެ.
ލޮލުކޮޅަށް އޮބާލި ލޯންޗުން ނަޒަރު ބަދަލުކޮށްލަމުން ޔުއާނާ ފަސްއެނބުރި ހިނގައިގަތީއެވެ. ވަށައިގެން ހިނގާ ކަންކަމާމެދު ވިސްނައި ފިކުރު ކުރާނެހާ ވަރެއް އޭނާގެ ނެތެވެ. އެއަށްވުރެ އޭނާ ވަނީ ބަލިކަށިވެފައެވެ. އަޒިކިޔަލް ވެސް ޔޫނުސްގެ އާއިލާއަށް ވަދާޢު ކިޔުމަށްފަހު ޔުއާނާގެ ފަހަތުން ހިނގައިގަތީއެވެ. އަޝްބާގެ ސުވާލަށް ރައްދެއް ދިނުން މުހިންމު ކަމެއްގެ ގޮތުގައި އޭނާ ނުދެކެއެވެ.
ހަމަހިމޭންކަމުގައި ގެއާ ހަމައަށް އާދެވުނުއިރު ސިޓިންރޫމުގައި ޔުސްރާ އިނެވެ. ޔުއާނާ ފެނުމާއެކު ތެދުވެ ވާހަކަދައްކަންފަށައިފިއެވެ. "އެބައޮތް ލޯބިކޮށް ނިދާލާފަ މާޝާ ﷲ. ނުހޭލަ" ހިނިތުންވެލުމާއެކު ދެން ދަނީ ކަމަށް ބުނެ ޔުސްރާ ގެއިން ނިކުތެވެ.
ޔުއާނާގެ ހިފެހެއްޓުންތެރިކަން ނެތިގެންދިޔައީ ޔުސްރާގެ ފައިހިލަވަޅު އޮބުމުންނެވެ. ސޯފާ މައްޗަށް ތިރިވުމާއެކު ނުހަނު އަވަހަށް ޔުއާނާއަށް ގިސްލެވިއްޖެއެެވެ. ހިތަށް ދަތިވުމާއެކު ބޭރު ދޮރު ތަޅުލައިފައި އައި އަޒިކިޔަލް ކައިރިވެލީއެވެ. އެއާއެކު އޭނާގެ އަތުތެރެއަށް ޔުައާނާ ލައިފިއެވެ. ކަންތައްތައް ހިނގައިދިޔަ ގޮތާމެދު ވިސްނިވަރަކަށް ޔުއާނާގެ ރުއިން ގަދަވެއެވެ. އެއްޗެކޭ ނުބުނެ އަޒިކިޔަލް އިންގޮތަށް އިނީއެވެ. އޭނާގެ މޭ ތެމެމުން ދިޔައީ ޔުއާނާގެ ހޫނު ކަރުނަ ތަކުންނެވެ.
ޔުއާނާގެ ހަރަކާތް މަޑުވެލިހެން ހީވެ އަޒިކިޔަލް ބަލާލިއެވެ. އޭރު ވެސް އޭނާގެ ދެ ތުންފަތް ދޭތެރެއިން ގިސްލުމުގެ އަޑު އިވި އިވި ހުއްޓެވެ. ރުއިމުގެ ސަބަބުން މޫނު ރަތްވެފައިވާއިރު އެސްފިޔަތަކުގައި ކަރުނައިގެ ތެތްކަން އޭރު ވެސް ވެއެވެ.
ގޭތެރޭގެ ހަމަހިމޭންކަމަށް ބަލާލުމަށްފަހު އަޒިކިޔަލް ޔުއާނާއާއެކު ސޯފާގައި ހަމަޖެހިލިއެވެ. ކަންތައްތައް ގޮސްފައިވާ ހިސާބަށް ވިސްނާލުމާއެކު އޭނާގެ ހިތުގެ އަޑު ގަދަވެއްޖެއެވެ. ޔުއާނާއާއި ޔޫޙްގެ ދެމައިން އޭނާގެ ޒިންމާއެއްގެ ގޮތުގައި މިނިވަންކަމާއެކު ލިބުނީއެވެ. އޭނާ އެ ދެމައިންނަށް ރައްކާތެރިވާނެއެވެ. ޖެހިފައިވާ މި ދަތި ދަނޑިވަޅުގައި ހިޔާވައްސެއްކަމުގައި ވާނެއެވެ. އޭނާގެ ހިތަށާއި ސަބާނާއަށް ވީ ވައުދު ފުއްދާނެއެވެ. ޔުއާނާގެ ދިގު އެސްފިޔަތަކުގައި އިނގިލިން ބީއްސާލުމަށް އަޒިކިޔަލްގެ ހިތަށްއެރިއެވެ. ނަމަވެސް ހަށިގަނޑަށް ވެރިވެފައިވާ ލޮޑުކަމާއެކު އިންގޮތަށް އިނދެ އަޒިކިޔަލްގެ ލޯ ވެސް މެރުނީއެވެ. ޔުއާނާ ވެސް ނިދީތެރޭ އިހުނަށްވުރެ ރަނގަޅަށް ހަމަޖެހިލިއެވެ.