ފ. ނިލަންދޫގައި 1500 ޓަނު އަދި ގއ. ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އެގޮތުން ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ މަސް ކާރުޚާނާގައި 50 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަކާއި 1500 ޓަނުގެ މަސް ފިނިކޮށް ރައްކާކުރާނެ ކާރުޚާނާއެއް ހިމެނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޗައިނާގެ ދޮންގފަންގ އިލެކްޓްރިކް އިންޓަނޭޝަނަލާއެކު ވނަީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެެވެ. މިއީ މެދުރާއްޖެތެރޭގައި އެޅޭ އެންމެ ބޮޑު މަސް ކާރުޚާނާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އަދި ކޫއްޑޫގައި އިތުރު 4000 ޓަނުގެ ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތް އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ އެހީއާއެކުގައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ މި މަޝްރޫޢުތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތް 2025 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ ދިވެހިރާއްޖޭގެ މަސް ރައްކާކުރުމުގެ ޤާބިލުކަން ދެގުނަ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.