ފަހަތުން އަރައި 3-2 އިން ކޮލަމްބިއާ އަތުން މޮޅުވެ، ވަރލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ޒޯނުގެ ދެވަނައަށް އުރުގުއޭ މިއަދު ހެނދުނު ޖެހިލައިފިއެވެ.
އުރުގުއޭގައި ކުޅުނު މިމެޗުގެ 31 ވަނަ މިނެޓުގައި ކޮލަމްބިއާގެ ހުވާން ފެނާންޑޯ ކުއިންޓެރޯ ކާމިޔާބުކޮށްދިން ލަނޑުން އެގައުމުން ލީޑް ނެގިއެވެ. ފުރަތަމަ ހާފް ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އުރުގުއޭއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ 57 ވަނަ މިނެޓުގައެވެ. މިއީ ކޮލަމްބިއާގެ ސެންޓްރަލް ޑިފެންޑަރު ޑޭވިންސަން ސަންޗޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ 3 މިނެޓް ފަހުން އުރުގުއޭއަށް ލީޑް ނަގައިދިނީ ކުރިން ލިވަޕޫލާއި އުދިނޭސީއަށް ކުޅުނު ތަޖުރިބާކާރު ފޯވާޑް ރޮޑްރިގޯ އަގުއްރޭއެވެ.
ޖުމްލަ 32 ފައުލް ފެނުނު މިމެޗުގެ 6+90 ވަނަ މިނެޓުގައި ކޮލަމްބިއާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އަންދްރޭސް ގޮމޭޒެވެ. އުރުގުއޭއިން މުހިއްމު ތިން ޕޮއިންޓް ހޯދީ 11+90 މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑުގެ މިޑްފީލްޑަރު މެނުއަލް އުގާޓޭގެ ލަނޑުންނެވެ.
މިމޮޅާއެކު ވަރލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ބައްރުގެ 2 ވަނައަށް އުރުގުއޭ ޖެހިލީ ޕޮއިންޓުގެ ގޮތުން ކޮލަމްބިޔާއާ އެއްވަރުކޮށް (19 ޕޮއިންޓް) ފައިދާ ލަނޑުގެ ތަފާތުންނެވެ. އުރުގުއޭއަށް ފައިދާ 8 ލަނޑު އެބައޮތެވެ. ކޮލަމްބިއާއަށް އޮތީ ފައިދާ 6 ލަނޑެވެ. އެއްވަނައިގައި އާޖެންޓީނާ 22 ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި އޮތީ ކޮލަމްބިއާއެވެ. ބްރެޒިލް 4 ވަނައިގައި އޮތީ 17 ޕޮއިންޓާއެކުއެވެ.