ކުޅުދުއްފުށި ސިޓީ ޖަލާލުއްދީން ސްކޫލްގެ ގްރޭޑް ހައެއްގެ ދަރިވަރުން، ސައިބަރ ބުލީންގއާއި ގަނާކުރުމުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީ ޕޮލިހާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާއި ސައިބަރ ބުލީންގ އަދި ސައިބަރ ބްލެކްމެއިލްގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީފައިވާ ކަމަށެއެވެ.

އެގޮތުން، ރައްކާތެރި ގޮތުގައި އިންޓަނެޓު ބޭނުންކުރުމަށް ހާއްސަަ ސަމާލުކަން ދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ބައްދަލުވާ މީހުންނާ ވާހަކަ ނުދެއްކުމަށާއި ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށާއި އަދި ސައިބަރ ބުލީންގއާއި ބްލެކްމެއިލް ކުރުމުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން ފުލުހުން ބުނީ ގަނާކުރުމުގެ ނޭދެވޭ މައްސަލަތަކުން ދުރުހެލިވުމަށާއި ސްކޫލު މާހައުލާއި އެހެނިހެން ތަންތާގައި ވެސް ގަނާކުރުމުގެ އެއްވެސް އަމަލެއް ނުހިންގުމަށާއި އެފަދަ ކަމެއްކުރާ މަންޒަރު ފެނިއްޖެނަމަ އެކަމެއް ހުއްޓުވުމަށް މަސައްކަތްކުރެވިދާނެ ގޮތްތައް ބުނެދީފައިވާ ކަމަށެވެ.

އަދި އެފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާނެ ނޭދެވޭ ކަންކަން ކިޔައިދީ އަދި އެހެން ކުދިން އެކަމުން ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ. އަދި ގަނާކުރުމުގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާއާއި ގަނާގެ ޝިކާރައަށްވާ ކުއްޖާއަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތަކާއި ގަނާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި 56 ދަރިވަރުން ބައިވެރިވިއެވެ.