ހެނދުނު ހޭލީއްސުރެ ޔުއާނާ ހުރީ ނިދިބަރުވެފައެވެ. ރޭގެ ހަމަ ނިދި ނުލިބުނު ނަމަވެސް އޭނާގެ ދުވަހީ ތާވަލަށް އެ ކަމުން ބުރޫ އެރިޔަނުދިނެވެ. ތެދުވެ އުޅުނަސް އޭނާގެ ބޮލުގައިހުރި މަޑު ރިހުމާހުރެ ރަނގަޅަށް ކަންކަމަށް ދޭންވާ ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ.

ފަތިހު އަޒިކިޔަލްއަށް ޔޫޙް ލައްވާ ގޮވުމަށްފަހު އޭނާ އުޅުނީ, ރޭގައި ހިނގައިދިޔަ ކަންކަމަށް ފަހު އަޒިކިޔަލް ކުރިމައްޗަށް އަރަން ލަދުން ފިލަފިލައިގެންނެވެ. ދޭތެރެ ދޭތެރެއިން އެ މޫނަށް ވެރިވާ ލަދުރަކި ހިނިތުންވުމުން ދުވަހުގެ އާރޯކަން ނުފިލާނޭ ހީވެއެވެ.

ހެނދުނުގެ ވަގުތު އަޒިކިޔަލް މަސައްކަތުގައި އުޅުމަށްފަހު ގެއަށް އައި މަގުމަތީ އޭނާއަށް ވެސް ދިޔައީ ހިނިތުންވެވެމުންނެވެ. ރޭގ ފޮނި ހަނދާންތަކުގެ ސަބަބުން މީގެ އެއް ދުވަސް ކުރިން އޭނާގެ ސިކުނޑީގެ ހިމަ ނާރުތަކަށް ދަންދެން ވާންކުރި ހަނދާންތައް ވަޔަށް ބުރައިގެން ދިޔަފަދައެވެ.

އަޒިކިޔަލްގެ ހިނިތުންވުމަށް ފަސްއެޅިގެން ދިޔައީ ގެއަށް ވަތް ވަގުތު ސޯފާގައި ބޮލުގައި ދެ އަތް އަޅައިގެން އިން ޔުއާނާ ފެނިފައެވެ.

ދޮރުޖެހުނު އަޑަށް އިސް އުފުލާ ބަލާލި ޔުއާނާގެ ދެ ލޮލުން ވިދާލި ކަރުނައިގެ މުތީތައް އަޒިކިޔަލްގެ ހިތަށް ވޭން ގެނުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް އިށީނުމާއެކު އަޒިކިޔަލް ވާހަކަދެއްކިއެވެ.

" ކިހިނެތްވީ...؟ ކަމެއްވީތަ...؟ އަޔާޝް ދޮންބެ ރަނގަޅުތަ؟" ކަންބޮޑުވެ އިނދެ އަޒިކިޔަލް ފައްޗަކަށް ސުވާލުތައް އަމުނާލީ ޔުއާނާގެ އެއް އަތްތިލަ އޭނާގެ ދެ އަތްތިލައިގެ ތެރެއަށް ލައި ފިއްތާލަމުންނެވެ.

އަޒިކިޔަލްގެ ދެ ލޮލަށް ބަލާލަމުން ޔުއާނާ ބޯ ހޫރާލީއެވެ. "ކަމެއްނުވެ... ރަނގަޅު އެންމެން ވެސް" މަޑު އަޑަކުން ބުނެލުމާއެކު ޔުއާނާ އިސްޖަހާލިއެވެ. އަޒިކިޔަލްގެ ލޮލަށް ބަލާނެ ހިތްވަރެއް މި ވަގުތު އޭނާގެ ގަޔަކު ނެތޭ ބުނާ ފަދައެވެ.

ޔުއާނާ ބޯ ތިރިކޮށްލަމުން އަޒިކިޔަލްގެ ކޮނޑުގައި ބޯ އަޅާލައި, ދެ ލޯ މަރާލިއެވެ. އަޒިކިޔަލްގެ ގައިން ދުވަމުން ދިޔަ ލުއިލުއި އަތަރު ވަހުން އޭނާގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.

އެކަކު ވެސް އެއްޗެއް ނުބުނެ ހިނދުކޮޅެއް ވޭތުވެ ދިޔައެވެ. އެ ހިމޭންކަން ނެތިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ. އެ އަޑަށް އެތެރޭގައި ކުޅެން އިން ޔޫޙް ވެސް ދުވެފައި ނިކުމެއްޖެއެވެ.

"ކާކު އައީ؟" މައުސޫމް ގޮތަކަށް ޔޫޙް އަހާލިއެވެ. އަޒިކިޔަލް ހިނިތުންވެލަމުން ޔޫޙް ނަގާ ކޮނޑަށްލަމުން ހިނގައިގަތީ ދޮރާއި ދިމާލަށެވެ.

"އެކޮއެމެން ކިހިނެތްތަ؟" ދޮރު ރަނގަޅަށް ނުހުޅުވެނިސް ފެނުނު ޝަރަފާގެ އުޖާލާވި މޫނުން އަޒިކިޔަލް ވީ ހައިރާނެވެ. "ރުޤްބާ ބުނެގެން މި ގުޅަކޮޅު އަޒިކިޔަލްއަށް ދޭށޯ. ކޮއިފުޅު ހައިވެފައެއްނު ހުންނާނީ މިހާރު. ކޮބާތަ އެ މަންޖެ...؟ އަދި ކާއެއްޗެއް ރޯ ނުފިލަނީތަ ގޭގަ؟" ޝަރަފާ ދެއްކި ވާހަކަތަކުން އަޒިކިޔަލްގެ މޫނުން ފެނުނީ އިތުރު ހައިރާންކަމެކެވެ.

"މަންމަ ކީއްވެ ނައީ؟" ޝަރަފާ ދެއްކި ވާހަކައަކަށް އަޅާލުމެއްނެތި އަޒިކިޔަލްއަށް އަހާލެވުނެވެ.

"އަނހަ... ދެންމެ އައިއްސައެއްނޫންތަ އެ ދިޔައީ؟ ހަނދާންނެތި މި ގުޅަކޮޅު ނުދެވި ހުރީމަ ދައްތަ އަތަށް ދީފަ ދޭން ބުނީ. އެ ގޮއްޔެ ތާކަށް ދާންޖެހުނިއްޔޯ...." ޝަރަފާގެ ވާހަކައިން އަޒިކިޔަލްއަށް އަޑުއިވުނީ އެއްބައެވެ. ޝުކުރު އަދާކުރުމަށްފަހު އަޒިކިޔަލް އަވަހަށް ދޮރު ލެއްޕީއެވެ.

ވިސްނުމެއްގައިހުރެ އެނބުރުނުއިރު ޔުއާނާ ފެންނާކަށް ނެތެވެ. ޔޫޙްގެ އަތަށް ކުޅެން ތަކެތި ދިނުމަށްފަހު ތިރީ ކާޕެޓުމަތީ ބައިންދަމުން އަޒިކިޔަލް ހިނގައިގަތީ ޔުއާނާ ވާނެހެން ހީވާ ދިމާލަށެވެ.

ހީކުރިގޮތަށް ކާގޭ މޭޒުކައިރީ ޔުއާނާ ހުރީ ކާންހަދާށެވެ. ވަދެގެން އައިސް އަތުގައި ހުރި ގުޅަތަށި ކާމޭޒުމަތީ ބެހެއްޓިއިރު ވެސް ޔުއާނާ ބަލައިނުލައި ހުރި ގޮތުން އަޒިކިޔަލްގެ ހިތް ވަހުމުން ފުރިއްޖެއެވެ.

"މަންމަ އައި ދޯ؟" މަޑުމައިތިރި ރާގަކަށް އަޒިކިޔަލް އަހާލައިފިއެވެ. އާނ. ހަމަ އިރުކޮޅެއް އެވީ މިގެއިން ނުކުތް ފަހުން" ޔުއާނާގެ ޖަވާބު ލިބުނު ނަމަވެސް އަޒިކިޔަލް ހުރިގޮތަށް ބަލަހައްޓައިގެން ހުރީއެވެ. ހަތަރުކަޅި ހަމަނުކުރަން ހުރި ޔުއާނާއަށް އަޒިކިޔަލްގެ މޫނަށް ބަލާލަން މަޖުބޫރުވީ ފުން އަޑަކުން އަޒިކިޔަލް ގޮވާލި ގޮތުންނެވެ.

"އާނާ..." އިސްއުފުލާ ބަލާލި ޔުއާނާއަށް އަޒިކިޔަލްގެ ރާގު ފަހުމްވިއެވެ. އޭނާ ބޭނުންވަނީ ވީގޮތެއް އޮޅުންފިލުވަންކަމެވެ.

"އައްކި... އަހަންނަށް އަދި ވެސް ޖަވާބެއް ނުދެމެއްނު. ރޭގަ އަހަރެން އެހިން ކަންނޭނގެ އަހަރެންގެ ހާލެއް އަޒިކިޔަލް ނުބެލީ ކީއްވެތޯ. އަހަރެން ހީކުރީ އަޒިކިޔަލް އެވަރަށް ވިސްނީ އެކަމާ ކަމަށް. އެހެނެެއްނޫންތަ ވީކީ؟" ހަތަރުކަޅި ހަމަކޮށްގެންހުރެ ޔުއާނާ އަހާލިއެވެ.

"ފަސް އަހަރު ފާއިތުވެ ދިޔައިރު އަހަންނަކީ މީހެއްގެ އަންބެއްކަން ހަނދާނެއް ނުނެތޭ. އެކަމަކު އައްކި އެ ކަން ހަނދާންހުރިތަ؟ އަހަންނަށް އެނގޭ ދިރިއުޅުން އެންމެ ފުރިހަމަ ނުވާނެކަން. އުނިކަންކަން ހުންނާނެ. މައްސަލަތައް ހިލޭނެ. އެކަމަކު ދުވަހަކު ވެސް ވަރީގެ ލަފުޒު އަހަރެމެންގެ ދެމެދަށް އަންނާނޭ ހިއެއްނުކުރަން. އައްކި.. އަހަރެން..." ޔުއާނާއަށް ވާހަކަ ކުރި އަކަށް ނުގެންދެވުނެވެ.

އަޒިކިޔަލްއަށް ކުރެވުނުހާ ވެސް ކަމަކީ ޔުއާނާ އޭނާގެ މޭގައި ފޮރުވާލުމެވެ. "އާނާ... އަހަރެން މަސައްކަތްކުރިން. އާނާ ރޭގަ ދެއްކި ވާހަކަތަކުގައި ބުނި މެސެޖްތަކެއް އަހަންނަކަށް ނުލިބޭ. ގަބޫލުކުރޭ. އާނާގެ އެންމެ މެސެޖެއް ވެސް އަހަންނަށް ލިބުނު ނަަމަ އެންމެ ހިނދުކޮޅަކަށް ވެސް ދުރުގައި ނުހުރީމުސް. އަހަރެން ހީކުރީ އާނާ ދުރުވާން ބޭނުންވިއްޔޭ. އެހެންވެ އަހަންނާ ދުރަށް ދިޔައިއްޔޭ. ދެ އަހަރު ފަހުން އާނާގެ މަންމަ މި ކޮޅަށް އައި އިރުވެސް އާނާ ނުފެނުނީމަ އަހަރެން ހާދަ ދެރައެއްވިއޭ. އޭރު ތުއްތު ޔޫޙްގެ މައުސޫމް ދެ ލޮލުން ފެންނަ އަހަރެމެން ދެ މީހުންގެ ހަނދާންތަކުން އަހަރެން ފުއްދާލީ. އެކުއްޖާގެ މަޑު ހުނުންތައް ފިޔަވާ ދިރިއުޅުން ހުޅުދާން ކޮށްދޭނެ އެހެން އެއްޗެއް ނެތް. އާނާ... އަހަންނަށް ވަރަށް އުނދަގޫ.. ދުރުގަ ހުންނަން އިންތިހާއަށް ދަތިވޭ." ބަންޑުންވެގެންދިޔަ އަޒިކިޔަލްގެ އިހްސާސްތަކުގެ އަޑު ޔުއާނާ އެހިއެވެ.

ފަރުވާތެރިކަމާއެކު އަޒިކިޔަލްގެ ފުންމިން ނޭނގޭ ދެ ލޮލަށް ބަލަހައްޓައިގެން ހުރިއިރު ތެދުވެރިކަން ފިޔަވާ އެހެން އެއްޗެއް ޔުއާނާއަކަށް ނުފެނުނެވެ. އެ ވާހަކަތަކުން ކަންކަން ހިނގައިދިޔަ ގޮތް ސާފުނުވިޔަސް އަޒިކިޔަލް ދޮގެއް ނަހަދާނޭ ޔުއާނާގެ ހިތް ބުންޏެވެ.

އަޒިކިޔަލްގެ އަތުތެރޭގައި ހުރިގޮތަށްހުރެ ޔުއާނާ އިތުރަށް ކުރަން އުޅުނު ސުވާލުތައް މަޑުޖެހުނީއެވެ. ސިޓިންރޫމުން ޔޫޙް ގޮވާލި އަޑު އިވުމުންނެވެ. ހިތާ ދެކޮޅަށް އަޒިކިޔަލްގެ ހަށިގަނޑުން އަތް ދޫކޮށްލައިފައި ޔުއާނާ ބޮޑު ކޮޓަރިއަށް ނިކުތްއިރު ސޯފާގައި ޔޫޙްގެ ކައިރީ އަޝަލް އިނެވެ.

ޔުއާނާއާއެކު ނިކުތް އަޒިކިޔަލް ފެނުމާއެކު އަޝަލް އަވަހަށް ސޯފާއިން ތެދުވިއެވެ. އަޒިކިޔަލްގެ ހިތުގައި އޭނާއަށް ޓަކައި ހެޔޮ އެއްޗެއް ނެތްކަން އަޝަލް ރަނގަޅަށް ދަނެއެވެ.

"ސަބައްތަ ބުނީ ހަފްތާއެއްވަރު ވާނެއޭ އަދި މިކޮޅަށް އަންނަން. ކަމެއް ބޭނުންވެއްޖިއްޔާ އަހަންނަށް އަންގާލާތި. ޔޫޙް... ދަނީ އިނގޭ ބޭބެ" އިތުރު އެއްޗެއް ނުބުނެ އެހާ އަވަހަށް އަޝަލް ނިކުމެގެން ދިއުމުން ޔުއާނާ ހައިރާންވިއެވެ.

"ބަލާ.. ތިއްތި ކާރެއް" އަތުގައި އޮތް ކުޅޭ ކާރު ދައްކާލަމުން ޔޫޙް ބުނެލީ ނުހަނު އުފާވެފައި އިނދެއެވެ." ބޭބެ ކައިރި ބުނިންތަ ޝުކުރިއްޔާއޭ ތިއްތި އެއްޗެއް ދިނީމަ" ޔޫޙްގެ ކައިރީ ސޯފާގައި އިށީނދެ އެކުއްޖާގެ ބޮލުގައި ފިރުމާލަމުން ޔުއާނާ އަހާލީ އެއީ އަޝަލްގެ ހަދިޔާއެއްކަން ޔަގީންވާތީއެވެ.

ޔޫޙްއަަށް އެކި ވައްތަރު ވައްތަރުގެ ކުޅޭ އެއްޗެހި ހަދިޔާކުރިމަކީ އަޝަލް ދޭތެރެދޭތެރެއިން ކުރާކަމެކެވެ. ޔޫހް ބޯޖަހާލުމާއެކު ޔުއާނާ ޔޫޙްގެ ކުޑަ ހަށިގަނޑު ބޮނޑި ކޮށްލިއެވެ.

"އަހަންނަށްވުރެ މަންމަ އަޝަލްގެ ހާލު ބަލާހެން ހީވަނީ. މިރޭ ގުޅާފަ ޝަކުވާ ކުރާނަން" ތުންދަމާލަމުން ޔުއާނާ ބުނެލިގޮތުން ކޮޅަށްހުރި އަޒިކިޔަލްއަށް ހެވިއްޖެއެވެ.

"އާނާ ވެސް އަހަންނަށްވުރެ އަޝަލްގެ ކަންކަމާ މާ ފަރުވާތެރި ވަމެއްނު" ބުމަ އަރުވާލަމުން އަޒިކިޔަލް ބުނެލީ ޔުއާނާގެ ދަތްދޮޅީގައި ހިފާލަމުންނެވެ.

"އައްޗީޑި. އަހަރެން ކޮންއިރަކު އެހެން ހެދީ؟" މޫނު ކުނިކޮށްލަމުން ޔުއާނާ އަޒިކިޔަލްގެ އަތް މަޑުމަޑުން ފޮޅުވާލިއެވެ.

"އެހެން ބުނެލީތީ އަހަންނަށް މިހާރު އާނާގެ ހަށިގަނޑުގަ އަތް ލުމުގެ ހައްގު ގެއްލުނީތަ...؟ ލާނެތް ހިނިގަނޑަކާއެކު އަޒިކިޔަލް ޔުއާނާގެ ތުންފަތުގައި މަޑުމަޑުން އަތްޖައްސާލަމުން ބުންޏެވެ.

ލަދުން މޫނުމަތި އެއް ކޮށް ރަތްވެފައިހުރި ޔުއާނާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އަޒިކިޔަލް ދެން ބުނެލި ވާހަކައިން ޔުއާނާގެ މޫނުގެ ކުލަވަރު މަޑުވެއްޖެއެވެ.

"ޔޫޙް ބޮޑުވެގެން އަންނައިރު މަންމަ ނެތްކަން އެނގުނީމަ ކިހިނެތްބާ ވާނީ؟" ޔޫޙްގެ ކުޑަ ވަށް މޫނުގައި ފިރުމާލަމުން ޔުއާނާ އަޒިކިޔަލްގެ ސުވާލާ މެދު ވިސްނާލިއެވެ.

"ޔޫޙް ވިހޭ ދުވަސް އިއްޔެ ވީ ކަމެއްހެން އަހަރެން ހަނދާން އެބަހުރި. ފުރަތަމަ ކޯހުގެ ފަހު ޓެސްޓު އޮތް ދުވަސް އެއީ. މަންމަ ގުޅީ ޓެސްޓަށް ވަންނަން ތައްޔާރު ވަނިކޮށް. އަބަދު ވެސް ކޮންމެ އިމްތިހާނެއްގެ ކުރީން މަންމަ އަހަންނަށް ހިތްވަރުދޭން ގުޅާނެ. އެކަމަކު އެދުވަހު ކޯލް ކެނޑުނީ އަޔާޝްބެގެ އަންހެނުންގެ ވޭނީ ރުއިމުގެ އަޑުން..." ވާހަކަ މެދުކަނޑާލަމުން ޔުއާނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ދުވަހު ޓެސްޓުގައި ލިޔެވުނު އެއްޗެއް ވެސް އޭނާއަށް ނޭނގުނެވެ. ހާސްވެ ކަންބޮޑުވެފައި އިންވަރުން އަކުރުތައް ވެސް ރަނގަޅަށް ސާފުނުވެއެވެ.

"ބަލިވެއިނީއްސުރެ އަޔާޝް ދޮންބެގެ އަންހެނުން ވަރަށް ބަލި. އެހާ ދުވަހު ބޭސްކޮށްގެން ބަގީޗާއިން ފެނުނު ހަމައެކަނި ފެހިކަން ނައްތާލަން ދޮންބެގެ އަންހެނުން ބޭނުންނުވީ. އެއީ ހިތްވަރުގަދަ އަންހެނެއް. އެހާ ދުވަހު ކައިވެންޏެއްނުކޮށްހުރި އަޔާޝް ދޮންބެގެ ހިތް އޭނާއަށް ދެވުނީ ކީއްވެކަން ވަރަށް ސާފު... އިނގޭތަ؟ ޔޫޙް ވިހެއުމަށްފަހު ދުނިޔޭގަ އޮތް ކުޑަ ހިނދުކޮޅު އަހަރެން ކައިރީން އެދުނީ ޔޫޙް ބިކަކޮށްނުލާން. އެ ކުއްޖާއަށް މަންމައެއްގެ ލޯބި ދޭން..." ހިތްވަރުކޮށްފައި ޔުއާނާ ކުރިއަށް ދިޔައީ އޭނާގެ އަތުތެރޭގައި ޔޫޙްއަށް ނިދިފައި އޮތުމުންނެވެ. ފަތިހުއްސުރެ ތެޅިތެޅި ވަރުބަލިވެ ޔޫހްގެ ދެ ލޮލަށް ނިދި ސަވާރުވީއެވެ.

"އަޔާޝް ދޮންބެއަކީ އަބަދު ވެސް ހިތުގެ މައްސަލަ ހުންނަ މީހެއް. އެކަން ތަހައްމަލުކުރަން ދަތިވެ އަޔާޝް ދޮންބެ އުޅުނު ހާލު. އެ ކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އަޝަލްގެ ބައްޕަގެ ފަރާތުން. އެހެންވެ ކަމަށް ވެދާނެ މަންމަ އެހާ އަޝަލް ދެކެ ލޯބިވަނީ. އެކަމަކު އައްކިދެކެ މަންމަ އެއަށްވުރެ ލޯބިވޭ." މާހައުލުގައި ހިފާފައިވި އުދާސްކަން ބަދަލުކޮށްލުމަށް ޔުއާނާ ބުނެލީ އަވަސްއަވަހަށް އެސްފިޔަ ޖަހާލަމުން އަޒިކިޔަލްގެ މޫނަށް ބަލާލާ ހިނިތުންވެލާފައެވެ.

ބޭއިޚްތިޔާރުގައި ހިނިތުންވެވުމާއެކު އަތް އުފުލާލާ އަޒިކިޔަލް ޔުއާނާގެ މޫނުގައި ފިރުމާލިއެވެ. އެ ނިޔަނެތިކަން އަބަދަށްމެ ދެން އޭނާއަށް ކައިރީގައިހުރެ ރައްކާތެރިކުރުމުގެ ފުރުސަތު ލިބެނިއްޔޭ އަޒިކިޔަލްގެ ހިތް ބުންޏެވެ. ނަމަވެސް އަވާމެންދުރެއްގެ އަލިކަމަކީ ބުހުތާނެއްކަން އޭނާގެ ހިތަށް އެ ވަގުތު މޭރުންނުވީއެވެ.

ޖެހިގެން އައި ދެ ދުވަހު ގޭތެރޭގެ ފަޅުކަން ފިލާފައިވަނީ ޔުއާނާ އާއި އަޒިކިޔަލްގެ ލޯބީގެ ހިނިތުންވުންތަކުންނެވެ. ޔޫޙްއާއެކު ކުޅެ ސަކަރާތްޖަހާއިރު އެކަކަށް ދޫކުރާނެ މީހަކު ނުވެއެވެ. ދެމީހުން ބައިވެގެން ޔޫޙްގެ ބޭނުންތައް ފުއްދައިދޭއިރު ދުރުން ބަލާލާ މީހަކަށް ހީވާނީ އެއީ އެމީހުންގެ އުފަން ދަރިއެއްހެންނެވެ.

"އަޒިކިޔަލް... ލޮނޭ ބުނީމަ މިއަށް ހަކުރު އެޅީތަ؟" ބަދިގެއިން އިވުނު ޔުއާނާގެ އަޑާއެކު އަޒިކިޔަލް ވަނީ ސޯފާ ފަހަތަށެވެ. އޭރު ޔޫހް ވެސް އަނގަމަތީ އަތްއަޅާ ހީލައިފިއެވެ.

"ކޮބާ...؟" ސިޓިންރޫމަށް ނިކުތުމާއެކު ޔުއާނާ އަހާލައިފިއެވެ. އޭރު އޭނާ ބޭރަށްދާން ރީތިވެ ހުރިތަންފެނި އަޒިކިޔަލްއަށް ހައިރާންކަމެއް ލިބުނެވެ. ހަމަ އެ ވަގުތު ދޮރުގައި ބެލް އަޅާލި އަޑާއެކު ޔުއާނާ ހިނގައިގަތީ ދޮރު ހުޅުވާށެވެ.