ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސާނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ތ. ވޭމަންޑޫ ވަޑައިގެންފިއެވެ. އެބޭފުޅުންގެ އަރިހުގައި އިންޖިނިއަރަކު ވެސް ދިޔަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ދެބޭފުޅުން އެރަށަށް ވަޑައިގެންނެވީ އެރަށުގެ އިންޖީނުގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި އިންޖީންތައް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑު ގެއްލުމެއް ލިބުމުން އެކަންކަން ބައްލަވައި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށެވެ.

އެރަށު އިންޖީނުގެ ހިންގާ ކުންފުނި ކަމަށްވާ ފެނަކައިގެ އެމްޑީ އަޙްމަދު ސައީދު މުޙައްމަދު ހަލިނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދޅުވީ އެރަށަށް އަލުން ކަރަންޓު ދިނުމަށްޓަކައި ބޭނުންވާ ޖަނަރޭޓަރު މިރޭގެ ވަގުތެއްގައި އެރަށަށް ފުރުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިއަދު މެންދުރު ފަހު 2:30 އެހައިކަންހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ކަށަވަރު ވެފައެއް ނުވެއެވެ.