ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަންގެ ބިލު އަނބުރާ ގެންގޮސްފިއެވެ. މި ބިލު އަނބުރާ ގެންދެވި ސަބަބުގެ ގޮތުގައި މެންބަރު ހަންނާނު ވިދާޅުވެފައިވަނީ، 75 މެންބަރުންގެ ތާއީދު ލިބޭނެ ކަމަށް ނުފެންނާތީ ކަމަށެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ނޮވެމްބަރު 12 ވަނަ ދުވަހުއެވެ. ނަމަވެސް މަޖިލީހުން މި ބިލު ބަލައިގަތުމަށް މިހާތަނަށް ވޯޓެއް ނަގާފައެއް ނުވެއެވެ. މި ބިލުގައި ނޫސްތަކާއި ޓީވީ ޗެނަލްތައް އަދި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތުމާ ގުޅިގެން ނޫސްވެރިންނާއި، ދިވެހި އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބިލަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ސިޔާސަތުތަކެއް ހިމެނޭ ބިލެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ނިސްބަތްވާ ޕީއެންސީންވެސް މި ބިލަށް ތާޢީދު ނުކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.
މި ބިލުގައި މިހާރު އޮތް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އައު މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވެއެވެ. މި ކޮމިޝަނުގައި 7 މެންބަރުން ތިބޭގޮތަށް ހަމަޖައްސާފައިވާއިރު، 4 މެންބަރުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ގޮތަށާއި 3 މެންބަރުން މީޑިއާތަކުން އިންތިޚާބު ކުރާ ގޮތަށް ހުށަހަޅާފައިވެއެވެ.
މި ބިލަކީ މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލެއްކަމަށް ބުނެ ނޫސްވެރިން ތަމްސީލްކުރާ ޖަމްޢިއްޔާތަކުންނާއި ސިޔާސީ ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. ނަމަވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށާއި މީޑިއާތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނޫސްވެރިންގެ ހައްޤުގައި މަސައްކަތްކުރާ ކޮމިޓީ ފޯރ ޕްރޮޓެކްޓިން ޖަރނަލިސްޓްސް (ސީޕީޖޭ) އިން ވަނީ ރައީސް މުޢިއްޒުގެ ވާހަކަފުޅަށް މަރުހަބާ ކިޔާފައެވެ. އަދި ނޫސްވެރިންނާއި މީޑިއާތަކުގެ މަޝްވަރާގެ މަތިން ނޫސްވެރިކަމުގެ މިނިވަންކަން ޔަޤީންކޮށްދޭނެ ބިލެއް އެކުލަވާލުމަށް ގޮވާލާފައިވެއެވެ.