އިންޑިއާގެ އުއްތްރަ ޕްރަދޭޝްގެ ސަމްބާލް ސިޓީގައި މިސްކިތެއްގައި ފާރައަށް ތިބި ބަޔަކަށް ފުލުހުން ބަޑި ޖަހައި 3 މީހަކު ޝަހީދުކޮށްލައިފިއެވެ. އެމީހުން މިސްކިތް ބަލަހައްޓަމުން ދިޔައީ މިސްލިތުގައި އާސާރީ ބުދުތަކެއް ވަޅުލާފައި ހުރިކަމަށް ބުނެ އެތަން ސާވޭކުރަން ކޯޓުން ހުއްދަ ދިނުމުންނެވެ.

މުސްލިމުންގެ 77 ޕަސެންޓްގެ އާބާދީއެއް އޮންނަ ޒަމާންވީ އާސާރީ ސަމްބާލް ސިޓީގެ ޖާމިއާ މިސްކިތަކީ ކުރީގެ ފައްޅިއެއް ކަމަށް ބުނެ ހަރުކަށި ހިންދީންގެ ވަކީލަކު ހައިކޯޓުގައި ކުރި ދައުވާގައި މުސްލިމުންގެ ބަހެއް އެހުމަކާ ނުލައި ކޯޓުން ދެ ގަޑި އިރުތެރޭ ހުކުމް ކުރީ އާކެއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިން އެމިސްކިތް ސާވޭ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ.

އެތަނަށް ސާވޭ ޓީމުން ވަކީލުންނާއެކު ދިއުމުން މުސްލިމުން ހުރަސް އެޅުމުން އެމީހުންނާ ދިމާއަށް ފުލުހުން ބަޑި ޖެހީ ކަމަށް މުސްލިމުން ބުނެއެވެ.

އިންޑިއަން އެކްސްޕްރެސް ފަދަ މީޑިއާއަކުން މި ހާދިސާ ސިފަ ކުރަމުން ބުނެފައި ވަނީ މުސްލިމުންގެ ހަވަރަކުން ހަމަލަ ދިނުމުން ފުލުހުން ބަޑި ޖެހީ ކަމަށެވެ. މީޑިއާއިން ބުނެފައިވާ ގޮތާއި މުސްލިމުން ކިޔައި ދީފައިވާ ގޮތާ މުޅިންވެސް ތަފާތެވެ.

ސަމްބާލް އަކީ އެތައް ސަތޭކަ އަހަރު ވެފައިވާ ގަދީމީ ސިޓީއެކެވެ. އަދި އެއް ދުވަސްވަރެއްގައި ވެރިކަން ކުރި ސިޓީއެއްވެސް މެއެވެ. އަބަދުވެސް ސިޓީގައި ބައިގިނަ މީހުންނަކީ މުސްލިމުންނެވެ.

އިންޑިއާގެ ޕާލަމެންޓްގައި ސަމްބާލް ތަމްސީލު ކުރަނީ މުސްލިމު އެމްޕީއެކެވެ. އަދި ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް ސަމްބާލް ތަމްސީލު ކުރަނީ މުސްލިމެކެވެ. ސިޓީގެ ވެރިއަކީވެސް މުސްލިމު އަންހެނެކެވެ.

އިންޑިއާގެ މިސްކިތްތަކަކީ ކުރީގެ ފައްޅިތަކެއް ކަމަށް ތުހުމަތުކޮށް އެތަންތަނަށް ވެރިވުމަށް މަސައްކަތްތަކެއް ވެސް ކުރެވެމުން ދެއެވެ. އަދި އިންޑިއާގެ ވަގްފު ބިންތަކާ މެދު ވެސް ދެވަސްވުން އުފައްދައި އެތަންތަން އަތުލުމަށް ހަރުކަށި ހިންދީން މަސައްކަތް ކުރަމުން ދެއެވެ.

އިއްޔެވެސް އިންޑިއާގެ ބޮޑު ވަޒީރު ސިޔާސީ އެއްވުމެއްގައި ބުނެފައި ވަނީ ވަގްފު ބިންތަކަކީ އިންޑިއާގެ ގާނޫނުއަސާސީއަށް ބީރައްޓެކި މުސްތަލަޙެއް ކަމަށެވެ.