އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ހިންގާ ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމުގެ ދެވަނަ އަދި ތިންވަނަ ބެޗުގެ ކިޔެވުން ނިމިއްޖެއެވެ.
މި ދެ ބެޗުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ޖެނުއަރީ 1 އިން ފެބުރުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މި ދެ ބެޗުގައި ޖުމްލަ 25 މީހުން ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން ރިސޯޓުތަކުގައި އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމުގެ ހަތަރުވަނަ އަދި ފަސްވަނަ ބެޗުގެ ކިޔެވުން މިހާރު ކުރިޔަށްދާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. މި ޕްރޮގްރާމްގައި މިހާތަނަށް 69 ރިސޯޓަކުން 70 ބޭފުޅުންވަނީ ބައިވެރިވެފައެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެދިވަޑައިގަތުމާ އެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ކޯހުގައި ބައިވެރި ކުރަން ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ނަން ހުށައަޅާ ފަރާތްތަކެވެ.
ދިވެހި ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި (ވަގުތީ ގޮތުން) ބަންގި ގޮވުމާއި ޚުޠުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދާއި ފަރްޟު ފަސް ނަމާދު އަދި ޖަމާޢަތުގައި ކުރާ ސުއްނަތް ނަމާދު ކުރުމުގެ ޤާބިލުކަން ހުރި ބަޔަކު އުފެއްދުމުގެ މަޤްސަދުގައި ހިންގާ މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ފުރިހަމަކުރާ ފަރާތްތަކަށް ހަނދާނީ ލިޔުމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަނދާނީ ލިޔުން ޙާޞިލުކުރާ ފަރާތްތަކަށް ދިވެހި ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ވެސް ވަގުތީ ގޮތުން މުދިމްކަން ކުރުމާއި ހުކުރު ކުރުމުގެ ހުއްދައެއް މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާނެ އެވެ. އަދި މިކޯސްތަކުގެ މައިގަނޑު އަމާޒަކީ މި އަހަރު ތެރޭގައި ކޮންމެ ރިސޯޓެއްގައި ހުކުރު ކުރެވޭނެ ދެ ޚަތީބުން ތަމްރީނު ކުރުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.
މި ކޯހުގައި ކިޔަވައިދެއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވާޢިޘުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ، ކަމަށް ޤާބިލު ޢިލްމުވެރިންނެވެ.