ބޭރުން ވަދެގެން އައި ސަބާނާއަށް ގުންފައިންޖަހާފައި ނިކުމެގެންދިޔަ އަޝްބާ ނުފެނުނީ ކާކުގެ ނަސީބަކުން ކަމެއް ނޭނގެއެވެ. ގޭތެރެއަށް ވަދެވުމާއެކު ވެރިވެފައި އޮތް ހިމޭންކަން ސަބާނާއަށް ވެސް ފާހަގަވިއެވެ. ނަމަވެސް ޙާލަތުގެ ނާޒުކުކަމާއެކު ވެސް މާހައުލުގައި ހިފާފައިވި އުދާސްކަން ނައްތާލަން އިސްނެގީ ޔުއާނާއެވެ.

ސަބާނާއާއެކު ވަދެގެން އައި އަޔާޝް ފެނުމާއެކު ބާރަކަށް ގޮވާލަމުން އޭނާ އެ ދެމީހުންނާ ކައިރިވެލިއެވެ. އެ މަންޒަރު ބަލަން ބޭނުންނުވެ ޔުމްނާ އެތެރެއަށް ވަނީ ދުރުގައިހުރި އަޒިކިޔަލްއަށް ލޮލުން ދުނިތީރުތައް ފޮނުވަމުންނެވެ. ކަންހިނގީ ކޮންމެ ގޮތަކަށް ކަމުގައިވިޔަސް އޭނާގެ ކޮއްކޮގެ ހިތުގައި އަޒިކިޔަލް އަނެއްކާވެސް ޖައްސައިފިކަން ޔަގީނެވެ. އެއީ އޭނާއަށް ބަލައިގަންނަން ނުހަނު ދަތި ކަމެކެވެ.

"އާނާ ރަނގަޅުތަ؟ ދޮންބެ ވަރަށް ހަނދާންވި އާނާ މަތިން" ޔުއާނާގެ ކޮނޑުގައި އަތް އަޅުވާލާ ކައިރިކޮށްލަމުން އަޔާޝް ބުނެލިއެވެ.

"އަނހަ... އަޔާޝްދޮންބެ ކައިރި އަޅުގަނޑެއް ނޫންތަ އަހަންވީ ތިހެން" އަޑަށް ވެރިވެފައިވި ކުރަކިކަން ފިލުވޭތޯ މަސައްކަތްކުރަމުން ޔުއާނާ ބުނެލިއެވެ. ޖަވާބުގައި އަޔާޝް ހިނިގަނޑެއްޖަހާލަމުން އަޒިކިޔަލްއަށް ނަޒަރު ހުއްޓާލިތަންފެނި ޔުއާނާ ތެޅިގަތެވެ.

"ވަރަށް ވަރުބަލިވެފައެއްނު ހުންނާނީ. އަވަހަށް ހިނގާ ކޮޓަރިއަށް. ކާން ހަދާފަ ގޮވާނަން" ފޮށިތައް ކޮޓަރިތަކަށްލާފައި ނިކުތް ޔޫނުސްއަށް ލޮލުގެ އިޝާރާތެއް ދެމުން ޔުއާނާ ބުނެލިއެވެ

އަޔާޝް ވެސް އަޒިކިޔަލްގެ ކޮނޑުގައި ޖަހާލައި ހާލު އޮޅުންފިލުވާލުމަށްފަހު ކޮޓަރިއަށް ވަދެއްޖެއެވެ. ނަމާދުކުރަން ދަނީކަމަށްބުނެ ސަބާނާ ވެސް ފަހަތުން ވަދެގެންދިޔުން ވެގެންދިޔައީ ކަންކަން ފަސްއަޅާ ފޮރުވަން ފަސޭހަވި ކަމަކަށެވެ.

ރޭގަނޑުގެ ކެއުން އެއް ސުފުރާމައްޗެއްގައި އެންމެން އެކުގައި އިންސާފުކުރަމުންދިޔައިރު ޔުއާނާއަށް ކިރިޔާ އިނދެވުނީއެވެ. ލޮލުން ކަރުން ނުފޭބިޔަސް އޭނާގެ ހިތުގައި ހާދަ އެބަ ރިހެއެވެ. އިޙްސާސްތައް ފޮރުވައިގެން އިނދެވޭނީ ކިހާއިރަކުކަމެއް އޭނާއަށް އަންދާޒާކުރަން ވެސް ނޭނގެއެވެ.

"ދެން އަޒިކިޔަލް މިގޭގައި ދޯ އުޅޭނީ. ކޮންއިރަކުން އެއްޗެހިތައް މިގެއަށް ބަދަލުކުރާނީ؟" އަޔާޝް އާއި ދައްކަމުންދިޔަ ވާހަކަ އަޒިކިޔަލްއަށް އަނބުރާލަމުން ސަބާނާ ބުނެލިއެވެ.

ކާމޭޒުމަތީ އެހެންޏާ އަޑުގަދަކޮށްފައި އުޅޭ ދެބެންގެ ހިމޭންކަން ސަބާނާއަށް ފާހަގަވި ނަމަވެސް އަޅާނުލީ އެއީ ޔުމްނާ ދަތުރު ވަރުބަލިވެފައި އިނުމުން ފެންނަ ތަފާތެކޭ ވިސްނާފައެވެ. ނަމަވެސް ފަރުވާތެރިކަމާއެކު ގާތުން ބަލަމުންދިޔަ އަޔާޝްއަށް ކަންތައްތަކެއް ދެނެގަނެވިއްޖެއެވެ.

ސަބާނާގެ ސުވާލަށް އަޒިކިޔަލްއަށް ބަލާލެވުނީ ޔުއާނާއަށެވެ. ނޫނެކޭ ބުނެ އެއަށް ޖަވާބުދޭން ބޭނުންވި ޔުއާނާއަށް ހިމޭނުން އިނދެވުނީ ލޮލުގައި ހިފަހައްޓައިގެންހުރި ކަރުނަތައް އަނގައިން ލަފުޒުތައް ނިކުތުމުގެ ކުރީން މިނިވަންވެދާނެކަމުގެ ބިރަށެވެ.

އެއްޗެކޭ ބުނަން ނޭނގިފައި އިން އަޒިކިޔަލް ހިނިތުންވެލީ ގަދަކަމުންނެވެ. އެ ވަގުތު ސަބާނާގެ ސަމާލުކަން އަޔާޝް ހޯދުން ވެގެންދިޔައީ އޭނާގެ ހިތަށް ވެރިވެފައިވި ނުތަނަވަސްކަމަށް ލިބުނު ލުޔަކަށެވެ. ހިތާހިތުން އޭނާއަށް އަޔާޝްއަށް ޝުކުރުކޮށްލެވުނެވެ.

ކައިނިމިގެން މަޑުކުރުމެއްނެތި އެންމެން ވެސް ކޮޓަރިއަށް ވަނީއެވެ. ސަބާނާ މާބޮޑަށް ނިދިބަރުވެފައި ހުރުމުން އެންމެން ކައިރީ އަވަހަށް ނިދަން ބުނުމަށްފަހު ދިއުމުން އެފަދައިން ދެންތިބި މީހުން ވެސް އަމަލުކުރީއެވެ.

އެ މީހުނާއެކު ކެއުމުގައި ބައިވެރިވި ޔޫނުސްއާ ވާހަކަދައްކަން ބޭނުންވި ނަމަވެސް ބަލައިވެސްލުމެއްނެތި ޔޫނުސް ނިކުމެގެންދިޔަތަންފެނި އަޒިކިޔަލްގެ މެއަށް ބާރުވެލިއެވެ. ކަންތައްތައް ދާނެކަމަށް ހީވެސްނުކުރާ ގޮތަކަށް މުޅި ދުވަސް ބަދަލުވެއްޖެއެވެ. އެހެންމީހުންގެ ދުރުކަމަށް ވުރެވެސް ބޮޑަށް ޔުއާނާއާއި ދެމެދު ލެވުނު ބޯ ފާރުން އޭނާގެ ދުނިޔެއަށް ގުޑުންއަރައިފިއެވެ. އަދި އެ ވެސް އޭނާގެ އިހުމާލުންނެވެ.

ކޮޓަރިއަށް ވަނުމަށްފަހު ވެސް ޔުއާނާއަށް ހަމަޖެހިނުލެވުނެވެ. ކިތަންމެ ރުޅިއައިސް ހިތުގައިޖެހިފައިހުރި ނަމަވެސް އަޒިކިޔަލް މިރޭ ނިދަނީ ކޮންތާކުތޯ ނުބަލާ އޭނާއަށް ނުހުރެވޭނެއެވެ. ވިސްނަން ހުރުމަށްފަހު ހުސްފުޅިއެއް ހިފައިގެން ޔުއާނާ ބަދިގެއަށްވަދެ ލައިޓްތައް ޖައްސާލިއެވެ.

މޭޒުކައިރީ އަނދިރީގައި އިން އަޒިކިޔަލް ފެނުމާއެކު ހުރި ފިޔަވަޅުމައްޗަށް ޔުއާނާ ގަނޑުވީއެވެ. އަނބުރާލާފައި ދާން އުޅުނު ޔުއާނާ ފެނި އަޒިކިޔަލް އަވަސްއަވަހަށް ގޮވާލައިފިއެވެ.

"ޔޫހް މިރޭ އެ ގޭގަތަ؟" ބުނާނެ އެއްޗެއް ނޭނގި އަޒިކިޔަލްގެ އަނގައިން ނިކުތެވެ. ބޯޖަހާލަމުން ޔުއާނާ އަވަސްއަވަހަށް ހިނގައިގަންނަން އުޅުނު ނަމަވެސް އަޒިކިޔަލް ބޮޑެތި ފިޔަވަޅުތަކެއްގައި އައިސް ޔުއާނާގެ ކުރިމައްޗަށް އަރައިފިއެވެ. ސިހުނު ނަމަވެސް ޔުއާނާ މަސައްކަތްކުރީ އެއްވެސް އަސަރެއް ނުދައްކާށެެވެ.

"މަންމަމެން ކައިރިވެސް ބުނެފައޭ އެގޭގަ ބޭއްވީ.. ކިހިނެތްވީތަ؟" އޭނާއަށް ނުބަލަން މަސައްކަތްކުރަމުންދިޔަ ޔުއާނާއަށް ބަލަހައްޓައިގެންހުރި އަޒިކިޔަލްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އެ ކަން ނުވާކަމަކަށް ހަދަން ޔުއާނާ ބޭނުންވަނީ ބާއެވެ؟

"އާނާ... އަހަރެން... "އަޒިކިޔަލް ޔުއާނާގެ އަތުގައި ހިފާލަން އުޅުމާއެކު އޭނާ ފަހަތަށް ޖެހިލައިފިއެވެ. އިސްއުއުފުލާ ބަލާލި ޔުއާނާގެ ދެލޮލުގައި ބަބުޅަމުންދިޔަ ކަރުނަތައް ފައިބައިގަތީއެވެ.

"ކީކޭތަ؟.. ބުނާނެ އެއްޗެއް އެބައޮތްތަ؟ އަހަރެން ކުރި މެސެޖަށް ޖަވާބެއް ވެސް ނުދޭ. ކުޑަމިނުން ގޭގަކަމެއް ވެސް ބުނެނުލާ... ދެން އިތުރަށް ވެސް އަހަންނަށް ފެނުނު ކަންކަމަކީ ދޮގެއް ކަމާމެދު ޝައްކު..." މަޑުމަޑުން ޔުއާނާ ބުނެލިއިރު އެ އަޑުގައި ވޭންވިއެވެ.

"އަޒިކިޔަލް... އަހަންނަކަށް ދެން ނުވާނެ. އަހަރެންގެ ޙަޔާތުގައި ވާން ބޭނުންނުވަންޔާ ދުރުގަ ހުރޭ. އެހެންނޫނީ އެކު އެކީ ކައިރީގައި... އެ ދެމެދުގަ ޔަގީންކަމެއްނެތް ގުޅުމެއްގަ ހުންނަން އަހަރެން ބޭނުމެއްނޫން.. އަޒިކިޔަލްއަށް ޔަގީން ނުވަނީތަ؟ ބޭނުންވަނީ ކާކުކަން ނޭނގެނީތަ؟ ނޫނީ އަހަންނާއެކީ ދިރިއުޅެން އުނދަގުލީތަ؟ އަހަރެންގެ އުނިކަމެއް ހުރީތަ؟" ޔުއާނާއަށް ގިސްލެވުނީއެވެ.

މާޒީގައި ވެސް އޭނާއަށް އަޒިކިޔަލްގެ ފަރާތުން އެ ހަމަހިމޭންކަން ފެނުނެވެ. ދިރިއުޅުމަށް ވެރިވި ހަނަފަސްކަމުގެ އިންޒާރަކަށް އެ ހަމަހިމޭންކަން އޭރު ފުދުނެވެ.

އަޒިކިޔަލް ބޭނުންވީ ޔުއާނާގެ ދެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދޭށެވެ. ނަމަވެސް އުފުލާލި ތިރިކޮށްލުމާއެކު އާހުގެ އަޑެއް ބޭރުކޮށްލެވުނީ ދުވެފައި ޔުއާނާ ބަދިގެއިން ނިކުމެގެން ދިޔުމުންނެވެ. އެއް ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލައި އަޒިކިޔަލް ނިކުތީ ގޯތިތެރެއަށެވެ.

ގޭގެ ގޯތިތެރޭގައި ހިޔާކޮށްފައިހުރި ޖޯލިބަރީގައި އޮށޯތުމާއެކު ތަނަށް ވެރިވެފައި އޮތް އަނދިރިކަމަށް އޭނާ ޣަރަގުވެއްޖެއެވެ. ނިންޖާއި ދެ ލޯ މިރޭ ވަކި ވެފައިވަނީ ހަނދުގެ އަލިކަން ދުނިޔޭގެ ބިމުން ނިގުޅައިގަނެވިފައިވާ އުސޫލުންނެވެ. ހިތަށް ކުރަމުންދިޔަ އިންތިހާ އުނދަގޫ އިހްސާސްތަކުގެ ފަސާނާއެއްގެ ގޮތުގައެވެ.

ހިމޭންކަމުގައި ޖޯލީގައި އޮތް އަޒިކިޔަލްއަށް ސިހުން ގެނުވީ ސިއްރު ފިޔަވަޅުތަކެއްގައި ކައިރިއަށް އައިސް އިށީން އަޔާޝް ފެނިފައެވެ. ހަށިގަނޑު ސީދާކޮށްލުމާއެކު ސުވާލުގެ ނަޒަރަކުން އަޒިކިޔަލް ބަލާލިއެވެ. އެއާއެކު ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކުރަމުން އަޔާޝް ޖޯލީގައި ހަމަޖެހިލައިފިއެވެ.

"ކިހިނެތްވީ ބޭރުގަ އަނދިރީގައި ތިއޮތީ؟ އާނާއާ ދެކުދީން ދެބަސްވީތަ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އަޔާޝް އަހާލިއެވެ. އަޒިކިޔަލްއަށް ބަލާލުމެއްނެތި އަޔާޝް އޮތްއިރު އެ ސުވާލުގެ ޖަވާބު ލިބޭނެކަމަށް އޭނާ މަޑެއްނުކުރެއެވެ. ވާހަކަދެއްކުމައިގެން ކުރިއަށް ދިޔައީއެވެ.

"ދޮންބެ ހަނދާން ހުންނަން ފެށީއްސުރެ ވެސް އެންމެ ސަކަ ކޮށް އުޅޭނީ ޔުއާނާ. އަބަދުވެސް މީހަކު ހެއްވާނުލެވިގެން އުޅޭނީ. އެހާ ހަލަނިވާނެ. އެކަމަކު ދުވަހަކުވެސް މީހަކަށް އެކުއްޖާގެ ހިތާމަތައް ހިއްސާކުރާތަނެއް ނުދެކެން. ހިތުގެ އެންމެ އަޑިއަށް ލައި ފޮރުވައިގެން އެހެން މީހުންގެ އުފާތަކަށް އަބަދުވެސް އިސްކަން ދޭތަން ފެންނަނީ " އުޑުގައި ފިޔަޖަހަމުންދިޔަ ތަރިތަކަށް ނަޒަރު ހުއްޓައިގެންއޮވެ އަޔާޝް ވާހަކަދައްކަމުންދިޔައެވެ.

"އަޒިކިޔަލްއަށް ވެސް އެނގިފަ ކަންނޭނގެ ހުންނާނީ މިހާތަނަށް އައިއިރު ޔުއާނާގެ މިޒާޖު. އެނގޭތަ ޔުއާނާ އަޒިކިޔަލްގެ އުފަލަށް ޓަކައި ކިތަންމެ ކަމެއް ކޮށްފާނެކަން؟" އަޑުއަހަން އޮތް އަޒިކިޔަލްއަށް ބަލާލެވުމާއެކު އަޔާޝްގެ ތޫނު ކަޅު ދެ ލޮލުން އެއްޗެއް އަންގައިދޭން އުޅޭ ފަދައެވެ. އަޒިކިޔަލްގެ ހިތުގެ ތެޅުން ބާރުވެލީ ނުތަނަވަސްވީވަރުންނެވެ.