"އަޝަލް... ބޭބެ ދައްކަން އުޅޭ ވާހަކަ ކަނުލާ އަޑުއަހައްޗޭ. ބޭބެއަށް އެނގޭ އަޝަލް ވެސް ތިހުރީ ދިރިއުޅުމެއް ފަށާ އުމުރަށް އަޅާފަކަން..." ފަރުވާތެރިކަމާއެކު ބަސްތައް އަތުރަމުން އަޔާޝް ފެށިއެވެ.

"ހަމަޔަޤީނުންވެސް އަޝަލްގެ މަގްސަދަކަށް ވާނީ އުފާވެރި، އަބުރުވެރި ދިރިއުޅުމެއް އެންމެ ލޯބިވާ ބައިވެރިޔާއާއެކު ހޭދަކުރުން.. އެކަމަކު.. "އަޔާޝްގެ ވާހަަކައިގެ މިސްރާބު ދަނީ ކޮން ދިމާލަކަށް ކަމެއް ޔަގީން ނުވެ އިން އަޝަލް އިނީ ޝައުގުވެރިކަމާއެކު އަޑުއަހާށެވެ.

"އެއް ވެސް އެއްޗަކީ ގަދަކަމުން މިލްކުކުރެވޭނެ އެއްޗެއްނޫން. ހާސިލްކުރެވިދާނެ... އެކަމަކު އޭގެ އެންމެ ފުރިހަމަ ގޮތަކު ނޫން. އެ ހާސިލުވާއިރު އޭގަ ހުރި ފޮނިކަން ވިހައަކަށްވެ ނިމިދާނެ." އަޔާޝް އެ އިޝާރާތްކުރަނީ ކޮން ކަމަކަށްކަން ދޭހަވި އަޝަލް އެއްމިޔަކަނުން ހިނިތުންވެލިއެވެ.

"ތިހެން ތިބުނަނީ އަމިއްލަ އިހްސާސްތަކާ ކުރިމަތިލާން ނުކެރި ލޯބި ހާސިލްކުރަން އަމިއްލައަށް މަސައްކަތް ނުކުރެވުނީތީ އެކަމުގެ ދިފާއުގަތަ؟" ތޫނު ނަޒަރަކުން އަޔާޝްްގެ ދެލޮލަށް ބަލަހައްޓައިގެން އިން އަޝަލް ބުނެލިއެވެ.

އަޔާޝްގެ މޫނުން ސިހުމެއްގެ އަސަރު ފެނުނެވެ. ސިއްރުވެރިކަމެއް ފެންނަ އަޝަލްއަށް އޭނާގެ ގިނަ ކަންތައްތަކެއް ޔަގީނުން ވެސް އެބަ އެނގެއެވެ. އެކަމުން އޭނާގެ ހިތުގައި އަޝަލްގެ މަޤްސަދާމެދު އިހުނަށްވުރެ ސުވާލު އުފެދިގެން ދިޔައެވެ.

ވެރިވެގެންދިޔަ ނުތަނަވަސް ހިމޭންކަމަށް ނިމުންގެނުވީ ކޮޓަރިން ނިކުތް ސަބާނާގެ އަޑުންނެވެ. "އަނހަ އަޝަލް... ހާދަ ނުފެނެއޭ ދައްތައަށް މިހާރު." ހިނިތުންވުމެއްގައި އައި ސަބާނާއާއި ނަޒަރު ބަދަލުކޮށްލަމުން އަޝަލް ތެދުވިއެވެ.

"އާނ ދައްތާ... ކުޑަ ކަމެއްގަ އުޅޭތީ ބިޒީކޮށް މި އުޅެނީ. ޖައްސާލާނަން މިހެން އުޅެމުން އަދި. ދެން ދަނިއްޔޭ" އަޝަލްގެ އަވަސްއަރުވާލުން ފެނި ހައިރާންވެފައި ހުރި ސަބާނާ އޭނާ ހުއްޓުވަން އިތުރު ވާހަކަތަކެއް ނުދެއްކިއެވެ. އޭނާ ގެއިން ނިކުންނަތަން ބަލަހައްޓައިގެން ހުރިގޮތަށް ހުރީއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އެތައް އިރަކު ނުނިދި ފުރޮޅިފުރޮޅި އޮތުމަށްފަހު ޔުއާނާއަށް ނިދިޖެހުނު ވަގުތެވެ. އޭސީގެ ފިނިކަން ކޮޓަރީގެ ހަތަރުފާރުގައި ހިފާފައި ހުރި ނަމަވެސް ޔުއާނާއަށް ހޫނުކަމެއް އިހްސާސްވާންފެށިއެވެ. ނިދީތެރެއިން އުނދަގޫ ގޮތަކަށް ލޯހުޅުވާލި ޔުއާނާއަށް ފުންމައިގެން ތެދުވެވުނީ ކައިރީގައި މީހަކު އޮތް އިހްސާސް ކުރެވުމުންނެވެ.

"އަޒިކިޔަލް..." ދެ ލޯ ބޮޑުކޮށްލަމުން ޔުއާނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. މަޑު ކުކުރުމެއްގެ އަޑު އަޒިކިޔަލްގެ ދެ ތުންފަތް ދޭތެރެއިން ނިކުންނަމުން ދިޔައިރު ދިއްލާފައިވާ ނިދާބޮކީގެ މަޑު އަލީން އެ މޫނުގެ އަސަރުތައް ޔުއާނާއަށް ފެނުނެވެ.

މަޑު ތުރުތުރެއް އަޅަމުންދިޔަ އަޒިކިޔަލްގެ ހަށިގަނޑު ހުމާ ފިހެނީއެވެ. ޔުއާނާގެ ހިތުގައި އުފެދުނު ހުރިހާ ސުވާލެއްގެ މައްޗަށް ކުރިހޯދީ އެ ހިތުގައި އަޒިކިޔަލްއަށް ޓަކައި އުފެދިގެންދިޔަ ކަންބޮޑުވުމެވެ.

"ކިހިނެތް މި ހާލުން މި ހަމައަށް އައީ ވެސް..." މަޑުމަޑުން އަޒިކިޔަލްގެ ނިތްކުރީގައި އަތްޖައްސާލި ވަގުތު ހޫނުކަމުން އަތްދަމައިގަނެވުނު ޔުއާނާގެ ހިތުގައިވިއެވެ. އަވަސްއަވަހަށް ތެދުވެ ޔުއާނާ އަވަސްވެގަތީ އަޒިކިޔަލްގެ ހުން މަޑުކުރެވޭތޯއެވެ. ތާފަނާ ފެން ހިފައިގެން އައިސް ފޮތިކޮޅަކުން އަޒިކިޔަލްގެ ހަށިގަނޑު ބޮނޑިތާންކޮށްދެން ފެށިއިރު ޔުއާނާގެ ހިތުގައި ޝަކުވާ އުފެދިއްޖެއެވެ.

މިހާވަރުވީއިރު އަޒިކިޔަލް ހަމަ އެކަކުގެ އެހީތެރިކަމަށް ވެސް ނޭދުނީ ހެއްޔެވެ؟ އަމިއްލަ ނަފްސާމެދު އެހާ ބޮޑަށް ފަރުވާކުޑަ ކުރީ ހެއްޔެވެ؟ ޔުއާނާގެ ހިތަށް ތަދުވީ އެންމެ ދުވަހަކުން އަޒިކިޔަލްގެ ހަށިގަނޑު ނިކަމެތިވެފައިވާވަރު ފެނުމުންނެވެ.

އިރުކޮޅަކު ފެންފޮތިލައިދޭން ކައިރީގައި އިނުމަށްފަހު ޔުއާނާ ގަޑި ބަލައިލިއެވެ. ގަޑީން މެންދަމު ދެ ގަޑި ބައިވީއެވެ. ކަންތައް މި ވީގޮތުން އޭނާގެ ދެ ލޮލުން ނިދި ފިލައިފިއެވެ.

އަޒިކިޔަލްގެ ކައިރީ އެނދާ ދިމާލުން ތިރީގައި އިށީނދެގެން އިން ޔުއާނާ އިރުއިރުކޮޅާ އަޒިކިޔަލްގެ ނިތްކުރިމަތީގައި އޮތް ފޮތިކޮޅު އާ ކޮށްލައެވެ. މަޑުމަޑުން އަޒިކިޔަލްގެ މޫނުގައި ފިރުމާލާއިރު އެ ދެ ލޮޮލުން ކުލުނުގެ އަސަރު ހާމަވެއެވެ. ކިތަންމެ ނުދައްކަން އުޅުނަސް އަޒިކިޔަލްއަށް އޭނާގެ ހިތުގައި ދެވިފައިވާ ދަރަޖަ މޫނު މަތިން ފާޅުވަމުން ދިޔައެވެ. ވަރުބަލިކަމެއްނެތި ގަޑިއިރުތަކެއް ފާއިތުވެގެންދިޔައިރު ޔުއާނާގެ ލޮލަށް ނިދި ސަވާރުވެ އެނދުގައި ބޯ އަޅައިގެން އިން ގޮތަށް އިނދެ ނިދިއްޖެއެވެ.

އުނދަގޫގޮތަކަށް ދެ ލޯ ހުޅުވާލި އަޒިކިޔަލްގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ކައިރީ ނިދިފައި އޮތް ޔުއާނާއެވެ. ރާޅުބާނި އިސްތަށިގަނޑު މޫނަށް ހިޔަނިވެފައިވާއިރު އެ ސާދާ ނިޔަނެތި މޫނު އެހާ ކައިރިން ފެނުމުގެ ނަސީބު ނުލިބޭތާ ގަރުނެއް ވެފައިވާހެން އަޒިކިޔަލްއަށް ހީވިއެވެ.

އަތް އުފުލާލައި އިނގިލިތަކުގެ ކޮޅުން މޫނުމަތީން އިސްތަށިތައް އެއްފަރާތްކޮށްލި އަޒިކިޔަލްއަށް ހިނިތުންވެވުނެވެ. އެ ވަށް އަލި މޫނުގައި އައިބެއް ނުވެއެވެ. ކުރެހުންތެރިޔަކަށް ވެސް ތަމްސީލު ނުކުރެވޭނެހާ ފުރިހަމައެވެ. ކިތަންމެ އިރަކު އެ މޫނަށް ބަލަން އެހެން އިންނަން ޖެހުނަސް އޭނާ ފޫއްސެއް ނުވާނެއެވެ.

ވަށައިގެންވާ މާހައުލަށް ލޯ ހިންގާލި އަޒިކިޔަލްއަށް ނިތްކުރީގައި އަތްޖައްސާލެވުނީ ބޮލަށް ބަރުވެފައިހުރުމުންނެވެ. އެ ވަގުތު އަތުގައި ޖެހުނު ފެންފޮތިކޮޅުން އަޒިކިޔަލްއަށް ހައިރާންކަމެއް ލިބުނެވެ. އެއާއެކު ރޭގެ ހަނދާންތައް ފަނޑު ގޮތަކަށް އޭނާގެ ހަނދާނުގައި ފިޔަޖަހާލައިފިއެވެ.

ހުންގަދަވެ ވާނުވާ ނޭނގޭވަރަށް ބޮލުގައި ރިއްސަންފެށުމުން އޭނާ ބޭރަށް ނިކުތީ ތާޒާ ވައިން އެކަމަށް ތަސައްލީއެއް ލިބޭނެކަމަށެވެ. ނަމަވެސް އޭނާގެ ހިތް އޭގެ މަކާން ހޯދީއެވެ. އެފަދަ ދަން ގަޑިއެއްގައި ވެސް ޔުއާނާމެން ގޭގެ މައިދޮރު ތަޅުނުލައި ހުރުން ވެގެންދިޔައީ އަޒިކިޔަލްއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ނިތްކުރީގައި އޮތް ފޮތިކޮޅު ނަގަމުން ލޯބިން ފުރިގެންވާ ބެލުމަކުން ޔުއާނާގެ މޫނަށް ބަލާލުމަށްފަހު އެނދުން ތެދުވަން އުޅުނު އަޒިކިޔަލް ސިއްސައިގެންދިޔައީ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. އެއާއެކު ކައިރީގައި ނިދިފައި އިން ޔުއާނާ ވެސް ހީވީ ކަށްޓެއް ހެރިގެން ތެދުވި ހެންނެވެ. އޭރު ބޭރުން ފަތިސް ނަމާދުގެ ބަންގީގެ އަޑު ގުގުމަމުންދިޔައެވެ.

ދެ ލޯ ބޮޑުވެފައިހުރި ޔުއާނާ އަޒިކިޔަލްގެ މޫނަށް ބަލާލުމުގެ ކުރީން އޭނާ ދެ ލޯމެރީއެވެ. އޭރު ޔުއާނާ ހުރިލެއް މައުސޫމުކަމުން އަޒިކިޔަލްގެ ކައިރިއަށް ހިނި އަތުވެއްޖެއެވެ. ނަމަވެސް މަޑުން އޮތީ އޭނާ ހޭލާ އޮތްކަން ޔުއާނާއަށް ނާންގަންވެގެންނެވެ.

އަވަސްއަވަހަށް ދޮރާ ދިމާލަށް ދުވެފައި ދިޔަ ޔުއާނާ ދޮރު ކުޑަކޮށް ހުޅުވާލަމުން ބޭރަށް ބޯދިއްކޮށްލިއެވެ. އެހެންދުވަސްދުވަހާ ޚިލާފަށް ދޮރުމަތީގައި ހުރީ ޔުމްނާއެވެ.

"ދޮންތަ...ކަމަކުތަ؟" ކަންބޮޑުވެފައިހުރެ ޔުއާނާ އަހާލިއެވެ. "މަންމަ ބުނެގެން ގޮވަން މި އައީ... ދޮންތަ ވާހަކައެއް ދައްކާލަންށާ އެކީ.." ޔުމްނާގެ ވާހަކައިން ޔުއާނާއަށް ތެޅިގަނެވުނެވެ.

"އަހަރެން ދާނަން ނަަމާދުކޮށްލައި ހަދައިގެން ދޮންތަ ކޮޓަރިއަށް. އޭރަށް ދޯ ވާހަކަދައްކާނީ" ޔުއާނާގެ ޖަވާބުންނާއި އުޅެމުންދިޔަ ބީރަށްޓެހި ގޮތުން ޔުމްނާއަށް ލޯހަނިކޮށްލެވުނެވެ.

"ކޯއްޗެއް ކޮޓަރީގަ ފޮރުވައިގެން އުޅެނީތަ؟" ސަމާސަލަކަށް ބުނި ނަމަވެސް ޔުއާނާގެ މޫނު މަލެއްހެން މޯޅިވެގެން ދިޔަގޮތުން ޔުމްނާގެ އަނގަ ހުޅުވުނެވެ.

"މަންމަ ކައިރި ނުބުނައްޗޭ..." ކަންބޮޑުވެފައި ޔުއާނާ ބުނެލިގޮތުން ޔުމްނާއަށް ނެގުނީ މުޅިން ނުބައި މާނައެކެވެ. ޔުމްނާގެ މޫނުމައްޗަށް އެރި ކުލަވަރުން ޔުއާނާ އަވަހަށް ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.

"އަޒިކިޔަލް އޮތީމަ އޭ ކޮޓަރީގަ... އަހަންނަކަށް ނޭނގެ ކިހިނެއް ކަމެއް އައީ ވެސް" ސިއްރުސިއްރުން ޔުއާނާ ބުނެލި ވާހަކައިން ޔުމްނާއަށް ހީނގަނެވުނީއެވެ. އެއާއެކު އަވަސްއަވަހަށް ސިހިފައި އަޑުމަޑުކުރަން ޔުއާނާ ބުނެލިއެވެ.

"ހެވޭނެއްނު... އާނާ ވެސް ދޯ... އަމިއްލަ ފިރިމީހާ ކޮޓަރީގަ އޮވެގެން ކާކުތަ ތިހެން އުޅެނީ... އަހަރެމެންނަށް އެނގެޔޭ އިނދެގެން އުޅޭ ދެ މީހުން ކުރާނީ ކޮން ކަންކަމެއްކަން... ޖަޖެއް ނުކުރާނަމޭ" ލާނެއް ހިނިތުންވުމެއް ޔުއާނާއަށް ރައްދުކުރަމުން އެނބުރި އޭނާގެ ކޮޓަރިއަށް ވަންނަންދިޔަ ޔުމްނާ ދިޔައީ ބަނޑަށް ހެމުންނެވެ.

ތުންއަނބުރާލާފައި ދޮރު ލެއްޕުމަށްފަހު އެނބުރުނު ޔުއާނާ ސިހިގެން ދިޔައީ އެނދުގައި އިށީނދެ އިން އަޒިކިޔަލް ފެނިފައެވެ. ސީދާ އޭނާއަށް ނަޒަރު ހުއްޓައިގެން އިން އަޒިކިޔަލްގެ ނަޒަރުން ނަގަންވީ މާނައެއް ޔުއާނާއަށް ނޭނގުނެވެ. ހަމަޔަގީނުން ވެސް އެ ނަޒަރުން އޭނާ ލަދުގަންނަވާލައިފިއެވެ.

ލައިގެންހުރި ތުނި ނިދާހެދުމުގެ މެޔާ ދިމާލުން އަތް ހުރަސްކޮށްލަމުން ޔުއާނާއަށް އިސްޖަހާލެވުނެވެ. ލަދުން ތުންފަތް ހަފާލަހަފާލަ ހުރި ޔުއާނާއަށް ބަލަހައްޓައިގެންހުރި އަޒިކިޔަލް ވެސް ނަޒަރު ދުރުކޮށްލީއެވެ.

"އަބަދު އަބަދު އަހަރެން ތިހާ ދުރު ނުކޮށްފާނަންތަ؟" އުންމީދުނުކޮށް ހުއްޓާ އަޒިކިޔަލްގެ ދުލުން ނިކުތް ލަފުޒުތަކުން ޔުއާނާއަށް ހައިރާންވެ ބަލާލެވުނެވެ.

"އާނާއަށް މިހާރު އަހަންނާ އެއް ކޮޓަރިއެއްގައި އުޅެން ވެސް އުނދަގުލީތަ؟" އެއާއި ވިދިގެން އޭނާ އިތުރުކޮށްލި ސުވާލު ޔުއާނާއަށް ހާލަތު އޮޅުންފިލުވައިދިނެވެ.

މަޑުމަޑުން އަޒިކިޔަލް އެނދުން ތެދުވިއެވެ. އެ ވަގުތު ބޮލަށް އެރި ތަދުން އޭނާއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ދުރުގައި ހުރި ޔުއާނާއަށް ވެސް ވަގުތުން ކައިރިއަށް ދެވިއްޖެއެވެ. އެއާއެކު ގުދުވެލަމުން ޔުއާނާގެ ކޮނޑުގައި އަޒިކިޔަލް ނިތްކުރި ޖައްސާލިއެވެ.

"އާނާ... އަހަންނަށް އެތައް ގޮތަކުން އެތައް ފަހަރަކު މަސައްކަތް ކުރެވިއްޖެ... އެކަމަކު... ބޭނުންވިގޮތަށް ދިރިއުޅުން އެއްތަންކުރެވުނު ތަނެއް އަދި ތަގްދީރު ނުދައްކާ. ކޮންމެފަހަރަކު ބިންދާލާ ރާޅުން އަހަރެންގެ ހިތަށް ލޮޅުން ގެނުވަނީ ހާދަ ވަރަކަށޭ އާނާ. އެންމެ ފަހަރަކު ވެސް ތި ހިތުގަ ވާ އިހްސާސްތައް އަހަންނާއި ހިއްސާކޮށްބަ. ޝަކުވާއެއް އޮތަސް ބޭރުކުރޭ. އަހަރެން މިހުރީ އަޑުއަހަން... އެކަމަކު އަހަންނާއި ވާހަކަނުދައްކާ ދުރުކޮށްގެން ތިހެން އަހަންނަށް ސަޒާ ނުދީ.... އާދޭސްކުރަން... ތި ހިތް އަހަންނަށް ހުޅުވާލަދީ.. ކޮންމެ ހާލެއްގައި ވެސް އަހަރެން އެކު އުޅެން ބޭނުންވާ ބައިވެރިއަކީ ތީ" ފަހު ޖުމްލަ ނިމުނުއިރު އަޒިކިޔަލްގެ އަޑު ކުރަކިވެއްޖެއެވެ.

ޔުއާނާ ވެސް ރައްދުގައި އެތައް ވާހަކައެއް ދައްކަން ބޭނުންވިއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް ދުލުން ބޭރުކުރުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އަޒިކިޔަލް ހިންދެމިލާ ބޭރަށް ނިކުންނަން ހިނގައިގަތެވެ. ޔުއާނާގެ ރައްދެއް ނުލިބޭނެކަމަށް އޭނާ ނިންމިފަދައެވެ.

ހުއްޓުވަން ބޭނުންވި ނަމަވެސް ޔުއާނާއަށް އެހެން ބުނާކަށް ނުކެރުނެވެ. މަޑު އެހެނަސް ހަރު ހިނގުމެއްގައި ދޮރާ ދިމާލަށް ދިޔަ އަޒިކިޔަލްގެ ހަށިގަނޑުގައި ބައްދާލުމަށް އޭނާގެ ހިތް ގޮވަމުން ދިޔަ ކަމުގައިވިއަސް އޭނާގެ ސިކުނޑި އެ ކަން މަނާކުރަނީއެވެ.

ބިމަށް ޖަހާފަ ހުރި ބުދެއްހެން ގަނޑުވެފައި ބަލަހައްޓައިގެން ހުއްޓާ ދޮރާ ހަމައިން އަޒިކިޔަލް ފަސްއެނބުރި ބަލާލިއެވެ.

"މިސްކިތައް މިދަނީ... ދޮރު ތަޅުލައިގެން އޮންނާތި ނިދާއިރު... މީހަކު ވަދެ ތި ކުއްޖާއަށް ކަމެއްކުރިޔަސް ދެރަވާނީ އަހަންނަށް... މިތާ ހުރެގެން އާނާއަށް އިތުރު ތަކުލީފެއް ޖައްސާކަށް އަހަރެން ނެތީން" ކޮޓަރި ދޮރު ލެއްޕުނުއިރު ވެސް ޔުއާނާއަށް އެއްޗެއް ބުނުމުގެ ހިތްވަރެއް ނުލިބުނެވެ.

ފަތިސް ނަމާދުން ފައިބައިގެން ޔުއާނާ ޔުމްނާގެ ކޮޓަރިއަށް ވަތްއިރު އޭނާ އިނީ ފޮތެއް ހިފައިގެން ކިޔާށެވެ. ޔުއާނާ ފެނުމާއެކު ފޮތް ލައްޕާލައި އެއްފަރާތެއްގައި ބާއްވައިފިއެވެ.

"އާދެބަލަ ތި އަވަހަށް... މިހާރު ނައިސްގެން ކެތްނުލަވައިގެން ފޫހިވާތީ އެ ފޮތް ނަގައިގެން މި އޮތީ" އަވަސްއަރުވާލާފައި ޔުމްނާ ބުނިގޮތުން ހިނިއައިސްފައިހުރެ ޔުއާނާ އައިސް އިށީނެވެ.