“މި ރަށަކު މޮޔައިން މަދެއް ނޫނެއްނު؟” އޭނާ ހިނިތުންވެލިއެވެ.
ކަންތައް ވީ އެހެންނެވެ. އެއްދުވަހަކު އެ ބުނާ ކަހަލަ މޮޔައަކު އޭނާ އެދޭ ވަރަށް ވުރެ މާބޮޑު މުސާރައަކަށް އޭނާއަށް ވަޒީފާ ދީފިއެވެ. އެޔާއެކު އޭނާގެ ހިތް އަރައިގެން އެ ދިޔައީ ހަތްވަނަ އުޑާ ހަމައަށެވެ.
ހަތަރު ހާސްރުފިޔާގެ ވަޒީފާ ޗިޓް އަޙްސަންގެ މޫނުމަތީގައި ހޫރައިލަމުން އޭނާ ބުންޏެވެ.
“މުސާރައިގެ އިތުރަށް ބޭސްކުރުމުގެ ޚަރަދާއި ބޯނަސް އަދި މުސާރަޔާއެކު އަހަރަކު އެއްމަސް ދުވަހުގެ ޗުއްޓީ. މީގެ އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު… ހައް… ހައް… ހާ.”
“ޒާރާގެ މަންޒިލަކީ ތިޔައީތަ؟”
“އަހަރެންގެ މަންޒިލް އޮތީ އަދިވެސް ވަރަށް އުހުގައި.”
“ކިހައި އުހެއްގައި؟”
“މިއީ އެންމެ ހަތަރު ހާސް ރުފިޔާއެއްނު! އަހަރެންގެ ހިތުގައި އޮތީ މަހަކު ހަތަރުލައްކަ ރުފިޔާ.”
“ހައްދަވައި ބޮޑު ކުރެއްވި މާތް ރަސްކަލާކޮ!” އަޙްސަން ދެ އަތް މައްޗަށް އުފުލައިލިއެވެ. “މި ކުއްޖާ ސަލާމަތްކޮށް ދެއްވާދޭނވެ!”
“އޭތް ތިޔަ ކަހަލަ ދުޢާ ނުކުރޭ.” އޭނާ ހަރުކަށި ރާގަކަށް ބުންޏެވެ.
އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެން ހިނގައްޖެއެވެ. ފުރަތަމަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ޙާލަތު ބަދަލުވާން ފަށައިފިއެވެ. ފުރަތަމަ މަހު އައީ މޮޅު ގޮނޑި ސެޓެކެވެ. ދެން އައީ ދޫލައެކެވެ. އޭގެ ފަހުން ރީތި އަގުބޮޑު ކާމޭޒެކެވެ. އެންމެ ފަހުން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކުލަ ޓީވީއެއް ގެނައިމާ މަންމަ އަކަށް އަނގައިން ނުބުނެއެއް ނުހުރެވުނެވެ.
“ތިޔަހެން ފައިސާ ބޭކާރު ގޮތުގައި ނަގައިލަނީ ކީއްކުރަން؟ ލިބޭ ފައިސާ ކޮޅު ރައްކާކޮށްފައި ބަހައްޓާ… ފަހުން އޭގެ ބޭނުން ޖެހޭނެ.”
“ފުރަތަމަ ވީ މިއަދުގެ ޙާލަތު ރަނގަޅު ކުރަން. މާދަމާޔާމެދު ވިސްނާނީ ފަހުން.”
“ތިޔައީ ކީއްކުރަން ކުރާހައި ކަމެއް؟ ތިޔަ އެއްޗެހި ނެތަސް އަހަރެމެން މިއުޅެނީ ހެޔޮ ޙާލުގައެއްނު؟”
“މަންމާ.” އޭނާ މަންމަގެ ގާތުގައި އިށީނދެއްޖެއެވެ.
“ގޭގެ ސަބަބުން ވަރަށް ބޮޑެތި ބަދަލު އަންނާނެ… ރަނގަޅު ގެއެއް ހުރިއްޔާ އެ ގެއަކަށް އަންނާނީވެސް ރަނގަޅު މީހުން މޮޅު މީހުން.”
“ތިޔަ ބުނާ ރަނގަޅު މޮޅު މީހުންނަކީ ކޮން ބައެއް؟”
“ބޮޑެތި މީހުން. މަންމަގެ އަންހެން ދަރީންގެ ކައިވެނި ކުރުވާކަށް ބޭނުމެއް ނުވޭތަ؟”
އޭނާ ބަނޑުއަޅައި ވިހެއި ދަރީންގެ ކަންތައްތައް އޭނާއަށް މި ވިސްނައިދެނީ އޭނާގެ ދަރިފުޅެވެ. މަންމަ ޙައިރާންވެފައި އިރުކޮޅަކު ބަލަހައްޓައިގެން އިނެވެ. އެހެން އިނދެފައި ބުނެލިއެވެ.
“ޒާރާ… އަހަންނަށް އަޙްސަން ވަރަށް ކަމުދޭ… އެއީ ތިމާގެވެސް ކުއްޖެއް. ކަލޭ ރުހެންޏާ ފަހަރިއާ ވާހަކަ ދައްކާލަންތަ؟”
“ވާހަކަ ދައްކާނެ ކަމެއް ނެތް.” އޭނާ ނުރުހުންވެފައި ބުނެލިއެވެ. “އަހަރެން އޭނާޔާ އިންނާކަށް ބޭނުމެއް ނޫން.”
“އެއީ ކީއްވެގެން؟ އޭނާގެ ކިބައިން ފެންނަނީ ކޮން އުނި ސިފައެއް؟”
“ފަގީރުކަމަކީ އެތައް ސަތޭކަ އުނި ސިފައަކާ އެއްވަރުގެ ކަމެއް.”
“ފަގީރުކަމަކީ އަބަދަކު އޮންނަ ކަމެއް ނޫން… އޭނާ މިހާރު އެގެންދަނީ ސިފައިންގެ ތެރެއަށް ވަންނާން އިމްތިހާން ހަދަމުން. އިރާދަކުރެއްވިއްޔާ އޭނާ ބޮޑު އޮފިސަރަކަށްވާނެ…”
“ބޮޑު އޮފިސަރަކަށް ވިޔަސް ފަގީރުކަމުން އޭނާ ސަލާމަތް ވާނީ އެތައް އަހަރަކުން. އޭނާ ބަލަހައްޓާން ޖެހޭ އެތައް ބަޔަކު އެބަތިބި.”
“ﷲ ހުރިހައި ކަމެއް ރަނގަޅު ކުރައްވައިފާނެ… ފިކުރު ކުރާނޭ ކަމެއް ނެތް.”
“އަހަރެން ފިކުރެއް ނުކުރަން. ފިކުރު ކުރާނީ ކަންބޮޑުވާ މީހުން.”
“ޒާރާ!” އޭނާގެ ވާހަކަ ހުރިގޮތް މަންމައަކަށް ކަމަކު ނުދިޔައެވެ. “އޭނާގެ ފިކުރު ބޮޑު ވަނީއެއް ނޫން. އެއީ އޭނާގެ ޒިންމާ.”
“ތިޔަ ދެއްކެނީ ހަމަ އެއް ވާހަކައެއް… ޒިންމާއެއް އޮތިއްޔާ ފިކުރު ބޮޑުވާނެ.” އޭނާ ފަރުވާ ކުޑަގޮތަކަށް ދެ ކޮނޑު ހިއްލައިލިއެވެ.
“އެންމެ ރަނގަޅު. އޭނާގެ ދެ ކޮއްކޮއަކު ކައިވެނި ކުރީމާ އަހަރެން ގޮސް ވާހަކަ ދައްކާނަން.”
“މަންމާ… އޭނާޔާ އިންނާކަށް ބޭނުމެއް ނޫނޭ އަހަރެން ބުނެފީމެއްނު؟ މަންމައަށް އަޙްސަން އެހައި ރަނގަޅިއްޔާ ސެހެރް ނޫނީ އަސްމާއާއި އަޙްސަނާ ދެވާ.”
“ކަލޭ ހުންނާނީ މީހަކާ ނީނދެތަ؟”
“އަހަރެންގެ ވާހަކަ އިހަށް ބާއްވާ. މަންމަ ހުއްޓާ އަހަރެން ފިކުރު ކުރަން ޖެހޭ ކަމެއް ނޯންނާނެ. އެހެން ނޫނަސް އާދައިގެ މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން.”
ޙައިރާންވީ ވަރުން މަންމަގެ އަނގަ ހުޅުވުނެވެ.
އެރޭ މަންމައާއި ބައްޕަ ވާހަކަ ދެއްކި އަޑު އޭނާއަށް އިވުނެވެ. މަންމަ ބުންޏެވެ.
“އަންހެން ދަރީންނަށް އެހައި ބޮޑު މިނިވަންކަމެއް ދޭކަށް ނުވާނެ. އެހެން ހެދީމާ މާބޮޑަށް އަތުން ދޫވެގެން ހިނގައިދާނެ.”
“ކިހިނެއްވީ؟” ބައްޕަ އަހައިލިއެވެ.
“އަހަރެން މި ދައްކަނީ ޒާރާގެ ވާހަކަ. މިހާރު އޭނާގެ ޚިޔާލު ހުންނަނީ ބިމަކު ނޫން. އޭނާ މިހާރު ދެކެނީ އުދުހުމުގެ ހުވަފެން.”
“އަދި ޅައީ. ތަންކޮޅެއް ދުވަސްވީމާ ވިސްނިދާނެ.”
“ކޮން ޅައެއް؟” މަންމަގެ އަޑުގައި ހުރި ޝަކުވާގެ އަސަރެވެ.
“އަހަންނަށް ފެންނަނީ އޭނާ އަވަހަށް މީހަކާ ދެވަން. މިއަދު ދެއްކީ އަޙްސަން ކަމުނުދާ ވާހަކަ… މާދަމާ އެހެން މީސްމީހުންގެ ކަމުނުދާ ވާހަކަ ދައްކަން ފަށާނެ.”
ބައްޕަ އެއްވެސް ޖަވާބެއް ނުދިނެވެ.
ބައްޕަގެ ބަދަލުގައި ތެދުވެގެން ގޮސް މަންމައަށް ޖަވާބުދޭން އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ރީތި އަޚުލާގުގެ އަސަރު ކުޑަކޮށް ހުރުމާއެކު އެހެން ހަދާކަށް ނުކެރުނެވެ. ބާލީހުގައި އޮޅުލައިގަނެގެން އޮތީއެވެ.
ޙިނާގެ ކައިވެނީ ކުރެވެނީއެވެ. އެ ދުވަހު ބޮޑުބައްޕަ ގޭގެ އެންމެންނަށް ދައުވަތު ފޮނުވިއެވެ. އެންގޭޖްމަންޓް އޮތް ދުވަހު ބޮޑުބައްޕަ ކަންތައް ކުރިގޮތުން އޭނާ ކަނޑައަޅައިގެން ހުރީ ކާވެނި ޕާޓީއަށް ދައުވަތު ދިނަސް ނުދާށެވެ. އެހެން ނަމަވެސް މިހާރު އޭނާގެ ވިސްނުން ހުރީ ބަދަލުވެފައެވެ. މިހާރު ބޭނުން ވަނީ މުޅި ޢާއިލާގެ ކުރިމަތީގައި އޭނާގެ ހައިސިއްޔަތު ދައްކައިލާށެވެ. މިއީ އެ ކަމަށްޓަކައި ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. އޭނާއަށް އެ މަހު ލިބުނު މުސާރަ އެކީގައި ޚަރަދު ކުރީ އޭނާއާއި ކޮއްކޮމެންނަށް ހެދުން ގަންނާނެވެ.
އޭނާ ތައްޔާރު ވަމުން ދިޔައީ ވަރަށް ފަރުވާތެރި ކަމާއެކީގައެވެ. ފުރަތަމަ އޮތީ ހީނާފަތް އެޅުމުގެ ރަސްމިއްޔާތެވެ. މަންމަ އެތައް އާދޭހެއް ކުރުމާއެކުވެސް އޭނާ ދިޔައީ ގަޑި ޖެހިގެންނެވެ. ލަހުން ދިއުމުގައި އޭނާގެ މަގުސަދެއް އޮތެވެ. އެ މަގުސަދު ކިތަންމެ ރަނގަޅަކަށްވެސް ފުރިހަމަ ވިއެވެ. އޭނާ ހުރީ ވަރުގެ ކޮޅަށް ނަލަ ހެދިގެންނެވެ. ހަފުލާގައި ތިބި އެންމެންގެ ސަމާލުކަން އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ. އޭނާ ބޭނުންވެގެން އުޅުނު ގޮތަކީ އެއީއެވެ.
“ޒާރާ! ތިޔައީ ހަމަ ޒާރާތަ؟” ބޮޑު ބޭބެގެ ދަރިފުޅު އާޞިފް އޭނާޔާ ދިމާއަށް ބަލައިލާފައި ޙައިރާންވެފައި އަހައިލިއެވެ. އޭނާ އެއްވެސް ޖަވާބެއް ނުދީ ފަށުވި އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ހިނިތުންވެލިއެވެ. “އަހަންނަކަށް ޒާރާ ނުވެސް އެނގުނު.”
“އެއީ ކީއްވެގެން؟ އަހަރެންގެ ސިފަ ބަދަލުވީތަ؟” އޭނާގެ އަޑުގައި ހުރީ ބޮޑާކަމުގެ އަސަރެވެ.
“ނޫނޭ. ސިފަ ބަދަލުވީއެއް ނޫން.” އާޞިފް ހިނިތުންވެލިއެވެ. “މިހާރު މާ ރީތީ.”
އާޞިފްގެ ވާހަކައިން އޭނާގެ ހިތަށް ލިބުނީ ބަޔާން ކުރަންވެސް ނޭނގޭފަދަ މަތިވެރި އުފަލެކެވެ. އެއަށްފަހު ފަހަރަކު މީހަކު އައިސް އޭނާއަށް ތަޢުރީފް ކުރަން ފަށައިފިއެވެ. އޭނާ ހިތާއިހިތާ ކިޔަމުން ދިޔައެވެ.
“އަހަރެން މިއީ ހަމަ ކުރީގެ ޒާރާއެވެ. މިހާރު އައިސްފައި ހުރި ބަދަލަކީ މަތިމަތީން މި ފެންނަ ޒީނަތްތެރިކަމުގެ ސަބަބުން އައިސްފައިވާ ބަދަލެވެ. މި ޒީނަތްތެރިކަމަށްޓަކައި ވަރަށް ގިނަ ފައިސާ ވަނީ ޚަރަދު ކުރެވިފައވެ. އެންމެން ތަޢުރީފު ކުރަނީ ފައިސާއަށެވެ. އަހަރެންގެ ހެދުމުން މިފެންނަނީ ފައިސާގެ ދަޅައެވެ.”
އެނބުރި ދާން ފެށީމާ ނުދާށޭ ކިޔައި އޭނާ ހުއްޓުވާން އެންމެންވެސް މަސައްކަތް ކުރިއެވެ.
“އަހަރެން އޮފީހަށް ދާން ޖެހޭނެ.”
“ބަލަ، މިހާރު ވަޒީފާއެއްވެސް އަދާކުރަން ފެށީތަ؟”
“އާނ…” އޭނާގެ ގާބިލިއްޔަތުގެ ވާހަކަ ދެއްކުމަކީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެކެވެ. އެހެންވީމާ ޖަވާބު ދިނީ ފަޚުރުވެރިކަމާ އެކީގައެވެ.
“ކޮންތަނެއްގައި؟” އެތައް އަޑަކުން އެއްފަހަރާ ސުވާލުކުރިއެވެ.
“ކޭ އެންޑް ކޭގައި.”
“އެއީ ވަރަށް ރަނގަޅު ކުންފުންޏެއް.” ޖާވީދު ބުނެލިއެވެ. “އެ ކުންފުނީގެ އެމްޑީ ކަމާލްގެ ދަރިފުޅު ކާޝިފް އެމެރިކާގައި އުޅުނީ އަހަންނާ އެކީގައި.”
“އެހެންތަ؟”
“އާނ… އެއީ ވަރަށް ރަނގަޅު މީހެއް. އަހަރެން އައިއިރު އޭނާ އުޅެނީ އެމެރިކާގައި. މިހާރު ކޮބައި ކަމެއް ނޭނގޭ.”
“މިހާރު ދުރުވެ އެބައުޅުއްވާ.” އޭނާ ބުނެލިއެވެ.
“އޮފީހަށް ދޭތަ؟”
“އާނ. ކާޝިފް ގިނަ ވަގުތު އުޅުއްވަނީ އޮފީހުގައި. ކަމާލް އުޅުއްވާނީ ގަޑިއެއްހައިއިރު.”
“މީހަކާ އިނދެފިބާ؟”
“އެޔެއް ނޭނގޭ.”
“އޭނާ އުޅުނީ އިންނާނޭ ރަނގަޅު އަންހެން ކުއްޖެއް ނުލިބިގެން. މިހާރު ނުލިބޭ ކަމެއްވެސް ނޭނގެ.”
“ރަނގަޅު އަންހެން ކުއްޖެއް!” ޒާރާގެ ލޮލުގެ ކުރިމަތީގައި ކާޝިފްގެ ސޫރަ އެނބުރިގެންފިއެވެ. އެއީ މީހަކު މާ ބޮޑަށް އަޅައިގަންނަ ވަރުގެ ރީތި މީހެއް ނޫނެވެ. އެހެންނަމަވެސް އެހެން ހުރިހައި ޝަރުތެއް ފުރިހަމަވެއެވެ.
އެރޭ ވަރުބަލިވެފައި ހުރުމާއެކުވެސް އޭނާ ވަރަށް ގިނައިރު ވާންދެން ހޭލައި އޮތެވެ. ކާޝިފް އުޅެނީ އިންނާނޭ ރަނގަޅު ކުއްޖަކު ނުލިބިގެންނެވެ. ރޭގަނޑު ހަތަރު ދަމު އޭނާ ވިސްނަމުން ދިޔައީ އެކަމާ މެދުގައެވެ.
“ކާޝިފް އެބުނާ ކަހަލަ ރަނގަޅު ކުއްޖަކަށް އޭނާ ވޭ ބާވައެވެ؟”
ކާޝިފް އޭނާޔާ ދިމާއަށް ބަލައިވެސް ނުލައެވެ. އޮފީހުގައި ޒާރާ ކުރަންޖެހޭ މަސައްކަތުގެ ގޮތުން ކާޝިފާ މާގިނަ ވާހަކަ ދައްކާކަށްވެސް ނުޖެހެއެވެ. ވަގުތު އޮވެގެން އޭނާޔާ ދިމާއަށް ބަލައިލައިފިއްޔާ އެ ބުނާ ކަހަލަ ރަނގަޅު ކުއްޖަކަށް އޭނާ ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެ ނަމަ ކާޝިފަށް އެދިގެން އުޅޭ ރަނގަޅު ކުއްޖާ ލިބުނީއެވެ.
އޭނާއަށް އޭނާ ބޭނުންވެގެން އުޅޭ ރަނގަޅު ދިރިއުޅުން ލިބުނީއެވެ. އޭނާ ވިސްނަމުން ދިޔައެވެ.
ހެނދުނު އޭނާއަށް ހޭލެވުނީ ލަހުންނެވެ. އޭރު އޮފީހުގެ ގަޑިވެސް ޖެހިގެން ހިނގައްޖެއެވެ. އޭނާ އަވަސްއަވަހަށް ތައްޔާރުވެގެން އޮފީހަށް ދާން ނުކުމެއްޖެއެވެ. އެ ދުވަސްވަރު އޮފީހުގެ ވޭން އޮތީ ހަލާކުވެގެން ހަދާން ގެންގޮސްފައެވެ. އެހެންވީމާ އޭނާއަށް ދާން ޖެހުނީ އަމިއްލައަށެވެ. އޭނާ ނުކުމެ، އޮޓޯ ރިކްޝާއަކަށް އަރައިގެން ވިއްސަކަށް މިނިޓުގެ ތެރޭގައި އޮފީހަށް ހިނގައްޖެއެވެ. އޭނާ ދިޔައީ ކާޝިފްގެ ކުރިމަތީގައި ވީހައި ގިނައިރު ހުރެވޭނޭ ގޮތެއް ވޭތޯ ވިސްނަމުންނެވެ. އެކަމަކު އެކަހަލަ ތަދުބީރެއް އޭނާގެ ސިކުނޑިއަކަށް އަންނަ ގޮތެއް ނުވިއެވެ. އޮފީހަށް ވަނުމާއެކު ކާޝިފް އޭނާއަށް ގޮވައިލިއެވެ. އޭނާގެ ނަސީބު އައިސް އަތުގައި ހިފިލެއް އަވަސް ކަމުން އޭނާ ހުރީ ޙައިރާންވެފައެވެ.
“މިއަދު އޮފީހަށް ތިޔަ އައީ ގަޑި ޖެހިގެންނެއްނު؟” ކާޝިފް ބުނެލިއެވެ.
ކާޝިފް އެ ވަގުތު ހުރީ އެއްވެސް މަސައްކަތެއް ކުރާކަށް ނޫނެވެ.
“އާދެ.” އޭނާ ކިތަންމެ ހިތްވަރު ކުރިކަމުގައި ވިޔަސް އެވަގުތު ވަރަށް ބޮޑަށް ހާސްވިއެވެ.
“އެއީ ކީއްވެގެން؟”
“އަޅުގަނޑު ކުޑަކޮށް ބަލިވެ އުޅޭތީ.”
ރޭގަނޑު ހަތަރު ދަމު ހޭލައި އޮތުމާއި، ހެނދުނު ލަހުން ތެދުވުމުގެ ސަބަބުން މޫނު މައްޗަށާއި ލޮލަށް އައިސްފައިވާ ބަދަލުގެ ސަބަބުން އޭނާގެ ދޮގު ފޮރުވޭ ގޮތްވިއެވެ.
“އެހެންވެއްޖެއްޔާ އޮފީހަށް އައީ ކީއްކުރަން؟”
“ސަރ. ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް ހުރީމާ.”
“މަސައްކަތް ހުންނާނެ… އެ މަސައްކަތްތައް އެހެން މީހަކު ލައްވައިވެސް ކުރުވިދާނެ… އެހެން މީހުންވެސް އޮފީހުގައި އެބަ އުޅެއެއްނު؟”
“އާދެ.” އޭނާ ތެޅެމުން ފޮޅެމުން އޮފީހަށް އައީ ކާޝިފާ ހެދިއޭ އޭނާ ބުނާނީ ކިހިނެއް ހެއްޔެވެ؟
“އިށީނދޭ.” އޭނާ ގާތު އިށީންނާށޭ ބުނެފައި ކާޝިފް އިންޓަކަމުން ގުޅާފައި ސައި ގެންނާން އަންގައިފިއެވެ.
“މިތާނގައި ވަޒީފާ އަދާ ކުރާތާ ކިހައި ދުވަހެއްވެއްޖެ؟”
“ހައެއްކަ މަސް ދުވަސް ވެދާނެ.” އޭނާގެ ހާސްކަން އަދި ވެސް ނުފިލައެވެ. “މިހާރު އޮފީހަށް އަންނާނެ ގޮތެއް ނެތީމާ ވަރަށް ގިނަ އުނދަގޫ ތަކާ ކުރިމަތިލާން ޖެހޭނެކަން އަހަންނަށް އެނގޭ.”
ޒާރާ ބޯ ޖަހައިލިއެވެ. ބޯ ޖަހައިލީގޮތުން އެބުނީ “އާނއެކޭ” ކަމެއް ނުވަތަ “ނޫނެކޭ” ކަމެއް ނޭނގޭނެއެވެ.
ޕިޔޯނު އައިސް ސައި ތަބަށް ބަހައްޓައިފައި ދިޔައީމާ ކާޝިފް އަހައިލިއެވެ.
“ބޭސް ގުޅައެއް ގެނުވަންތަ؟”
“ނޫން. ބޭނުމެއް ނޫން.”
“އެހެންވެއްޖެއްޔާ ސައިތަށި ބޮއިލާ.”
ސައިތަށި ތުނބުގައި ޖައްސައިލީ ވަގުތު އޭނާގެ ހިތަށް އެރިއެވެ. ކާޝިފް އެ އުޅެނީ އަހަރެންގެ ކުރިމަތީގައި ވަރަށް ރަނގަޅު މީހަކަށް ހެދޭން ވެގެންނެވެ. އެވަގުތު ކާޝިފްގެ މޭޒުމަތީގައި ހުރި ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. އޭނާ ފޯނު ނަގައިގެން ވާހަކަ ދައްކާން ފަށައިފިއެވެ. އެ ވަގުތުކޮޅުގެ ބޭނުން ހިފައިގެން ޒާރާ ދިޔައީ ސައި ބޮމުން، ވިސްނަމުންނެވެ.
“ޒާރާ ގެއަށް ދާން ބޭނުމިއްޔާ…” ފޯނުގެ އަތްގަނޑު ބާއްވަމުން އޭނާ ބުނެލިއެވެ.
“ނޫން… އަޅުގަނޑަށް މިހާރު އޮފީހަށް އާދެވިއްޖެއެއް ނޫންތޯ؟ އެހެންވީމާ…
“އެންމެ ރަނގަޅު.” އޭނާ ހިނިތުން ވެލިއެވެ. “އެކަމަކު، މާދަމައިން ފެށިގެން ދެ ދުވަހުގެ ޗުއްޓީއެއް ނަގައިގެން އަރާމުކޮށްލާ.”
“ޝުކުރިއްޔާ، ސަރ.” އޭނާ ތެދުވެއްޖެއެވެ. ހިނގައިފައި ގޮސް އެ ކޮޓަރީން ނުކުތުމުގެ ކުރީން އެނބުރި ކާޝިފާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ.
ޗުއްޓީއެއްގެ ގޮތުގައި ލިބުނު ދެ ދުވަހުގެ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިފިއެވެ. ފުރަތަމަ އޭނާ ބެލީ އަޅައި އުޅޭ ހެދުން ރަނގަޅު ކުރެވޭތޯއެވެ. ގާތް މީސްމީހުންނާ ސުވާލުކޮށްގެންނާއި، ލޯގަނޑުދޮށުގައި ހުރެގެން އަމިއްލައަށް ބަލައިގެން ކަމުނުދާ ގޮތަށް ކަމެއެް ކުރެވިފައި އޮތިއްޔާ ރަނގަޅުކުރީއެވެ. ކާޝިފްގެ ފަރާތުން އޭނާއަށް ފެނުނު ކުޑަކުޑަ ގާތްކަމެއްގެ ސަބަބުން އޭނާގެ އުއްމީދު ވަނީ ވަރަށް ބޮޑަށް އާލާވާގޮތް ވެފައެވެ.
އޭނާގެ އިސްތަށިގަނޑު އެއްގޮތަކަށް އޮމާންކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ބޮލުގައި އަތްފުނާ އަޅަމުން އޭނާ ވިސްނައިލިއެވެ. އެ ޚިޔާލު ހިތަށް ވަނުމާއެކު، ބޯ އޮމާންކުރާ ގޮތް ބަދަލުކޮށްލާން ނިންމައިފިއެވެ.
ކާވެނި ޕާޓީން އޭނާއަށް ވަނީ ވަރަށް ގިނަ ގޮތްގޮތަށް ބޯ އޮމާންކޮށްގެން ތިބި ކުދިން ފެނިފައެވެ. ތިން ދުވަސް ފަހުން އޭނާ އޮފީހަށް ނުކުތީ މުޅީން އައު މީހަކަށް ވެގެންނެވެ. ބޯ އޮމާންކުރާ ގޮތްވެސް ހުރީ ބަދަލުކޮށްފައެވެ. ހެދުން އަޅާ ގޮތްވެސް ހުރީ ބަދަލުކޮށްފައެވެ. ކާޝިފްގެ ލޮލުގައި އަޅައިގަންނާނޭ ހުރިހައި ގޮތަކަށް އޭނާ ހުރީ ތައްޔާރުވެގެންނެވެ.
ހީކުރިގޮތާ ޚިލާފަށް އޭނާ ފެނުނީމާ ކާޝިފް ދިޔައީ ސިއްސައިގެންނެވެ. އޭނާގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ޙައިރާން ކަމުގެ އަސަރުތަކެވެ.
“ޒާރާ މޭޒުދޮށަށް ދޭ.” ހަރުކަށި ރާގަކަށް މިހެން ބުނެފައި އޭނާ ފައިލެއްގެ ތެރެއަށް ގެއްލިއްޖެއެވެ. ކާޝިފްގެ ރުޅީގެ ސަބަބަކީ ކޮބައިތޯ އޮޅުން ފިލުވައިލާން ކުޑަ އިރުކޮޅަކު މަޑުކޮށްލާނަމޭ އޭނާގެ ހިތަށްއެރިއެވެ. އެހެންނަމަވެސް ކާޝިފްގެ މޫނުމަތީން ފެންނާން ހުރި ނުރުހުމުގެ އަސަރުތައް ފެނުނީމާ މަޑުކުރަން ނުކެރުނީއެވެ.
އޭނާ އައިސް މޭޒުދޮށުގައި އިށީނދެއްޖެއެވެ. އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ. ކާޝިފް ރުޅި އައިކަމަށް ހެދުނީއެވެ. އޭނާ އަމިއްލަ ނަފްސަށް އޮޅުވައިލެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަމުގައި މާ ބޮޑު ކާމިޔާބީއެއް ލިބޭ ގޮތެއް ނުވިއެވެ. މަސައްކަތް ބުރަކަމުން ކާޝިފަށް އޭނާޔާ ވާހަކަ ދައްކައިލާނޭ ފުރުސަތެއް ނެތީއެވެ. އެކި ގޮތްގޮތަށް ވިސްނަމުން ގޮސް އެންމެ ފަހުން އޭނާއަށް ނުބައި ފިޔަވަޅެއް އެޅިއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެއެވެ. ދެން އޭނާ ވިސްނާން ފެށީ ކާޝިފްގެ އުނި ސިފަތަކާ މެދުގައެވެ. ހިތަށް އެރިއެވެ. އޭނާގެ ކިބައިގައި ހުރީ ރީތި ކޮން ސިފައެއް ހެއްޔެވެ؟ އޭނާގެ އަތުގައި ފައިސާ ހުރީމާ ގިނަ މީހުން އޭނާގެ ފަހަތުން އެނބުރެނީއެވެ. އެންމެ ފަހުން ގޮސް ޒާރާގެ ވިސްނުން ގުޅުނީ އާދައިގެ މަތީން ފައިސާޔާއެވެ.
ފައިސާވެރިން މިރަށަކު މަދެއް ނޫނެވެ. ޓައިޕްރައިޓަރަށް ކަރުދާސްގަނޑު ލައްވަމުން އޭނާ ވިސްނައިލިއެވެ. ކޮންމެވެސް އެހެން މީހަކު ލިބިދާނެއެވެ.
ހަވީރު އޭނާ ގެއަށް އައިއިރު އަޙްސަން އުޅެއެވެ. އޭނާ ހުރީ މަންމަޔާ ވާހަކަ ދައްކާށެވެ. ޒާރާވެސް އައިސް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
“ކިހިނެއްވީ؟” އަޙްސަން އޭނާޔާ ދިމާއަށް ބަލާ ވަރުން އުނދަގޫވެގެން އޭނާ އަހައިލިއެވެ. މި ސުވާލު ކުރި އިރުވެސް އޭނާ އެ ބަލަނީ ބޯ ކޮށައިފައި ހުރީމާކަން އޭނާއަށް އެނގެއެވެ.
“އަޙްސަން… ކިހިނެއްވީތަ؟”
“ހޫނ…” އަޙްސަން ދިޔައީ ސިއްސައިގެންނެވެ. “މާބޮޑު ކަމެއް ނުވޭ. އަހަރެން ބޮޑުދައިތަ ގާތު މި ދައްކަނީ ސާޖިދާގެ ކާވެނީގެ ވާހަކަ.”
“އޭނާ ދެވާނޭ މީހަކުވީތަ؟”
“ނޫނޭ އަދިއެއް ނުވޭ. އަހަރެން މިދަނީ ރަނގަޅު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން.”
“ކޮން މަސައްކަތެއް؟”
“ދެތިން ގެއަކުން އިޝާރާތް ވެއްޖެވެސްމެ. އަހަރެން މިދަނީ އެމީހުންގެ ކަންތައްތައް ހުރިނެތް ގޮތްވެސް ބަލަމުން.”
“ތިޔަ ބެލުމެއް ބަލަބަލައި ހުއްޓާ އަޙްސަން މުސްކުޅި ވެދާނެ.” އޭނާގެ ވާހަކައިގައި ހުރީ ސުވާލުގެ ރާގެވެ.
“ފަސް ކޮއްކޮއިން މީހުންނާ ދެވަން އެބަޖެހޭ.” އަޙްސަން އޭނާގެ ސުވާލު ވިސްނިގެން ކަހަލަ ގޮތަކަށް ބުނެލިއެވެ.
“ޒާރާ. ކަލޭ މިތާނގައި މަޑުކޮށްލާ.” މަންމަ ބުނެލިއެވެ. “އަޙްސަން. އަހަރެން މި ދަނީ ކައްކަން. ދާންވާނީ މިރޭ ކައިގެން.”
“ނޫނޭ ބޮޑުދައިތާ. އަހަންނަކަށް މާ ގިނަ އިރަކު ނުހުރެވޭނެ.”
“އެއީ ކީއްވެގެން؟”
“އަވަހަށް އަންނާށޭ މަންމަ އޮތީ ބުނެފައި.”
“މައްސަލައެއް ނެތް. އަޙްސަން ވީ މިގޭގައިކަން މަންމައަށް އެނގޭނެއެއްނު؟”
މަންމަ ތެދުވެގެން ބަދިގެއަށް ހިނގައްޖެއެވެ. ޒާރާއާއި އަޙްސަނާ ދެ މީހުން އެކަނިވީއެވެ.
“ޒާރާ ތިޔަ ހުންނަނީ ކޮން ވައްތަރެއް ޖައްސައިގެން.”
“މިއީ ވައްތަރެއްތަ؟ ކަމު ނުދަނީތަ؟”
“އަހަރެންނަށް ރަނގަޅީ އިސްތަށިގަނޑު ދިގުކޮށް އޮތީމާ. ޒާރާޔާ ގުޅެނީވެސް އެހެން އޮތީމާ.”
“އެހެންތަ؟” އޭނާ ހީނގަތެވެ. “ޙިނާގެ ކާވެނި ޕާޓީގައިވެސް އަހަރެންގެ އިސްތަށިގަނޑު ރީތިވެގެން ވަރަށް ގިނަ ކުދިން އުޅުނު.”
އަޙްސަން އަނގަޔަކުން ނުބުނެއެވެ.
އަނެއްކާވެސް ވާހަކަ ދައްކާން ފެށީ ޒާރާއެވެ. “ސިފައިންގެ ތެރެއަށް ވަންނާން އިމްތިޙާނު ހަދާ ވާހަކަ މަންމަ ބުނި.”
“އާނ. އެއީ ތެދެއް.”
“އެއީ ކީއްކުރަން ކުރާ ކަމެއް؟”
“އެއީ ހަމަ ހެޔޮ މަގުސަދެއްގައި ކުރާ ކަމެއް.”
“އާނ. ރަނގަޅު. ކުރިއަށް ދާނޭ މަގެއް ފެންނާނީ އޭރުންތާ ދޯ؟”
“ޒާރާ.” އަޙްސަން ކުއްލިއަކަށް ގޮވައިލިއެވެ. “އަހަރެން ކުރިއަށްދާ ދުވަހެއް ފެންނާންދެން ޒާރާ އިންތިޒާރުކުރާނަންތަ؟”
“އަޙްސަނަށް ކަމެއް ކުރެވޭވަރު ވާނީ އަދި ވަރަށް ގިނަ ދުވަހުން.”
“އެހައި ގިނަ ދުވަހެއް ނުވާނެ.” އޭނާ އުއްމީދުން ފުރިފައިވާ ގޮތަކަށް ޒާރާ އާދިމާއަށް ބަލައިލިއެވެ.
“އަހަރެން މިބުނި އެއްޗެއް އަޙްސަނަކަށް ނުވިސްނުނު. އަހަރެން މިބުނީ ގޭގެ ޒިންމާއިން އަތް ދޮވެލެވޭނީ އަދި ލައްކަ ދުވަހުންނޭ.”
ޒާރާ ތެދުވެއްޖެއެވެ. ކުޑަ އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުނެލިއެވެ. “އަޙްސަނާއި އަހަރެންނާ ދެ މީހުންގެ ވާހަކަ އެއްކަލަ ދުވަހު ނިމިއްޖެ. އެ ވާހަކަ އަލުން ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އަޙްސަންވެސް އެ ވާހަކަ ނުދައްކާތި. އެ ވާހަކަ އަލުން ފަށައިފިއްޔާ އަހަންނަށް ނުދައްކާން ހުންނަ ވާހަކަވެސް ދެއްކިދާނެ. އަހަރެން މިއީ އެއްވެސް ފޮރުވުމެއް ނެތި ވާހަކަ ދައްކާ މީހެއްކަން އަޙްސަނަށް އެނގޭނެ.”
މިހެން ބުނެފައި އޭނާ އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
އެތައް ދުވަހެއް ފާއިތު ވެގެން ހިނގައްޖެއެވެ. އޭނާއަށް އަބަދުމެ ހުރެވެނީ ޝެހެރޫޒްގެ ޚިޔާލުގެ ތެރެއަށް ގެއްލިފައެވެ. އެއީ އޭނާ ބޭނުންވާ ގޮތް ނޫން ކަމުގައި ވިޔަސް ކަންތައްތައް ވީ އެހެންނެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ލޯތްބަކީ ބޭކާރު ޖަޒްބާތެކެވެ. އެހެން ނަމަވެސް މިއަދު އޭނާއަށް އެނގުނު ގޮތުގައި ލޯތްބަކީ މީސްމީހުންގެ ހަކަތައާއި ބާރު ކަނޑުވައިލާ ވަރުގެ ބާރެއް ލިބިފައިވާ އެއްޗެކެވެ. މިއަދު އޭނާއަށް ވެސް ވެފައި މިވަނީ އެކަހަލަ ގޮތެކެވެ. ހިތުގެ އެދުންތައް ފުއްދުމަކީ ކުރެވޭނޭ ކަމެއް ނޫންކަން އެނގި ހުރެމެ، އެ ކަންތައްތަކުގެ އުއްމީދު ކުރެވެނީ އެހެން ވެގެންނެވެ.
އޭނާ އޭނާގެ އަމިއްލަ ވާހަކަތައް ޒާރާއަށް ކިޔައިދެއެވެ.
“ޒާރާ! ކުއްލިއަކަށް އަހަންނަށް ޖެހުނީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ވަންނަން. ބައްޕަ ދުނިޔޭގައި ހުންނެވިއިރު އަހަރެން އެއްވެސް ކަމަކާ ފިކުރު ކުރާކަށް ނުޖެހޭ. އެކަމަކު ބައްޕަ ނިޔާވީމާ މުޅީން އެކަނިވެރިވެއްޖެ. މަންމަ ވަރަށް ގިނައިން އަހަންނަށް ހިތްވަރުދޭނެ. އެކަމަކު ބައެއް ފަހަރަށް އަހަރެން މިއީ ވަރަށް ބަލިކަށި މީހެކޭ ހިތަށް އަރާ. ގޭގެ އެންމެ ދޮށީ މީހަކީ އަހަރެން ކަމަށްވާތީ ހުރިހައި ޒިންމާއެއް އެޅިފައި އޮންނަނީ އަހަރެންގެ ބޮލުގައި. މެހެރޫޒް އަދި ވަރަށް ކުޑަ. އޭނާވެސް މީހަކަށް ހެދީމާ މީހަކަށް ވާނީ. އަހަރެންގެ ފިކުރު ބޮޑު ވަނީ މެހެރޫޒާ ހެދިއެއް ނޫން. އަހަންނަށް ވުރެ ހަގު ހަތަރު އަންހެން ކުދިން އެބަތިބި. އެންމެންވެސް ތިބީ ކައިވެނި ކުރާ އުމުރަށް އައިސްފައި… އެހެންވީމާ މި ބަލަނީ ކޮންމެވެސް ގޮތަކުން އެ ޒިންމާއިން ސަލާމަތް ވެވޭތޯ؟”
“ފިކުރު ކުރާނޭ ކަމެއް ނެތް. ﷲ ކޮންމެ ވެސް މަގެއް ދައްކަވާނެ.” މިއީ އަޙްސަނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ މަންމަ ބުނި ވާހަކައެކެވެ. އެކަމަކު އެވަގުތު އޭނާއަކަށް ނުވިސްނުނެވެ. މިހާރު އޭނާ އެވަނީ އިޚްތިޔާރުން ބޭރުވެފައެވެ. އެހެންވީމާ އެހެން މީހަކާ ދިމާއަށް އެހެން ބުނާކަށް ޖެހިލުމެއް ނުވެއެވެ.
“ޒާރާ ތިޔައީ އަހަރެންގެ އަނދިރި ދުނިޔެއަށް އަލިކަން ފާއްދައިލި އުއްމީދުގެ ހުޅުކޮޅެއް. ޒާރާގެ ސަބަބުން އަހަރެންގެ ހިތުގައި ދިރިއުޅުމުގެ އުއްމީދު އާލާވެގެން ހިނގައްޖެ. ޒާރާ އަހަރެންގެ ދިރިއުޅުމަށް ނައިނަމަ އަހަރެންގެ ހިތްވަރު އެލި ހަތިޔާރު ބަހައްޓާން ޖެހުނީހޭ ވަރަށް ގިނައި ހިތަށް އަރާ.”
“ތިޔައީ ދައްކާ ކަހަލަ ވާހަކައެއް ނޫން… ދިރިއުޅޭނޭ ސަބަބެއް އަބަދުވެސް ﷲ ދައްކަވާނެ.”
“އާނ. ތިޔައީ ރަނގަޅު ވާހަކައެއް. އެކަމަކު މިހާރު އަހަރެންގެ ހިތަށް އަރަނީ އަހަންނަށް، ޒާރާއަށް ދެވޭނީ ކޮން އެއްޗެއް ބާވައޭ.”
“ޝެހެރޫޒް. އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އަހަރެންގެ ކުރިމަތީގައި އެންމެ އަގުބޮޑު އެއްޗަކީ ޝެހެރޫޒްގެ ލޯބި.”
“ޒާރާ. މައްސަލަތަކުގެ ތެރެއަށް ވަންނަން ޖެހުނީމާ ލޯބިވެސް މަރުވެދާނެ. ނެތިގެން ހިނގައިދާނެ.”
“އަހަރެން ލޯބި މަރުވިޔަކަ ނުދޭނަން. ތާއަބަދަށް ދަމަހައްޓާނަން.” ޝެހެރޫޒްގެ އަތުގައި އަތް ޖައްސައިލަމުން ޒާރާ ބުންޏެވެ.
“އަހަރެންގެ އަންހެން ކޮއްކޮއިންގެ ކާވެނީގެ ކަންތައްތައް ނިމެންދެން ޒާރާއަށް އިންތިޒާރު ކުރެވޭނެތަ؟”
“އަހަރެން އިންތިޒާރު ކޮށްފާނަން. އެކަމަކު އަހަރެންގެ ގޭގެ މީހުން އިންތިޒާރެއް ނުކުރާނެ. ޝެހެރޫޒެކޭ އެއްފަދައި އަހަންނަކީ އަހަރެންގެ ގޭގެ އެންމެ ދޮށީ މީހާ. އަހަރެންގެ ހަގަށް ތިބި ދެ ބެއިންވެސް ތިބީ ކާވެނީގެ އުމުރަށް އަޅައިގެންފައި.” އޭނާ ޝެހެރޫޒާ ދިމާއަށް ބަލައިލިއެވެ. އަދި އިރުކޮޅަކު ވިސްނާން ހުރެފައި ބުނެލިއެވެ. “ޝެހެރޫޒް. އަހަރެން މިއީ ތިޔަ ގެއަށް އިތުރުވާ މީހެއް ކަމުގައި ނުބަލާ. އަހަރެން ޝެހެރޫޒްގެ މައްސަލަ ހައްލުކޮށްދޭން މަސައްކަތް ކުރާނަން. ދެ މީހުން ވީމާ މަސައްކަތް ލުއިވެސް ވާނެ.”
“ނޫނޭ ޒާރާ. އަހަރެންގެ މަސައްކަތް އަހަރެން އަމިއްލައަށް ކުރިޔަދީ. ޒާރާއަށް ދެވޭނެ އެއްޗެއް އަހަރެންގެ އަތަކު ނެތް.”
“ޝެހެރޫޒް. ތިޔަހެން ނުބުނޭ. އަހަރެން މިހާރު އެތައް ފަހަރަކު ބުނެފިން، ޝެހެރޫޒްގެ ލޯބި ފިޔަވައި އެހެން އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނޫނޭ.”
އޭނާ ޝެހެރޫޒްގެ މައްޗަށް ރަނގަޅަށް ބާރު ފޯރުވައިފިއެވެ.
“އެންމެ ރަނގަޅު. އަހަރެން ޒާރާ ގޮވައިގެން ގޮސް މަންމަޔާއި ކޮއްކޮމެނާ ބައްދަލު ކުރުވާނަން.”
“އަހަރެން؟”
ޒާރާ މިހެން ބުނެލީ އެ މީހުން އަހަރެންގެ ގެއަށް ގެނައުމުގެ ބަދަލުގައި އަހަރެން ގޮވައިގެން ދާނީހޭ އަހައިލި ކަހަލަ ރާގަކަށެވެ.
“އަހަރެން މިހިރީއަކީ އަހަރެންގެ ކާވެނީގެ ވާހަކަ ދައްކާ ކަހަލަ ހާލަތެއްގައެއް ނޫން. ޒާރާ ފެނުނީމާ މަންމަ އަށް އެނގިދާނެ. އަހަރެން އިތުރު ވާހަކައެއް ދައްކާކަށް ނުޖެހޭނެ.”
“އެއީ ކިހިނެއް؟”
“މަންމަގެ ދަރިފުޅު އަންހެން ކުއްޖަކު ގޮވައިގެން މަންމައަށް ދައްކަން ދިޔައީމާ އެނގިދާނެ.”
“އެ އުޅެނީ އެކުއްޖާޔާ އިންނަންކަން އެނގިދާނެ. އެހެންނު؟”
“އާނ.” ޝެހެރޫޒް ހީނގަތެވެ.
އަޙްސަން ނުފެނި ވަރަށް ގިނަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އޭނާ ހުރީ އަޙްސަން ނުފެނިގެން ވަރަށް ދެރަވެފައެވެ. ޝެހުރޫޒްގެ ވާހަކަ އޭނާ އަދި ގޭގެ އެއްވެސް މީހެއް ގާތަކު ނުބުނެއެވެ. އެންމެ ފުރަތަމަ އެ ވާހަކަ ބުނަން ބޭނުންވަނީ އަޙްސަން ގާތުގައެވެ. އަޙްސަން ޙައިރާންވާނެކަން އޭނާއަށް އެނގެއެވެ. ފަހަރެއްގައި މަލާމާތްކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކުވެސް އޭނާ އެންމެ ފުރަތަމަ ބުނަން ބޭނުންވަނީ އަޙްސަން ގާތުގައެވެ.
އެއްދުވަހަކު އޭނާ އަޙްސަން ބަލައި ފޮނުވައިފިއެވެ. އެކަމަކު އޭނައެއް ނައެވެ. އެންމެ ފަހުން ބަންދު ދުވަހެއް ބަލައިފައި އެގެއަށް ހިނގައްޖެއެވެ. ބޮޑުދައިތައާއި ސާޖިދާ ދައްތަ އޭނާޔާ ބައްދަލުކުރީ ވަރަށް އުފަލާއެކީގައެވެ. ނައިސް އެހައި ގިނަ ދުވަސް ވީމާ ޝަކުވާވެސް ކުރިއެވެ. އޭނާ ކޮންމެ ސުވާލަކަށްވެސް ދެނީ އެއްޖަވާބެކެވެ. މަސައްކަތް ބުރަކަމުން ނާދެވެނީއެވެ. ބަންދު ދުވަސް ދުވަހު އުޅެން ޖެހެނީ ގޭތެރޭގެ މަސައްކަތުގައެވެ.
“މިއަދުވެސް މި އާދެވުނީ ލައްކަ މަސައްކަތުން.” އޭނާ ބުންޏެވެ.
“އަޙްސަން ބަލައި ފޮނުވީމާ ވެސް ނައި. އެހެންވީމާ މިއައީ އޭނާ ރުޅި އައީތޯ ބަލާލަންވެގެން.”
“ޒާރާ ކޮއްކޮ ދެކެ ރުޅި އަންނާނީ ކިހިނެއް؟” ސާޖިދާދައްތަ ހިނިތުންވެލައިފައި ބުނެލިއެވެ. އަޙްސަން އޮތީ އޭނާގެ ހިތުގެ އެދުމުގެ ވާހަކަ ގޭގެ އެންމެން ގާތު ބުނެފައެވެ.
“އެއްދުވަހަކު އަހަރެމެން ދެ މީހުން ކުޑަކޮށް ޒުވާބު ކުރިން.” އޭނާ ކޮންމެވެސް އެއްޗެކޭ ބުނަން ޖެހޭނެތީ ބުނެލިއެވެ. “އަޙްސަން ކޮބާ؟”
“ބާޒާރަށް އެއްޗެއް ގަންނަން ހިނގައްޖެ. މިހާރު އަންނާނެ.”
ބޮޑުދައިތަގެ ވާހަކަ ނުނިމެނީސް އަޙްސަން އައިސް ވަދެއްޖެއެވެ. ޒާރާ ފެނުމާއެކު އަތުގައި ހުރި ތަރުކާރީ ކޮތަޅު ބިންމަތީގައި ބަހައްޓައިފިއެވެ.
“އަހާނ! މި ގެއަށް ބޮޑެތި މީހުން އައިސް އުޅޭ ދުވަހެއް ދޯ؟”
“ބޮޑު މީހަކަށް ވެގެން ތިޔަ އުޅެނީ އަޙްސަނެއްނު؟ އަހަރެން ބަލައި ފޮނުވީމާވެސް ނައީ އެހެންވެގެނެއްނު؟” ޒާރާ ޝަކުވާ ކޮށްލިއެވެ.
“ނައީ އަހަރެންގެ އިމްތިޙާނުގެ ދުވަސްވަރަށް ވާތީ. ގަސްތުކޮށްގެން މިހުންނަނީ މި އަދު ތިޔަގެއަށް ޖައްސައިލާން ކަމަށް. އެކަމަކު ޒާރާ ތިޔަ އައީއެއްނު.”
“އިމްތިހާން ކިހިނެއް؟”
“ރަނގަޅު.” އޭނާ ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
“އާނ! ދެން ބުނޭ. އަހަރެން ބަލައި ފޮނުވީ ކީއްކުރަން؟”
“ނާންނަތާ ގިނަ ދުވަސްވީމާ އަހަރެން ހީކުރީ ރުޅި އައީކަމަށް.”
“ނޫނޭ.” އޭނާ ވަރަށް ފުންކޮށް ޒާރާއާ ދިމާއަށް ބަލައިލިއެވެ. “އަހަރެން ރުޅި އަތުވެދާނެތީ ޒާރާއެއް ނުވިސްނާނެ… އެހެން ކޮންމެވެސް ކަމެއް ވީކަން ގައިމު.”
“އެހެން ކޮންކަމެއް؟” އަޙްސަންގެ ވިސްނުން ތޫނު ކަމަށްޓަކައި އޭނާގެ ހިތުގައި ތަޢުރީފު އުފެދުނެވެ. އެހެންނަމަވެސް އެކަން އަންގާކަށް އޭނާ ބޭނުމެއް ނުވިއެވެ.
“ހަމަ އެއްވެސް ކަމެއް ނުވޭތަ؟”
ޒާރާ އިސްޖަހައިލިއެވެ.
“އެންމެ ރަނގަޅު. ފަހުން ބުނޭ.” މިހެން ބުނެފައި އަޙްސަން ތެދުވެގެން ހިނގައްޖެއެވެ. ޒާރާ ޙައިރާންވެފައި ބަލަހައިޓައިގެން ހުރީއެވެ.
ގަޑިއެއްހައި އިރު ފަހުން ގޭގެ މީސްމީހުން އެކި ކަންކަމާ މަޝްޣޫލުވެގެން އުޅެގަތް ވަގުތު އޭނާ އަޙްސަނަށް ޝެހެރޫޒްގެ ވާހަކަ ކިޔައިދީފިއެވެ. އަދި އޭނާޔާ ނުލައި ނޫޅެވޭނެ ކަމަށްވެސް ބުނެފިއެވެ.
“އެއީ ކީއްކުރާ މީހެއް؟” ޒާރާ ވާހަކަ އަޑު އަހައިފައި އަޙްސަން އަހައިލިއެވެ.
“އަހަރެމެންގެ އޮފީހުގެ ސިވިލް ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރާ މީހެއް.”
“ކީކޭ؟” އޭނާގެ ކަންފަތަށް އިވުނު އެއްޗެއް ޤަބޫލު ނުކުރެވޭ ކަހަލަ ރާގަކަށް އަޙްސަން އަހައިލިއެވެ.
“ސިވިލް ސުޕަވައިޒަރެކޭ މި ބުނީ.” މި ކަހަލަ ވާހަކަ ތަކެއް ދައްކާން ޖެހިދާނޭ ކަމަށް އޭނާ ހުރީ މާކުރީއްސުރެ ތައްޔާރުވެގެންނެވެ. އެހެންވީމާ އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ.
“އެއީ ވަރަށް މަތީ ޢާއިލާއެއްގެ މީހެއްތަ؟” އަޙްސަން އަހައިލިއެވެ.
“ނޫން.” އޭނާ ކުޑަކޮށް ޖެހިލުންވެ ހުރެ ބުނެލިއެވެ. “އެއީ މެދު ފަންތީގެ މީހެއް.”
“އެހެންވެއްޖެއްޔާ ޒާރާޔާ އޭނާޔާ ގުޅެނީ ކިހިނެއް؟ އަހަރެން މިބުނީ…”
“ތިޔަ ބުނާ އެއްޗެއް އަހަންނަށް އެނގޭ.” އޭނާ އަޙްސަންގެ ވާހަކަ މެދު ކަނޑައިލިއެވެ. “އަޙްސަން… ހުރިހައި ކަމެއް އަމިއްލައަމިއްލައަށް ވެ ނިމުނީ… އެންމެ ފުރަތަމަ ފެނުނު ދުވަހު ެސް އަހަންނަށް އޭނާ ކަމުދިޔަ. އެކަމަކު އަހަރެން އެތައް ދުވަހަކު ވިސްނިން. އޭނާއަކީ އަހަރެން ބޭނުންވާ ފެންވަރުގެ މީހެއް ނޫންކަމުގެ ޔަޤީންކަން އަމިއްލަ ހިތަށް ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިން. އެކަމަކު އަހަރެންނަކަށް އެކަމެއް ނުކުރެވުނު. އެއްފަރާތުގައި އަހަރެން ހުރިހައި އެދުމެއް…. އަނެއް ފަރާތުގައި އޭނާ ބަހައްޓައިގެން ބެލި އިރު ބަރުވީ އޭނާގެ ފަރާތް.”
“އޭނާ ވަރަށް ރީތިތަ؟”
“އަހަރެން އަދި ދުވަހަކުވެސް އެހައި ރީތި މީހަކު ނުދެކެން.”
(ނުނިމޭ)