އަޒިކިޔަލްގެ ދެ ލޮލުން އޭނާގެ ހިތުގެ ހާސްކަން ދެނެގަނެވި އަޔާޝް އޭނާގެ ރާގު ބަދަލުކޮށްލަމުން އަނެއްކާވެސް ޖޯލީގައި ހަށިގަނޑު ދަމާލިއެވެ.
"އަހަރެން ކައިރިއަށް ޔުއާނާ އައީ އޭރު އަހަރެންގެ ހަޔާތަށް ވެރިވެފައި އޮތް އުނދަގޫ ހާލަތު އެނގި އެހީވާން. އެކަމަކު އެކުއްޖާގެ ދިރިއުޅުން އޭރު އޮތް ހާލަތު.... ކަންކަމާ ނުވިސްނަންވެގެން މަސައްކަތްތަކުގައި މާބޮޑަށް މަޝްޣޫލްވާތަން އަހަރެން ދުށީން. ކެއުން މަދުވެގެންގޮސް މީހާ ހިކުނީ ވަރަށް ބޮޑަށް. އޭރު ވެސް ބުނާނެ ކިޔެވުމާ މާބޮޑަށް އުޅެވޭތީވެ ކާން ހަނދާން ނެތެނިއްޔޭ. އާނާ ރަނގަޅޭ." ފުން ނޭވައެއް ދޫކޮށްލުމާއެކު އަޔާޝްއަށް އޭނާގެ މޭގައި ފިރުމާލެވުނެވެ.
އަޒިކިޔަލްއަށް އަޔާޝްއަށް ބަލާލެވުނީ ކަންބޮޑުވީވަރުންނެވެ. ހިތާ ގުޅިފައިވާ ފުން ވާހަކަތައް ދެއްކުމަކީ އަޔާޝްގެ ސިއްޙަތަށް ރަނގަޅުވާނެ ކަމެއް ނޫނެވެ. ނަމަވެސް އޭނާ އެއޮތީ ހުއްޓުވާނެ ގޮތެއް ވެސް ނުވިސްނިފައެވެ.
އަޒިކިޔަލްގެ ހިތުގައިވާ އެއްޗެއް އަޔާޝްއަށް ވިސްނުނީ ފަދައެވެ. މަޑު ހުނުމެއް ހެމުން އޭނާއާއި މެދު ކަންބޮޑުނުވާން ބުނެލައިފިއެވެ.
"އެނގޭތަ؟ އަހަރެމެންނަށް އާނާގެ ހާލަތު އެނގިދާނެތީ ޑޮކްޓަރަށް ވެސް ދިޔައީ އެކަނިން... ވަރަށް ބަލިބޮޑުވެ ބޮލަށް ގޮތްވެ ކަންކަން ވާންފެށީމަ ސަބާނާ ހިފާލީ އެ ކުއްޖާ ގޮވައިގެން ދައްކަން ދާން. އެކަމަކު ހިލާ އެއްްބަހެއްނުވި. ތިމަންނައަށް ކެވޭލެއް މަދުވެ ވާގޮތެކޭ ބުނީ..." އެ ހިސާބަށް ވާހަކަ ދިޔައިރަށް އަޒިކިޔަލްގެ ހިތުގައި ރިއްސާލިއެވެ.
އެ ހުރިހާ ކަމެއްވީއިރު އޭނާގެ އެހީތެރިކަމަށް ޔުއާނާ އެދުނު ނަމައެވެ. އެ ނިޔަނެތި މޫނު ފެންނާނެ ތަނަކަށް ދެވޭތޯ ކުރި ހިތްވަރަށްފަހު ވެސް އޭނާ ހުރީ ޔުއާނާގެ އިޝާރާތަކަށް ބަލަބަލައެވެ.
"އޭގެ ދުވަސްކޮޅެއްފަހުން ބޭބެގެ އަންހެނުން ވިހެއީ. ދެން އައީ އަހަރެމެންގެ ހަޔާތުގައި ލެވުނު ކަޅު އަނދިރި ސާލެއް ފަދަ ދުވަސްތަކެއް. ބޭބެގެ އަންހެނުން ނިޔާވެ އެދިޔަ ދުވަސްތަކުގަ ބޭބެ އެނދުމަތިވީ. އެންމެނަށް އެހީވާން ޔުއާނާ ކުރި ހިތްވަރު. ޔުމްނާ ވެސް ވަރަށް މަސައްކަތްކުރި. ދޮންބެ ވެސް ހިތްވަރުކޮށްފަ ދުނިޔެއާއި ކުރިމަތިލީ ކުޑަކުޑަ ޔޫހްއަށްޓަކައި... އަޒިކިޔަލް... އެއްޗެއް ބީވެގެންދިޔައިމަ ނޫނީ އެއީ ދިރިއުޅުމުގެ ކިހާ ބޮޑު ހިއްސާއެއްކަން ނޭނގޭނެ. ދޮންބެ ހިތަށްއަރާ މިހާރު ދޮންބެގެ އަންހެނުން ދުނިޔޭގައި ހުރިނަމަ ކުރިއަށްވުރެ ވެސް ލޯބި ދޭނަމޭ. ހަގީގަތުގައި އަލައިލާ ކުރި ހިތްވަރާ ގާތަށް ވެސް އަހަންނަށް ހިތްވަރު ނުކުރެވޭނެ..." އަޔާޝްގެ އަޑު ކުރެހުނެވެ.
އަޒިކިޔަލްއަށް އޭނާގެ ހަށިގަނޑު ސީދާކޮށްލެވުނެވެ. ލޯ ފެންކަޅިވުމާއެކު އަޔާޝް ވެސް ކުރިއަށް ގުދުވެލާ ކަކުލުގައި އުޅަނބޮށި ވިއްދާލިއެވެ.
"އެންމެން ކުޑަކޮށް ހަމައަކަށް އެޅުނުތަނާ ޔުއާނާއަށް ވީގޮތެއް ނޭނގުނު. ސަބާނާގެ ދެ ލޮލުން އަހަންނަށް އިންތިހާ ހާސްކަން ފެނުނު. ހަސްފަތާލަށް ގެންދިޔަ މަގުމަތީ ޔުއާނާ ދެއްކި ވާހަކަތައް އަދި ވެސް އަހަރެންގެ ކަންފަތުގައި ގުގުމާކަހަލަ... މި ފުރާނަ ނެތިއްޔާ އަހަރެންގެ ދިރިއުޅުން ދެން ދުވަހަކުވެސް ފުރިހަމައެއްނުވާނެޔޭ... ގައިގައި ވޭން އަޅާތީ ކިޔޭނުކިޔޭ ޔުއާނާއަށް ދެނެނުގަނެވުނިއްޔޭ އަހަރެން ހީކުރީ" ވާހަކަ ދަމުންދިޔަ މިސްރާބުން އަޒިކިޔަލްގެ ހިތުގެ ތެޅުން އަވަސްވެއްޖެއެވެ.
"އާނ... އާނާ ބަނޑުބޮޑު... އަހަރެމެންނަށް ވެސް އެކަން އެނގުނީ އެ ދުވަހު... ތިންމަސް ދުވަސް ވީތަނުން އާނާގެ ލޮލުގެ ދިރުން ކަމުގައިވީ އެ ފުރާނަ ވެސް ދިޔައީ... އެ ދެލޮލުން ކަރުނަ އަޅާ އެހާވަރަށް ރޮނިކޮށް އަހަރެން ނުދެކެން. އެ ހިތުގައި ލެވިފައިވި ޒަޚަމްތަކުގެ ފުންކަން އެންމެ ފުރަތަމަ އަހަންނަށް އިހްސާސްވީ އެ ދުވަހު. ވާހަކަދައްކަން މަސައްކަތްކޮށްގެން ބައެއް ވާހަކަތައް އޭގެ ފަހުން ކިޔައިދިން. އޭގެތެރެއިން ބުނި ހަނދާނެއްވޭ ތިމަންނަ މިއަދާ ހަމައަށް އަޒިކިޔަލްއަށް މެސްޖްކުރީމޭ. ނުވިތާކަށް މެއިލް ކުރި ވާހަކަ ވެސް ބުނި. ބަނޑުބޮޑުކަން އެނގުނު ދުވަހު ވެސް މެސެޖުކުރީމޭ ބުނީ. އެނގޭތަ އޭގެ ފަހުންވެސް ޔޫހްއަށް މަންމައެއްގެ ލޯބި ދިނުމަށް އެކުއްޖާ ކުރި ހިތްވަރު. އޭނާގެ އަމިއްލަ ހިތަށް ފަރުވާކުރަން އުޅޭތަނެއް އަހަރެން ދުވަހަކު ވެސް ނުދެކެން." ކަރުނަވަޅުގައި އިނގިލި ޖައްސާލުމާއެކު އަޔާޝް އޭނާއަށް ބަލާލި ނަޒަރުން އަޒިކިޔަލް ކުށްވެރި ކުރާފަދައެވެ.
ނަމަވެސް މަޑުމަޑުން އެ ނަޒަރު ބަދަލުވިތަން އަޒިކިޔަލް ދުށްޓެވެ. އޭނާގެ ކޮނޑުގައި ޖަހާލުމަށްފަހު ދެން ދަނީކަމަށްބުނެ އަޔާޝް ވަނީ އޭނާގެ ހިތް ކުދިކުދި ކޮށްލާފައެވެ. ޔުއާނާއަށް އެ ހާލަތްތަކުގައި އިހްސާސްވާނެ އެކަނިވެރިކަން އޭނާއަށް ތަސައްވަރުކުރަން ވެސް ދައްޗެވެ.
ފިރިހެނަކަށް ވިޔަސް އަޒިކިޔަލްގެ ދެ ލޮލުން ކަރުނައިގެ ދިލަކަން ފެނިގެންދިޔައެވެ. ފޯނަށް މެސެޖެއް އައި އަޑަށް ޖީބުގައި އޮތް ފޯނުނަގާ ބަލާލިއިރު ޔޫނުސްއެވެ. މުހިންމު ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނެފައި އޮތުމުން އަޒިކިޔަލްއަށް ކުރެވުނުހާ ވެސް ކަމަކީ ސުވާލު މާކެއް ފޮނުވާލުމެވެ. އެއަށްފަހު ފޯނު ސައިލެންޓަށްލަމުން އޭނާ ޔުއާނާގެ ނަންބަރު ފޯނުގައި ޖަހާލިއެވެ. ގުޅަން ނުގުޅަން އިނުމަށްފަހު އަޒިކިޔަލް ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ.
މަޑު ފިޔަވަޅުތަކެއްގައި ޔުއާނާގެ ކޮޓަރިއާއި އަރާހަމަވިއިރު ދޮރުގެ ދޭތެރެތަކުން ހުދު އަލި ފެންނަން ހުއްޓެވެ. ހޭލާ އުޅޭކަމުގެ ހިލަންވުމާއެކު މަޑުމަޑުން ޓަކިޖަހާލުމަށްފަހު އަޒިކިޔަލް ފާރާއި ގާތްވެލާ ދޮރުން ބޯދިއްކޮށްލާ މީހަކަށް ނުފެންނާނެހެން ނިވާވެލިއެވެ. ހަނިކޮށް ހުޅުވާލި ޔުއާނާއަށް މީހަކު ނުފެނުމުން ބޮޑަށް ދޮރު ހުޅުވާލާ ނިކުތީއެވެ. ގަޑިން އެގާރަ ގަޑި ބައިވީއެވެ. މި ގަޑީ އެންމެން ޔަގީނުންވެސް ތިބޭނީ ނިދާފައޭ ޔުއާނާގެ ހިތަށް އެރިއެވެ.
ދެފަރާތް ހޯދާލި ޔުއާނާ ސިއްސައިގެންދިޔައީ އޭނާގެ ގައިގައި ބައްދާލުމާއެކު އަނގަމަތީ އަތްއަޅަމުން ކޮޓަރިތެރެއަށް މީހަކު ދެމިގަތުމުންނެވެ. ދޮރު ލައްޕާލުމާއެކު ގައިން ދުއި ފިރިހެން ސެންޓުގެ ވަހުން ޔުއާނާއަށް ބަލާލެވުނީ ދެ ލޯ ބޮޑުވެ ހުރެއެވެ.
"އަޒިކިޔަލް..." އަނގަމަތިން އަތް ނެގުުމާއެކު ވައިރޯޅިއަކަށް ވެސް ނުވަދެވޭނެހާ ކައިރީގައި ހުރި އަޒިކިޔަލް ފެނި ޔުއާނާ ހައިރާންވިއެވެ.
"މިގަޑީ ކީއްކުރަން ތިވަނީ... ނިކުމޭ" ކުރެހިފައިވާ ޔުއާނާގެ އަޑާއި ރަތްކަން ވެރިވެފައިވި ދެ ލޮލާއި ނޭފަތުން އެ ހުރީ ރޮއެފަކަން އަޒިކިޔަލްއަށް ދޭހަވިއެވެ. ޔުއާނާ ހައިރާންވީ އަޒިކިޔަލްގެ ދެ ލޮލުން ހޯސް ލާފައި ފައިބަންފެށި ކަރުނައިންނެވެ. އޭނާގެ ނިތްކުރީގައި އަޒިކިޔަލްގެ ނިތްކުރި ޖައްސާލުމާއެކު އަޒިކިޔަލް ވާހަކަދެއްކީ ސިއްރުންނެވެ. ވަރަށް ވިސްނައިގެން ނޫނީ އަޒިކިޔަލް ކިޔާ އެއްޗެއް ދެނެގަނެވޭގޮތްނުވީ އެ އަޑުގައިވި ތުރުތުރުލުމުންނެވެ.
"ބުނޭ... އަހަންނަށް ދޭން ބޭނުންވަނީ ކޮން އަދަބެއް... އަހަރެން ކުރި ކޮންމެ ކުށަކަށް.. ޔުއާނާ އަހަންނަށް ބޭނުންވެ އަހަރެން ކައިރީގައި ނެތި ދިޔަ ކޮންމެ ސިކުންތަކަށް... ކޮންމެފަދަ އަދަބެއް ދިނަސް ހެޔޮ.. އެކަމަކު އާނާއާއި ދުރަކު ދެން އަހަންނަކަށް ކެތެއްނުވާނެ.. ކީއްވެ އާނާ.... ކީއްވެ؟" ބޯ އުފުލާލުމާއެކު ޔުއާނާގެ ދެ ލޮލަށް ބަލާލަމުން އަޒިކިޔަލް ޔުއާނާގެ މޫނުގެ ދެ ފަރާތުގައި ހިފަހައްޓާލިއެވެ.
"އަހަރެން ބޭނުންވީ އެންމެ އިޝާރާތެއް. ދުރުން އާނަގެ ހަރަކާތްތައް އަހަރެން ބެލީން... ޔޫހް އަންނަންދެން... އަހަރެން ހީކުރީ އަޝަލް އެގެއިން ފެންނަން ފެށީމަ ޔުއާނާ އަހަރެންނަށް ދެން ބޭނުމެއް ނުވެޔޭ..." ޔުއާނާއަށް ބޯ ހޫރާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު އޭނާއަށް ވެސް ރޮވެނީއެވެ.
ޔުއާނާގެ ދެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުންދިޔަ އަޒިކިޔަލްގެ ދެ ލޮލުގައި ބަބުޅަމުންދިޔައީ އިންތިހާ ދަރަޖައިގެ ކެކުޅުމެވެ.
"އާނާއަށް ހީވަނީތަ އަހަންނަށް ފަސޭހައިއްޔޭ އާނާއާއި ނުލައި އުޅެން... ތި ނޫނީ އެހެން އަންހެނެއް އަހަރެންގެ ހަޔާތާއި ވައިއެޅުނަ ވެސް ނުދެން... އެކަމަކު ވެދާނެ އަހަންނަށް އާނާ ގެންގުޅެން ނޭނގުނީކަމަށް... އަހަންނަށް މައާފްކުރޭ." ދައްކާނެ ވާހަކަތައް ގިނަވެ އަޒިކިޔަލްއަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ.
އިރުކޮޅަކު ޔުއާނާގެ ދެލޮލަށް ބަލަހައްޓައިގެން ހުރުމަށްފަހު އަޒިކިޔަލް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ.
"އަހަންނަށް އާނާ ބަނޑުބޮޑުވިކަން އެނގި ވެސް އަޅައިނުލާ ހުންނާނެޔޭ އާނާއަށް ހީވީތަ...؟" މަޑުމަޑުން އަޒިކިޔަލް ބުނެލި ޖުމްލައިން ޔުއާނާއަށް ސިހިފައި ބަލާލެވުނެވެ. އެއާއެކު ވަގުތުން އޭނާގެ އޭނާގެ ޠަބީޢަތް ބަދަލުވެއްޖެއެވެ.
"ދެން ނިކުމޭ މިތަނުން އަޒިކިޔަލް..." ދުރަށް ޖެހިލުމާއެކު ތިރިއަށް ނަަޒަރު ހުއްޓާލަމުން ޔުއާނާ ބުނެލިއެވެ. އަޒިކިޔަލްއަށް ތެޅިގަނެވުމާއެކު ކައިރިއަށް އަޅަން އުޅުނު ފިޔަވަޅު ފަހަތަށް އަޅަން ޖެހުނީ ޔުއާނާގެ ރުޅިވެރި ނަޒަރުންނެވެ.
"ނިކުންނާށޭ... އަޒިކިޔަލް" ދޮރަށް އިޝާރާތްކުރަމުން ހަރުކަށިކަމާއެކު ފެށި ޖުމްލަ މަޑު އަޑަކަށް ބަދަލުވީއެވެ. ހިމޭންކަމާއެކު އަޒިކިޔަލް ނިކުތީ މަޖުބޫރުންނެވެ. ރުޅިއަށްވުރެ އޭނާއަށް ޔުއާނާގެ ދެލޮލުން ފެނުނީ ވޭނެވެ. އޭނާގެ މޭ ވެސް ފިތެނީއެވެ. ހިތުގެ ނާރުތަކަށް ވާންވަނީއެވެ. ދެން ދުވަހަކު ވެސް ޔުއާނާގެ ރުހުމެއް ނުލިބޭނެޔޭ ހީވާ ކޮންމެ ފަހަރަކު އޭނާއަށް އަމިއްލަ ނަފްސުދެކެ ރުޅި އާދެވެއެވެ. އޭނާގެ ދިފާއުގައި ކިތަންމެ ވާހަކައެއް ދައްކަން ބޭނުންވި ނަމަވެސް އެ ހިތްވަރެއް އޭނާގެ ނެތެވެ. އިވުނު ވާހަކަތަކުން އޭނާއަށް ދެން އުފާވެރި ހަޔާތަކަށް އިތުރު ފުރުސަތެއް ހައްގު ނޫނޭ ހީވަނީއެވެ.
ހެނދުނު އެރިއިރާއެކު ޔުއާނާމެންގެ ގޭތެރެ ހަލަބޮލިވެއްޖެއެވެ. ޔޫހް ގެއަށް އައުމާއެކު އަޔާޝްއާ ބައްދަލުވެ އޭނާގެ އުނގުން ނުފައިބަ ވާހަކަ ކިޔައިދެން އިނެވެ.
މެންދުރަށް ޔޫނުސްމެންގެ އާއިލާއާ އަޔާޝް ބައްދަލުކޮށްދެން އެގޭ މީހުންނަށް ދައުވަތުދީފައި އޮތް ވާހަކަ ސަބާނާ ބުންޏެވެ. އެއްތާކު ދެފައި ނުޖަހާ ސަބާނާ އުޅެމުންދިޔަ ގޮތްފެނި ޔުއާނާގެ ދެ ލޮލަށް ފިނިކަމެއް ލިބުނެވެ. ޔުމްނާގެ ކައިރިއަށް ގޮސް ދިމާކޮށްލުމާއެކު އޭނާ ފެނުނީ މާބޮޑު ސަމާލުކަމެއް އެކަމަށް ނުދޭތަނެވެ.
"އޭއި... ކީއްވެފަތަ ތިހުރީ ދޮންތިއަށް. މަންމަ އަހާނެ ތިހެން ހުންނަންޏާ. ކިހާ ދުވަހެއް މިހާރު ތިދެމީހުން އެއްދިމާލެއްގަ ތާށިވެފަ ތިބެނީ. އަހަރެން ވެސް އުފާވާނީ ދޮންތަ އުފާވެރި ދިރިއުޅުމެއް އުޅޭތަން ފެނުނީމަ. ވީހާ ވެސް އަވަހަކަށް ކައިވެނިކޮށްގެން އަހަންނަށް ބޮޑުދައިތަ ކިޔާނެ ދަރީންފައްޗެއް ހޯދަބަލަ..." މޫނަށް ވައްތަރު ޖައްސާލަމުން ޔުއާނާ ބުނެލި ވާހަކައިން ޔުމްނާއަށް ހެވުނެވެ.
"ހޫނ ދެން ހެވޭ... އާނާ ރަނގަޅުތަ؟" ކަންބޮޑުވުމާއެކު ޔުމްނާ ބަލާލުމާއެކު ޔުއާނާ ވާހަކަ އޮޅުވާލީއެވެ." އަހަރެން ރަނގަޅޭ.. ހިނގާބަލަ މައިދައިތަ އަންނަންވާއިރަށް ރީތިކޮށްދޭނަން. މިހާރުން ފަށައިގެންނޭ ވާނީ" ޔުމްނާގެ އަތުގައި ހިފާ ދަމާލަމުން ޔުއާނާ ހިނގައިގަތީ ކޮޓަރިއަށެވެ.
ރެއިންސުރެ އަޒިކިޔަލްއާ ވާހަކަދެއްކޭ ގޮތް ނުވެ ފޯނު ވެސް ނުނަގާ ވަގުތުތައް ފާއިތުވާން ފެށުމުން ޔޫނުސް ނިކުތީ މެންދުރު ޔުއާނާމެން ގެއަށް ދިއުމުގެ ކުރީން އަޒިކިޔަލްގެ ހާލެއް ބަލާލުމަށެވެ. އޭނާއަށް އެނގިފައިހުރި ވާހަކަތަކަކިީ އަޒިކިޔަލްއަށް ކޮންމެހެންވެސް އެނގެންޖެހޭ ވާހަކަތަކަކަށް ވާތީއާ ވެސް އެކުގައެވެ.
އެންމެ ކައިރީގައި މަގު ދައްކައިދޭން ހުންނަންޖެހޭ ދަނޑިވަޅެއްގައި އޭނާއަށް ވެސް އަޒިކިޔަލްއަށް ފުރަގަސް ދެވުނީއެވެ. ހާލަތުގެ ނާޒުކުކަމާއެކު ވެސް ފުނިޖެހިފައިހުރި ކަންތައްތައް ގިނަކަމުން އޭނާއަށް ވެސް ހަމަޖެހިލެވޭގޮތެއް ނުވެއެވެ.
އަޅޭ އެހާ ދުވަސް ކޮށްފަ ގެނެސްދޭއިރު ވެސް ހާދަ ކުރުކޮށޭ ތި ގެނެސްދެނީ.. މި ޕާރޓް ވެސް ވަރަށް ވަރަށް ރީތި މާޝާ ﷲ.... ދެން އިންބައި އަވަހަށް ގެނެސްދެއްޗޭ....