“އެއީ ޒާރާގެ ދީނާއި އީމާންކަމަކީ ފައިސާއަށް ވެފައި ވާތީ ވެގެން އުޅޭގޮތެއް.” އަޙްސަން އޭނާއަށް މަލާމަތްކޮށްލިއެވެ. އެކަމަކު ޒާރާ އޭނާގެ ވާހަކަޔާ ދެކޮޅު ހެދުމުގެ ބަދަލުގައި އެއްބަސްވީއެވެ.
“އާނ… އަހަރެން ގަބޫލުކުރާ ގޮތުގައި ފައިސާ ނެތިއްޔާ ދިރިއުޅުން ވެގެން ދާނީ ބޭކާރު އެއްޗަކަށް.” އޭނާ އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ. “ފައިސާގެ ބޭނުންތެރިކަމާމެދު އަޙްސަބނަކަށްވެސް ދެކޮޅެއް ނުހެދޭނެ. އަހަރެމެންގެ ގެއާއި އަޙްސަންމެންގެ ގެއާއި އެހެން ގޭގެއާ ނުގުޅެނީ ހަމަ ފައިސާގެ ތަފާތު އޮންނާތީ.”
“ޒާރާ ބޭނުންވަނީ ހަމަހަމަވާންތަ؟”
“އަހަރެން ބޭނުންވަނީ ހަމަހަމަ ވާކަށް ނޫން. އެ މީހުންނަށްވުރެ ކުރިއަށް ދާން. މައްޗަށް އަރައިގެން ދިޔަދިޔައީނުން ގޮސް ތިރިއަށް ބަލައިލީމާ އެ ހުރިހައި އެންމެންނަކީ ކުދިކުދި ހިނި ފަދައިން ފެންނަ ހިސާބަށް މައްޗަށް ދާން.”
“ތިޔައީ އެހައި ފަސޭހަކަމެއް ނޫން.”
“އުނދަގޫ ކަމެއްވެސް ނޫން.” އޭނާ ބުނެލިއެވެ.
“ބަލަން ހުންނާތި. އެއްދުވަހަކުން އަހަރެން މިއީ ތިމާގެ މީހެކޭ ބުނަން އެ މީހުން ފަޚުރުވެރިވާނެ. އެ ދުވަސް އަދި އަންނާނެ.”
“އެ ދުވަސް އައީމާ ޒާރާ އެއިން މީހަކާ އަޅައެއް ނުލާނަން ދޯ؟”
“އާނ… އަޅައެއް ނުލާނަން… މިއަދު އެމީހުން އަހަރެމެންނާ ދޭތެރޭ ކަންތައްކުރާ ގޮތަށް މާދަމާ އަހަރެންވެސް ކަންތައް ކުރާނަން”
“ޒާރާ. އަހަރެން ހީކުރީ ދެންމެ ދެއްކި ވާހަކަތަކަކީ ސަމާސައަކަށް ދެއްކި ވާހަކަތަކެއް ކަމަށް. އެކަމަކު މިހާރު އެބަ އެނގޭ. އެއީ ސަމާސާ ވާހަކަތަކެއް ނޫންކަން… ޒާރާގެ މުސްތަގުބަލު ރާވާފައި އޮތީ ކިހިނެއްކަން ބުނެދީފާނަންތަ؟”
“ފައިސާގެ މައްޗަށް. ހަމައެކަނި ފައިސާގެ މައްޗަށް.”
“ތަންކޮޅެއް ތަފްސީލުކޮށް ކިޔައިދީ.”
“އާނ… އަޑުއަހާ.” އޭނާ ތަފްސީލުކޮށް ކިޔައިދޭން އުޅުނު ތަނާ އަނެއްކާވެސް މަންމަ ގޮވައިލި އަޑު އިވިއްޖެއެވެ. “ޒާރާ. އަދިވެސް އިންތަނުން ގުޑައިވެސްނުލައި އިނީތަ؟ ކަލޭގެ ބައްޕަ ދުރުވުމުގެ ކުރިން ރޮށި ފިހެން ވާނެ.”
“ބައްޕަ ދުރުވާނީ އަދި ވަރަށް ފަހުން.” އޭނާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.
“މާލަހެއް ނުވެ ދުރުވާނެ… ކަލޭ ރޮށި ފިހޭވަރަށް ބަލާއިރު އެންމެ ރޮށްޓެއް ފިހެވޭއިރު ދުރުވެދާނެ.”
“ސެހެރް. ހިނގާ… ކަލޭވެސް އަހަންނާ އެކީގައި ހިނގާ.” އޭނާ ހިތާ ދެކޮޅަށް އިންތަނުން ތެދުވެއްޖެއެވެ.
“ދައްތާ… އަހަރެން ދަސްކުރަން ވަރަށް ގިނަ ފިލާވަޅު އެބަހުރި.”
“މިރޭ ދަސްކުރާނީ… މިހާރު ހިނގާ.” އޭނާ އަތުގައި ހިފައި ދަމަން ފަށައިފިއެވެ.
* * *
ޓައިޕްކުރަން ދަސްކުރާށާއި ޝޯޓް ހޭންޑް ދަސްކުރަން ދާ އިންސްޓިޓިއުޓުން ނިމިގެން އޭނާއަށް ގެއަށް އާދެވެނީ ހަވީރު ހައެއް ޖަހާއިރުއެވެ. ގެއަށް އާދެވޭއިރު ހުންނަނީ ކުޑަކޮށް ވަރުބަލިވެފައެވެ. އެކަމަކު ވެފައި ހުންނަ ވަރަށްވުރެވެސް މާބޮޑަށް ވަރުބަލިވާކަމަށް އޭނާ ހެދެނީ ކައްކަން ދާށޭ މަންމަ ބުނެފާނެތީއެވެ. މިއަދުވެސް ގެއަށް ވަންގޮތަށް ބޫޓު ބާލައި އެއްލައިލުމަށްފަހު އޭނާގޮސް އޮށޯތީ އުނދޯލީގައެވެ. އޮށޯވެ އޮވެގެން އަސްމާއަށް ގޮވައިލިއެވެ.
“އަސްމާ… ފެންތަށްޓެއް ގެނެސްދީބަލަ. ވަރަށް ބޮޑަށް ފެންބޮވައިގެންފި.” އޭނާ ތުންފަތުގައި ދޫ ކާއްތައިލުމަށްފަހު ލޯމަރައިލިއެވެ. “ދައްތާ. މިހިރީ ފެންތަށި.” އޭނާ ލޯހުޅުވައިލީ އަސްމާގެ އަޑަށެވެ. ފެންތަށި ތުނބުގައި ޖެހިގޮތަށް ނައްޓައިލީ ހުސްކޮށްލައިފައެވެ.
“ދައްތާ!” އަސްމާ ތަށި އަތުލުމަށްފަހު އުނދޯލީގައި އިށީނދެއްޖެއެވެ.
“ދައްތައަށް އެނގޭތަ؟ ޙިނާދައްތަ އެންގޭޖްވަނީ؟”
“ކޮން ދުވަހަކު؟”
“މާދަމާ.”
“ކާކު ބުނީ؟”
“ކާޑު ހިފައިގެން ބޮޑު ބައްޕަ އައިސް ބުނީ.”
“އެހެންތަ؟” އޭނާ ވެފައި ހުރި ވަރުބަލީގެ މަތީން ހަނދާން ނައްތައިލާފައި ތެދުވެ އިށީނދެއްޖެއެވެ.
“އެހެން ވާހަކަތައް އޮޅުން ފިލުވާނީ މަންމަޔާ ވާހަކަ ދައްކައިގެން.”
އޭނާ އެ ދިޔަގޮތަށް ދިޔައީ މަންމަގެ ކައިރިއަށެވެ. މަންމަ އޭނާއަށް ވަރަށް ތަފްސީލުކޮށް ހުރިހައި ވާހަކައެއް ކިޔައި ދިނެވެ. އެހެންނަމަވެސް މި ގެއިން ދަޢުވަތު ލިބުނީ އެންމެ ދެ މީހުންނަށޭ ބުނީމާ އޭނާގެ ހުރިހައި އުއްމީދެއް ވެއްޔާ މޮޑެވިގެން ހިނގައްޖެއެވެ. އޭނާ ތުން ދަމައި އޫކޮށްގެން ހުރެ ބުންޏެވެ.
“އެކަކުވެސް ދާނެކަމެއް ނެތް.”
“ނޫނޭ. ނުގޮހެއް ނުވާނެ… އަހަންނަށް ފެންނަނީ ކަލޭމެން ތިން އަންހެން ބެއިން ދާން.”
“ދެ މީހުންނަށް ދަޢުވަތު ފޮނުވީމާ ދާންވީ ތިން މީހުންތަ؟”
“އެއީ މާ ބޮޑު މައްސަލައަކަށް ނުވާނެ.”
“ބޮޑު މައްސަލައަކަށް ވާނެ. އެކެއްގެ ކާއެއްޗެހި މަދު ވެއްޖެއްޔާ އެމީހުން ކިހައި ލަދެއް ގަންނާނެ.”
“ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ އެއީ ބޮޑެތި މީހުން. އެ މީހުންނަށް ކާއެއްޗެހި މަދެއް ނުވާނެ.”
“ބޮޑެތި މީހުންނޭ!؟” ޒާރާ މަލާމަތުގެ ރާގަކަށް ހީނލިއެވެ. “ބޮޑެތި މީހުން ކަންތައް ކުރި ގޮތް މަންމައަކަށް ނުފެނޭތަ؟ މިގެއިން ދައުވަތު ދިނީ އެންމެ ދެ މީހުންނަށް… މަންމާ… ބުނަންތަ؟ މިގެއިން އެކަކުވެސް ގޮސްގެން ނުވާނެ.”
މިހެން ބުނެފައި އޭނާ އެދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އެނދުމައްޗަށް ބަނޑުން ވެއްޓިގެންފައި އާދައިގެ މަތީން ރޯން ފެށީއެވެ.
އޭގެ އަނެއް ދުވަހު ޕާޓީއަށް މަންމަ ދިޔައީ ސެހެރާއި އަސްމާއާ ގޮވައިގެންނެވެ. އޭނާ ހުރީ އެކަމާ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. އައި ރުޅީގައި ގޮސް މުޅި ހަށިގަނޑު ނިވައިވާ ގޮތަށް ރަޖާލައިގެން އޮށޯތީއެވެ. އެހެން އޮވެގެން ތިމާގެ އަގެއް ނެތްކަމާ މެދު ވިސްނަނީއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައްތައް ކުރާނޭ ގޮތް ރާވަމުން ދަނީއެވެ.
އަޙްސަން އައިސް ރަޖާ ދަމައިގަތީ އެހެން އޮއްވައެވެ.
“ތިޔައީ ކޮން ކަމެއް؟” އޭނާ ހަޅޭއްލަވައިގަތެވެ.
“މިއީ މީހުން ނިދާ ގަޑިއެއްތަ؟” ޒާރާގެ ރުޅިއަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި އަޙްސަން އަހައިލިއެވެ.
“އަޙްސަނަކާ ބެހޭ ކަމެއް ނޫން.” އޭނާ އަނެއްކާވެސް ރަޖާ ލައިގެން އޮށޯންނާން އުޅުނެވެ. އެކަމަކު އަޙްސަން އަނެއްކާވެސް ރަޖާ ގަނޑުގައި ހިފައި ދަމައިގެންފިއެވެ.
“މިއަދު ރަޖަޔާ މާ ދޯޅު ވެގެން ތިޔަ އުޅެނީ ކީއްވެގެން؟”
“އަހަރެން ރަޖަޔާ ދޯޅުވަނީ ކިހިނެއް ވީމާކަން އަޙްސަނަށް އެނގެއެއްނު؟”
“އާނ!” އަޙްސަން ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
“މިއަދު ކުރިމަތިވީ ކޮން މައްސަލައެއް؟”
“މިއަދު ހިނާގެ އެންގޭޖްމަންޓް ޕާޓީ އެބައޮތް؟”
“އެއީ މައްސަލައެއްތަ؟”
“އެއީ މައްސަލައެކޭ އަހަރެން ނުބުނަމެއްނު؟”
“އެހެންވެއްޖެއްޔާ މައްސަލައަކީ ކޮބާ؟”
“ސެހެރާއި އަސްމާޔާ ގޮވައިގެން މަންމަ އެ ޕާޓީއަށް ހިނގައްޖެ.”
“އެހެންތަ؟ ޕުއްޕާފައި ތިޔަ އޮތީ އެ ޕާޓީއަށް ނުދެވިގެން ކަމަށްވަންޏާ ހިނގާ. އަހަރެން އެ ގެއަށް ގެންގޮސް ދީފާނަން.”
“އަހަރެން ދެރަވަނީ އެ ޕާޓީއަށް ނުދެވިގެނެއް ނޫން… އެ މީހުން ދިޔައީތީ.” އޭނާ ބުންޏެވެ. “ނިކަން ވިސްނާލަބަލަ… އެގޭ ޕާޓީއަށް ކިޔާފައި އޮތީ އެންމެ ދެ މީހުންނަށް. ނުކީނަމަ އެއަށްވުރެ މާ ރަނގަޅުވީސް.”
“އަހަންނަށް ހީވަނީ އެއީ މީހަކު ރުޅި އަންނަވަރުގެ ކަމެއް ނޫންހެން. އެއީ އެންގޭޖްމަންޓެއްނު؟ ކާވެނި ޕާޓީގައި ތިޔަހެން ހަދައިފިއްޔާ ރުޅިއަންނަން އެންމެ ރަނގަޅު.”
“ބަލަ އެހެން ހެދީ ހަމައެކަނި އަހަރެމެންނަށޭ. ޢާއިލާގެ މުއްސަނދީންގެ އެންމެންނަށް ކިޔައިފައި އެބައޮތް.” އޭނާ އަޙްސަންގެ ވާހަކަ މެދުކަނޑައިލިއެވެ. “އަހަރެންމެންނަށް އެހެން ހެދީ އަހަރެމެންގެ އަތުގައި ފައިސާ ނެތީމާ.”
“ޒާރާ ދައްކާ ކޮންމެ ވާހަކައެއް ގޮސް ފައިސާގައި ތިޔަ ޖެހެނީ ކީއްވެގެން؟”
“އެއީ ހުރިހައި އިމްތިޔާޒެއްގެ ސަބަބަކީ ފައިސާ ކަމަށް ވާތީ.”
“ދެން ތިޔަ ވާހަކަ ހުއްޓާލާ! އިއްކޫ ފޫހިވެގެން މުޅި ގޭތެރޭގައި އެބަ އެނބުރޭ…” އަޙްސަން އޭނާގެ ސަމާލުކަން އެހެން ކަމެއްގެ މައްޗަށް އަނބުރައިލެވޭތޯ މަސައްކަތް ކުރިއެވެ. އެއީ ފައިސާގެ މައުޟޫއަށް ވާހަކަ ދައްކާން ފަށައިފިއްޔާ އެތައް އިރަކުން ނޫނީ ނުނިމޭނޭކަން އެނގޭތީއެވެ.
“އިއްކޫ…” އޭނާ އެނދުގައި އެ އޮތް ގޮތަށް އޮވެފައި ވަރަށް ބާރަށް ގޮވައިލިއެވެ. އަޑު އިވުމާއެކު އިއްކޫ ދުވެފައި އަތުވެއްޖެއެވެ.
“ބަދިގޭގެގައި ކިރު ހުރިތޯ ބަލާބަލަ… ނެތިއްޔާ ގަނެގެން އާދޭ… އަހަރެން ސައި ހަދައި ދޭނަން.”
“ކިރެއް ނެތް.”
“މިތާގައި ހުރެގެން އެނގެނީ ކިހިނެއް؟”
“ހުރި ކިރުފޮދު އަހަރެން ބޯލައިފިން.”
“އެކަނި ބޯލީތަ؟”
“ދޮންދައްތަ އޮތީ ނިދާފައި. ހުރީ ކުޑަކުޑަ ކިރުފޮދެއް.” އިއްކޫ އަތުން ދައްކައިލަމުން ބުނެލިއެވެ.
“އެންމެ ރަނގަޅު. ދެން އަވަހަށް ގޮސް ކިރު ގަނެގެން އާދޭ.” އޭނާ ތެދުވަމުން ބުނެލިއެވެ. “އަޙްސަން ކާނަންތަ؟”
“ނޫނޭ… ނުކާނަން. ސައިތަށްޓެއް ދީ.”
“ދޮންދައްތާ! އަޙްސަންބޭބެ ކައިރިން އަހަނީ ކީއްކުރަން؟ ދޮންދައްތަ ބޭނުމިއްޔާ ކެއީމާ ނިމުނީއެއްނު؟”
އޭނާ އިއްކޫއާ ދިމާއަށް ކަޅި އަޅައިލާފައި ބަދިގެއާ ދިމާއަށް ހިނގައިގެންފިއެވެ.
ކުޑަ އިރުކޮޅެއް ފަހުން ފެނުނީ ސައި ހިފައިގެން ބަދިގެއިން ނުކުމެގެން އައިތަނެވެ. އޭނާ އައިއިރު އިއްކޫ އިނީ އަޙްސަން ކައިރިން ހިސާބު ނަންބަރެއް ހަދާނޭގޮތް އޮޅުން ފިލުވާށެވެ.
“އަވަހަށް ސައި ބޯން ފަށާ.” އޭނާ ތަބަށް މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ.
“އަހަންނަށް ހީވަނީ ބައްޕަވެސް އޮފީހުން ދުރުވާނީ ބޮޑު ބައްޕަގެ ގެއަށްހެން…” އޭނާ އަމިއްލައަމިއްލައަށް ވާހަކަ ދައްކާ ކަހަލަ ގޮތަކަށް ބުނެލިއެވެ. މި ވާހަކަ އަކަށް އަޙްސަން ވެސް އިއްކޫވެސް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.
“ބައްޕަ އެ ގެއަށް ދުރުވުމަކީ ރީތި ކަމަކަށް ނުވާނެ… މިހާރުވެސް ދެ މީހުންނަށް ދަޢުވަތު ދިނީމާ ތިން މީހުން ހިނގައްޖެ… ބައްޕަ ދުރުވީމާ ހަތަރު މީހުން ވާނެ…”
“ބައްޕަ ދުރުވީމާ އެ ގެއަކުން ނެރެއެއް ނުލާނެތަ؟”
“ނެރެލަންވީ ކީއްވެގެން؟”
“އެހެންވެއްޖެއްޔާ ދެން ތިޔަ ދައްކަނީ ކޮން ބޭކާރު ވާހަކައެއް؟”
އަޙްސަނަށް އަނގައިން ބުނާން މަޖްބޫރުވީ އޭނާގެ ވާހަކައިން ބޮލަށް އުނދަގޫވީ ވަރުންނެވެ. “ޒާރާ! އަހަންނަށް ހީވަނީ ޒާރާއަށް ނަފްސާނީ ބައްޔެއް ޖެހުނީހެން. އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވެނީ އެހެންވެގެން.”
“އެހެންނެއް ނުވާނެ… އަހަންނަކަށް އެއްވެސް ބައްޔެއް ނުޖެހޭ.”
“އެހެންވެއްޖެއްޔާ ކޮންމެ މީހަކުވެސް އެމީހެއްގެ ހައިސިއްޔަތާއެކު ގަބޫކުރަން ދަސްކުރޭ! އެހެން މީހުންނާ ތިމާޔާ އަޅައި ބެލުމުގެ ބޭނުމެއް ނެތް. އެވެނި މީހަކު އެހެން ހަދައިފި. މިވެނި މީހަކު އެހެން ބުނެފި. މިކަހަލަ ވާހަކަތައް ދެއްކީމާ ގެއްލުން ވާނީ ހަމަ އަމިއްލަ ނަފްސަށް. އެހެން މީހަކަށް ވާނޭ ގެއްލުމެއް ނޯންނާނެ.”
“އަޙްސަން. އެއީ އޭނާގެ ގޮތޭ އެހެންވީމާ ރަނގަޅޭ ބުނާ އުސޫލަކަށް އަހަރެންނަކަށް ނޫޅެވޭނެ. އެއީ އެހުރިހައި އެންމެންނަކީ އަހަރެމެންގެ ތިމާގެ މީހުން ކަމަށްވާތީ. އެ މީހުން ކަންތައް ކުރާ ގޮތުން އަހަރެމެން ހިތަށް އަސަރުކުރޭ. ދެރަވުމަށް ވުރެ ބޮޑަށް އަހަރެންގެ ގާތަށް އަންނަނީ ރުޅި. އަހަރެންގެ ހިތަށް އަރަނީ ކުއްލިއަކަށް އެހުރިހައި އެންމެންނަށް ވުރެ ބޮޑު މީހަކަށް ވެވޭނެ ނަމައޭ.”
“ޒާރާ.” އަޙްސަން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. “މި ޒަމާނަކު ޒާރާ ތިޔަ ހީކުރާ ކަހަލަ ގޮތަކަށް ކަންތައްތަކެއް ނުވާނެ. ތިޔަ ބުނާ ކަހަލަ ތަފާތު އޮންނަނީ ޒާރާއާއި އަހަރެންގެ ޢާއިލާގައި އެކަންޏެއް ނޫން. ހުރިހައި ޢާއިލާއެއްގައިވެސް އެ ތަފާތު އޮވޭ. ބޮޑެތި މީހުން، ނޫނީ މުއްސަނދި މީހުންގެ ކޮޅަށް އެންމެންވެސް ޖެހޭނެ.”
“ފައިސާގެ ކޮޅަށް އެންމެން ޖެހޭނޭ ކަމަށް އަޙްސަންވެސް ތިޔަ އިޢުތިރާފު ވަނީއެއްނު؟”
“އަހަރެން އެކަމަކާ ކުރީންވެސް ދެކޮޅެއް ނުހަދަން. އެކަމަކު…”
“ހުއްޓާލާ! ދެން އިތުރު ވާހކަ ނުދައްކާ. އަޙްސަނަކަށް އަހަރެން ބަލިކޮށެއް ނުލެވޭނެ.” އޭނާ ތެދުވެއްޖެއެވެ. އަދި ހުސް ތަށްޓާއި ތަބަށް ހިފައިން ހިނގައިގެންފިއެވެ. ދަމުން ދަމުން ބުންޏެވެ.
“ފަގީރު ކަމަށް ކެތްކޮށްގެންނެއް އަހަންނަކަށް ނުހުރެވޭނެ. ދަތި ޙާލުގައި އުޅުނު ދުވަސްތައް މަދެއް ނޫން. އެވަރުން ފުދޭ. ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލަ އެދުންތަކުގެ މައްޗަށް ފައިން އަރައި ޗިސްކޮށްލައިގެން ހުންނާކަށް އަހަރެން ބޭނުމެއް ނޫވޭ.”
އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އަދި ބޭރުގައި ހުރެގެން އޭނާ ދެންމެ ނުކުތް ކޮޓަރިއާ ދިމާއަށް ބަލައިލިއެވެ. އެހެން އިރުކޮޅަކު ހުރެފައި އިއްކޫއަށް ގޮވައިފައި ކޮންމެވެސް ކަމެއް ކުރާން ބުނެފިއެވެ. އަދި މަޑުމަޑުން ހިނގައިފައި ގޮސް ބަދިގެއަށް ވަދެއްޖެއެވެ.
“ޒާރާ ދެންމެ ދެއްކި ވާހަކަތަކުން އަހަރެންނަށް އެނގުނު ގޮތުގައި ޒާރާ ދެކެނީ ވަރަށް މޮޅު ހުވަފެން. އެހެންވީމާ އަހަރެން ކަހަލަ އާދައިގެ މީހަކަށް ޒާރާގެ ދިރިއުޅުމުން ލިބޭނޭ ޖާގައެއް ނެތްކަން އަހަންނަށް އެނގޭ. އެކަމަކުވެސް އަހަރެން ޒާރާއަށް ލޯބި ހުށަހަޅާކަށް ޖެހިލުމެއް ނުވޭ.”
“އަޙްސަން؟” އޭނާ އެނބުރި ބަލައިލިއެވެ.
“އާނ. ޒަރާ ބުނަނީ ކީކޭ؟”
“އަހަރެންގެ ފުރަތަމަ ސުވާލަކީ އަޙްސަނަށް އަހަންނަށް ދެވޭނީ ކޮން އެއްޗެއް ހެއްޔޭ؟”
“މިހާރު ވެސް ޒާރާ ތިޔަ އުޅޭކަހަލަ ގެއެއް އަހަރެން ދޭނަން.—ދެން ޒާރާ ދެކެ ލޯބިވާ ބަޔަކު. އެންމެ ބޮޑު އެއްޗަކަށް ދޭނީ އަހަރެންގެ ލޯބި. އެއީ އެއްވެސް އަމިއްލަ އެދުމެއް ނެތް ސާފު ލޯތްބެއް.”
“އަޙްސަންގެ ލޯތްބަކުން އަހަރެންގެ މާއްދީ އެދުންތަކެއް ނުފުދޭނެ. ދުނިޔޭގެ ހުރިހައި އުފަލެއް އެއްފަހަރާ ލިބުމަކީ އަހަރެން އެދޭ ގޮތް.”
“އަހަންނަކަށް ތިޔަ ކަމުގެ ވަޢުދެއް ނުކުރެވޭނެ. އެކަމަކު މަޑުމަޑުން ގޮސް ޒާރާ ބޭނުންވާ ކަހަލަ ދިރިއުޅުމެއް ހޯދައި ދެވޭތޯ ބަލާނަން.”
“މަޑުމަޑުން؟” ޒާރާ އޭނާގެ ޖަޒްބާތަށް މަލާމަތްކޮށްލިއެވެ.
“އެއީ ކޮން ދުވަހަކު؟ އަޙްސަން މުސްކުޅިވެ ނުހިނގޭ ވަރުވާ ފަހުންތަ؟ އަހަރެންގެ ލޯބޯ ކޮށިވެ، ތަނެއް ދޮރެއް ނުފެންނަ ވަރުވާ ފަހުންތަ؟ އަޙްސަން. އަހަންނަކަށް އެހައި ގިނަ ދުވަހަކު އިންތިޒާރެއް ނުކުރެވޭނެ.”
އޭނާ އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކާން ފެށިއެވެ.
“ވިސްނާލަބަލަ. ދެ މީހުންގެ ހާލަތު އެ ހިސާބަށް ދާފަހުން ލިބޭ ތަނަވަސްކަމެއްގެ ފައިދާ އަކީކޮބާ؟ އަމިއްލައަށް ކާރު ދުއްވީމާ ލިބޭ އުފަލަކީ ވަކި ކަހަލަ އުފަލެއް. ތިޔަ ބުނާހައި ދުވަސް ފަހުން ލިބޭ ކާރު ދުއްވާން ޑްރައިވަރަކު ނުހޯދައެއް ނުވާނެ. ހެނދުނު ތެދުވެގެން ގޭގެ ބެލްކަނީއަށް ނުކުމެ ހުރުމަކީ އަހަރެން ވަރަށް ބޮޑަށް ކުރާ ހިތްވާ ކަމެއް. އެކަމަކު ތިޔަ ބުނާ ތަނަވަސްކަން އަޙްސަނަށް ހޯދޭ އިރު ދެމީހުން ތިބޭނީ ހިނގައި ނުގަނެވޭ ވަރަށް މުސްކުޅިވެފައި.”
“ޒާރާގެ ކުރިމަތީގައި ލޯބީގެ އެއްވެސް އަގެއް ނޯންނަނީތަ؟”
“ލޯތްބަކީވެސް ބަނޑު ފުރިފައި ހުންނަ އިރު ރަނގަޅު އެއްޗެއް. ހުސް ބަނޑާ ހުރެގެން ވާ ލޯތްބަކީ އެއްވެސް އުފަލެއް ލިބޭނޭ ލޯތްބެއް ނޫން.”
“އަހަރެން ޒާރާ ހުސްބަނޑަކާ ނުބަހައްޓާނަން.”
“އަޙްސަން. އަހަންނަށް މާފުކުރޭ! އަހަންނަށް ބުނެވެން އޮތީ ނޫނެކޭ…” ޒާރާ ހިލަ ހިތަކާއެކު އިންކާރު ކުރިއެވެ.
“ފެށުނީއްސުރެ އަހަންނާއި އަޙްސަނާ ދެމެދު ތިޔަ ކަހަލަ ގުޅުމެއް އޮތްނަމަ އަހަރެންގެ އެދުންތައް ގުރުބާން ކޮށްލީމުސް. އެކަމަކު އެކަހަލަ ކަމެއް ނެތް. އެހެންވީމާ މިހާރު އަހަރެންގެ އެދުންތަކުގެ ސަވާރީ މިހައި ހަލުވިކޮށް ދުވެފައި ދާއިރު ތިޔަ ކަހަލަ ހުށަހެޅުމެއް ގަބޫލުކުރުމަކީ މޮޔަކަމެއް.”
“ޒާރާ. އެދުންތަކުގެ ފަހަތުން ތިޔަހެން ލޯ މަރައިލައިގެން ހުރެ ދުވުމަކީ ގެއްލުން ހުރި ކަމެއް. އެންމެ ފަހުން ގޮސް އަނގަ ވަތަށް ވެއްޓޭނީ.”
“ނުރައްކަލެއް ނެތް ކަމަކީ ކޮބާ؟ ކޮންމެ ކަމަކީވެސް ނުރައްކާތެރި ކަމެއް. ނުރައްކަލާ ކުރިމަތި ނުލައެއް އެއްވެސް އެއްޗެއް ނުލިބޭނެ.”
އޭނާ ވަރަށް ގިނައިރުވާންދެން ޒާރާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިހާރަކު ދައްކާނޭ އިތުރު ވާހަކައެއް ނެތެވެ. އޭނާގެ ހިތުގައި އެތައް އަހަރެއް ވާންދެން ފޮރުވައިގެން ގެންގުޅުނު ލޯބި މިއަދު ކަތިލެވުނީއެވެ. އޭނާއަކަށް ދެން ކުރެވޭނޭ ކަމެއް ނެތެވެ. އިތުރު ވާހަކަ ދައްކާނޭ ބޭނުމެއް ނެތެވެ.
“އެންމެ ރަނގަޅު. ދެން އަހަރެން ދަނީ.” އޭނާއަށް ނޭވާ ލެވުނީ މި ޖުމުލައާ އެކުގައޭ ހީކުރެވުނެވެ.
“ރުޅި އައީތަ؟”
އަނިޔާވެރިކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ. އޭނާގެ ހިތަށް އެރިއެވެ. “ޒާރާއަކީ އަހަރެންގެ ތިމާގެ މީހަކަށްވުމުގެ އިތުރަށް އަހަރެންގެ ވަރަށް ގާތް ރަޙްމަތްތެރިއެއް. އަހަންނަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި އެންމެ ބޮޑަށް އެހީތެރިވެދެނީ ޒާރާ. އެހެންވީމާ އަހަރެން ރުޅި އަންނާންވީ ކީއްވެގެން؟”
އެންމެ ފަހުން އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. “ޒާރާ. ޒާރާގެ ތިޔަ އެދުންތައް ފުރިހަމަ ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން…” އޭނާ ނުކުމެގެން ދަމުން ބުނެލިއެވެ.
* * *
ޓައިޕްކުރާށާއި ޝޯޓް ހޭންޑް ދަސްކުރުމަށްފަހު އޭނާ މަސައްކަތް ފެށީ ރަނގަޅު ވަޒީފާއެއް ހޯދާށެވެ. އޭނާއަކީ ސިޑިން އަރައިގެން ދާން ބޭނުންވާ މީހެއް ނޫނެވެ. އޭނާ ބޭނުންވަނީ ފުންމައިގެންގޮސް އެންމެ މަތީގައި ޖެހޭށެވެ. ފަހަރަކު ހަރުފަތެއް ގިރާކުރަމުން ދިއުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.
“މުސާރައަކީ ބާރަ ސަތޭކަ ރުފިޔާ.”
“ބޭނުމެއް ނޫން.”
ކުޑަ މުސާރައެއްގެ ވާހަކަ ދެކެވުމާއެކު އޭނާ ދެކޮޅު ހަދައިފައި ނުކުންނަނީއެވެ.
“ފަނަރަ ސަތޭކަ.”
“ފަނަރަ ސަތޭކަ ރުފިޔާއިން ކުރެވޭނީ ކޮންކަމެއް؟” އޭނާ ނުކުމެގެން ދަމުން ފަހަތް ބަލައިވެސް ނުލައެވެ.
“ޒާރާ ބޭނުންވަނީ ކިހައި ވަރެއްގެ މުސާރައެއް؟” އަޙްސަން އެންމެ ފަހުން ބޮލަށް އުނދަގޫވެގެން އެއްދުވަހަކު އަހައިލިއެވެ.
“ފެށޭ މުސާރައަށް ދެ ހާސް ނޫނީ ދެ ހާސް ފަސްސަތޭކަ ރުފިޔާ ލިބެންވާނެ. ކޮންމެ ހަ މަހަކުން މުސާރަ ބޮޑުވާން ވާނެ…” އޭނާ ހަމަޖެހިލައިގެން ހުރެ ޖަވާބު ދިނެވެ.
“އެވަރުގެ މުސާރައެއް ދޭނީ ކާކު؟”
“ދޭން ޖެހޭނެ. އެ އުޅޭ މުއްސަނދި މީހުންގެ ކޮޓަރީގައި ހުންނަ އޭސީގެ ބިލަށް ވެސް މަހަކު އަހަރެން މި ބުނާ ވަރަށްވުރެ ގިނައިން ޚަރަދު ކުރާނެ.”
“ޒާރާ ދަނީ ވަޒީފާގެ އިންޓަރވިއުއަށްތަ؟ ނޫނީ އެ މީހުންގެ އޮފީހުގެ ޚަރަދު ބަލަންތަ؟”
“އަހަރެން ވާހަކަ ދައްކާނީ ހުރިހައި ކަމެއް ބަލާފައި.”
“އެހެންވެއްޖެއްޔާ ވަޒީފާއެއް ހޯދުން ކުރިއަށް ގެންދޭ. ލޯބޯ ކޮށިވެ، ތަނެއް ދޮރެއް ނުފެންނަވަރުވާ ދުވަހަކު ތިޔަ ބުނާ ކަހަލަ ވަޒީފާއެއް ލިބިދާނެ.”
“އަޙްސަން.” އޭނާ ތަންކޮޅެއް ބާރަށް ބުންޏެވެ. “އަހަންނަށް މަލާމާތް ނުކުރޭ.”
“އަހަރެން މަލާމާތެއް ނުކުރަން.”
“އެހެންވެއްޖެއްޔާ ތިޔަ ކިޔަނީ ކީކޭ؟”
“އަހަރެން ބުނަން މިއުޅެނީ މިހާރު ލިބޭ ވަޒީފާ ގަބޫލުކުރާށޭ. ތަޖްރިބާ ލިބުނީމާ ފަހުން ރަނގަޅު ވަޒީފާއެއް ލިބިދާނެ. ތަޖްރިބާއަކީ ވަރަށް މުހިއްމު އެއްޗެއް.”
އެ ވަގުތުގެ ގޮތުން ކަންވެސް ނޭނގެއެވެ. އަޙްސަން ދެއްކި ވާހަކަ އޭނާއަށް ހަމައެކަނި ވިސްނުނީއެއް ނޫނެވެ. އަޙްސަން ބުނި ގޮތަށް އޭނާ ހަދައިވެސްފިއެވެ. އެއްމަސް ދުވަސް ފަހުން ފަނަރަ ސަތޭކަ ރުފިޔާގެ މުސާރަ ލިބުނު ދުވަހު އޭނާ މާބޮޑަކަށް އުފަލެއް ނުވެއެވެ. ދެވަނައަށް ވީ މަހު އޭނާ އެހެން ވަޒީފާއެއް ހޯދުމުގެ މަސައްކަތްވެސް ފަށައިފިއެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީގައި މިހާރު އަދާކުރާ ވަޒީފާގެ ވާހަކަ އޭނާ ލިޔެއެވެ. ވުމާއެކު ތަންތަނުން އިންޓަރވިއުއަށް އަންނާން ގޮވަން ފަށައިފިއެވެ.
“މިހާރު އަދާކުރާ ވަޒީފާ ދޫކޮށްލަން ބޭނުންވަނީ ކީއްވެގެން؟” އިންޓަރވިއުގައި ސުވާލު ކުރެވެއެވެ.
“މުސާރަ ކުޑަކަމުން. އެ ފައިސާކޮޅު އަޅުގަނޑު އޮފީހަށް އަންނާށާއި އެނބުރި ގެއަށް ދާން ޚަރަދުކޮށް ހުސްވަނީ.” އޭނާ ޖެހިލުމެއްނެތި ޖަވާބު ދެއެވެ.
އޭގެ ފަހުން އޭނާ އެދޭ ގޮތް ބުނާކަށްވެސް ޖެހިލުމެއް ނުވެއެވެ.
“ޒާރާ އަށް އެހައި ބޮޑު މުސާރައެއް ދެނީ ބޮޑު މޮޔައެއް.” އަޙްސަން ބުންޏެވެ.
(ނުނިމޭ)