ދޮރު ހުޅުވާލިއިރު ބޭރުގައިހުރި ޔަޒާ ހިނިތުންވެލައި ޔުއާނާގެ ގައިގައި ބައްދާލިއެވެ. ހައިރާންވި ނަމަވެސް ޔުއާނާ އެ ކަމެއް ނުދެއްކިއެވެ. ކުއްލި ގޮތަކަށް ޔަޒާ ގުޅާފައި އޭނާއާއެކު ތަނަކަށް ދާން ބުނުމުން ޔުއާނާ ސުވާލުކުރި ނަމަވެސް މާބޮޑު ތަފްސީލެއް ޔަޒާ ނުދިނެވެ. ޔޫނުސްގެ ކޮއްކޮއެއްގެ ފަރާތުން ލިބުނު ދައުވަތަކަށް ނޫނެކޭ ބުނަން ޔުއާނާ ބޭނުންނުވީއެވެ.
"މީނީ ބޭރު ޖޯލީގަ އިނގޭ. އަވަހަށް ނިކުމޭ ދާން" އަތުގައި އޮތް ރިންގުވަމުންދިޔަ ފޯނު ދައްކާލަމުން އެތެރެއަށް ވަންނަން އުޅުނު ޔަޒާ ނިކުތީއެވެ.
ޔުމްނާގެ ރަންކިޔުމުގެ ހަފްލާގައި ނޫނީ އޭނާއާއި ޔުއާނާ ދެމެދުގައި މާ ބޮޑު މުއާމަލާތެއް ކުރެވިފައެއް ނެތެވެ. އެކީގައި ތާކަށް ދާން ބުނުމުން ޔުއާނާއަށް އެކަން އާވެ ހައިރާންކަން ގެނުވިއެވެ.
ދޮރު ލައްޕާލަމުން ޔުއާނާ އަނެއްކާވެސް އެތެރެއަށް ވަނެވެ. އޭރު އަޒިކިޔަލް ސޯފާ ފަހަތުން ނިކުމެ ސޯފާގެ އަތްގަނޑުމަތީ ހަށަންބަނދެލައިގެން އިނެވެ. ކަތިނަޒަރަކުން ބަލައިގެން އިން އަޒިކިޔަލް ބުމަ އަރުވާލިިއެވެ.
ގޭގެ މައި ދޮރު ލައްޕާލުމަށްފަހު މަޑު ހިނގުމެއްގައި އައިސް ޔުއާނާ އަޒިކިޔަލްގެ އިސްތަށިގަނޑުގައި މަޑުމަޑުން އަތް ހިންގާލިއެވެ.
"ހާދަވަރަކަށް ތި ބަލަނީ ކީއްވެ ތަ؟ އަންހެނަކާ ވާހަކަދައްކަން ވެސް އަހަންނަށް ހުއްދަ ނޯވޭތަ؟ ޔޫހް ވެސް މިހާރު އައްކި ކައިރިން ޖެލަސް ވާން ދަސްކޮށްފި" ލޯހަނިކޮށްލަމުން ޔުއާނާގެ ވާހަކަ ކައިރީހުރި ޔޫހްއާއި ގުޅުވާލުމާއެކު ތުއްތު ޔޫޙް ނުހަނު އަވަހަށް ހަށަމަށް އަތްއަރުވާ ބަސްއަހާކަން ދައްކާލިއެވެ. ބޯހޫރާލައި ބޮޑު ދެ ލޮލުން ބަލާލިގޮތުން ޔުއާނާގެ ހިތް ފުރި ބަންޑުންވެއްޖެއެވެ.
"ދޭ ދޫނި ދަބަސް ހިފައިގެން އަންނަން އަވަހަށް." އަވަސްއަރުވާލައި ޔުއާނާ ބުނެލީ ސޯފާ މަތީ އޮތް އޭނާގެ ފޯނު ނަގަމުންނެވެ. އެއާއެކު އަވަސްއަވަހަށް ޔޫހް އެތެރެއަށް ދުއްވައިގަތީ ޔުއާނާގެ އިރުޝާދާ އެއްގޮތަށް ކަންތައް ކުރުމަށެވެ.
"ހަތަރެއް ޖަހަން ވާއިރަށް މީޓިން އޮތިއްޔާ ކީއްވެފަ ތީނީ. މިހާރު ގަޑީން ތިން ގަޑި ފަނަރަ. އަވަހަށް ދޭ ސައިބޯން. އަލަމާރީގަ ހުންނާނެ އެއްޗެހި އިސްތިރިކޮށްފަ. ޔޫހް މާމަ ގެއަށް ލައިފަ އަހަރެމެން ދެމީހުން ދާނީ." އަވަސްއަވަހަށް ވާހަކަދައްކަމުންދިޔަ ޔުއާނާއަށް ބަލަހައްޓައިގެން އަޒިކިޔަލް އިނީ ހެވިފައެވެ. ޔަގީނުންވެސް މިހާރު ކުރިމަތީގައި އެހުރީ އޭނާއާއި އިނދެގެން އެތަކެއް ދުވަހަކު އުޅުނު އަނބިމީހާއެވެ. އަދި ވެސް އޭރުގެ ގޮތްގަނޑު ބަދަލެއް ނުވެއެވެ.
"މިހާރު ކީއްވެޔޯ ތިހެނީ. ހުރިގޮތް ޖޯކީތަ؟" އަޅައިގެންހުރި ކަޅު ޝޯލް ރީތިކޮށްލަމުން ޔުއާނާ އަހާލިއެވެ. އެއާއެކު އަޒިކިޔަލް ހިނިތުންވެ އިނދެ ބޯހޫރާލިއެވެ.
"ދޮގު ހަދަނީ ދޯ... އަންނާނަން ލޯގަނޑުން ބަލާލާފަ" ދުރަށްދާންއުޅުނު ޔުއާނާގެ އަތުގައި ހިފާ ދަމާލަމުން އަޒިކިޔަލް އޭނާގެ އަތުތެރޭ ޔުއާނާ ހައްޔަރުކޮށްލިއެވެ.
އުނަގަނޑުގައި ބަނދެވިގެންދިޔަ އަޒިކިޔަލްގެ އަތަށް ބަލާލި ޔުއާނާގެ މެއަށް ފިނިވެލިއެވެ. މަޑުމަޑުން ބޯ އެސްފިޔަތައް އުފުލާލި ޔުއާނާގެ ހަނދެއްފަދަ އަލި މޫނަށް ބަލަހައްޓައިގެންހުރި އަޒިކިޔަލްގެ ހިތް ބެހިގެންދާ ގޮތްވިއެވެ.
"ވަރަށް ލޯބި" ލަދުރަކި ހިނިތުންވުމަކާއެކު ޔުއާނާ އިސްޖަހާލީއެވެ. "ލަސްވޭ" އަޒިކިޔަލް ދުރުކޮށްލާ ބުނަން އުޅުނު ނަމަވެސް ޔުއާނާގެ އަޑު ނިކުތީ ކިރިޔަކިރިޔާއެވެ.
"އަވަހަށް އަންނައްޗޭ" ޔުއާނާގެ ނިތްކުރީގައި ތުންފަތް ޖައްސާލުމަށްފަހު އަޒިކިޔަލް އޭނާގެ ކަންފަތް ކައިރީގައި ބުނެލިއެވެ.
ހީލިވުމާއެކު ޔުއާނާ މަޑު ހީލުމެއް ހީލައި ދުރަށް ޖެހިލިއެވެ. "އަހަންނަށްވުރެ އަޒިކިޔަލް ކަންނޭނގެ ތިދާތާކު ތާށިވާނީ"
ދަބަސްހިފައިގެން ނިކުމެގެން އައި ޔޫޙްގެ ބޮލުގައި ފިރުމާލި އަޒިކިޔަލްއަށް ބަލާލާ ޔުއާނާ ހިނގައިގަންނަމުން ބުނެލިއެވެ. ޔޫހްގެ އަތުގައި ހިފައިގެން އަޒިކިޔަލް ވެސް ދޮރާ ހަމައަށް އައެވެ.
"ދެން ދޭ އަވަހަށް ތައްޔާރުވާން. މިހާރު ޔަޒާ އިންނާނެ ކަންނޭނގެ ލަސްވެފަ." އަޒިކިޔަލް މޫނު ހަދާލިގޮތްފެނި ޔުއާނާއަށް ހެވުނީއެވެ. "ކޮންތާކަށްތަ އަސްލު ތިދަނީ؟" ދޮރު ހުޅުވާލި ޔުއާނާ އަޒިކިޔަލްގެ ސުވާލަށް ކޮނޑު އަރުވާލިއެވެ.
ބޭރުގައި މީހަކަށް ގުޅައިގެން ވާހަކަދައްކަން ހުރި ޔަޒާ އެ ވަގުތު ފޯނު ކަންފަތާ ދުރުކޮށްލިތަން ޔުއާނާއަށް ފެނުނެވެ. "ނުބުނޭ ވަކި ދާތަނެއް. އަޒިކިޔަލް ވެސް ދާކައްނު ތިއުޅެނީ. އަންނާނަމޭ އަވަހަށް"
ޔަޒާއާއެކު ތިންމީހުން އެކުގައި ހިނގައިގަތްތަން ބަލަން ހުރުމަށްފަހު އަޒިކިޔަލް ވެސް އެނބުރުނީ އަވަހަށް ބައްދަލުވުމަށް ދާން ތައްޔާރުވާށެވެ.
ޔޫހް މާމަ ގެއަށް ލުމަށްފަހު ޔަޒާއާއެކު ހިނގައިގަތް ޔުއާނާ އަށް އަދި ވެސް ދާ ދިމާލެއް ނޭނގެއެވެ. އޮލަ ވާހަކައިގައި ދެމީހުން ހިނގާފައި ގޮސް ވަނީ ކުޑަކުދީންގެ އެއްޗެހި ވިއްކާ ފިހާރައަކަށެވެ.
"އަހަރެންގެ އެކޮޅުގަ އުޅޭ ގާތް ކުއްޖަކު ވިހައިގެން އުޅޭތީ ހަދިޔާއެއް ފޮނުވަންވެގެން އަސްލު. އާނާ ވަރަށް މޮޅެއްނު އެއްޗެހި އިޚްތިޔާރުކުރަން. އަހަންނަށް މިތަނަށް ވަދެއްޖިއްޔާ ނަގާފަ ނުނަގާނެ އެއްޗެއް ނޭނގެ." ދެމީހުން އެކުގައި ހުނުންތަކުން ފުރިފައިވާ މާހައުލެއްގައި ނުހަނު ހާލުން ހަދިޔާއެއް ތައްޔާރުކޮށްގެން ފިހާރައިން ނިކުތުމަށްފަހު ޔަޒާގެ އެދުމުގެ މަތީން މިސްރާބުޖެހީ ބުއިމަކަށް އިންސާފުކުރުމަށެވެ.
"ބުނީމެއްނު ބޭބީ ކުދިންގެ އެއްޗެހި ވިއްޔާ އަހަންނަށް ވެސް އުޅެވޭނީ އެހެންނޭ" ހިނިއައިސްފައިހުރެ ޔުއާނާ ބުނެލިިއެވެ. ކުދިކުދި ހެދުންކޮޅުތަކާއި ބޫޓުކޮޅުތައް ފެނި އޭނާގެ ހިތް ކަމަކަށް ބޭނުންވެއްޖެއެވެ. ފިހާރައިން ނިކުމެ އަޒިކިޔަލްއަށް އޭނާ މެސެޖްކުރީ އެހެންވެއެވެ.
ޖޫގޯ ވިއްކާ ތާކުން ދެ ބުއިން ގަނެގެން ވަކި ހިސާބަކަށް ހިނގައިގަތުމަށްފަހު ޔަޒާ ހިނގައިގަތީ އެތަނާ އިންވެގެންހުރި ގެއަކަށް ވަނުމަށެވެ. ދެ ތިން މިނެޓަށް މަޑުކުރަން ބުނުމުން ޔުއާނާ އެއްބަސްވީއެވެ. މަގުގެ އެއްފަރާތުގައި މަޑުކޮށްގެންހުރި ޔުއާނާއަށް ކައިރީން މީހެއްގެ ހިލަން ވުމާއެކު ބަލާލިއިރު އަޝަލްއެވެ.
"އާނާ ކީއްކުރަނީ މިތާ؟ ޔޫޙް ކޮބާ؟" ކައިރީ އައިސް ހުއްޓުމާއެކު އަޝަލް ބުނެލައިފިއެވެ. ދެމެދުގައި ވީ ދާއިރާ ހަނިކަމުން ފަހަތަށްޖެހިލަން އުޅުނު ޔުއާނާ ހެދުމަށްއެރި އަރިއަޅާލިއެވެ. އެކަމުން ލިބުނު ހާސްކަމަށްވުރެ ޔުއާނާ ނުތަނަވަސްވީ އަޝަލް އޭނާ ހިފަހައްޓަން އަތުގައި ހިފުމުންނެވެ. މަޢާފަށް އެދި އަތުން ދޫކޮށްލި އަޝަލްއަށް ބަލާލުމަށްފަހު ޔުއާނާއަށް ދެން ގެންނާނެ ހަރަކާތެއް ނޭނގުނެވެ. ކައިރީހުރި ގެއިން ނިކުމެ ހަނާއަޅާލި ޔަޒާއާއި ދިމާލަށް ޔުއާނާ ހިނގައިގަތުމާއެކު އަޝަލްއަށް މާޔޫސްކަމުގެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
އެތައް އިރަކު ހިނގުމަށްފަހު ޔަޒާއަށް އަލްވަދާއު ކިޔަމުން ގޯތިތެރެއިން ލައިގެން އައިސް ގެއަށް ވަންނަން އުޅުނު ޔުއާނާއަށް ސިހުންގެނުވީ ބާރަކަށް އޭނާގެ ނަމުން ބަޔަކު ގޮވުމުންނެވެ. ގޯތިތެރޭގައި ފޮށިގަނޑުތަކެއް ހިފައިގެން އެ ތިބީ ޔުމްނާއާއި ޔޫނުސްއެވެ.
"ދޮންތާ..." ބާރު ފިޔަވަޅުތަކެއްގައި ގޮސް ޔުއާނާ ބައްދައިގަތީއެވެ. "ހޫން ސާބަހޭ. ދޮންތަ ފާހާނާއަށް ދާންޖެހިގެނޭ ތި އަވަހަށް ދޮރު ހުޅުވަދީބަލަ. ބޭރުގައި ހުރި ފައިވާނުން ދޮންތަ ހީކުރީ އާނާ އެތެރޭގައޭ." ޔުމްނާގެ ވާހަކައިން ޔުއާނާގެ ދެ ބުމަ ގާތްވިއެވެ.
"ކޮން ފައިވާނެއް؟ އަޒިކިޔަލް ވެސް ވާނީ ބައްދަލުވުމުގަ ހެން ހީވަނީ. އަހަރެން ކުރި މެސެޖަކަށް ޖަވާބެއް ނާދޭ ގައިމު ވެސް" ފޯނު ބަލާލަމުން ޔުއާނާ ލައިގެންހުރި ދިގު ޖެކެޓުގެ ޖީބުން ތަޅުދަނޑި ނަގާ ހިނގައިގަތެވެ. އަޒިކިޔަލްގެ ފަރާތުން އޭނާއަށް ޖަވާބެއް ނުލިބުމުން ޔުއާނާ ޔަގީންކުރީ އަދި ބައްދަލުވުން ނުނިމެނީ ކަމުގައެވެ.
"އަޒިކިޔަލް ސްކޫލުގަތަ...؟ އަންނައިރު ފެނުނީމަ ހުންނާނެ ފޯރިޔެއް. އަހަރެން އޭނާ ކައިރީ ވެސް ނުބުނަން އަންނަ ވާހަކައެއް. މަންމަމެން އަންނާނެ ދެން އަންނަ ބަގީގަ އިނގޭ. ގުޅާނެ ކަންނޭނގެ އަރާފަ" ދަބަސްތައް ހިފައިގެން ޔުމްނާގެ ފަހަތުން އައި ޔޫނުސް ވާހަކަދެއްކިއެވެ.
އޭރު ތަޅުހުޅުވަން ހުރި ޔުއާނާގެ ލޮލުގައި ދޮރުކައިރީހުރި އަންހެން ފައިވާން އަޅައިގަނެއްޖެއެވެ. ކުރީން ފެނިފައިހުރި ފައިވާނަކާ ވައްތަރުވިނަމަވެސް ފަރުވާލެއްނެތި އެތެރެއަށް ވަނުމާއެކު އޭނާގެ ސިކުނޑީގެ ލޭ ނާރުތަކަށް ބާރުވެގެންދިޔައީއެވެ.
ސޯފާގައި އަޝްބާ އިންއިރު އޭނާއާއި ނުހަނު ކައިރީގައި ކޮޅަށް އެ ހުރީ އަޒިކިޔަލްއެވެ.
"އަޒިކިޔަލް" ހިތްހަމަނުޖެހުން އެކުލެވިފައިވި އަޑަކުން ޔޫނުސް ގޮވާލިއެވެ. ކުއްލިއަކަށް ޔޫނުސްމެން ފެނުމުން އަޒިކިޔަލް ވެސް ހުރީ ސިހުމާއި އެއްވަރަށް އަޖައިބުވެފައެވެ.
"އަޝްބާ.. މަންމަމެން އައުމުގެ ކުރީން މިގެއިން ނިކުތިއްޔާ ވަރަށް ރަނގަޅު" އަޒިކިޔަލްގެ މޫނަށް ބަލާލުމެއްނެތި ޔުއާނާ ބުނެލީ އަޝްބާއަށެވެ.
ހާލަތު މިހާ އޮޅުންބޮޅުންވެފައި ވަނިކޮށް އަޒިކިޔަލްގެ އުނި ސިފައެއްގެ ގޮތުގައި އެކަން އެކަކަށް ވެސް ފެންނަން ޔުއާނާގެ ހިތެއް ނުރުހެއެވެ. ހުދު އޭނާގެ ހިތް ވަހުމާއި ޝައްކުން ފުރިގެންދިޔައިރު, އަޒިކިޔަލްއާ އިޝްގީ ލޯބީގެ ގުޅުމެއް ނެތް ބަޔަކަށް އެ މަންޒަރުން ފަހުމް ވާނެ އެއްޗަކާ މެދު ޔުއާނާ ބިރުގަތެވެ.
އަބާނޫ ދެން އިން ބައި ކޮން އިރަކުން ތަ... އަވަސް ކޮށްދެއްޗޭ..
އަބާނޫނޫނޫނޫ ގަދައެއޭއޭއޭ