ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާޤު، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖްޕަކްސާއާ ބައްދަލު ކުރައްވައިފިއެވެ.

ދެބޭފުޅުންގެ މި ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި ސްރީލަންކާގެ މެދުގައި އޮތް ޒަމާންވީ ގުޅުމާބެހޭ ގޮތުން މަޝްވަރާ ކުރައްވައި، އެ ގުޅުން މުސްތަޤުބަލުގައި އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ސިއްޚީ ދާއިރާ އާއި ބައިނަލް އަޤްވާމީ އެކިއެކި ފޯރަމް ތަކުގައި ދިވެހިރާއްޖެއާއި ސްރީލަންކާ ގުޅިގެން މަސައްކަތް ކުރުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ކޮވިޑް 19 އާ ގުޅިގެން ދެ ޤައުމަށްވެސް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި އޭގެ ސަބަބުން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ސްރީލަންކާގެ ބޮޑުވަޒީރުގެ ސަމާލުކަމަށް ސަފީރު ގެންނެވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި އަބަދުވެސް ސްރީލަންކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.