ކޮޓަރިތެރޭ ޔުއާނާ ހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އަތަށް ފޯނު ލައިގެން ހުރިއިރު އޭނާ ޔުމްނާއަށް ގުޅަނީއެވެ. ދެވަނަ ފަހަރަށް ގުޅިއިރު ވެސް ލައިން ބިޒީއެވެ. ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު އޭނާ އައިސް އެނދުގައި އިށީނެވެ. "ކާކަށް ގުޅައިންތަ އެ އުޅެނީ..." ވިސްނުމެއްގައި އިނދެ ޔުއާނާ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.
އެ ކޮޅަށް ގޮސް ހަމަޖެހުނުކަމުގެ މެސެޖު ލިބުނު ނަމަވެސް އަދި ވެސް އެ ކޮޅަށް ދިޔަ އެކަކާ ވެސް ރަނގަޅަށް ވާހަކަދެއްކޭގޮތެއް ނުވިއެވެ. އެކަމާ ޔުއާނާގެ ހިތް ނުތަނަވަސްވާގޮތްވަނީއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ޔުއާނާ ގުޅީ އަޒިކިޔަލްއަށެވެ. އޭނާ ވެސް ފޯނެއް ނުނެގިއެވެ. ރިންގުވަމުން ގޮސް ފޯނު ކެނޑުނީއެވެ.
ހެނދުނު ކުޑަކޮށް ހިޔާޖެހުނު ގަޑީގައި އަޒިކިޔަލް ޔޫޙް ގޮވައިގެން ބޭރަށް ނިކުތްތާ ގަޑިއިރެއް ވީއެވެ. ދާތަނެއް ނުބުނި ނަމަވެސް އަވަހަށް އަންނާނެކަމަށް އަޒިކިޔަލް ބުންޏެވެ. ޔުއާނާއަށް ވިސްނާލެވުނެވެ. ގޭތެރޭގެ އެކަނިމާއެކަނި އިންނަންވުމުން އޭނާގެ ވިސްނުން އެކި ދިމަދިމާލަށް ގޮސް ފިކުރުބޮޑުވަނީއެވެ. ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ރަށަށް އައިތާ ދެ މަސް ދުވަހުގެ ތެރޭގައި އެތައް ކަމެއް ހިނގައިފިއެވެ. އުންމީދު ވެސް ނުކޮށް ހުއްޓާ އަޒިކިޔަލްގެ ގާތްކަން އޭނާއަށް ލިބިއްޖެއެވެ. ރަށަށް އައިއިރު އޭނާ އެއްގޮތަކަށް ވެސް އެހާ އަވަހަށް ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހުސްކަން ފޫބެއްދޭނެ ކަމަކަށް ހިއެއްނުކުރެއެވެ. ނަމަވެސް އަޒިކިޔަލްގެ އަމަލުތައް ހުރިގޮތުން ދިރިއުޅުމުގެ މާޒީގެ އެ ދުވަސްތައް އެއީ ނުހިނގާ ކަމެއް ފަދައެވެ. ޔުއާނާ ވެސް އަޒިކިޔަލްގެ އަމަލުތަކާއި އެއްބައިވީއެވެ. ދެމީހުންގެ ދުރުކަން ކައިރިވީ ގޮތެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. މިކަން ވާން ޖެހޭނީ މިހެނެެއް ނޫނޭ ޔުއާނާގެ ހިތަށް އަރަނީއެވެ. މުސްތަޤްބަލާމެދު ވިސްނާނަމަ މާޒީގެ ސަފްހާތަކުން އެޅިދާނެ ހިޔަންޏަކަށް ތައްޔާރުވާންޖެހެއެވެ. ކުރީން ޖެހުނުފަދަ މައްސަލައެއް ކައިވެނީގެ ޙަޔާތުގައި ޖެހޭ ލައްގަނޑަކަށް ވާން ޔުއާނާއެއް ނޭދެއެވެ.
މައި ދޮރުގައި ޓަކިޖަހާލި އަޑާއެކު ޔުއާނާ ފުންމައިގެން ތެދުވީ އަޒިކިޔަލްމެން ދެބަފައިންނޭ ހިތަށް އަރާފައެވެ. އެހެނަސް އަޒިކިޔަލްނަމަ ދޮރު ހުޅުވާފައި ވަންނާނީކަން ޔުއާނާގެ ޟަމީރު އެންގިއެވެ.
ދޮރު ހުޅުވާލުމާއެކު ޔުއާނާގެ ފުޅާ ހިނިތުންވުން ހަނިވެއްޖެއެވެ. "އަޝަލް؟" ސުވާލުމާކެއްގައިހުރެ ޔުއާނާ އަހާލިއެވެ. ދޮރުމަތީ ހުރި އަޝަލް އޭނާގެ އަތުގައި އޮތް ބޮކި ދައްކާލިއެވެ.
"އާނ... ބޮކި ހިފައިގެން ދޯ" މަޑު ހިނިތުންވުމެއްގައި ދޮރު ހުޅުވާފައިހުރި ދާއިރާ ހަނިކޮށްލަމުން ޔުއާނާ ބުނެލިއެވެ. އަޒިކިޔަލް ވެސް ގޭގައި ނެތި އޭނާ އެކަނި ހުރި ގަޑިއެއްގައި އަޝަލް ގޭތެރެއަށް ވައްދަން ޔުއާނާގެ ހިތެއް ނުރުހުނެވެ. ޝުކުރު އަދާކުރުމަށްފަހު ބޮކި އަތުލަން އުޅުމުން އަޝަލް އަތް ދުރަށް ޖައްސާލީއެވެ.
"ބޮކި ޖަހަން ވެސް ޖެހޭނެއްނު. އާނާ އަކަށް ނުވާނެ. ގެނޭ އަހަރެން މިގަޑީ ބޮކި ހަރުކޮށް ދޭނަން" އަޝަލްގެ ޖުމްލައިން ޔުއާނާ ބަލާލީ ފާޑަކަށެވެ.
"މިގަޑިއަކު ނޫން ދޯ. މިގަޑީ ކުޑަކޮށް ބިޒީ" ޔުއާނާގެ ޖަވާބުން އަޝަލް އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. އެ ބެލުމުން ޔުއާނާއަށް އުނދަގޫވެ އިސްޖަހާލިއެވެ.
"އާނާ ކުރަންހުރި ކަމެއް ކުރަންވީ ހަމަ. އެހާ ގިނައިރެއްނުވާނެއްނު ބޮތްކެއް ހަރުކުރާކަށް. އަހަރެން އާނާއަށް އުނދަގުލެއް ނުކުރާނަމޭ" އެއްޗެކޭ ނުބުނެ ޔުއާނާ ދޮރު ބޮޑަށް ހުޅުވާލީއެވެ.
އަޝަލް އެތެރެއަށް ވަނުމާއެކު ތުންފިއްތާލަމުން ޔުއާނާ މައިދޮރުގައި ގަސް ތަށިމުށިގަނޑެއް ލައްކޮށްލީ ދޮރު ނުލައްޕަންވެގެންނެވެ. އެއަށްފަހު އޭނާ ބޮކި ހަރުކުރަންވީ ދިމާ އަޝަލްއަށް ދެއްކިއެވެ.
ޔޫޙް ގޮވައިގެން އަޒިކިޔަލް އެނބުރި އައީ ބޮކި ހަރުކުރުމައިގެން އަޝަލް އުޅުނު ދަނޑިވަޅުގައެވެ. އެކުގައި ވަދެގެން އައި އާޒިފާ ފެނުމާއެކު ޔުއާނާއަށް އިސްޖަހާލެވުނެވެ. މާޒީގެ ސަފުހާތައް ލޯ ކުރިމަތީ ނިއުޅެން ފެށުމާއެކު އޭނާގެ ހިތަށް ދަތިވާގޮތްވޮއެވެ. އެއްޗެކޭ ނުބުނި ނަމަވެސް ޔުއާނާ ހިނިތުންވެލިއެވެ. އޭނާއަށް ވާހަކަދައްކަން އުނދަގޫވީއެވެ.
އަޒިކިޔަލްގެ އުރުގައި އިން ޔޫޙް ޔުއާނާއަށް އަތްދިއްކުރަން ފެށުމާއެކު ޔުއާނާ ގޮސް އެކުއްޖާ އުރާލިއެވެ. އެވަގުތު މަސައްކަތް ނިންމާ ފޭބި އަޝަލް ވާހަކަ ދެއްކީ ޔުއާނާއާއެވެ.
"މި ނިމުނީ... ބޮކި މަސައްކަތްކުރާނެ މިހާރު ބަރާބަރަށް" އަޝަލްގެ ޖުމްލައަށް ޔުއާނާ ބޯ ޖަހާލިއެވެ. އޭނާ ބޭނުންވަނީ އަޝަލް އަވަހަށް އެތަނުން ދާށެވެ. ނަމަވެސް ތުއްތު ޔޫހް އަޝަލްގެ ކައިރިން އެދުނީ އޭނާއާއެކު ކުލަޖައްސަން މަޑުކުރުމަށެވެ. މަންޒަރު ބަލަންހުރި އާޒިފާއަށް ދޫ ހިމޭނުންލައިގެން ހުރެވޭގޮތެއް ނުވިއެވެ.
"އަޝަލް ތަ މިހާރު ޔުއާނާއަށް ކަންތައްތައް ކޮށް ދެނީ" އާޒިފާގެ ޖުމްލައިން އަޒިކިޔަލްއަށް މަންމައަށް ގޮވާލެވުނެވެ. ޚުދު އޭނާ ވެސް ހުރީ ގޭތެރެއިން އަޝަލް ފެނި ނުހަނު ބޮޑަށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް ވަގުތާއި ޙާލަތަށް ވިސްނާ އެ ހިތްހަމަނުޖެހުން ފޮރުވާލީއެވެ. މަސްލަޙަތު ގެއްލޭފަދަ އެއްޗެއް މަންމަގެ ދުލުން ނިކުންނަން އަޒިކިޔަލް ބޭނުމެއްނުވެއެވެ. ޚާއްސަގޮތެއްގައި ޔުއާނާއަށް ބަދު ބަހެއް ބުނާ އަޑު އެއް ވެސް މީހެއްގެ ދުލުން އަހަން އޭނާގެ ޟަމީރު ތަނެއްނުދެއެވެ.
"ޒިންމާ ނަގަން ނޭނގޭ މީހަކު ޔުއާނާއާ ހަވާލުވެހުރީމަ ފުރިހަމަނުވެ ހުންނަ ކަންކަން ކޮންމެވެސް އެހެން މީހަކު ނަމަވެސް ކޮށްދޭންޖެހޭނެތާ" އަޝަލްގެ ރައްދާއެކު ޔުއާނާއަށް އަޑުބާރުކޮށް އަޝަލްގެ ނަމުން ގޮވާލެވުނެވެ. އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ނަމަވެސް ޔުއާނާގެ އަޑުން އަޝަލްއަށް އަސަރެއްކުރިހެން ހިއެއްނުވެއެވެ.
ހުއްދައަކާނުލާ އަންގާލުމެއްނެތި ދޮރުން ވަދެގެން އައި އަޝްބާ ފެނުމާއެކު އަޝަލް ހިނިގަނޑެއް ޖަހާލީއެވެ. "އެއޮށް އައީނު އަޒިކިޔަލް ފަރުވާތެރިވާ ޒިންމާ" ޔުއާނާއަށް ތުންބައްދާލެވުނީއެވެ. އޭނާގެ އިޙްސާސްތަކަށް އަޝަލް ޤަދަރު ކުރި ނަމަ އެ ފަދައިން ވާހަކަ ކުރިއަށް ނުގެންދިޔައީހެވެ. ޔުއާނާއަށް ރޮވޭގޮތްވޮއެވެ.
އަޒިކިޔަލް ވެސް ބަލަމުން ދިޔަ ގޮތުން އޭނާއަށް ޔަގީންވަނީ އެހުރީ ވަރަށް ބޮޑަށް ނުރުހިފައިކަމެވެ. ހުރިހާ އެންމެން އެއްތަނެއްގައި ޖަމާވިހިނދު އޭނާ ބެލީ އެތަނުން ދެމިގަނެވޭތޯއެވެ. ރައްދުދިނުމަށްފަހު ޔޫޙް އުރާލަމުން އަޝަލް ނިކުންނަން ދިޔައީ ބޭރަށެވެ.
އަރުތެރެ ބެދޭގޮތްވެފައިވުމުން ޔުއާނާ ހުއްޓުވަން ބޭނުންވި ނަމަވެސް ހުއްޓުވޭގޮތެއް ނުވިއެވެ. އަނެއްކޮޅުން އާޒިފާގެ ބެލުން ހުރީ ކަންކަން ހޯދާ ދެނެގަންނަ ފަދަ ގޮތަކަށެވެ. އިވިގެންދިޔަ އަޒިކިޔަލްގެ އަޑާއެކު ޔުއާނާގެ ބޯ އިތުރަށް ހާސްވީއެވެ. ކުއްލިއަކަށް ކަންތައްތައް މި ފުރޮޅާލީ ކިހިނެތް ހެއްޔެވެ؟
"ޔޫޙް އަދި ނުކައި އޭނީ. ކުޑަކުއްޖަކު ގޮވައިގެން ދިއުމުގެ ކުރީން އެކުއްޖާގެ ބެލެނިވެރީންގެ ހުއްދަ ހޯދަންޖެހޭނެ ކަންނޭނގެ ދޯ" އަޒިކިޔަލްގެ ހަރު އަޑު އިވިފައި އަޝަލް ބޯ އަނބުރާލައި އަޒިކިޔަލްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.