އަޙްސަން ކުޑަކޮށް ހިނިތުންވެލިއެވެ. “ތިޔަ އައީ އަހަރެންގެ ލަފައެއް ހޯދަންތަ؟”
“ނޫން. އަޙްސަން. އަހަރެން މިހާރު ލަފާ ހޯދާ ވަރަށް ވުރެ މާ ދުރަށް ނުކުމެއްޖައިން. މިހާރު އަހަންނަށް ހީވަނީ އޭނާ ނެތިއްޔާ އަހަރެންގެ އަތުގައި އެކައްޗެއް ނެތީއޭ. އޭނާ ލިބުނީމާ ހުރިހައި އެއްޗެއް ލިބި ފުރިހަމަވީއޭ.”
“ތިޔަ ކަހަލަ ޝުޢޫރުތަކެއް ޒާރާގެ ފުށުން ފެންނާނޭ ކަމަކަށް އަހަރެން ހިއެއް ނުކުރަން.” އަޙްސަން، ޒާރާއާ ދިމާއަށް ބަލައިލާފައި ބުނެލިއެވެ. “އަމިއްލަ ކަމެއް ބޭނުން ގޮތަކަށް ނިންމުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް އޮންނާނެ… ޒާރާއަށްވެސް އެ އިޚްތިޔާރު އޮންނާނެ. އެކަމަކު އަހަރެން ބުނަން ބޭނުން ވަނީ ޒާރާ ތިޔަ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނޭ. ޒާރާ އައީ އަމިއްލަ އެދުންތަކެއް ފަހަތުން ދުވަމުން. އެހެން އެއްވެސް ޚިޔާލެއް ނުކުރަމު. ހިތުގައި އޮންނަހައިވެސް ކަމަކީ ރީތި، އަރާމު، މޮޅު ދިރިއުޅުމެއް. މިއަދު ތިޔަ އުޅެނީ ހަމަ ކުއްލިއަކަށް އެ ހުރިހައި އެދުމެއް ދޫކޮށްލާފައި އިށީންނަން. އެހެންވީމާ އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަހާ. ތިޔަ ނިންމުމުގެ ސަބަބުން ލިބޭނޭ އެއްވެސް ފައިދާއެއް ނޯންނާނެ… ތިޔައީ ޖަޒުބާތީ ނިންމުމެއް. އެ ޖަޒްބާތުގެ އަސަރު ފިލުމާއެކު އަނެއްކާވެސް އެއްކަލަ އެދުންތަކުގެ މުންނާރު ޒާރާގެ ކުރިމަތީގައި ކޮޅަށް ޖެހޭނެ. ދެން މަސައްކަތް ކުރާނީ އެއަށް އަރަން. އެހެންވާ ދުވަހު ޒާރާ ހަދަނީ ކިހިނެއް؟”
“ތިޔަ ހުރިހައި ކަމަކާ އަހަރެންވެސް ވިސްނައިފިން. އެކަމަކު…” އޭނާ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ.
“އެންމެ ރަނގަޅު. ޒާރާ ބޭނުން ގޮތެއް ހަދާ. އެކަމަކު ތިޔަ ނިންމުމުގެ ސަބަބުން އަހަރެން އުފަލެއް ނުވޭ.”
އޭގެ ފަހުން ދެމީހުން އެ މަވްޟޫޢުގެ މައްޗަކަށް ވާހަކައެއް ނުދައްކައެވެ. އެ ދުވަހުގެ ބާކީ އޮތް ބައި އޭނާ ހޭދަ ކުރި ވަރަށް އުފާވެރި މޫޑެއްގައެވެ. ހަވީރު އޭނާ ގެއަށް ލައިދޭން އައީ އަޙްސަނެވެ. އޭނާ އެނބުރި ދާން ފެށީމާ ޒާރާ އަހައިލިއެވެ.
“އަޙްސަން ރުޅި އައީ އަޙްސަންގެ ބަދަލުގައި އަހަރެން ޝެހެރޫޒް ޚިޔާރު ކުރީމާތަ؟”
“ޒާރާ.” އޭނާގެ ހިތް ހަރުކަމުގެ މައްޗަށް އަޙްސަންގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އެހެން ނަމަވެސް އަނގައިންވެސް ނުބުނެ ދިޔައީއެވެ.
އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައީ ޝެހެރޫޒް ނުފެނިއެވެ.
އޭނާ އުޅެނީ މަސައްކަތް ކުރާ ތާނގައި އަވަދިނެތިއެވެ. އޮފީހަށް އަންނާނޭ ފުރުސަތެއް އޭނާއަކަށް ނުލިބެއެވެ. އެއް ހަފުތާ ވާންދެން އޭނާއަށް އިންތިޒާރު ކުރުމަށްފަހު އޭނާ ދެކެ ރުޅިއަންނަން ނިންމި ދުވަހު އޭނާ އަތުވެއްޖެއެވެ.
“ހިނގާ އަހަންނާ އެކު ދާން.”
އޭނާ ހުރިހައި ރުޅިއެއް ހަނދާން ނައްތައިލާފައި އޭނާޔާ އެކު ހިނގައިގެންފިއެވެ.
ޝެހެރޫޒް އޭނާ ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. އެއީ ވަރަށް އާދައިގެ ތިން ކޮޓަރީގެ ގެއެކެވެ. މޮޅު އަގުބޮޑު އެއްޗެއް ނެތް ނަމަވެސް ވަރަށް ސާފުތާހިރު ގެއެކެވެ. ހުރިހައި އެއްޗެއް ވެސް ހުރީ ވަރަށް ހެޔޮ ތަރުތީބެއްގެ މަތީން ބަހައްޓައިފައެވެ.
ޝެހެރޫޒްގެ މަންމައާއި ކޮއްކޮއިން އޭނާއާ ބައްދަލު ކުރީ އާދަޔާ ޚިލާފު އުފަލަކާ އެކީގައެވެ. ޝެހެރޫޒް ބުނީ ހަމަ ތެދެކެވެ. މަންމައަށް އޭނާ ފެނުމާއެކު ހުރިހައި މައުލޫމާތެއް އޮޅުން ފިލުވިއެވެ.
އެ ގެއިން ނުކުތް ވަގުތު ވަރަށް އަވަހަށް އަހަރެމެން ތިޔަ ގެއަށް އަންނާނަމޭ ޝެހެރޫޒްގެ މަންމަ ބުންޏެވެ. އެއީ ތެދެއްކަން ޔަގީންވީ ޝެހެރޫޒް އަނެއް ދުވަހު ޔަގީންކޮށްދިނީމައެވެ.
“އާނ. މަންމަ ތިޔަ ގެއަށް ދާނެ. މަންމަ ދެނެގަންނާނެއޭ އަހަރެން ބުނީމެއްނު؟ މަންމައަށް އެނގިއްޖެ. އަހަރެން އެއްވެސް ވާހަކަ އެއް ނުބުނަން.”“މަންމަ ބުނީ ކީކޭ؟” ހުރިހައި ތަފުސީލެއް އޭނާ ބޭނުންވިއެވެ.
“ވަރަށް ގިނަ ވާހަކަ ދެއްކި. ކޮންމެ ވާހަކައެއްވެސް ގޮސް ނިމެނީ ޒާރާއަކީ ރަނގަޅު ކުއްޖެކޭ ބުނެފައި.”
“އެހެންތަ؟” ޒާރާ ހީނގަތެވެ.
“މަންމަ ފޮނުވާންވީ ކޮން ދުވަހަކު؟”
“އެންމެ ފުރަތަމަ ގޭ މީހުންނާ ވާހަކަ ދައްކައިލާނަން.”
“އަދި ގޭ މީހުންނަކަށް ނާންގަންތަ؟”
“ނާންގަން. އެންމެ ފުރަތަމަ އަހަރެން ބޭނުންވީ ޝެހެރޫޒްގެ ފަރާތުން ޔަގީންކަން ހޯދަން.” އޭނާ އެއްވެސް ކަހަލަ ފޮރުވުމެއް ނެތި ބުނެލިއެވެ.
“އަހަންނަށް އިތުބާރު ނުކުރަނީތަ؟”
“އިތުބާރުކުރަން. ކުޑަކޮށް ބިރުވެސް ގަތް. އެކަމަކު މިހާރު މިއޮތީ ބިރު ފިލާފައި. މިހާރު އޮތީ ހަމައެކަނި އިތުބާރު.” އޭނާ ހިނިތުންވެލިއެވެ.
“އަހަރެން ހަމަ މިއަދު މަންމަޔާ ވާހަކަ ދައްކާނަން.”
އޭނާގެ ވާހަކަ ނިމުނީމާ މަންމަ ބުންޏެވެ.
“ތިޔަ ފެންވަރުގެ މީހަކާ އިންނަން ބޭނުމިއްޔާ އަޙްސަންގެ ކިބައިން ކަލެއަށް ފެނުނީ ކޮން އުނިކަމެއް؟”
“އަޙްސަންގެ އެއްވެސް އުނިކަމެއް ނެތް.” އޭނާ ބުންޏެވެ.
“ދެނޯ؟”
“އަހަރެން ދުވަހަކުވެސް އަޙްސަނާ މެދު އެކަހަލަ ގޮތަކަށް ނުވިސްނަން.”
“އެހެންވެއްޖެއްޔާ މިހާރު ވިސްނަން ފަށާ. އެއީ ގޭ ކުއްޖެއްނު؟”
“ގޭ ކުއްޖަކަށް ވަންޏާ މި ގޭގައި އެހެން އަންހެންކުދިންވެސް އެބަ އުޅެއެއްނު؟”
އޭނާ މިހެން ބުނީމާ މަންމަ އަނގަޔަކުން ނުބުނެއެވެ.
“މަންމާ. ސެހެރާއި އަސްމާގެ ކައިވެނިވެސް ކުރަން ޖެހެއެއްނު؟” މަންމަ އަނގައިން ނުބުނީމާ އޭނާ ވާހަކަ ކުރިއަށް ގެންދަން އުޅުނެވެ. “އަޙްސަން ބޭނުމިއްޔާ…”
“ދެން ހެޔޮ. ކަލޭ އެކަމާ ފިކުރު ކުރާނޭ ކަމެއް ނެތް.” މަންމަ ރުޅިވެރި ރާގަކަށް ބުނެލިއެވެ. އޭނާ ދައްކާން އުޅުނު ވާހަކަ މަންމައަށް ކަމުނުދިޔައީ ކަމަށް ވެދާނެއެވެ.
“އެންމެ ރަނގަޅު. އަހަރެން އެ ކަމަކާ ފިކުރެއް ނުކުރާނަން. އެކަމަކު މަންމަ މިއަދު ޝެހެރޫޒްގެ ވާހަކަ ބައްޕަޔާ ދައްކާތި. މާދަމާ ޝެހެރޫޒްގެ މަންމަ މިގެއަށް އަންނާނެ.”
ކަންތައް ކުރަންވާ ގޮތް އޭނާ ކަނޑައަޅައި ނިންމައިލިއެވެ. އެހެންވީމާ މަންމަޔާ ބައްޕަ އިތުރު ވާހަކައެއް ދައްކާނޭ ޖާގައެއް ނެތެވެ. ވަރަށް ކުއްލި ގޮތަކަށް ކުރެވުނު ކާވެންޏަކާއެކު އޭނާ ދިރިއުޅުމުގެ މައިދާނަށް ނުކުމެއްޖެއެވެ.
* * *
ޝެހެރޫޒްގެ ގެއަކީ ވަރަށް އަމާން ހިތްހަމަޖެހޭ މާހައުލެއް އޮންނަ ގެއެކެވެ. ގޭތެރެ އެހެން ބޭއްވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރަނީ ޝެހެރޫޒްގެ މަންމައެވެ. އެއީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އެހައިމެ އޮމާން ރީތި ހަމަތަކެއް ހިފަހައްޓާ މީހެކެވެ. ވުމާއެކު އޭނާގެ ދަރިން އޭނާއަށް އާދަޔާ ޚިލާފު އިހުތިރާމެއް ކުރެއެވެ. އެއްވެސް ކުއްޖަކު އޭނާޔާ ބާރަށް ވާހަކަ ދައްކައެއް ނޫޅެއެވެ. އޭނާ ކުރެން ވާހަކައެއް އަހައިލަން ވެއްޖެނަމަ ކައިރިއަށް އައިސް އެ ވާހަކައެއް އަހައިލަނީއެވެ. ދުރުގައި ހުރެގެން ބާރަށް ވާހަކަ ދައްކާކަށް އެކަކަށްވެސް ނުކެރެއެވެ.
ޒާރާއަކީ އާއްމުކޮށް ބާރަށް ވާހަކަ ދައްކާ ކުއްޖެކެވެ. ކިތަންމެ ދުރުގައި ހުރި މީހަކާ ވާހަކަ ދައްކަން ވިޔަސް ހުރި ތަނެއްގައި ހުރެގެން ވާހަކަ ދެއްކުމަކީ ޒާރާގެ އާދައެކެވެ. އެހެންވީމާ އެގެއަށް އައީމާވެސް އާދައިގެ މަތީން ބާރަށް ވާހަކަ ދެއްކެއެވެ. އެއްވެސް މީހަކު އޭނާ އެ ކުރަނީ ކަމުނުދާ ކަމެކޭ ނުބުނެއެވެ. އެހެން ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އެއީ ކޮށްގެން ނުވާނޭ ކަމެއްކަން އޭނާއަށް ވިސްނިއްޖެއެވެ. އެއް ދުވަހަކު އޭނާ ދުރުގައި ހުރެގެން ޝެހެރޫޒްގެ މަންމަޔާ ވާހަކަ ދައްކަން ފެށީމާ މަންމަ އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ. އެ ދުވަހަކުވެސް ނުރުހުމުގެ އަސަރެއް ނުދައްކައެވެ. އެހެން ނަމަވެސް ޒާރާއަށް މަންމަގެ މެސެޖް ވިސްނިއްޖެއެވެ.
ކާވެނީގެ ފަހުން އެއްމަސް ދުވަހުގެ ޗުއްޓީއެއް އޭނާ ނެގިއެވެ. އެ އެއްމަސް ދުވަސް ފާއިތު ވެގެން ދިޔައީ ވިދުވަރެއްހައި ހަލުވިކޮށެވެ. ޝެހެރޫޒާ އެކީ އުޅެވުނީމާ ވަގުތު ފާއިތު ވެގެން ދަނީ އޭނާއަށް ނުވެސް އެނގިއެވެ. ޗުއްޓީ ނިންމައިފައި އޮފީހަށް ނުކުންނާން އޮތް ދުވަހު ތައްޔާރުވެގެން ނުކުތީމާ ޝެހެރޫޒްގެ މަންމަ ސުވާލުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. މަންމަ ހީކޮށްގެން ހުރީ އޭނާ އެ އުޅެނީ އޭނާގެ މަންމަގެ ގެއަށް ދާން ކަމަށެވެ.
“އަޅުގަނޑު މިދަނީ އޮފީހަށް.” މަންމަގެ ހިތުގައި އޮތް ސުވާލު ވިސްނިގެން އޭނާ ބުނެލިއެވެ. އެއަށްފަހު ޝެހެރޫޒާ ދިމާއަށް ބަލަން ފަށައިފިއެވެ.
“ދަރިފުޅު ވަޒީފާ ދޫކޮށްލީއެއް ނޫންތަ؟” މަންމަ އަހައިލިއެވެ.“އަޅުގަނޑު ހުރީ ޗުއްޓީގައި.”
“އެހެންވެއްޖެއްޔާ ދެން ވަޒީފާ ދޫކޮށްލާ. އަހަރެމެންގެ ޅީދަރިންނާއި އަންހެން ދަރިންނަކީ ބޭރަށް ނުކުމެ ވަޒީފާ އަދާ ކުރާ ބައެއް ނޫން.”
“މަންމާ. ޝެހެރޫޒާއެކީގައި މަސައްކަތް ކުރަން…”
“ދަރިފުޅާ.” މަންމަ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. “ޝެހެރޫޒާއެކީގައި މަސައްކަތް ކުރާނަމޭ ބުނެފައި އޮތިއްޔާ އެއީ ދަރިފުޅުގެ ރަނގަޅުކަން. ޝެހެރޫޒް ދެކެ ވާ ލޯބީގެ ހެއްކެއް. އޭނާގެ ފައިދާއަށް ވިސްނާ ކަމުގެ ހެއްކެއް. އެކަމާ މަންމަ ވަރަށް ބޮޑަށް އުފާ ކުރަން. އެކަމަކު ވަޒީފާ އަދާ ކުރުމުގެ ހުއްދަ މަންމައެއް ނުދޭނަން. ތިޔައީވެސް މަންމަގެ ދަރިއެއް. ނަބީލާއާއި ޝަކީލާ ފަދައިން މަންމަ ބަލަނީ ތިޔައީވެސް މަންމަގެ އުފަންދަރިއެއް ކަމަށް.”
ޒާރާ އިސްޖަހައިލިއެވެ. އަނގަޔަކުން ނުބުނެއެވެ. މަންމަ ދިޔަ ފަހުންވެސް އެހެން އެތައް އިރަކު ހިމޭނުން އިނެވެ.
“އަހަންނަށް ހީވަނީ މަންމަ އެ ދެއްކީ ރަނގަޅު ވާހަކައެއްހެން.” ޝެހެރޫޒް އޭނާގެ ކައިރިއަށް އައިސް ބުނެލިއެވެ. “އަހަރެން ހުއްޓާ ދިރިއުޅުމުގެ ކަންތައްތަކާ ޒާރާ ފިކުރު ބޮޑު ކުރާނޭ ކަމެއް ނެތް.”
“އެކަމަކު ޝެހެރޫޒް…”
ޝެހެރޫޒް އޭނާގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ. “ތައްޔާރުވެ ނިމިއްޖެއްޔާ ހިނގާ އަހަރެން ޒާރާ ގެންގޮސް މަންމަގެއަށް ލައިދޭނަން.”
“ހިނގާ.” އޭނާ އެއްބަސްވެއްޖެއެވެ. އަދި ޝެހެރޫޒްގެ މަންމަގެ ހުއްދަ ހޯދައިގެން ޝެހެރޫޒާ އެކީގައި މަންމަގެ ގެއަށް ހިނގައްޖެއެވެ.
ޝެހެރޫޒް ހުރީ އޮފީހަށް ދާން ލަސްވެފައެވެ. އެހެންވީމާ ގޭ ދޮރުމައްޗަށް ޒާރާ ބައިލާފައި އޭނާ ދިޔައީއެވެ. އޭނާ ގޭތެރެއަށް ވަންތަން ފެނިފައި މަންމަ އަހައިލިއެވެ.
“އެކަނިތަ؟”
“އެކަނިތަ؟” މަންމަ އަހައިލިއެވެ.
“ނޫނޭ ޝެހެރޫޒާ އެކީގައި. އޭނާ އޮފީހަށް ދާން ލަސްވާތީ ހިނގައްޖެ.”
“ދައްތާ! އަދި ޗުއްޓީގެ ކިތައް ދުވަސް ބާކީ އެބަ އޮތްތަ؟” ސެހެރް އަހަލައިލިއެވެ. “އަހަރެންގެ ޗުއްޓީ އިއްޔެ ހަމަވެއްޖެ. އެކަމަކު މަންމަ ބުނީ ދެން ވަޒީފާ އަދާކުރާނޭ ކަމެއް ނެތޭ. އެހެންވީމާ މިއަދަކު އޮފީހަކަށް ނުދަން.”
“ވަރަށް ރަނގަޅު.” މަންމަ ހިތް ހަމަޖެހުމުގެ ނޭވައެއް ލިއެވެ. “މީހަކާ އިނުމަށްފަހު ދަރިން ވަޒީފާ އަދާކުރާނޭ ކަމެއް ނެތް؟”
“ދައްތަ ސައި ބޯނަންތަ؟”
“ސައި ހަދާފައި ހުރިއްޔާ ގެނޭ.” އޭނާ ފައިވާން ބާލައިފައި ގޮނޑިއެއްގައި ރަނގަޅަށް ޖައްސައިލިއެވެ.
“ސައި ހަދާކަށް މާގިނަ އިރެއް ނުވާނެ.” ސެހެރް ބަދިގެއަށް ހިނގައްޖެއެވެ. މަންމަ ތެދުވެގެން އައިސް އޭނާގެ ކައިރީގައި އިށީނދެއްޖެއެވެ. “ކަލޭގެ މައިދައިތައަކީ ވަރަށް ރަނގަޅު އަންހެނެއްކަން ޔަގީން. ދަހި އަންހެނެއް ނަމަ ކަލޭ ލައްވައި ވަޒީފާ އަދާކުރުވީސް އެހެން ނޫންތަ؟”
“އާނ، މަންމާ. އެއީ ވަރަށް ރަނގަޅު އަންހެނެއް؟”
“ކަލޭވެސް ވިސްނައިގެން އުޅޭތި. ކުދިކުދި ކަންތައްތަކާ އަރައިރުން ނުވާތި.”
“އެ ގޭގައި އަރައިރުން ވުމަކީ ކުރެވޭނޭ ކަމެއް ނޫން. މީހަކު އެއްޗެއް ބުންޏަސް ދެކޮޅު ހަދާ މީހަކު ނޫޅޭނެ. އެއްޗެކޭ ކިޔާ މީހަކު ކިޔާނީ. އަޑު އިވޭ މީހާ އަޑުއަހާނީ. އެހެން ކަމެއް ނުކުރާނެ.”
“ވަރަށް ރަނގަޅު.” މަންމަ ހިތް ހަމަޖެހުމުގެ ރާގަކަށް ބުނެލިއެވެ. “މަންމާ. އަޙްސަންމެން ގޭގެ ޚަބަރެއް ނުވޭތަ؟ އޭނައެއް ނާދޭތަ؟”
“އަސްތާ! އަހަރެން މިހުންނަނީ ހަނދާން ނެތިފައި.” މަންމަ ކުއްލިއަކަށް ބުނެލިއެވެ.
“ސެހެރާއި އަޙްސަނާ ދެވާ ވާހަކަ އެގޭ މީހުން ދެއްކި.”
“އެހެންތަ؟” އޭނާ ވަރަށް ދިގު ރާގަކަށް ބުނެލިއެވެ. “މަންމަ ބުނީ ކީކޭ؟”
“ބުނާނީ ކީކޭ؟ އިންކާރެއް ނުކުރާނެކަން ކަލެއަށްވެސް އެނގޭނެ. އެކަމަކު އެހައި އަވަހަކަށް ކާވެންޏެއް ނުބޭއްވޭނެ.”
“އެއީ ކީއްވެގެން؟”
“ދަރިފުޅާ! ކަލޭގެ ކާވެނީގެ ކަންތައް އަދި ކިރިޔާ ނިމުނީ. އެހައި ގިނަ ފައިސާ ހޯދާނީ ކިހިނެއް؟”
“އާނ! ތިޔައީވެސް ރަނގަޅު ވާހަކައެއް.” އޭނާ ކުޑަ އިރުކޮޅަކު ވިސްނައިލަން އިނދެފައި އަހައިލިއެވެ.
“ބޮޑުބޭބެ ބުނީ ކީކޭ؟”
“އޭނާވެސް ބުނީ އެހައި އަވަސް ނުކުރިޔަސް އެންމެ ރަނގަޅޭ. ފުރަތަމަ ސާޖިދާއާއި ޢާބިދާގެ ކާވެނީގެ ކަންތައް ހަމަޖައްސާނީއޭ. ފުރަތަމަ އެންގޭޖްމަންޓް ބާއްވާނީއޭ. އެހެން ނޫނީ ސާޖިދާގެ ކާވެނި ކުރެވޭ ދުވަހު ދެ ކާވެނި އެކީގައި ކޮށްލާނީއޭ.”
“އާނ! އެހެން ހަދާ! އަޙްސަންގެ އިމްތިހާނުގެ ކަންތައް ދިޔައީ ކިހިނެއް؟”
“ވަރަށް ރަނގަޅު. ވަޒީފާވެސް ލިބިއްޖެ. މިހާރު އޭނާ ތައްޔާރުވަނީ މުލްތާނަށް ދާން. ވަޒީފާގެ ކުރިއެރުން ލިބުނީ.”
“އެހެންތަ؟” އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކުރީގެ ވާހަކައެއް ހަނދާންވި ކަހަލަ ގޮތަކަށެވެ.
ޝެހެރޫޒް ހަވީރު އޮފީސް ނިންމައިފައި އައީ އެ ގެއަށެވެ. ދެމަފިރިން ގެއަށް ދިޔައީ އެ ރޭ ކައިގެންނެވެ.
* * *
މިހައި ތަނަކަށް އޭނާއަކަށް އެއްވެސް ކަމެއް މަދުކަމުގެ އިޙްސާސެއް ނުކުރެވެއެވެ. އަދި މާ ބޮޑު އެދުމެއް ހިތުގައި ނުމެ އުފެދޭމެއެވެ. އެހެންވީމާ އޭނާ ހުންނަނީ ހިތްހަމަޖެހިފައެވެ. ލޯބީގެ މަސްތު އަދި ސިކުނޑިއަކުން ފިލައިގެންނެއް ނުދެއެވެ. އެހެންވީމާ އެއްވެސް ކަހަލަ އުނިކަމެއް އިޙްސާސް ކުރާކަށް ނުވެސް ޖެހެއެވެ.
އެ ދުވަސްވަރު ސާޖިދާއާއި ޢާބިދާގެ ކާވެނީގެ ދައުވަތު ލިބިއްޖެއެވެ. ދައުވަތު ކާޑު ހިފައިގެން އައީ އަޙްސަނެވެ. އޭނާ ފެނުނީމާ ކުޑައިރުކޮޅަކު ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.
“އާދޭ! އިށީނދޭ.” ޒާރާ ހީނގެންފައި މިހެން ބުނީމާ އަޙްސަން ދިޔައީ ސިއްސައިގެންނެވެ. ވަށައިގެން ހޯދައި ބަލާން ފަށައިފިއެވެ.
“ޝެހެރޫޒް ނެތީތަ؟”
“މިހާރު އަންނާނެ. ކިހިނެއްތަ ހާލު؟ މިއަދު މަގު އޮޅުނީތަ؟”
“އަހަރެން މިއައީ ކާވެނީގެ ދައުވަތު ކާޑު ހިފައިގެން.”
“އެހެން ދޯ؟” އޭނާ އަޙްސަންގެ އަތުން ދެ ކާޑުވެސް ޖަހައިގެންފިއެވެ. “ކާވެނީގެ ވާހަކަ މަންމަ ބުނި. އަހަރެން މިހުންނަނީ ހަނދާން ނެތިފައި. ކާވެނި އޮތީ ކޮން ދުވަހަކުތަ؟”
“ކާޑުގައި ތާރީޚު ޖަހާފައި އޮންނާނެ.”
“އެހެންތަ؟” ޒާރާ ހީނގެންފިއެވެ.
“ކާޑު ބަލާނީ ފަހުން. ފުރަތަމަ ބުނޭ… އަހަރެން ދޭނީ ކޮން އެއްޗެއް؟”
“އެއްޗެއް ދޭނެ ކަމެއް ނެތް.”
“އެހެންވާނީ ކިހިނެއް؟ މި ގެއަށް ފުރަތަމަ ފަހަރަށް ތިޔަ އައީ. އިށީނދޭ. އަހަރެން އެބަ އަންނަން.” އޭނާ ތެދުވެގެން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ކުޑައިރުކޮޅެއް ފަހުން އެނބުރި އައީ ސައި ހިފައިގެންނެވެ.
“އަހަރެން ބުނީމެއްނު އެއްވެސް އެއްޗެއް ބޭނުމެއް ނޫނޭ.”
“އެއްވެސް އެއްޗެއް ނުދީ ފޮނުވައިލައިފިއްޔާ ތިޔަ ގެއަށް ދިޔައީމާ ސައިތައްޓެއްހައި މިންވަރުވެސް ނުދިނޭ ފަހުން އަހަންނާ ދިމާއަށް ބުނާނެ.”
“ޒާރާ ހީކުރަނީ އަހަރެން މީއީ އެކަހަލަ މީހެއް ކަމަށްތަ؟” އަޙްސަން ހީނގަތެވެ.
“ނޫނޭ. އަހަރެން އެހެން ހިއެއް ނުކުރަން.” އޭނާ ސައިތަށި އަޙްސަންގެ އަތަށް ދިނުމަށްފަހު ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
“ގޭގައި އެއްވެސް މީހަކު ނޫޅެނީތަ؟” ގޭތެރެ މާ ހިމޭންކޮށް އޮތީމާ އަޙްސަން އަހައިލިއެވެ.
“ނޫނޭ. ޝެހެރޫޒް ނޫން އެހެން އެންމެން އެބަ އުޅޭ.”
“އެއްވެސް އަޑެއްބަޑެއް ނީވޭ.”
“އެންމެން އުޅެނީ މަސައްކަތުގައި. އެހެން ނޫނަސް މި ގޭގައި އެކަކުވެސް ބާރަށް ވާހަކަ ދައްކައެއް ނޫޅޭ.”
“އަސްތާ. ތިޔައީ ވަރަށް ދެރަ ކަމެއް. ޒާރާއަށް ވަރަށް އުނދަގޫ ވާނެތާ؟”
“އުނދަގުލެއް ނުވޭ. މާހައުލު ބަދަލުވީމާ ރަނގަޅޭ ހިތަށް އަރާ.”
އަޙްސަން ސައި ބޯން ފެށީމާ ޒާރާ އޭނާ ގެނައި ދެ ކާޑު ނަގައިގެން ބަލާން ފަށައިފިއެވެ. އެވަގުތު ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް އަޙްސަނާ ދިމާއަށް ބަލައިލިއެވެ.
“މަންމަ އަޙްސަންގެ ވާހަކަ އަހަރެން ގާތު ދެއްކި.”
“އަހަރެންގެ ކޮން ވާހަކައެއް؟”
“އަޙްސަންގެ ކާވެނީގެ ވާހަކަ.”
“އެކަން އަދި ވަކި ގޮތަކަށް ނުނިމޭ.” އޭނާ އުނދަގޫ ގޮތަކަށް ބުނެލިއެވެ. “ތިޔަ ވާހަކަ ޒާރާގެ ގެއިންވެސް އޮޅުން ފިލުވިދާނެ.”
“އަޙްސަން އެވާހަކަ ދައްކަން ބޭނުން ނުވަނީތަ؟”
“ނޫނޭ. ކޮންމެހެން ބޭނުން ނުވާތީއެއް ނޫން.”
“އެހެން ވެއްޖެއްޔާ ފޮރުވަން އުޅެނީ ކީއްވެގެން؟”
އަޙްސަން އަނގައިން ނުބުނެ ޒާރާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ތެދުވެއްޖެއެވެ.
“އަހަރެން ދެން ދަނީ.”
“އަދި މަޑުކޮށްލާ! ޝެހެރޫޒަކާ ބައްދަލެއް ނުކުރާނަންތަ؟”
“ފަހުން އޭނާޔާ ބައްދަލު ކުރެވިދާނެ. ކާވެނި ޕާޓީއަށް ބީރައްޓެއްސަކަށް ވެގެން ނާންނާތި.”
“ކާކުގެ ކާވެންޏަކަށް؟” ޒާރާ އަހުސަނާ ސަމާސާކޮށްލުމުގެ ގޮތުން އަހައިލިއެވެ. އެކަމަކު އެހެން އަހައިލީ އިރު އޭނާގެ ނިތްކުރިއަށް ދެތިން ރޫއެރިއެވެ.
“އަހަރެން މިދައްކަނީ ސާޖިދާ ދައްތައާއި ޢާބިދާގެ ކާވެނީގެ ވާހަކަ.”
މިހެން ބުނެފައި އިތުރު ވާހަކައެއް ނުދައްކައި އޭނާ ނުކުމެގެން ހިނގައްޖެއެވެ.
ޒާރާ އެހުރި ތާނގައި ހުރެގެން އަޙްސަންގެ ބަދަލުވަމުންދާ މިޒާޖުގެ މައްޗަށް ފިކުރު ހިންގައިލިއެވެ.
އެރޭ ޝެހެރޫޒް ގެއަށް އައީމާ އޭނާ ސާޖިދާއާއި ޢާބިދާގެ ކާވެނީގެ ވާހަކަ ވަރަށް ދިގުކޮށް ދެއްކިއެވެ. އެ ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް އެހެން މީހުންނާ ތަފާތު ވެލުމުގެ އެދުން އޭނާގެ ހިތަށް ވެރިވެގެންފިއެވެ. އެޔާއެކު ޙިނާގެ ކާވެނި ޕާޓީގައި އެންމެން އޭނާއަށް ތާރީފު ކުރަމުން ދިޔަގޮތް ހަނދާނަށް އަތުވެއްޖެއެވެ.
“ޝެހެރޫޒް. މި ހުރިހައި ކާވެންޏެއް މިވަނީ އެއްފަހަރާ. ފަހަރެއްގައި ސެހެރްގެ ކާވެނިވެސް އެހެން ކާވެނިތަކާއެކު ކުރެވުމަކީ އެކަށީގެންވާކަމެއް. އެހުރިހައި ތަނަކަށް ދާން އަހަރެން ލާނީ ކޮން އެއްޗެއް؟”
“ލާނީ ހެދުން.” ޝެހެރޫޒް ސަމާސާކޮށްލިއެވެ.
“ސަމާސާ ނުކުރޭ. އަހަރެން މިއަހަނީ ލާނީ ކޮން ހެދުމެއް ހެއްޔޭ؟”
“އަހަންނަށް ހީވަނީ ޒާރާގެ އަތުގައި ފުދޭވަރަށް ހެދުން އެބަހުރިހެން.”
“އެކަމަކު ކޮންމެ ހެދުމެއްވެސް އޮންނާނީ އެތައް ފަހަރުކު، ނޫނީ މަދުވެގެން އެއްފަހަރު ލާފައި.”
“އެއް ފަހަރު ލީ ހެދުމެއް ދެވަނަ ފަހަރު ނުލެވޭނީތަ؟”
“ޕާޓީއަކަށް ދާން ނުލެވޭނެއެއްނު؟”
“އެއީ ކީއްވެގެން؟”
“އެތަނަށް ވަރަށް ގިނަ މީހުން ދާނެ. އެއިން ކޮންމެވެސް މީހަކަށް އަހަރެން މި ހެދުން ލައިގެން ހުއްޓާ މީގެ ކުރީން ފެނިފައިވެސް އޮވެދާނެ.”
“އެއީ އެވަރުގެ ކަމެއްތަ؟”
“ޝެހެރޫޒް ތިޔަ އުޅެނީ އަހަރެން މި ދައްކާ ވާހަކަ އަޑު ނާހަންވެގެން.”
“ތިޔަ ދައްކާ ވާހަކަ އަހަންނަށް ވަރަށް ރަނގަޅަށް އިވޭ. އަދި ކިޔާ އެއްޗެއް އެނގޭވެސްމެ.”
ޝެހެރޫޒް ޒާރާގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. ޒާރާ އެ ކިޔަނީ ކީކޭކަން އޭނާއަށް އެނގެއެވެ. ބޭނުން ވެގެން އުޅެނީ ކޮން އެއްޗެއްކަންވެސް އެނގެއެވެ. މި ވަގުތު އެ ހުރިހައި އެދުމެއް ފުރިހަމަ ކޮށްދިނުމަކީ ޝެހެރޫޒަކަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންވީމާ އެކި ކަހަލަ ވާހަކަ ދައްކައިގެން ޒާރާގެ ޚިޔާލު އެހެން ދިމާއަކަށް އެނބުރޭތޯ އޭނާ މަސައްކަތް ކުރަން ފަށައިފިއެވެ. އެކަމުގައި ވަގުތީ ގޮތުން އޭނާއަށް ކާމިޔާބު ކުރެވުނުވެސް މެއެވެ.
އަނެއް ދުވަހު ހެނދުނު ޝެހެރޫޒް ތެދުވީ ތަންކޮޅެއް ލަހުންނެވެ. އެއީ ބަންދު ދުވަހަކަށް ވާތީއެވެ. ހެނދުނުގެ ނާސްތާއިން ނިމިގެން އައިސް އޭނާ ވަނީ ކޮޓަރިއަށެވެ. އޭރު ޒާރާ އަލަމާރީގައި ހުރި ހެދުންތައް ނަގައި އެނދު މައްޗަށް އަޅަމުން ދަނީއެވެ.
“ތިޔައީ ކޮންކަމެއް؟” އޭނާ އަހައިލިއެވެ.
“މި އުޅެނީ ކާވެނި ޕާޓީތަކަށް ދާން ލާން ރަނގަޅު ހެދުންތަކެއް ފެނޭތޯ ބަލަންވެގެން.”
ޝެހެރޫޒް ޖަވާބެއް ނުދީ ނޫސް ކިޔަން ފަށައިފިއެވެ. ޒާރާ އެތައް އިރަކު ހެދުންތައް ހާވަން އުޅެފައި ޝެހެރޫޫޒްގެ އަތުގައި އޮތް ނޫސް ދަމައިގެންފިއެވެ.
“ޝެހެރޫޒް ނިކަން ބަލާބަލަ. ކާވެނި ޕާޓީއަކަށް ދާން ލާން ރަނގަޅު އެންމެ ހެދުމެއްވެސް މިތާކު ނެތް.”
“ތިޔަ ހުރިހައި ހެދުމެއްވެސް ރަނގަޅު. އައު ހެދުންވެސް އެބަ ހުއްޓެއްނު؟ އެ އޮތީ ވަރަށް ރީތި ހެދުމެއް.” އޭނާ އެތަނުން ހެދުމަކަށް އިޝާރާތް ކޮށްލައިފައި ބުނެލިއެވެ.
“އެ ހެދުން ލައިގެން އަހަރެން އެއް ފަހަރު ބޮޑު ދައިތަގެ ގެއަށް ހިނގައްޖައިން.”
“އަހަރެން ކޮންމެ ހެދުމެއް ދެއްކިޔަސް ތިޔަހެން ޒާރާ ބުނާނެ އެއްޗެއް އޮންނާނެ.”
“އާނ! އަހަރެން ދާން މިއުޅެނީ މުޅި އާއިލާ އެއްވާ ތަނަކަށް. އެކަހަލަ ތަނަކަށް ދާއިރު މިއިން ހެދުމެއް ލައިގެން ދާކަށް ކަމަކު ނުދާނެ.”
“އެއްވެސް މީހަކު ޒާރާއަކަށް މަލާމާތެއް ނުކުރާނެ.” ޝެހެރޫޒް ބުންޏެވެ. “ތިޔައީ އަހަރެމެންގެ ގެއަށް އައިއިރު ލައިގެން ހުރި ހެދުމެކޭ އެކަކުވެސް ނުބުނާނެ.”
“ތިޔަކަން އެނގެނީ ކިހިނެއް؟ ފަހަރެއްގައި މީހަކު އެހެން ބުނެވެސްފާނެ.” ދޫކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. “އެކަހަލަ ކަމެއް ވެއްޖެއްޔާ އެންމެންގެ ކުރިމަތީގައި އަހަރެން ކިހައި ލަދެއް ގަންނާނެ.”
“ޒާރާ… ޒާރާ.” ޝެހެރޫޒް ތެދުވެގެން ދާން އުޅެފައި އަނެއްކާވެސް އިށީނދެއްޖެއެވެ. “ތިޔަހެން ލަންބާޗޯޅާ ވާހަކަ ނުދައްކައި ޒާރާ ބޭނުންވެގެން އުޅޭ ކަމެއް ނިކަން ބުނެބަލަ.”
“އަހަރެން ބޭނުންވަނީ އާ ތިންހަތަރު ހެދުން.”
“ކިހައި ރުފިޔާއަކުން ހެދުން ގަނެވޭނެތަ؟”
“ދެތިން ހާސް ރުފިޔާ ބޭނުންވާނެ.”
“ކީކޭ؟” ޝެހެރޫޒް އަޑު ކޮންޓްރޯލު ކުރެވޭތޯ މަސައްކަތް ކުރިއެވެ.