އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސްގެ ފަރާތުން ބޭއްވާ ވޯކޯޝޮޕެއްގައި އިސްލާމިކް މިނިސްޓްރީން ބައިވެރިވެ ވަޑައިގެންފިއެވެ.

"ގުޑް ގަވަރނަންސް ޕްރެކްޓިސެސް އިން އަ ޕެންޑަމިކް" ނަމުގައި މި ބައްދަލުވުން ބާއްވާފައިވަނީ ފެބުރުއަރީ 23 އިން 24 އަށެވެ. ބައްދަލުވުން ބޭއްވީ ވާޗުއަލް ކޮށްނެވެ.

މިއީ ކޮވިޑް-19 ޕެންޑެމިކުގެ ތެރޭގައި ހިންގުމުގެ ދާއިރާގައި ދިމާވި ގޮންޖެހުންތަކާއި ހޯދުނު ހައްލުތަކާއި ބެހޭގޮތުންނާއި، މީގެ ސަބަބުން ދިމާވަމުންދާ އިޤްތިޞާދީ އަދި އިޖްތިމާޢީ ލޮޅުންތައް ކުޑަކުރުމާ ބެހޭގޮތުން ދިވެހިރާއްޖެއާއި އިންޑިއާގެ ތަޖުރިބާތައް ޙިއްސާކުރުމަށް ބާއްވާ ވޯކްޝޮޕެކެވެ.

ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކުން މަދުވެގެން އެމް.އެސް 1 އިން ފެށިގެން މަތީ ރޭންކުގެ 5 މުވައްޒަފަކާއި، މިނިސްޓްރީގެ ދަށުން ހިންގާ ކޮންމެ އިދާރާއަކުން މަދުވެގެން އެމް.އެސް 1 އިން ފެށިގެން މަތީ ރޭންކުގެ ނުވަތަ ހިންގުމާ ހަވާލުވެހުރި 1 މުވައްޒަފަކު ބައިވެރިވެވޭގޮތަށް ހަމަޖެހިފައި އޮތް މި ވޯކްޝޮޕްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ވަނީ 8 މުވައްޒަފަކު ބައިވެރިވެފައި ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.