ސްވިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މިއަދު ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ 47 ވަނަ ބައްދަލުވުން ފެށިއްޖެއެވެ.
ނޮވެމްބަރު 4 އިން 15 އަށް، ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދެއް ބައިވެރިވާނެއެވެ.
މި ސެޝަންގައި 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަލްބޭނިއާ، ބޫޓާން، ބްރުނާއި، ކޮންގޯ، ކޮސްޓަ ރީކާ، ކޮޓް ޑިވުއާ، ޑޮމިނިކާ، އިކުއިޓޯރިއަލް ގިނީ، އިތިއޯޕިއާ، ނޯތު ކޮރެއާ، ނިކަރާގުއާ، ނޯރވޭ، ޕޯޗުގަލް އަދި ޤަތަރު ހިމެނެއެވެ.
ޔޫ.ޕީ.އާރު. އަކީ އދ. ގެ މެމްބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކޮށް، އެ ޤައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތު ދޭ ނިޒާމެކެވެ. މި ނިޒާމުގެ 4 ވަނަ ސައިކަލް 2022 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 2027 ވަނަ އަހަރާ ހަމައަށް ކުރިއަށްދާނެއެވެ.
އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގައި މެމްބަރު ޤައުމުތަކުން ހޯދާފައިވާ ކުރިއެރުން އ.ދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތުވެސް، ޔޫ.ޕީ.އާރު. މެދުވެރިކޮށް އެ ޤައުމުތަކަށް ލިބެއެވެ. ޔޫ.ޕީ.އާރު. ގެ ނިޒާމު ޤާއިމުކޮށްފައިވަނީ އިންސާނީ ޙައްޤުތަކާ ބެހޭ އިލްތިޒާމުތައް އުފުލުމުގައި މެންބަރު ޤައުމުތަކުން އިތުރަށް ރަނގަޅުކުރަން ފެންނަ ކަންކަން ހުށަހަޅައި، އެޤައުމުތަކުން ކުރަމުން އަންނަ މަސައްކަތް އަގުވަޒަންކުރެވޭނެ ފަދަ ގޮތަކަށެވެ.
މި ފަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ޤަތަރުގެ ރިވިއުގައި ޓްރޮއިކާގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވާނެއެވެ. ދިވެހިރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މީގެ އިތުރުން، ވަފުދުގައި ކައުންސެލަރ އާދަމް ހާމިދު، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ މަރްޔަމް ފާތިކާ ފަޔާޒް އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ހިމެނެއެވެ.
ދިވެހިރާއްޖޭގެ ވަފުދުން މި ބައްދަލުވުމުގައި ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާޙުތަކެއް ރިވިއު ކުރެވޭ ޤައުމުތަކަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.