ސިއްސައިގެންދިޔަ ޔުއާނާގެ ހަށިގަނޑުގައި ހިފަހައްޓާލަމުން އަޒިކިޔަލް ސީދާވެލިއެވެ. ނިދިމޯޅީގައި އިން ޔުއާނާއަށް އިނދެވުނީ އަޒިކިޔަލްގެ އަތުތެރޭކަން އެނގުމާއެކު ނުހަނު އަވަހަށް ދުރުވެއްޖެއެވެ. އޭރު ސޯފާތަކު ތިރީން އަޅާފައި އޮތް ދޫލަމަތީ ވެއްޓިފައި އޮތް ފޯނަށް ދެތިން މެސެޖު އައި އަޑު އިވުނެވެ. ޔުއާނާއަށް ސިހުން ގެނުވީ އެ އަޑެވެ.
ވެއްޓިފައި އޮތް ފޯނު ނަގަމުން ޔުއާނާ ބަލާލިއެވެ. ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއިން ފޯނުގެ އަލި އެޅުމާއެކު ޔުއާނާގެ ދިއްލިފައިވާ މޫނަށް ބަލަހައްޓައިގެން އަޒިކިޔަލް އިނެވެ. ނޭފަތް ދަމާލަ ދަމާލަ އިން ޔުއާނާއަށް އަޒިކިޔަލްގެ ނަޒަރު ފާހަގަވުމާއެކު ހިނިތުންވެލަމުން ބަލާލިއެވެ.
"ދޮންތަ އެއީ. ފްލައިޓަށް އެރި ވާހަކަ ބުނަން." ފޯނު ނިއްވާލުމާއެކު މުޅި ތަނަށް ވެރިވެގެންދިޔަ އަނދިރިކަމުން ޔުއާނާއަށް ބުމަ ކައިރިކޮށްލެވުނެވެ. "ބޮކި އެނދީތަ؟ގައިމުވެސް ބޮކި ޖައްސާފަ ދޯ ހުރީ ނިދުނުއިރު."
ޔުއާނާގެ ހިތުގައި އޮތް ސުވާލު ނިކުތީ އަޒިކިޔަލްގެ ދުލުންނެވެ" ވެދާނެ އެހެންކަމަށް ވެސް." ފޯނުން އަލިކުރަމުން ތެދުވެ ގޮސް ސްވިޗްތަކާ ކުޅެލަމުން ޔުއާނާ ބުނެލިއެވެ.
"ދެން ބޮތްކެއް ގަނެފަ ޖަހާނީ. އަންނާނަން ފާހާނާއަށް ވަދެލާފަ" މިސްރާބު ބަދަލުކޮށްލަމުން ކޮޓަރިއަށް ވަދެ ގެއްލުނު ޔުއާނާއަށް ބަލަހައްޓައިގެން އިން އަޒިކިޔަލް ވެސް ތެދުވެއްޖެއެވެ.
ފާޚާނާކޮށްގެން ނިކުމެ ޔޫޙްގެ ޚަބަރެއް ބެލުމަށްފަހު ޔުއާނާ ސިޓިންރޫމަށް ނިކުތްއިރު ސޯފާގެ ކައިރީ ހުރި ކުޑަ މޭޒުމަތީ އުއްބައްތިއެއް ދިއްލާފައި ހުއްޓެވެ. އޭގެ އަލީން ވެރިވެފައިވީ ސިހުރުވެރި އައްޔަށް ލޯ ހިންގާލަމުން ޔުއާނާ ހޯދާލީ އަޒިކިޔަލްއެވެ. ގޭގެ އެކި ތަންތަން ހޯދަމުން އައިސް ބަދިގެއަށް ވަތް ޔުއާނާއަށް ހުއްޓެވުނީ ފެނުނު މަންޒަރުންނެވެ.
ލައިގެން ހުރި އަތްދިގު ޓީޝާޓުގެ އަތްކުރި އޮޅައިގެންހުރި އަޒިކިޔަލް ކަޓިންބޯޑުގައި ތަރުކާރީ ކޮށަނީއެވެ. ދޮރުމަތީ ހުއްޓިހުރި ޔުއާނާ ފެނުމާއެކު އަޒިކިޔަލް އިސް އުފުލާލާ ހީލިއެވެ. ފަރުވާތެރިކަމާއެކު ޔުއާނާގެ މޫނަށް ބަލާލަމުން އަޒިކިޔަލް އިޝާރާތްކުރީ މޭޒުމަތީ ހުރި ޖޯޑަށެވެ.
"އެއީ އާނާއަށް.." އަޒިކިޔަލްގެ އަޑަށް ހަމަހޭވެރިކަންވި ޔުއާނާ ކުރިއަށް ޖެހިލާ ބަލާލިއެވެ. އަތްޖައްސާލިއިރު އަދިވެސް ހޫނުކޮށްހުރި ޖޯޑުން ދުވީ ލުނބޯ ވަހެވެ.
"ލުނބޯ ފަނި ؟" ހައިރާންވެހުރެ ޔުއާނާ އަހާލިއެވެ. ރުއިމުގެ ސަބަބުން އަދިވެސް އޭނާގެ އަޑުގައި ކުރަކިކަމެއްވިއެވެ.
"ނޭފަތް ދަމާވަރުންނެއްނު." އިސްއުފުލާލުމެއްނެތި އަޒިކިޔަލް ބުނެލީ މާ ބޮޑު އަސަރެއް ނެތިއެވެ. ޖޯޑުގައި ދެ އަތުން ހިފުމާއެކު ޔުއާނާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. "ކީއްކުރަން ތިއުޅެނީ ؟" ކައިރިއަށް ޖެހިލުމާއެކު ޔުއާނާ އަހާލީ އަޒިކިޔަލް ކުރަމުންދިޔަ މަސައްކަތަށް ބަލަހައްޓައިގެން ހުރެއެވެ.
"ސޫޕް ކައްކަން. ބަނޑުހައެއްނޫންތަ؟" ޔުއާނާގެ ދެ ލޮލުން ފެނުނު ވިދުން އަޒިކިޔަލްގެ ހިތަށް ފިނިކަން ލިއްބައިދީފިކަން ގައިމެވެ.
"ދެން ކީއްކޮށްދެންވީ..." އެއްޗެހި ކޮށާ ނިމި ތެއްޔަށް އެ ތަކެތި އަޅާލި އަޒިކިޔަލްގެ ކައިރިން ޔުއާނާ އަހާލިއެވެ. "މިތާ ހުރެދޭންވީ. ދެން ނުބުނާތި ކަމެއް ނުކޮށް ނުހުރެވޭނޭ. ކުރާނެ މާބޮޑު ކަމެއް ނެތް. ކައިގެން ދެން އޮތް ބައި އާނާއަށް. އޯކޭއެއްނު ދޯ."
ވާހަކަދައްކަމުންގޮސް ޔުއާނާ ހުއްޓިހުރި ދިމާ ފަހަތުން ދޭފަތެއް ނަގަމުން އަޒިކިޔަލް މަޑުމަޑުން ޔުއާނާގެ ނޭފަތުގައި ހިފާލިއެވެ. އެއާއެކު ރަތްކަމެއް ވެރިވެފައިވި ނޭފަތުގެ ކޮޅު އިތުރަށް ރަތްވެއްޖެއެވެ. އަޒިކިޔަލްއަށް އާޝޯޚުވެފައި ބަލަންހުރެވުނެވެ.
"އައްކީ..." ރަކިވި ނަމަވެސް ޔުއާނާ އިޝާރާތްކުރީ ހޫނުވަމުންދިޔަ ތެއްޔަށެވެ. "މަންމަ ވާހަކަދެއްކި ދޯ... ކީކޭ މަންމަ ބުނީ" ބަނދަރުމަތީގައި ސަބާނާ ދެއްކި ވާހަކައަށް އިޝާރާތްކޮށް ޔުއާނާ އަހާލިއެވެ.
އަޒިކިޔަލްއަށް މާކުރިން ވެސް ޔުއާނާ އެހެން އަހާނެކަން ދެނެގަންނަން އެނގުނެވެ. ހީލާފައި އަޒިކިޔަލް ޖަވާބު ދިނީ ސަމާސާ ރާގެއްގައެވެ. "މަންމަ ބުނީ އާނާ ވަރަށް ހަލަނިވާނެޔޭ ރަނގަޅަށް ބަލައްޗޭ. އެންމެ ހިނދަކަށް ވެސް ދުރަށް ނުދައްޗޭ. މާ ގިނަ ވާހަކައެއް ނުދައްކާ" އަޒިކިޔަލްގެ ޖަވާބުން ޔުއާނާ ލޯ އަޅާލީއެވެ.
އަތުގައި މަޑުމަޑުން ޖަހާލުމާއެކު އަޒިކިޔަލް ހޯހޯވެއްޖެއެވެ. "ހޫނު ތެއްޔެއް ކައިރި ހުއްޓަ ތިހެން ހެދީމަ ކިހިނެތްވާނީ." އަދިވެސް ސަމާސާ ގޮތެއްގައި ހުރި އަޒިކިޔަލް ބުނެލީ ޔުއާނާ ޖެހި އަތުގައި ހިފާލަމުންނެވެ. އަތް ދަމައިގަތުމާއެކު ޔުއާނާއަށް ހެވިއްޖެއެވެ. އަޅަންހުރި އެއްޗިހިތައް ތައްޔާރުކޮށްދެމުން ދިޔައިރު ޔުއާނާގެ ނަޒަރު އަޒިކިޔަލްއިން ނުނެއްޓެއެވެ. އެކަން ދެނެހުރި އަޒިކިޔަލް ދިޔައީ ޔުއާނާއާއި ސަމާސާކުރަމުންނެވެ.
ކައްކާ ނިމި ކާން ތައްޔާރުކޮށްގެން ދެމީހުން އިށީނީ ސިޓިންރޫމް ސޯފާތަކުގައެވެ. ޖަހާފައިހުރި އުއްބައްތީގެ އަލީގައި ކަމުންދިޔައިރު މާ ބޮޑު ވާހަކައެއްނުދެކެވެއެވެ.
"މްމް..މިހާރު އަހަންނަށްވުރެ އަޒިކިޔަލް މާ މޮޅުވެއްޖެ ކަންނޭނގެ މިކަމަށް.. ވަރަށް މީރު" ޔުއާނާގެ ޖުމްލައިން އަޒިކިޔަލް ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުން ލޮލާއި ހަމައަށް ނުފޯރީ އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތަކުންނެވެ.
"އާނާ.. ކީއްވެ އޭރު ރާއްޖެއިން ބޭރަށް ދިޔައީ؟" އަޒިކިޔަލްގެ ސުވާލުން ހުސް ތަށި މޭޒުމަތީ ބެހެއްޓި ޔުއާނާގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ބަދަލުކޮށްލި ހިމޭން ނަޒަރާއެކު ޔުއާނާ ވާހަކަ ދެއްކީ މަޑު އަޑަކުންނެވެ. "އެނގެއެއްނު ކީއްވެ ކަން" އެ މައުޟޫއަށް ވާހަކަދައްކަން ޔުއާނާ ބޭނުންނުވީކަން އަޒިކިޔަލް ދެނެގަތެވެ. އޭނާ ވެސް ހިމޭންވީއެވެ.
"ކައިވެނިކުރެވުނުއިރު އަހަރެމެން ދެމީހުންގެ ދެމެދަށް ވަރީގެ ލަފުޒެއް ނާންނާނޭ އަހަރެން ހީކުރީން. އެކަމަކު އެހެނެެއްނުވި. އަހަރެން ބޭނުންވީ ޙަޤީޤަތަށް ފިލަން. ނަސީބު ކަންދިމާކުރިގޮތުން އެ ދުވަސްވަރު އަޔާޝް ދޮންބެގެ އަންހެނުން ވަރަށް ބޮޑަށް ބަލިވީ. އޭރު ދޮންތަ ވެސް ވީ އެކޮޅުގަ. މަންމަ ވެސް ބޭނުންވީ ދާން. އަހަރެން ގޮވައިގެން މަންމަ ދިޔައީ ފިކުރުތަކުން ދުރުވާނޭ ކިޔާފަ. އެކަމަކު އެ ކޮޅަށް ގޮސްފަ ވެސް ކުރިމަތިލާން ޖެހުނީ އެއްފަދަ ކަންތައްތަކަކާ" ދެން ވާހަކަނުދައްކާނޭ ހީވީ ނަމަވެސް ޔުއާނާ ކުރިއަށް ގެންދިޔައެވެ. އެ ދެ ލޮލުން އަޒިކިޔަލްއަށް ފެނުނީ ޝަކުވާއެވެ.
ވާހަކަދައްކަމުން ގޮސް ޔުއާނާގެ ލޯ ފެންކަޅިވިތަން އަޒިކިޔަލް ދުށްޓެވެ. އޭނާ ބޭނުންވީ ޙާލަތު ރަނގަޅަށް ޔުއާނާއަށް އޮޅުންފިލުވައިދޭށެވެ. ނަމަވެސް އެކަމަށް ހުރަސް އެޅީ ކޮޓަރިތެރެއިން އިވުނު ޔޫޙްގެ އަޑެވެ.
ބައްޕީ.." ޔުއާނާ ހައިރާންވީ އެހެންޏާ ނުގޮވާ ލަފުޒެއް ޔޫޙް ބޭނުންކުރުމުންނެވެ. ކަންފަތް ކޮޅަށް ޖެހިގެން ދިއުމާއެކު އަޒިކިޔަލް ވެސް ތެދުވެއްޖެއެވެ. "އަހަރެން ސާފުކޮށްލާނަން. އާނާ އަވަހަށް ދޭ" ބޯޖަހާލަމުން ދުވެފައި ޔުއާނާ ވަނީއެވެ. އޭރު އެނދުން ފައިބަމުންދިޔަ ޔޫޙް ގިސްލަނީއެވެ. ހިމޭންގޮތަކަށް އިވެމުންދިޔަ ގިސްލުމުން ޔުއާނާ ހައިރާންވިއެވެ. ހޭލައިގެން ވެސް ޔޫޙްއަކީ ރޯ ކުއްޖެއްނޫނެވެ. މުޅިން ވެސް ކޮންމެވެސް މީހަކަށް ގޮވާނީއެވެ. ޔޫޙް ނަގާ އުރާލުމާއެކު ޔުޢާނާ އެކުއްޖާ މަސަލަސް ކުރެވޭތޯ އުޅުނެވެ.
ތަން ސާފުކުރުމަށްފަހު ބަދިގޭ ބޮކި ނިވާލަމުން އަޒިކިޔަލް އައި އިރު ވެސް މެދުނުކެނޑި ޔޫޙްގެ އަޑު އިވިއިވި ހުއްޓެވެ. ޖެހިލުންވެ ހުރެ ވެސް އަޒިކިޔަލް މަޑުމަޑުން ތަޅު އަނބުރާލީއެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގަހިނގާހުރި ޔުއާނާގެ ކޮނޑުމަތީ އޮތް ޔޫޙް ފެނުމާއެކު އަޒިކިޔަލް ދެވަނަ ވިސްނުމެއްނެތި ވަނީއެވެ. ޔުއާނާގެ އުރުން ޔޫޙް ނެގުމާއެކު އަޒިކިޔަލް ހިނގަންފެށިއެވެ.
ހިނދުކޮޅެއްގެތެރޭ ހިނދިގެންދިޔަ ޔޫޙްގެ އަޑުން ޔުއާނާއަށް ހައިރާންކަން ގެނުވިއެވެ. އާންމުގޮތެއްގައި ޔޫޙް ނިންދެވުމުގެ މަސައްކަތުގައި ނޫޅޭ މީހަކަށް އެކުއްޖާ ނިންދެވުމަކީ ލާހިކު ކަމެއްނޫނެވެ. އެހެނަސް ޔޫޙް މަސަލަސްކުރަން އުނދަގޫވެފައިވި ވަގުތެއްގައި އަޒިކިޔަލްގެ އުރުގައި އެ އޮތީ ނުހަނު ހަމަޖެހިލައިފައެވެ. ރަނގަޅަށް ނިދުނުކަމަށްބަލާ އެނދުގައި ބޭއްވި ނަމަވެސް އަޒިކިޔަލްއަށް އެންމެފަހުން ޖެހުނީ ޔޫޙްގެ ކައިރީގައި އޮންނާށެވެ. ޔޫޙް ހަމަޖެހިލަންދެން ޔުއާނާ ވެސް ކައިރީގައި އޮންނަން އަޒިކިޔަލް އެދުނެވެ. މާބޮޑު ވިސްނުމެއްނެތި ޔުއާނާ ވެސް އޮށޯތީއެވެ. ތެދުވަން ހިތުލައިގެން އޮތް ދެމީހުން ވެސް ނިދީގެ ފުން ކަނޑަކަށް ޣަރަޤުވީ ކިހިނެއް ކޮންއިރަކު ކަމެއް ނޭނގެއެވެ.
އެއްޗެއްގައި ތަޅާކަހަލަ އަޑެއް އިވެންފެށުމުން އަޒިކިޔަލްއަށް ދެ ލޯ ތަގުޅިކޮށްލާ ހުޅުވާލެނެވެ. ސިއްސައިގެންދިޔަ ނަމަވެސް އަޒިކިޔަލްއަށް ހިނިތުންވެވުނީ ކައިރީ އޮތް ދެމައިން ފެނިފައެވެ. ބޭރަށް ދާ އެއްޗެހީގައި އެއްކޮށް ނިވާވެގެން ނިދިފައި އޮތް ޔުއާނާއަށް ބަލާލުމާއެކު އަޒިކިޔަލްއަށް އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. ޔުއާނާގެ މިނިވަންކަމަށް އަޒިކިޔަލްގެ ސަބަބުން ބުރޫއަރަންޏޭ ހިތަށްއެރީއެވެ.
ތެދުވާހިތްނުވި ނަމަވެސް އަޒިކިޔަލްއަށް މަޖުބޫރުވީއެވެ. ބޭރުން އިވެމުންދިޔަ އަޑަށް ހުއްޓުމެއް ނައުމުންނެވެ. ތެދުވެ ގަޑި ބަލާލިއިރު ގަޑިން ފަސްގަޑި ބައިވީއެވެ. މިއަދު ފަތިސް ނަމާދު ވެސް ކެޓީއެވެ. މިހާ ފަތިހާ މިގޭ ދޮރުގައި ޓަކި ދޭނީ ވެސް ކާކުހެއްޔެވެ. ހިތްހަމަނުޖެހިފައިހުރެ އަޒިކިޔަލް ގޮސް ދޮރު ހުޅުވާލިއެވެ. އޭނާގެ މޫނު އިތުރަށް ބަނަވީ ބޭރުގައިހުރި އަޝަލް ފެނުމުންނެވެ.
"ކީއްކުރަން ތި އައީ؟" ހިތަށް ވެރިވި ހިތްހަމަނުޖެހުން ފޮރުވާކަށް ވެސް އަޒިކިޔަލް މަސައްކަތެއް ނުކުރިއެވެ. "އަހަންނެއްނު ތި ސުވާލު އަހަންވީ. ކަލޭ މިތާ ކީއްކުރަނީ؟" އަޝަލްގެ ސުވާލުން އަޒިކިޔަލްއަށް ހެވުނީއެވެ. އެއާއެކު އަޝަލްގެ ބުމަ ކައިރި ވެއްޖެއެވެ.
"އަހަރެން މި އައީ ޔުއާނާ ކައިރިއަށް. ތަން ދައްކާ. އެތެރެއަށް ވަންނަންވެއްޖެ." އަޝަލްގެ އަމުރުވެރި ރާގުން އަޒިކިޔަލް ހިނިތުންވެލީއެވެ. ރައްދެއްދޭން އަނގަ ހުޅުވާލި ވަގުތު ފަހަތުން ޔުއާނާގެ އަޑު އިވިއްޖެއެވެ.
"ކާކުތަ...؟ ހޭލާ ހުރި މީހާ ކީއްވެތަ އަހަންނަށް ނުގޮވީ." ބުރުގާ ރީތިކުރަމުން އައި ކޮޓަރީން ނިކުމެގެން އައި ޔުއާނާ އަޒިކިޔަލްއާއި އަރާހަމަވެ އޭނާގެ ކޮނޑުގައި ޖަހާލައިފިއެވެ. ކުރިމަތީން ކުއްލިއަކަށް އަޝަލް ފެނުމާއެކު ޔުއާނާގެ މޫނަށް ވެސް ވެރިވީ ހައިރާންކަމެކެވެ.
"އަޝަލް... ކިހިނެތްވީ އަނެއްކާ... ހާދަ ނުގަޑިއެއްގަ" އަޒިކިޔަލްގެ ދެމަފިރީންނަށް ބަލަހައްޓައިގެންހުރި އަޝަލްގެ މޫނުމަތީން ފެނިލީ ނުތަނަވަސްކަމެވެ.
"އެއްޗެއް ބޭނުންވޭތޯ ބަލާލަން މި އައީ. އާންމުކޮށް މިގަޑީ ޔުއާނާ ހޭލަމެއްނު." އަޝަލްގެ ޖުމްލަ ނުނިމެނީސް އަޒިކިޔަލް ވާހަކަ ފަށައިފިއެވެ. ޔުއާނާއަށް ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެ. އަޒިކިޔަލްއަކީ މީހަކާ އެ ގޮތަށް ވާހަކަދައްކާ މީހެއް ނޫނެވެ. އެކަމަކު އެ މޫނުމަތީގެ އަސަރުތަކާއި ޙަރަކާތްތަކުން ވެސް އަޝަލްއާ ނުރުހޭކަން ރަނގަޅަށް ފާޅުކޮށްދެއެވެ.
"އާނާ އެއްޗެއް ބޭނުމިއްޔާ އަހަރެން އެ އެއްޗެއް ފޯރުކޮށްދޭނަން. އަޝަލްއަށް ނުޖެހޭނެ އެކަން ކުރާކަށް" އަޒިކިޔަލްގެ ޖުމްލައިން އަޝަލްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
"އަދި ކިރިޔާތަ ޔުއާނާއަށް އެއްޗެހި ފޯރުކޮށްދޭންޖެހޭކަން އިނގުނީ. ހެހެ.. އަހަރެން ކައިރިއަށް އަންނަނީ ހިނި ތިހެން ބުނީމަ" އަޝަލްގެ ޖުމްލައިން ޔުއާނާއަށް ބޯހޫރާލެވުނީއެވެ. ފަތިހުގެ ފިނިކަން ނުކެނޑެނީސް ގޭ ދޮރުމަތި ހޫނުވެއްޖެއެވެ. އޭނާއަށް ހަދާނެގޮތެއް ނުވިސްނުނެވެ.
"އަޝަލް ބޮތްކެއް ގަނެގެން ގެނެސްދީ. މި ވަގުތަށް އިހަށް ދޭ ދެން. ބޮކި ހިފައިގެން ނޫނީ ދެން ނާންނާތި" ރުޅިވެރި ދެ ލޮލުން އަޝަލްއަށް ބަލައިގެން ދޮރުމަތީހުރި އަޒިކިޔަލް ދުރުކޮށްލަމުން ޔުއާނާ ދޮރު ލެއްޕީއެވެ. އަވަސްއަވަހަށް ޔުއާނާ ކީ އެއްޗެއް އަޝަލްއަށް ރަނގަޅަށް އިވުންކަމެއް ވެސް ނޭނގެއެވެ.
އަޒިކިޔަލް އިތުރަށް ހިތްހަމަނުޖެހުނެވެ. ޔުއާނާގެ އަތުގައި ހިފެހެއްޓިއިރު އެ ދެ ލޮލުން ފެނުނީ ތަފާތު ވިދުމެކެވެ. "ކިހިނެތްވީ؟" ބުމަ އަރުވާލަމުން ޔުއާނާ އަހާލިއެވެ.
އަޝަލްގެ ކައިރީ ކަމަކު ކިޔުމުން ވެރިވެފައިވި ނުރުހުން, ޔުއާނާގެ މޫނަށް ވެރިވި ކުލަވަރު ފެނި ވަޔަށް ތަހައްލުލު ވެއްޖެއެވެ. ޔުއާނާގެ ދެ ލޯ ބޮޑުވީ އަތަށް ދަމާލަމުން ގެނެސް އަޒިކިޔަލް އޭނާ އަތުތެރޭ ފިއްތާލުމުންނެވެ.
"މިހާރު މިގެއަށް އައި ފަހުން އަހަރެންގެ އަތަށް ދެ ހަމަލާ އަރައިފި. އޭގެ ބަދަލުހިފަން މި އުޅެނީ" އަޒިކިޔަލްގެ ޖުމްލަ އިވި ޔުއާނާ ގަދަ ހަދާލިއެވެ. އެއާއެކު ނުހަނު އަވަހަށް އަޒިކިޔަލް ދޫކޮށްލައިފިއެވެ. އޭރު ވެސް ސިހުމުގައި ހުރި ޔުއާނާ ހުރީ ހަރަކާތެއް ކޮށްލަން ވެސް ނޭނގިފައެވެ.
"އެއީ ބަދަލުހިފީ...؟" އަޒިކިޔަލްގެ ޙަރަކާތްތަކުން އަސަރެއް ނުކުރާކަން ދެއްކުމަށް ޔުއާނާ އަވަސްއަވަހަށް ބުނެލައިފިއެވެ. ނަމަވެސް އަޒިކިޔަލް އެއްމިޔަކަނުން ހިނިތުންވި ގޮތް ފެނި އެހެން ނުބުނެވުނު ނަމައޭ ޔުއާނާގެ ހިތަށްއެރިއެވެ.
"އިތުރު ގޮތެއް ހަދުވަން ބޭނުންވަނީތަ؟ ބަދަލުހިފަން އެހެން ގޮތެއް ވެސް ހެދި ދާނެ" ދުރަށް އެޅި ފިޔަވަޅުތައް އަލުން ކައިރިއަށް އަޅަމުން އަޒިކިޔަލް ބުނަމުންދިޔައެެވެ. ތުންފަތުގައި ދަތް އަޅާލުމާއެކު އަޒިކިޔަލް ބުނި ބަހުން ޔުއާނާ ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. އޭނާ ލަދުން މޯޅިވެއްޖެއެވެ. ދުވަމުން ދިޔަ ޔުއާނާގެ ހަރަކާތްތައް ހުރި ގޮތުން އަޒިކިޔަލްއަށް ހެވުނެވެ.