ޖައުލާނީގެ ސަރުކާރުން އަންނަ މަހު ސޫރިޔާ ސަރުކާރު މުވައްޒަފުންގެ މުސާރަ %400 އަށް ބޮޑު ކުރުމަށް ނިންމައިފި ކަމަށް ސޫރިއާގެ ފިނޭންސް މިނިސްޓަރު އިއުލާން ކޮށްފިއެވެ.
މި ކަމަށް، މިހާރުގެ ރޭޓުން ގާތްގަނޑަކަށް 127 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މިކަމަށް ފައިނޭންސް ކުރާނީ ދައުލަތުގެ މިހާރު ވަސީލަތްތަކުގެ އިތުރުން ސަރަހައްދީ ގައުމުތަކުގެ އެހީތަކާއި އާ އިންވެސްޓްމަންޓްތަކާއި ގައުމުން ބޭރުގައި ހުރި ސީރިއާގެ ފްރީޒްކޮށްފައިވާ އެސެޓްތައް ހޯދައިގެންނެވެ.
މަޚުލޫޢު ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގައި ސީރިއާގެ ސަރުކާރު މުވައްޒަފުންގެ މުސާރަ އަކީ އެވަރެޖުކޮށް މަހަކު ގާތްގަނޑަކަށް 25 ޑޮލަރެވެ.
އެހެންކަމުން، އާބާދީގެ ބޮޑުބަޔެއް އުޅުނީ އެންމެ ފަގީރުކަމުގައެވެ.
ސޫރިޔާ ސަރުކާރުގައި ރަޖިސްޓްރީކޮށްފައިވާ 1.3 މިލިއަން މުވައްޒަފުން ހިމެނެއެވެ. އައު ސަރުކާރުން ލަފާކުރާ ގޮތުގައި ބޭރުގައި ސޫރިޔާގެ 400 މިލިއަން ޑޮލަރު ފްރީޒްކޮށްފައި ވެއެވެ.