ޔުއާނާއަށް ހަދާނެގޮތް ހުސްވެ ހާސްވާގޮތްވުމުން، އަޝަލްގެ އުރުގައި އިން ޔޫޙް ނެގުމަށްފަހު ވަނީ އެތެރެއަށެވެ. ކޮޓަރިތެރެއަށް ވަތްއިރު ޔޫޙްގެ ސުވާލުތައް ހުސްނުވެއެވެ. އަޝަލް ކައިރިއަށް ކުޅެން ދާން ބޭނުންވާ ވާހަކަ ބުނުމުން ޔުޢާނާއަށް އެއްޗެކޭ ނުބުނެވުނެވެ.

އިރުކޮޅަކަށްފަހު ޔޫހްގެ ޝަކުވާތައް ހުއްޓުނެވެ. ހިތުގައި ޖެހިފައި ހުރި ނަމަވެސް ޔޫޙްގެ ހިމޭންކަން ޔުއާނާއަށް ދެނެގަނެވުނެވެ. ޔޫޙް ރީތިކުރުމުގެ މަސައްކަތުގައި އޭނާ އުޅުންއިރު ނުހަނު ލޯބިން އެ ތުއްތު ސިކުނޑިއަށް ހާލަތު އޮޅޮންފިލުވައިދެވޭތޯ އޭނާ ބެލިއެވެ.

މެންދުރު ބަންގި ގޮވަން ފަސް މިނެޓަށް ވީ ކަމުގެ އެލާމު ޔުއާނާގެ ފޯނުން އިއުލާންކުރިއެވެ. އޭނާގެ ސިކުނޑިއަށް ކޮށްފައިވާ ބާރުން ގެއަށް އައިސް ތިބި މެހެމާނުން މަތިން ހަނދާންވީ ވެސް އެ ވަގުތުއެވެ.

ޔޫޙް ރީތިކޮށްގެން ބޭރަށް ނިކުތްއިރު ސިޓިންރޫމުގައި އަޒިކިޔަލް ފިޔަވައި އިތުރު މީހަކު ފެންނާކަށް ނެތެވެ. އިތުރު މީހަކު ނެތީތޯ އަހާލަން އަނގަ ހުޅުވާލި ވަގުތު ބަދިގެއާ ދިމާލުން ނިކުމެގެން އައި އަޝްބާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ޝަކުވާގެ ނަޒަރަކުން ޔުއާނާއަށް ބަލާލެވުނީ އަޒިކިޔަލްއަށެވެ.

"ހާއި.. އަހަރެން މި ގޭގަ މަޑުކޮށްލަނީ މި އިރުކޮޅަކު" އަޝްބާގެ ބަސްތަކުން އަޒިކިޔަލްގެ މޫނުން ވެސް ހައިރާންކަން ފާޅުވިއެވެ. ނަމަވެސް އޭނާ އެއްޗެކޭ ނުބުނެ ރީތިވެގެން އިން ޔޫޙް އުރާލައިގެން ގެއިން ނިކުންނަށް މިސްރާބު ޖެހީ, ޔޫޙް މިއަދު މާމަ މެން ގެއަށް ދާހިތުން އުޅޭތީ އެ ކުއްޖާ އެގެއަށް ގެންދާށެވެ. ކުޑަ ދަބަހަކަށް ޔޫޙްއަށް ބޭނުންވާ އެއްޗެހި އެޅީ އެގޭ މީހުން ޔޫޙް އެރޭ އެ ގޭގައި ބާއްވަން އެދުމުންނެވެ. އެ ފަދައިން އެދިއްޖެނަމަ ދެކޮޅު ނަހަދަން ސަބާނާ އޮތީ އަންގާފައެވެ.

"އަޒިކިޔަލް... މަންމަގެ ހަބަރެއްވިތަ؟" ދޮރާ ހަމައިން ޔުއާނާގެ އަޑު އިވުމުން އަޒިކިޔަލް ހުއްޓި ބަލާލަމުން ނޫނެކޭ ބުނެލިއެވެ. އެ ވަގުތު ޔުއާނާގެ މޫނުމަތީން ފެނުނު އަސަރުތަކުން އަޒިކިޔަލްގެ ހިތަށް ތަދުވިއެވެ.

ގެއިން ނިކުތް ވަގުތު ފަހަތުން އަޝްބާ ވެސް އައުމުން އަޒިކިޔަލްއަށް ބަަލާލެވުނީ ނުރުހިފައެވެ. އަންބެއް ހުރެމެ އަޝަލް ބުނިހެން އޭނާއަށް އޭނާގެ ޒިންމާއަށް ފަރުވާކުޑަކުރެވެނީއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

"މީ އަހަރެންގެ ގެއެއްނޫން.. އަޝްބާ މި ގެއަށް ވަންނައިރު ޔުއާނާގެ ހުއްދަ ހޯދައިގެން ވަންނާތި.. އެހެން އައިސް ވަނުމަކީ ވަރަށް ހަޑި ގޮތެއް" އަޒިކިޔަލް ބުނެލި ބުނުމަށް އަޝްބާ ހަމައެކަނި ތުން އަނބުރާލީއެވެ.

ޔޫޙް ލައިފައި އެނބުރި ގެއަށް އަޒިކިޔަލް އައިއިރު ވަރަށް ލަސްވެއްޖެއެވެ. އޭނާ އަންނަމުން އައީ ޔުއާނާއަށް އެންމެ މީރު ވައްތަރުގެ ޗޮކްލެޓް ގަނެގެންނެވެ. ހިނިތުންވެހުރެ ހިނގާފައި އައިއިރު އޭނާގެ ސިކުނޑީގައި ކުރަހަމުންދިޔަ ތަސްވީރުގެ ރީތި ކުލަތައް އެ މޫނުމަތީން ބަބުޅާ ފަދައެވެ. ދުވަސް ފެށުނުއިރު ވީ ކަންތައްތައް އޭނާގެ ހަނދާނުން ފިލާފައިވާ ކަހަލައެވެ.

ގޭތެރެއަށް ވަދެގެން އައިއިރު ސޯފާ ކައިރީ ފޯނުން ވާހަކަދައްކަމުން ދެކޮޅަށް ހިނގަމުންދިޔަ ޔުއާނާ އަޒިކިޔަލްގެ ލޮލުގައި އަޅައިގަތެވެ. މާބޮޑަށް ނުތަނަވަސްވެ ހާސްވެއްޖެނަމަ އެއީ ޔުއާނާގެ އާދައެކެވެ.

އަޒިކިޔަލް ފެނުމުން ހިނިއައިސްފައި އައިސް ބުނެލީ އަޔާޝް ދޮންބެގެ ހާލަތު ރަނގަޅު ވާހަކައެވެ. ފޯނު ބޭއްވުމަށްފަހު ޔުއާނާ ބަލާލިގޮތުން އަޒިކިޔަލް ބުމަ އަރުވާލިީއެވެ.

"މަންމަމެން އަހަރެން ހިތްހަމަޖައްސަން ބުނާ އެއްޗެއް ތަ؟ ފަހަރެއްގަ އަޝަލްގެ ކައިރީން އަސްލު ޚަބަރު އެނގިދާނެ." ވަގުތުން އަޒިކިޔަލްގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ.

އަޝަލްގެ ނަން ގަތުމުން އެކަމާ ގަޔާނުވީކަން ޔުއާނާ ރަނގަޅަށް ދެނެހުއްޓެވެ. އޭނާ ހިނިތުންވެލަމުން އަޒިކިޔަލްއާ ހަތަރު ކަޅި ހަމަ ކޮށްލިއެވެ. އަޒިކިޔަލް ވަގުތުން ޔުއާނާގެ ދެ ކޮލުގައި ހިފައިލިއެވެ.

"ގަސްތުގަ މި ކުއްޖާ އަހަންނަށް ހަދާ ގޮތެއް ތަ މީ..." އަޒިކިޔަލް އަހާލީ ޔުއާނާ އަނބުރާލައި އޭނާގެ ކޮނޑާ ދިމާލުން އަތް އަޅުވާލަމުން ގެނެސް ސޯފާގައި ބާންދާފައެވެ. އެއާއެކު އަތަށް ލައިދިން ޗޮކްލެޓް ފެނުމާއެކު ޔުއާނާ ދަތްތައް ދައްކާލައި ހީލައިފިއެވެ. އަޒިކިޔަލް އަބަދު ވެސް ހިތްހަމަނުޖެހޭ ކުދިކުދި ކަންކަން ވުމަށްފަހު އަލިފާންގަނޑު ނިއްވަން ގެންގުޅޭ ފެނަކީ ޗޮކްލެޓުކަން ޔުއާނާ އަދި ވެސް ހަނދާނެއް ނުނެތެއެވެ.

މިއީ ކީއްވެ އަހަންނަށް ލިބުން އެއްޗެކޯ؟" ޔުއާނާ އަހާލިއިރު ކުރިން އޭނާ އެހި ސުވާލުގެ މަތިން މުޅިން ހަނދާން ނެތިއްޖެއެވެ.

ޔުއާނާ ކައިރީގައި އިށީނުމަށްފަހު އަޒިކިޔަލް ޗޮކްލެޓް ކަނޑާލަމުން އެތިކޮޅެއް ޔުއާނާގެ އަނގައަށް ލަވައިދިނެވެ. ހަތަރުކަޅި ހަމަ ވުމާއެކު ޔުއާނާ ތެދުވީ އަޒިކިޔަލްގެ އަމަލުތަކުން ޔުއާނާގެ ހިތުގެ ހިނގުމަށް ބާރުފޯރުވުންނެވެ. އޭނާ ބޭނުންވަނީ ވެދިޔަ ކަންކަމާ ވާހަކަ ދައްކާށެވެ.

"އައްކި. މިއަދު.." ކޮޅަށްހުރި ޔުއާނާއަށް ބަލަހައްޓައިގެން ހުރި އަޒިކިޔަލްއަށް އެ ބުނަން އުޅެނީ ކޮން ވާހަކައެއްކަން އެނގޭފަދައެވެ.

"އަހަންނަށް އިނގޭ. އާނާ ތަފްސީލުކޮށްދޭންޖެހޭ އެއް ވެސް ކަމެއް ނޯންނާނެ." ޔުއާނާ އަލުން ސޯފާގޮނޑީގައި އިށީނެވެ. އަޒިކިޔަލްއަށް ބަލަހައްޓައިގެން އިންގޮތުން އެ މޫނުމަތީން އެއްޗެއް ދެނެގަނެވޭގޮތެއްނުވިއެވެ.

އިޝާ ނަމާދު ބަންގީގެ އަޑު އިވުމާއެކު ޔުއާނާ ކޮޓަރިއަށް ވަންނަން ހިނގައިގަތީ އެ ޙާލަތުގައި ވެސް އަޒިކިޔަލްއަށް މިސްކިތަށް ދާން ހަނދާން ކޮށްދީފައެވެ. އަޒިކިޔަލް އިންގޮތުން ޔުޢާނާ ދެރަވި ނަމަވެސް އެއީ އޭނާއަށް ނުދައްކާ ނުހުރެވޭނެ ވާހަކަތަކެކެވެ. ގެއަށް އައުން އެހާ ލަސްވީ ކީއްވެތޯ އަހަން ބޭނުންވީ ނަމަވެސް ފުރުސަތުގެ ބޭނުން ހިފާ ހިތަށް އުނދަގޫކުރަމުންދިޔަ ވާހަކަތައް ބޭރުކުރީއެވެ.

މިސްކިތުން ފައިބައިގެން ގެއަށް ދިއުމުގެ ކުރީން އަޒިކިޔަލް ބަނދަރުމައްޗަށް ދިޔައީ އެކަހެރިވެލަން ބޭނުންވުމުންނެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު މަޑިމަތީގައި ރަނގަޅަށް ހަމަޖެހިލަމުން އޭނާ ގުޅީ ޔޫނުސްއަށެވެ. "ޔޫނުސް. މިގަޑީ ހުސްތަ؟" އަޒިކިޔަލްގެ އަޑުގައި ވީ ފުންކަން ދޭހަކޮށްދިނީ ވާހަކައިގެ މުހިންމުކަމެވެ. "އާނ. ކިޔާބަލަ. ކީކޭ؟" ޔޫނުސްގެ ޖަވާބާއެކު ވެސް އަޒިކިޔަލްއަށް ކުރިއަށް ގެންދަން އުނދަގޫވިއެވެ.

"ހަނދާންވޭތަ އަހަރެން އާނާ ވީ ތަނެއް ނޭނގިގެން ނުގުޅިގެން އުޅުން ހަނދާން. އެ ކަންކަން އާނާއަށް ނޭނގެނީ ކަމަށް ވެދާނެތަ؟ އަހަންނަށް ހީވީ އާނާ އަހަރެން ބްލޮކް ކޮށްލިއްޔޭ. ވާހަކަ ދައްކަން ބޭނުން ނުވިއްޔޭ. އަހަރެން.." އަޒިކިޔަލްއަށް އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނެވެ.

"ހަމަޖެހިބަ... އިނގެއެއްނު އޭރު އަހަންނާއި ޔުމްނާގެ ގުޅުން ވެސް ހީނަރުވީކަން. އަހަންނަށް ތީގެ އެއް ވެސް ކަމެއް ނޭނގެ.އެކަމަކު މިހާރު ފަހަރެއްގަ އޭރު ވީ ކަންކަން އޮޅުންފިލާފާނެ. ކިހިނެތްވީތަ؟" ފޯނުގެ އަނެއްކޮޅުން ޔޫނުސް ވާހަކަދައްކަމުން ދަނިކޮށް އަވަހަށް އައިސްދިނުމަށް އެދި ސަބާނާ ޔޫނުސްއަށް ގޮވާއަޑުއިވުނެވެ. ދެން ވާހަކަދައްކާނީ ފަހުން ކަމަށްބުނެ އަޒިކިޔަލް ފޯނު ބޭއްވީއެވެ.

އޭނާއަށް ނިއްކުރީގައި ދެ އިނގިލީން އަޅާ އޮއްބާލެވުނެވެ. ފިކުރުތަކުން ފުނިޖެހި އޭނާގެ ބޮލުގައި ރިއްސަންފަށައިފިއެވެ.

އެ ވާހަކަދެއްކުމަށްފަހު އަޒިކިޔަލް ގެއަށް އައުން ލަސްވުމުން ޔުއާނާ ކަންބޮޑުވިއެވެ. އިންތިޒާރުގެ ވަގުތުތައް ދިގުވެ ގަޑިން ދިހައެއް ޖެހީއެވެ. ގުޅަން ނަންބަރުތަކަށް ފިއްތާލި ވަގުތު އެތެރެއަށް ވަދެގެން އައި އަޒިކިޔަލް ފެނުނެވެ. ވަރުބަލިކަން އެ މޫނުން ފާޅުވަމުންދިޔައިރު ދެ ލޮލަށް ވީ ރަތްކަމެއް ވެރިވެފައެވެ.

ސޯފާއިން ތެދުވަން އުޅުނު ޔުއާނާއަށް ސިހުން ލިބުނީ ބާރަށް ހިނގާފައި އައިސް އޭނާގެ އުނގުގައި ބޯއަޅާ އަޒިކިޔަލް އޮށޯއޮތުމުންނެވެ. "ބޯ މޮޑެދީބަ..." ލޯ ހުޅުވާލުމެއްނެތި އޮތްގޮތަށް އޮވެ އަޒިކިޔަލް ބުނެލިއެވެ.

ހިމޭނުން އިނދެ ޔުއާނާ އަޒިކިޔަލްގެ ބޯ މޮޑެދޭން ފެށިއެވެ. އިރުކޮޅަކު އޮތުމަށްފަހު އަޒިކިޔަލް ބުނެލީ އޭނާއަށް ހޫނުވާ ކަމަށެވެ. އޭސީގެ ފިނިކަން ބޭނުމިއްޔާ ކޮޓަރިއަށް ދާން ޔުއާނާ ބުނެލިއެވެ." ހިނގާބަ ދާން..." ލޯ ހުޅުވާލަމުން އަޒިކިޔަލް ބުނެލި ގޮތުން ޔުއާނާއަށް ހެވުނެވެ.

ތެދުވެގެން އަޒިކިޔަލް ހިނގައިގަތުމާއެކު ޔުއާނާ އެހީ ބޭސް ބޭނުންތޯއެވެ. "ނޫން. އާނާގެ އަތުން ތަންކޮޅެއް ގިނައިރު ފިރުމާލަނިކޮށް ރަނގަޅުވާނެ." އަޒިކިޔަލްގެ ފަހަތުން ވަތް ޔުއާނާގެ ދެ ލޯ ބޮޑުވީ އަޒިކިޔަލް ގަމީސް ބޭލުމުންނެވެ.

އެ މަންޒަރު ފެނުނު ނަމަވެސް އަޒިކިޔަލް އޮށޯތީ ޔުއާނާއާއި ދިމާކޮށްފިނަމަ ލަދުން ވިރިދާނޭ ހީވެފައެވެ. ކައިރިއަށް ދާން ނުކެރި ޔުއާނާއަށް ދުރުގައި ހުރެވުނީއެވެ ނަމަވެސް ކުއްލިއަކަށް އޮއްސާލި ބޯ ވާރޭގެ ތިކިތައް ފުރާޅުގައި ޖެހި އުފައްދާލި ގަދަ އަޑުން ޔުއާނާއަށް އަޒިކިޔަލްގެ ކައިރިއަށް ދެވުނީ ބޭއިޚްތިޔާރުގައެވެ. މަޑުމަޑުން ބޯކޮޅުގައި އިށީނދެ އަޒިކިޔަލްގެ ބޯ މޮޑެދޭންފެށިއިރު ޔުއާނާގެ ލޭގެ ހިނގުން އަވަސްވެއްޖެއެވެ. ޔުއާނާގެ ހިމަހޯލި ފިނި އިނގިލިތައް އޭނާގެ ނިއްކުރީން އިހްސާސްވާންފެށުމުން ސިކުނޑީގެ ވާންކަން ކެނޑޭހެން އަޒިކިޔަލްއަށް ހީވިއެވެ. މާހައުލުގެ ފިނިކަމާއި އެކަހެރިކަން އެހެން މާނައަކަށް ތަސައްވަރުވެގެންދިޔައީ ކިހިނެތް ކޮންއިރަކު ކަމެއް ނޭނގެއެވެ. އެހެނަސް ދެ ހިތަށް ވެސް އެކަމުން ރާޙަތެއް ކުރިކަން ޔަގީނެވެ.