ޤައުމީ ކުތުބުޚާނާއިން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި "ފަންޑަމެންޓަލްސް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.
ޤައުމީ ކުތުބުޚާނާއިން ވިދާޅުވާ ގޮތުގައި، މި ތަމްރީން ޕްރޮގްރާމަކީ ލައިބްރަރީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިޔަށްދާނީ 10 ޑިސެމްބަރ 2024 އިން 25 ޑިސެމްބަރ 2024 އަށް، ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށްކަމަށް ޤައުމީ ކުތުބުޚާނާއިން މަޢުލޫމާތުދެއެވެ. ތަމްރީނު ހިންގާނީ ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސްގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު 20 ފަރާތަކަށް ދެވޭނެއެވެ.
ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 ނޮވެމްބަރ 2024 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، އެ ފަރާތެއްގެ ވަނަވަރު ޤައުމީ ކުތުބުޚާނާގެ ޓްރެއިނިންގ މެއިލް އެޑްރެސް ([email protected]) އަށް ފޮނުވަންވާނެކަމަށް ޤައުމީ ކުތުބުޚާނާއިން ވިދާޅުވިއެވެ.
މި ތަމްރީން ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން 3007209 އަށް ގުޅުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.