މިހެން ބުނުމަކީ އޭނާއަކަށް އުނދަގޫ ކަމަކަށް ނުވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ވަޒީފާ އަދާކުރި ދުވަސްވަރު، ހެދުން ގަންނަން އޭނާ އެއަށްވުރެ މާގިނައިން ޚަރަދުކުރެއެވެ.

“ޒާރާ ނިކަން ވިސްނާލަބަލަ. އަހަންނަށް ލިބޭ މުސާރައާއި ގޭގެ ޚަރަދުތައް ހުންނަ ގޮތް ޒާރާ އަށް ވަރަށް ރަނގަޅަށް އެނގޭނެ. އެކަމަކުވެސް ތިޔަ ކަހަލަ ވާހަކަ ދައްކަނީތަ؟ އަހަރެން ތިޔަ ބުނާ ހެދުންތައް ހޯދައި ދީފިއްޔާ ގޭގެ ޚަރަދުތައް ހަމަޖައްސާނީ ކިހިނެއް؟”

“ތިޔައީ ޝެހެރޫޒްގެ މައްސަލައެއް.” އުފަލާއި ހިތާމައިގައި ބައިވެރިއަކަށް ވާން ވަޢުދުވީ މީހާގެ ހަޤީޤީ ކުލަވަރު ވަރަށް އަވަހަށް ފެންނާން ފަށައިފިއެވެ.

“އަހަރެން މައްސަލައަކީ ޒާރާގެ މައްސަލައެއް ނޫންތަ؟”

“އާނ. އެއީ އަހަރެންގެ މައްސލައެއް ނޫން.” އޭނާ ހަރުކަށިކަމާއެކު ބުނެލިއެވެ. އަދި އެނދުމަތީގައި ހުރި ހެދުންތައް ނަގައި އަލަމާރިއަށް ލާން ފަށައިފިއެވެ. އެކަމުން އަވަދިވުމާއެކު އާދައިގެ މަތީން ބޮލާއެކު ރަޖާ އަޅައިގެން އޮށޯވެއްޖެއެވެ. މިއީ އެގޭގައި އޭނާ ކުރި ފުރަތަމަ ދެކޮޅުވެރި ޢަމަލެވެ. ޝެހެރޫޒް އިރުކޮޅެއް ވާންދެން އޭނާ ބޮލުން ރަޖާ ނަގައި، ބަލައިލާތޯ އިނެވެ. އެތައް އިރެއް ވީއިރުވެސް އޭނާގެ ޙަރަކާތެއް ނުވީމާ ތެދުވެއްޖެއެވެ. އަދި މަޑުމަޑުން ކޮޓަރިން ނުކުމެއްޖެއެވެ.

އޭނާ އެއްވެސް ޙަރަކާތެއް ނުކޮށް ދެ ގަޑިއެއްހައި އިރު އޮތެވެ. އޭނާ ހީކޮށްގެން ހުރީ ޝެހެރޫޒް އައިސް އޭނާއަށް ގޮވައި ނަގާނޭކަމަށެވެ. އަދި އޭނާގެ ހިތްހަމަޖައްސައިދޭން ވާހަކަ ދައްކާނޭ ކަމަށެވެ. އެހެންނަމަވެސް އެހެންނެއް ނުވިއެވެ. އޭނާގެ ގާތަށް ވަރަށް ބޮޑަށް ރުޅިއައެވެ. ހިތަށް އެރިއެވެ. އަހަރެންގެ ކޮންމެ އެދުމެއް ފުއްދައި ދިނުމަކީ އޭނާއަށް މަޖްބޫރު ކަމެކެވެ. މިހެން ހިތަށް އެރުމާއެކީ އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރާށް ފަށައިފިއެވެ.

“ދައްތާ.” އެ ވަގުތު ޝަކީލާ އޭނާއަށް ގޮވަމުން އައިސް އެ ކޮޓަރިއަށް ވަދެއްޖެއެވެ.

އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ.

“ދައްތާ. ނިދަނީތަ؟” ޝަކީލާ އޭނާގެ މޫނުމަތީގައި އޮތް ރަޖާގަނޑު ނަގައިފިއެވެ.

އޭނާ ލޯހުޅުވައިލިއެވެ.

“މަންމަ އެބަ ގޮވާ.”

“ކީއްކުރަން؟”

“ހިނގާ ދިޔައީމާ އެނގިދާނެ.”

“އަހަރެން މިއުޅެނީ ބޮލުގައި ރިއްސާތީ. މި ވަގުތު ބޭނުންވަނީ ނިދާލަން.”

“އަހަރެން ދައްތައަށް ސައި ހަދައި ދޭނަން… ހިނގާ.” ޝަކީލާ އޭނާގެ އަތުގައި ހިފައި ދަމަން ފަށައިފިއެވެ. އެހެންވީމާ ދާން ބޭނުން ނުވިޔަސް އޭނާއަށް ޖެހުނީ ދާށެވެ. ބޮޑު ކޮޓަރި ތެރެއަށް ވަން އިރު މަންމަ ބޮޑު ފޮށި ހުޅުވައިގެން އިނެވެ. އޭނާ ފެނުމާއެކު ބުންޏެވެ.

“ޒާރާ… ދަރިފުޅާ. މިކޮޅަށް ބަހީބަލަ.”

އޭނާ ކުރިއަށް ނުގޮސް އެކި ދިމަދިމާއަށް ބަލަން ފަށައިފިއެވެ. ޝެހެރޫޒާއި ގޭގެ އެހެން ކުދިންވެސް އެ ތާގައި ތިއްބެވެ.

“ދޭބަލަ. މަންމަ ގޮވަނީ އެއްނު؟” ޝެހެރޫޒް މަންމަޔާ ދިމާއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް މަންމަގެ ކައިރީގައި އިށީނދެއްޖެއެވެ.

“ބަލައިލަބަލަ.” މަންމަ ފޮށްޓަށް އިޝާރާތްކޮށްފައި ބުނެލިއެވެ. “މިތަނުން ދަރިފުޅު ބޭނުންވަރަކަށް ފޮތި ނަގާ.”

“މިއީ ކާކުގެ އެއްޗެއްތޯ؟”

“ތިޔައީ ދަރިފުޅުގެ އެއްޗެހި.”

“އަޅުގަނޑުގެއޭތޯ؟” މިހެން ބުނެފައި އޭނާ ޝެހެރޫޒާ ދިމާއަށް ބަލައިލިއެވެ. ޝެހެރޫޒް ހުރީ އޭނާއަށް ސަމާލުކަން ދީގެންނެއް ނޫނެވެ.

“އޭނާ ދިމާޔަށް ބަލާނޭ ކަމެއް ނެތް. އޭނާ މަނައެއް ނުކުރާނެ.”

“ލައްބަ… އެކަމަކު…” ހަދާނޭގޮތެއް ނޭނގުނެވެ. މަންމަ ދެ ގަނޑު ފޮތި ނަގައި އޭނާޔާ ދިމާއަށް ދިއްކޮށްލިއެވެ.

“މި ދެ ގަނޑު ފޮތި ދަރިފުޅާ ވަރަށް ގުޅޭނެ.”

އޭނާ ޙައިރާންވެފައި މަންމަޔާ ދިމާއަށް ބަލައިލިއެވެ.

“ބޭނުން އެއްޗެއް ނަގާ. ޝަކީލާއާއި ނަބީލާއާ ދެ މީހުން ފަހައިދީފާނެ.”

މަންމަ އޭނާގެ އަތަށް ދެ ގަނޑު ފޮތި ދީފައި ބޭރަށް ނުކުމެއްޖެއެވެ. ފޮށި ހުރިގޮތަށް، ހުޅުވައިފައި ބަހައްޓައިފައެވެ. އޭނާ އިރުކޮޅަކު ފޮށްޓާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ހިތަށް އެރިއެވެ. މިއީ އޭނާގެ އެއްޗެހިކަމަށް ވަންޏާ ނުނަގައި ހުރުމުގެ މާނައެއް ނެތެވެ. އޭނާ އަތުގައި އޮތް ދެ ގަނޑު ފޮތި ބާއްވާފައި އޭނާއަށް އެންމެ ރީތިވީ ދެ ގަނޑު ފޮތި ފޮށިން ނަގައިފިއެވެ.

“މަގޭ އަތަށް ގެނޭ ދައްތާ. ފަހައިދޭނަން.” ނަބީލާ އޭނާގެ އަތުން ދެ ގަނޑު ފޮތި އަތުލައިފިއެވެ.

އެ ވަގުތު ޝެހެރޫޒް ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ. އޭނާވެސް ތެދުވެގެން ޝެހެރޫޒްގެ ފަހަތުން ހިނގައިގެންފިއެވެ. ކޮޓަރިއަށް ވަދެފައި އޭނާ ބުންޏެވެ.

“ގޭގައި ފޮތި ހުއްޓާ އެއްވެސް ކަމަކާ ނުލައި އަހަރެން ރުޅި އެރުވީ ކީއްކުރަން؟”

“ޒާރާ އެ ތަނުން ފޮތި ނެގީ ކީއްކުރަން؟” ޝެހެރޫޒް ވަރަށް މަޑުމަޑުން އަހައިލިއެވެ.

“ކިހިނެއްވީ؟ އެއީ އަހަރެންގެ އެއްޗިއްސޭ މަންމަ ބުންޏެއްނު؟ އަހަރެންގެ އެއްޗެއް އަހަރެން ނެގީމާ އެއީ ކުރެވުނު ނުބައި ކަމަކީތަ؟”

“އެއީ ޒާރާގެ އެއްޗެހި ކަމަށް ހަމަރަނގަޅަށްވެސް ގަބޫލުކުރަންތަ؟”

“އާނ.” އޭނާއަށް ކުއްލިއަކަށް ވިސްނިއްޖެއެވެ. “އަހަރެން ހަނދާން ނެތުނީ. މިއީ މަންމަ އެމީހުންގެ ކާވެންޏަށް ރައްކާކޮށްފައި ހުރި އެއްޗެހި ދޯ؟”

މިހެން ބުނެފައި އަމިއްލަ އަމިއްލައަށް ބުނެލިއެވެ.

“ހެޔޮ. އެ މީހުންގެ ކާވެއްޏަށް އަދި ލައްކަ ދުވަސް އެބައޮތް. އަހަންނަށް ހަމަ މިވަގުތުވެސް މީގެ ބޭނުން މިއޮތީ ޖެހިފައި.”

“އާނ! ޒާރާއަށް މިވަގުތު ބޭނުންވާނެ.”

ޝެހެރޫޒް މިހެން ބުނެފައި ޒާރާ ހެދިހެން މުޅި ބޮލާ އެއްކޮށް ރަޖާ އަޅައިގެން އޮށޯވެއްޖެއެވެ.

* * *

ސާޖިދާދައްތަގެ ކާވެންޏާއެކު އަޙްސަނާއި ސެހެރްގެ ކާވެނިވެސް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. އެހެންވީމާ އޭނާ ތަންކޮޅެއް ގިނަ ދުވަސް ކުރިއަށް އޮއްވާ ގެއަށް އަންނާން މަންމަ ބުނެފިއެވެ. އޭރު އޭނާ ހުރީ ވާން ހުރި ހުރިހައި ތައްޔާރީއެއްވެ ނިމިގެންނެވެ. އެހެންވީމާ މަންމަ އަންނާށޭ ބުނުމާއެކު ސާމާނު ހިފައިގެން ހިނގައްޖެއެވެ. އޭނާ ކަނޑައަޅައިގެން ހުރީ އެނބުރި ގެއަށް ނުގޮސް ހުރިހައި ކަމެއް ނިމިގެން ދާށެވެ. ޝެހެރޫޒާއި ގޭގެ އެންމެން ތިބީ އެގޮތާ ރުހި، ގަބޫލުވެގެންނެވެ. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު އޭނާގެ ހާލު ބަލައިލާން ދާން މަންމަ އޮތީ ޝެހެރޫޒް ގާތު ބުނެފައެވެ.

ޝެހެރޫޒާއި އޭނާގެ ގޭގެ މީހުންގެ ހެޔޮކަމުގެ މައްޗަށް ހިތުގައި ތަޢުރީފާއި ޝުކުރުވެރިކަން އުފެދުމުގެ ބަދަލުގައި އޭނާގެ ހިތަށް ވެރިވެގެން ދިޔައީ ތިމާގެ ބޮޑުކަމެވެ. މުހިއްމުކަމެވެ. އޭނާއަށް ފެނުނު ގޮތުގައި އެ މީހުން އޭނާގެ މައްޗަށް އެހައި ބޮޑު ސަމާލުކަމެއް ދެނީ އޭނާއަށް އެ ސަމާލުކަން ޙައްޤުކަމަށް ދެކޭތީއެވެ.

ޝެހެރޫޒް އައީ އިރުއޮއްސޭން ކައިރިވެފައި ހުއްޓައެވެ. އޭނާ ބުނެގެން ރޭގަނޑު ކައިގެން ދާން މަޑުކުރީއެވެ. ސާޖިދާދައްތައާއި ޢާބިދާގެ ކާވެނި ކުރެވިއްޖެއެވެ. ސެހެރްގެ ކާވެނި އޮތީ މާދަމައެވެ. ރޭގަނޑުގެ ކެއުމުގެ ކަންތަކުން ނިމިގެން ވާހަކަ ދައްކައިލާނޭ ފުރުސަތެއް ލިބުނީމާ އޭނާ ބުނެލިއެވެ.

“ޝެހެރޫޒް. މާދަމާ ކާވެނީގެ ފަހުން ހަދިޔާ ބަދިޔާގެ ކަންތައްތައް ފެށިއްޖެއްޔާ އަހަރެމެންވެސް ކޮންމެވެސް އެއްޗެއް ދޭންވާނެ.”

“މިސާލަކަށް ކޮން އެއްޗެއް؟” އޭނާ އަހައިލިއެވެ.

“އެހެން އެއްޗެއް ނެތިއްޔާ ކުޑަ ފައިސާކޮޅެއް ދިނަސް ރަނގަޅުވާނެ.”

“އެހެންވެއްޖެއްޔާ ފައިސާކޮޅެއް ދީ.”

“އަހަރެންގެ އަތަކު ފައިސާއެއް ނެތް.”

“އައި އިރު އަހަރެން އެއްހާސް ރުފިޔާ ދިނީމެއްނު؟ އެ ފައިސާ ކޮބާ؟”

“ދެ ކާވެންޏަށް ޚަރަދުކޮށް އެ ފައިސާކޮޅު ހުސްވެއްޖެ.”

“ޒާރާ. ތިމާގެ ހައިސިއްޔަތާ ނުގުޅޭ ވަރުގެ ބޮޑެތި ޚަރަދުތައް ކުރާކަށް ނުވާނެ.” ޝެހެރޫޒް މަޑުމަޑުން ބުނެލިއެވެ.

“އެންމެ ސަތޭކަ ރުފިޔާ ދޭކަށް އަހަންނަކަށް ނުކެރޭނެ.”

“ޒާރާއަށް ދޭން ކެރޭނީ ކިހައި ވަރަކަށް؟”

“ނޭނގެ.” އޭނާ ރުޅިއައިސްގެން ތެދުވެގެން ހިނގައްޖެއެވެ.

އަނެއް ދުވަހު ޝެހެރޫޒް އައިސް އޭނާގެ އަތަށް ފަސްސަތޭކަ ރުފިޔާ ދީފައި ބުންޏެވެ.

“މިއަށްވުރެ ގިނައިން މިވަގުތަކު ލިބޭކަށް ނެތް.”

“މިވަރުން ވާނެ.”

“މިއަދު ގެއަށް ދާނަންތަ؟”

“އަވަހަށް ނިމިއްޖެއްޔާ ދާނަން. ލަސްވެއްޖެއްޔާ ދާނީ މާދަމާ.”

“ކިތަންމެ ލަހުން ނިމުނަސް މިރޭ ގެއަށް ދާންވާނެ.”

“އެއީ ކީއްކުރަން؟”

“ވަކި ކަމެއް ބުނާނީ ގެއަށް ގޮސް.” ޝެހެރޫޒް އޭނާގެ އިސްތަށިގަނޑަށް މަޑުމަޑުން ދަމައިލާފައި ބޭރަށް ނުކުމެއްޖެއެވެ.

ކާވެނީގެ ކަންތައްތައް ނިމިގެން އޮތީ ފޮޓޯ ނެގުމެވެ. ފޮޓޯ ނަގަމުން ދިޔައިރު ދިމާވީ ގޮތަކުން ޒާރާއަށް ސެހެރްގެ ކައިރީގައި ހުންނާން ޖެހުނެވެ. އަނެއް ފަރާތުގައި ހުރީ އަޙްސަނެވެ. އޭރު ޒާރާގެ އަތުގައި ހެދިކާ ތަބަކެއް ހުއްޓެވެ.

“އަން. އަމިއްލަ ކާވެނީގެ ހެދިކާވެސް ކާންވާނެ.” އޭނާ އަޙްސަނާ ދިމާއަށް ތަބަށް ދިއްކޮށްލިއެވެ.

އަޙްސަން ހެދިކާ ނެގުމުގެ ބަދަލުގައި ހިފީ އޭނާގެ އަތުގައެވެ. ހިފައި ދަމައިގަތް ގޮތުން އަތުގައި ހުރި ތަބަށް ވެއްޓިއްޖެއެވެ.

“ދޫކޮށްލާ… އަހަރެން ވެއްޓިދާނެ.”

އަޙްސަން ދުލެއް ނުކުރިއެވެ. ބަލަން ތިބި މީހުން ހީކުރީ ދެ މީހުން ސަމާސާކުރަނީ ކަމަށެވެ. އަޙްސަން ޖެހި ލަތްކަކާއެކު ޒާރާ ބިންމައްޗަށް ވެއްޓިއްޖެއެވެ. މި ހުރިހައި މަންޒަރެއް ޝެހެރޫޒް ދިޔައީ ފޮޓޯ ނަގަމުންނެވެ.

ޒާރާ ވެއްޓުމާއެކު އަޙްސަން ކައިރިއަށް އަތުވެއްޖެއެވެ.

“ތަދުވިތަ؟”

ޒާރާ ޖަވާބެއް ނުދީ އަޙްސަނާ ދިމާއަށް ކަޅި އަޅައިލިއެވެ. “ތިޔައީ ވަރަށް ނުލަފާ މީހެއް.”

“ޒާރާ… ސަމާސައެއް ކޮށްލީމާ ރުޅިއަންނާކަށް ނުވާނެ.” ޝެހެރޫޒް އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

“ކޮން ސަމާސައެއް.” އޭނާ ރުޅި އައިސް ފުފިފައި ހުރެގެން އެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. އޭގެ ފަހުން އެ ކޮޓަރިއަކަށް ނާދެއެވެ. ގެއަށްދާން ތައްޔާރުވާން ފެށީއެވެ. ކުޑައިރުކޮޅެއް ފަހުން އަސްމާ އައިސް އަޙްސަން ބުންޏޭ ފޮޓޯ ނަގަން އަންނާށޭ ބުންޏެވެ. އެހެން ނަމަވެސް އޭނާ ދާކަށް އެއްބަހެއް ނުވިއެވެ. އޭނާހުރީ މެހްމާނުން ގޮސް ނިމުނީމާ ގެއަށް ދާން ތައްޔާރުވެގެންނެވެ. މާގިނަ އިރުތަކެއް ނުވެ އަސްމާ އަނެއްކާވެސް އަތުވެއްޖެއެވެ.

“ދައްތާ ހިނގާބަލަ. އަޙްސަން ބޭބެ ވަރަށް ކަންތައްގަނޑު ބޮޑު ކޮށްލައިގެން އެބައުޅޭ.”

“ކިހިނެއްވީ؟” އޭނާ ސިހިފައި އަހައިލިއެވެ.

“އޭނާ ބުނީ ހަމަ މިރޭ ގެއަށް ދާންވީއޭ.”

“ކީކޭ؟”

އޭނާ އަސްމާޔާ އިތުރު ސުވާލެއް ނުކޮށް އެ ދިޔަގޮތަށް ގޮސް ވަނީ ބޮޑު ކޮޓަރިއަށެވެ. ޕްރޮގްރާމް ހަމަޖެހިފައި އޮތީ މިރޭ ސެހެރް މި ގޭގައި އޮންނާށެވެ. އަޙްސަން ގެއަށް ދާނީއެވެ. މާދަމާ އައިސް ރަސްމީ އިޙްތިފާލެއްގައި ސެހެރް ގޮވައިގެން ގެއަށް ދާގޮތަށެވެ. އޭނާ އައިސް ވަން އިރު އަޙްސަނު ބުނާ އަޑު އިވުނެވެ.

“ކާވެނި ކުރެވިއްޖެ. ދެން މަޑުކުރުމުގެ ބޭނުމަކީ ކޮބާ؟”

ޒާރާ އައިސް ދޮރުމަތީގައި ހުއްޓިގެން ހުރެއްޖެއެވެ. ކޮންމެވެސް މީހަކު އެއްޗެކޭ ބުނީމާ އަނެއްކާވެސް އަޙްސަން ބުންޏެވެ.

“ކީއްކުރަން؟ މިހާރު ކުރެވުނު ޚަރަދު ކުޑައީތަ؟ އަނެއްކާ މާދަމާ ތިޔަ ބާއްވަން އުޅޭ ރަސްމިއްޔާތަށް އެތައް ޚަރަދެއް ކުރަން ޖެހޭނެ.” އަނެއްކާވެސް މީހަކު އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ޖަވާބުގައި އަޙްސަން ބުންޏެވެ.

“ބަލަ މިހާރު އެއީ އަހަރެންގެ މިލްކެއް އަހަރެން ބޭނުންވަނީ ހަމަ މިހާރު ގެންދަން.”

“އަހްސަންގެ މިލްކެއް ނޫނެކޭ މީހަކު ނުބުނެއެއްނު؟” ޒާރާ އެތެރެއަށް ހިނގައިގަންނަމުން ބުނެލިއެވެ.

“އެކަމަކު ގެންދަން ޖެހޭ ގޮތެއްވެސް އޮންނާނެއެއްނު؟”

“ޒާރާ މިކަމުގެ ތެރެއަށް ނުވަދެ ހިމޭނުން ހުރޭ. އެހެން ނޫނީ އަހަރެން ދާނީ ޒާރާވެސް ގޮވައިގެން.”

“އަހަރެން ގެންދާނީ ކީކޭ ކިޔާފައި؟”

“ބަލަ ފަހަރިއަކީ އަނތްބެއް ފަދަ މީހެކޭ ބުނާ އަޑެއް ނާހަންތަ؟”

“ވިޔާނުދާ ވާހަކަ ނުދައްކާ! އަވަހަށް ގެއަށް ދޭ!”

“ސެހެރް… ހިނގާ ދާން.” އަޙްސަން ސެހެރްގެ އަތުގައި ހިފައި ނަގައިފިއެވެ.

“ދަރިފުޅާ…” މަންމަ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ.

“ބޮޑު ދައިތާ! މާދަމާ ވިޔަސް… ނޫނީ އެއް އަހަރު ފަހުންވެސް ސެހެރް ގެއަށް ގެންދަން ޖެހޭނެއެއްނު؟ އެހެންވީމާ މިރޭ ގެންދިއުމަކުން ވާނޭ ގެއްލުމެއް ނޯންނާނެ.” ދެން ފެނުނީ އޭނާ ބޮޑުދައިތަ އާއި ބޮޑު ބޭބެއެއް ކައިރިއަށް ގެންގޮސްގެން ވާހަކަތަކެއް ދެއްކި ތަނެވެ.

އެ ވާހަކަތައް ނިމިގެން އެނބުރި އައި އިރު އޮތީ ހުރިހައިކަމެއް ހަމަޖެހިފައެވެ. ދެކޮޅު ހަދާ މީހަކު ނެތިއްޖެއެވެ. ދެ މީހުން ފޮނުވައިލުމުގެ ތައްޔާރީތައް ފެށިއްޖެއެވެ.

ޒާރާ އައިސް އަޙްސަންގެ ކައިރިއަށް ހުއްޓިލައިފައި ބުނެލިއެވެ.

“އެސްޕީއަކަށް ވެގެން މުލްތާނަށް ދާން އުޅޭ ވާހަކަ އަހަރެން އަޑުއެހިން. އެކަމަކު މި ރޭގެ ކަންތައްތަކުން އަހަންނަށް މި އެނގުނީ އަޙްސަނަކީ ބޮޑު ޑަކައިތެއްކަން.” އޭނާ ހީނގަތެވެ.

“މުލްތާނަށް ދާން ޖެހޭކަން ވަރަށް ދެރަ. އެހެން ނޫންނަމަ އެންމެ ފުރަތަމަ ހައްޔަރުކުރާނީ ޒާރާ.”

“އެހައި ހިތްވަރު އެބަހުރިތަ؟”

“ބަލަ އެ ހިތްވަރު ހުރިކަން ދެންމެ ދައްކައިލީމާ އަދިވެސް ގަބޫލެއް ނުކުރެވޭތަ؟”

“އެއީ އެހައި ބޮޑުކަމެއް ނޫން. އަމިއްލަ އެއްޗެއް ބޭނުން އިރަކު ގެންދިއުމަކީ ހިތްވަރެއް ނެތަސް ކުރެވިދާނެ ކަމެއް.”

“ވަގުތު ޖެހުނީމާ މިއަށްވުރެ ބޮޑުކަމެއް ކޮށްފައި ދައްކާނަން. ޒާރާގެ ކެތްތެރިކަން ހުރިވަރެއް އެނގިދާނެތާ.”

ޒާރާ އަޙްސަނާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ލޮލުން ފެންނާން ހުރި ސީރިއަސް ކަމެއްގެ ސަބަބުން އިތުރު ވާހަކަ ނުދައްކައި ހުއްޓައިލީއެވެ.

* * *

އަޙްސަނާއި ސެހެރްގެ ކާވެނީގެ ވާހަކަ ވަރަށް ގިނަ ދުވަސްތަކެއް ވާންދެން ދެކެވުނު ވާހަކައަކަށް ވިއެވެ. ޝެހެރޫޒް އަޙްސަނަށް ވަރަށް ބޮޑަށް ތަޢުރީފްކުރެއެވެ.“ޒާރާ ޤަބޫލު ނުކުރިޔަސް ކަންތައް އޮތް ގޮތަކީ އެއީ… އެއީ ހަމަ ހިތްވަރުގަދަ މީހެއް.”

“އެންމެ ރަނގަޅު. ދެން ތިޔަ ވާހަކަ ހުއްޓައިލާ.” ޒާރާ މަވްޟޫއު ބަދަލުކޮށްލުމުގެ ގޮތުން ބުނެލިއެވެ.

“އަޙްސަންމެން ވަރަށް އަވަހަށް މުލްތާނަށް ދާން ފުރާނެ… އެ މީހުން ދިއުމުގެ ކުރިން އެއްދުވަހަކު މިގެއަށް ކާން ގެންނަމާ.”

“އާނ… ގެނޭ. އެ މީހުން ފުރަނީ ކޮން ދުވަހަކު؟”

“އަހަންނަކަށްވެސް މާ ރަނގަޅަކަށް ނޭނގޭ. އައީމާ އަހައިލާނީ.”

“ގެންނަނީ ކޮން ދުވަހަކު؟”

“މާދަމާ ޝެހެރޫޒް އޮފީހުން އައީމާ ދެ މީހުން އެ ގެއަށް ގޮސް މާދަމާ ނޫން އަނެއް ދުވަހު އަންނާށޭ ބުނާނީ. އެންމެ ރަނގަޅުތަ؟”

“އެންމެ ރަނގަޅު.” ޝެހެރޫޒް ވިސްނައިލާފައި ބުނެލިއެވެ.

އޭގެ ދެ ދުވަސް ފަހުން އަޙްސަނުގެ ދެމަފިރިން އެ ގެއަށް ޒާރާގެ ދައުވަތަކަށް އަތުވެއްޖެއެވެ. އެ ދުވަހު އޭނާގެ މޫޑު ހުރީ ވަރަށް ރަނގަޅަށެވެ. އެ މީހުން އައީމާ ފުރަތަމަ ދިނީ ސަޔެވެ. ސައި ބޮއި ނިމުނުތަނާ މަންމަ އައިސް އެ މީހުންގެ ކައިރީގައި ވާހަކަ ދައްކާން އިށީނދެއްޖެއެވެ. އެހެންވީމާ މާގިނައިން އަމިއްލަ ވާހަކައެއް ނުދެއްކުނެވެ. މަންމަ އިރުކޮޅަކު އިނދެފައި ތެދުވެގެން ދިޔައީމާ އޭނާ އަޙްސަނުގެ ދެމަފިރިން ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. އެކަމަކު އެ ވަގުތު އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި އަޙްސަން ހުރީ ހިތްހަމަ ޖެހިގެންނެއް ނޫނެވެ.

ވޭތުވެދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި އަޙްސަނަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކުރެވުނީމާ އޭނާ ހައިރާންވިއެވެ. އަޙްސަން ގިނަ ވަގުތު ހޭދަ ކުރީ ޝެހެރޫޒާ ވާހަކަ ދެއްކުމުގައެވެ. އޭނާގެ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ރޭގަނޑު ކެއީ އެންމެން އެކީގައެވެ. ކައި ނިމިގެން ޝަކީލާ ގާތު ސައި ހަދާށޭ ބުނެފައި އަނެއްކާވެސް އެ މީހުން ގޮވައިގެން ކޮޓަރިއަށް އަތުވެއްޖެއެވެ.

“އަޙްސަން މުލްތާނަށް ދަނީ ކޮން ދުވަހަކު؟” އޭނާ އަހައިލިއެވެ.

“އަހަރެން ދަނީ އެކަންޏެއް ނޫން. ސެހެރްވެސް އަހަންނާއެކު ދާނެ.”

“އެ ތާނގައި ހުންނާނޭ ތަނެއްގެ ކަންތައް ހަމަޖެހިއްޖެތަ؟”

“އާނ…”

“ދަނީ ކޮން ދުވަހަކު؟”

“މާދަމާ ނޫން އަނެއް ދުވަހު.”

“ދައްތާ.” ސެހެރް ކުއްލިއަކަށް ބުނެލިއެވެ. “އަހަރެން މާދަމާ މަންމަގެއަށް ދާނަން… ދައްތަވެސް އަންނާތި.”

“ދާހިތް ވިއްޔާ ދާނަން. އެހެން ނޫނީ މި ހިސާބުން ސަލާންގަލާންކޮށް ނިންމައިލެވުނީ ކަމަށް ބަލާ.”

އޭނާ އެހެން ބުނީ އޭނާގެ ބޮޑާކަން ދައްކައިލުމުގެ ގޮތުންނެވެ. މިހެން ބުނެފައި ޝެހެރޫޒަށް އަތުން އަންނާން އިޝާރާތްކުރަމުން ކޮޓަރިން ނުކުމެއްޖެއެވެ. ފެންޑާއަށް ނުކުމެފައި ބުނެލިއެވެ.

“ޝެހެރޫޒް. ސެހެރްގެ ކާވެނި ކުރެވުނު ގޮތް ޝެހެރޫޒަށް އެނގޭނެ. އޭނާ މިގެއަށް އައި ފުރަތަމަ ދުވަހަކީ މިއީ. އެހެންވީމާ ކޮންވެސް ހަދިޔާއެއް ދޭންވާނެ.”

“ޒާރާ. މި ވަގުތު އަހަރެން ހަދިޔާއެއް ހޯދާނީ ކޮންތަނަކުން؟”

“މަންމަ ގާތު ބުނޭ ހެދުމެއް… ނޫނީ ފޮތިގަނޑެއް ކަހަލަ އެއްޗެއްވެސް ރަނގަޅުވާނެއޭ.”

“ޒާރާ.” އޭނާ އެއްޗެކޭ ބުނާން އުޅުނު ވަގުތު މަންމަ އޭނާއަށް ގޮވައިފިއެވެ. އެ މީހުން ތިބީ މަންމަގެ ކޮޓަރީގެ ކައިރީގައެވެ. މަންމައަށް އެ މީހުންގެ ވާހަކަ އިވުނީ ކަމަށްވެސް ވެދާނެއެވެ.

ދެ މީހުން ގޮސް މަންމަގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ދެ މީހުން ގޮސް މަންމަގެ ކޮޓަރިއަށް ވަދެއްޖެއެވެ.

“ޝެހެރޫޒް. ޒާރާ އެ ދައްކަނީ ރަނގަޅު ވާހަކައެއް. ސެހެރަކީ އޭނާގެ ކޮއްކޮ މި ގެއަށް އަލަށް އައިސްފައި ހުސްއަތާ ދިޔަ ދީގެން ނުވާނެ.” ދެން މަންމަ ވާހަކަ ދެއްކީ ޒާރާއާއެވެ.

“ދޭ ދަރިފުޅާ… ރީތި ހެދުމެއް ނަގާ.”

އޭނާ ހުރީ މަންމަ އެހެން ނުބުނެގެން ކަހަލައެވެ. އަވަސްއަވަހަށް ގޮސް އެއްކަލަ ހެދުން ފޮށި ނަގައިފިއެވެ. ޝެހެރޫޒް ނުރުހުމުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލާފައި ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އޭނާ ފޮށިން ހެދުމެއް ނަގައި ނަބީލާ ލައްވައި ޕާރުސަލު ކުރުވައިފިއެވެ. އޭގެ އިތުރަށް މަންމަ އޭނާގެ އަތަށް ދުއިސައްތަ ރުފިޔާވެސް ދީފިއެވެ. އޭނާ އެ ތަކެތި ހިފައިގެން އައިސް ސެހެރަށް ދީފިއެވެ.

“ދައްތާ… މިއީ ކޮންޕާރުސަލެއް؟”

“ތިޔައީ ކާވެނީގެ ހަދިޔާ.”

“އަހަރެން ހަމަ އެދުވަހު ސެހެރް ގޮވައިގެން ގެއަށް ދިޔައީ ތިޔަ އެއްޗެހިން ސަލާމާތް ވާންވެގެން. ޒާރާ ތިޔަ ކުޅިވަރު ހުއްޓައިލާ.” އަޙްސަން ބުންޏެވެ.

“ކިހިނެއްވީ؟ ތިޔައީ ކައިވެނީގެ ހަދިޔާއެއްނު؟”

“ޒާރާ. ތިޔަ ކަހަލަ ކަންތައް ނުކުރޭ. އަހަރެން ފުރަތަމަ ދުވަހު ސެހެރް ގޮވައިގެން ގެއަށް ދިޔައީ ތިޔަ ކަހަލަ ކަންތައްތަކުން ސަލާމަތް ވާން ވެގެން.” އަޙްސަން ކުރީގެ ވާހަކަ ތަކުރާރުކޮށްލިއެވެ.

ޒާރާ އަޙްސަނާ ދިމާއަށް ބަލައިލިއެވެ.

“ތިޔަ ކިޔަނީ ކީކޭ؟”

“އަހަރެމެން މި ތިބީ ޒާރާ ބުނެގެން މި ގެއަށް އައިސް. ވަރަށް ރަނގަޅަށް ކާންވެސް ދީފީމު. އެ ވަރުން އަހަރެމެންނަށް ފުދޭ.”

“ކާން ދިނުމަކީ އެވަރު ކަމެއްތަ؟ އަޙްސަން މިވާހަކައިގެ ތެރެއަށް ވަންނާނެ ކަމެއް ނެތް. މިއީ އަހަރެން، އަހަރެންގެ ކޮއްކޮއަށް ދިން ހަދިޔާއެއް.”

“އެއީ، މިހާރު ހަމައެކަނި ޒާރާގެ ކޮއްކޮއެއް ނޫން.”

“އާނ. އެއީ އަޙްސަންގެ އަނބިމީހާކަން އަހަންނަށް އެނގޭ.”

“މިހާރު ދެ މީހުން ތިޔަ ފެށީ ކޮން ޒުވާބެއް؟” ދެ މީހުންގެ ޒުވާބު މާ ހޫނުވެގެން ހިނގައިދާނެތީ ޝެހެރޫޒް ދޭތެރެއަށް ވަދެއްޖެއެވެ.

އަޙްސަން ތެދުވެއްޖެއެވެ.

“ސެހެރް ދަމާ ހިނގާ… މިހާރު މާ ބޮޑަށް ލަސްވެސްވެއްޖެ.”

“ދައްތާ… ދަނީ.” ސެހެރްވެސް ތެދުވެއްޖެއެވެ.

“ދެން އަންނާނީ ކޮން ދުވަހަކުން؟” ޒާރާ އަހައިލިއެވެ.

“އަވަހަކަށް ނާދެވޭނެ. ވަގުތެއް ލިބިއްޖެއްޔާ ޒާރާއާއި ޝެހެރޫޒާ ދެ މީހުން މުލްތާނަށް އާދޭ.” އަހްސަން ވަރަށް އިޙްލާސްތެރިކަމާއެކު އެ ދެމަފިރިންނަށް ދައުވަތު ދިނެވެ.

“ޝެހެރޫޒަށް އަހަރީ ޗުއްޓީ ލިބުނީމާ އަންނާނަން.”

“އަހަރެމެން އިންތިޒާރު ކުރާނަން.” މިހެން ބުނެފައި އަޙްސަން ސެހެރްގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.

އަޙްސަންގެ ދެމަފިރިން ދިޔައީމާ ޒާރާ ދިޔައީ ބަދިގެއަށް ތަށި ދޮންނާށެވެ. އޭނާ ދިޔައިރު ކާތަށި ހުރީ ދޮވެފައެވެ. އެކަމަކު ސައިބުއި ތަށިތައް ހުއްޓެވެ. އެހެންވީމާ އެ ތަށިތައް ދޮވެލައިފައި އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. މަންމަގެ ކޮޓަރިއާ އަރައި ހަމަވިތަނާ އޭނާއަށް އެ ކޮޓަރި ތެރެއިން މެހެރޫޒް ތަންކޮޅެއް ބާރަށް ވާހަކަ ދައްކާ އަޑު އިވިއްޖެއެވެ. އޭނާ އެ ވާހަކަ އަޑު އަހައިލުމުގެ ބޭނުމުގައި މަޑުކޮށްލިއެވެ.

މެހެރޫޒް ބުނި އަޑު އިވުނެވެ.

“މަންމަ ބުރަ މަސައްކަތުން ފައިސާ އެއްކޮށްގެން ތިޔަ ހުރިހައި އެއްޗެއް ޖަމާކުރީ ކޮންމެވެސް އެހެން އަންހެނަކު އައިސް ތިޔަ ހުރިހައި އެއްޗެއް މީހުންނަށް ބަހާނޭގޮތް ހަދަންތަ؟”

“މެހެރޫޒް މަޑުމަޑުން ވާހަކަ ދައްކާ. ކަލޭގެ އަޑު މި ކޮޓަރިން ބޭރަށް ގޮސްގެން ނުވާނެ.”

“ކިހިނެއްވީ؟ މަޑުން ވާހަކަ ދައްކާންވީ ކީއްވެގެން؟ އަހަރެންގެ ކޮއްކޮއިންނާއި ދައްތައިންގެ ހައްގުތައް އެހެން މީހަކު ނިގުޅައިގަންނަތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ. މަންމަ ފަހަރިއާ ވާހަކަ ދައްކާ. މީގެ ފަހުން މި ފޮށީގައި އަތްލައިގެން ނުވާނެއޭ ބުނާތި. އެ މީހެއްގެ ފެންވަރުން އުޅެން ދަސްކުރާށޭ މަންމަ ބުނޭ.”

“މެހެރޫޒް!” މަންމަ އޭނާގެ އަނގަ މަޑުކުރެވޭތޯ މަސައްކަތް ކުރިއެވެ.

“މި ހުރިހައި ކަމެއް މިހެން ވަނީ މަންމަ މާބޮޑަށް އޭނާ ދޫކޮށްގެން ހުންނާތީ… މަންމަ އޭނާ ބުނިހައި ކަމެއް ކޮށްދެނީ. ނުބައި ކަމަކަށް ވިޔަސް ރަނގަޅުކަމަކަށް ވިޔަސް ހެޔޮ.” އޭނާ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ.

އެ ވާހަކަތައް އަޑުއިވިފައި ޒާރާގެ ލޭ ކެކިގެން ދިޔައެވެ. ކޮޓަރިއަށް ދިޔައީ އެ ރުޅި މަތީގައި ހުރެގެންނެވެ. ދިޔަގޮތަށް ގޮސް ހުރިހައި ރުޅިއެއް ބޭލީ ޝެހެރޫޒަށެވެ.

“އަހަންނޭ ކިޔައިގެން ބޭނުންހައި އަނގައެއް ތަޅަން މެހެރޫޒް އެއީ ކާކު؟”

ޒާރާގެ ވާހަކަ ޝެހެރޫޒަށް ވިސްނޭގޮތެއް ނުވިއެވެ. އެހެންވީމާ އިވުނު ހުރިހައި ވާހަކައެއް އޭނާ ޝެހެރޫޒަށް ކިޔައިދީފިއެވެ.

“އަޅާނުލާ. މަންމަ އޭނާއަށް ވިސްނައިދޭނެ.” ހުރިހައި ވާހަކައެއް އަޑު އެހުމަށްފަހު ޝެހެރޫޒް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“ޒާރާ އެއްވެސް އެއްޗެކޭ ބުނާނެ ކަމެއް ނެތް. މެހެރޫޒާ އަރައިރުން ވެސް ނުވާތި.”

“އަހަރެންގެ ކުރިމަތީގައި އެ ކަހަލަ ވާހަކައެއް ދައްކައިފިއްޔާ އަހަރެން ހިމޭނަކުން ނުހުންނާނަން.”

“ހޫނ… ދެން ތިޔަ ވާހަކަ ހުއްޓައިލާ.” ޝެހެރޫޒް އޭނާގެ އަތުގައި ހިފައި ކައިރީގައި ބޭންދިއެވެ.

(ނުނިމޭ)