އާޖެންޓީނާގައި ޕްރޮފެޝަނަލް ފުޓުބޯޅަ މެޗެއްގައި ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކުޅުނު މައްސަލަ ތަހުގީގު ކުރަން އާޖެންޓީނާގެ ޖަސްޓިށް ޑިޕާޓްމެންޓުން ފަށައިފިއެވެ.
އާޖެންޓީނާގެ ދެ ކްލަބު ކަމުގައިވާ ވެލޭ ސާސްފިލްޑް އަދި ޑިޕޯޓީވޯ ރިއެސްޓްރާ ބައްދަލުކުރި މެޗުގައި ރިއެސްޓްރާއިން ވަނީ އިވަން ބުހަޖެރުކް ނަމަކަށް ކިޔުނު ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކުޅެން އަރުވާފައެވެ. މެޗު ފެށިތާ އެންމެ 50 ސިކުންތު ފަހުން އޭނާ ބޭލުވި ނަމަވެސް މި ކަމާ ބެހޭ ގޮތުން އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މި މައްސަލަ ތަހުގީގު ކުރަން އާޖެންޓީނާ ޖަސްޓިސް ޑިޕާޓްމެންޓުން ނިންމީ, މި ސްޓަންޓަކީ ރިއެސްޓްރާގެ ކޯޗު ކްރިސްޓިއަން ފަބިއަނީ އަދި އިވަން ގުޅިގެން ޖުވާ ކުޅޭ ގާނުނާ ހިލާފު ސައިޓުތައް މީހުންނަށް އިޝްތިހާރު ކުރުމަށް ޖެއްސި ސްޓަންޓެއް ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރިއެސްޓަރާގެ ފަރާތުން, އާޖެންޓީނާ ޖަސްޓިސް ޑިޕާޓްމެންޓުން ކުރިއަށް ގެންދާ ތަހުގީގާ ބެހޭ ގޮތުން އަދި ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ކްލަބުން ވަނީ އިވަން ކުޅެން އެރުވި ކަމަށް ޓަކައި އެންމެންގެ ކިބައިން މައާފަށް އެދިފައެވެ.