ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއާއި ލޮޖިސްޓިކްސް އަދި އާގު ބޯޓު ބަނުމުގެ ދާއިރާއަށް ވެރިވުމުގައި ޗައިނާއިން ނަހަމަ ގޮތްތަކެއް ގެންގުޅޭ ކަމަށް، އެމެރިކާގެ ވެރިކަމުން ދުރުވެވަޑައިގަންނަވާ، ބައިޑެން ރައީސް ވިދާޅުވެއެވެ.
އެމެރިކާ ސަރުކާރުގެ މިވާހަކަތަކަކީ، އެމެރިކާގެ ހަތަރު ޔޫނިއަނެއްގެ އެދުމުގެ މަތިން އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް (ޔޫއެސްޓީއާރު) ކެތަރިން ޓައި 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށި ވިޔަފާރިއާ ގުޅޭ ތަހުގީގެއްގެ ނަތީޖާއެވެ. ކެތަރިން ޓައި އެ ތަހުގީގު ބިނާކުރެއްވީ، 1974 ވަނަ އަހަރުގެ ވިޔަފާރީގެ ގާނޫނުގެ 301 ވަނަ މާއްދާއަށް ބިނާކޮށް އޭނާއަށް ތަހުގީގު ކުރުމަށް ދޭ ބާރުގެ މައްޗަށެވެ.
އޭނާގެ ތަހުގީގުން ހާމަވި ގޮތުގައި ޗައިނާއިން ވަނީ ކަނޑު ދަތުރުފަތުރާއި އާގުބޯޓު ބަނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް މާލީ އެހީތެރިކަން ދީލަތިކަމާއެކު ފޯރުކޮށްދީ، ބޭރުގެ ކުންފުނިތަކަށް އެ ދާއިރާގައި ވާދަ ނުކުރެވޭ ގޮތަށް ހުރަސް އަޅައި، ޗައިނާއަށް ޓެކްނޮލޮޖީ ޓްރާންސްފާކުރުމަށް މަޖުބޫރު ކޮށްފައެވެ.
އޭގެ އިތުރުން ކުރި ހޯދުމުގައި ޗައިނާއިން ވަނީ، ފިކުރީ މުދަލުން ވައްކަންކޮށް، ޗައިނާގެ ޕްރޮކިއުމަންޓް ޕޮލިސީތަކަށް ފަހިވާ ގޮތަށް އާގު ބޯޓު ބަނުމާއި ކަނޑުދަތުރުގެ ވިޔަފާރީގެ ދާއިރާއަށް ނުފޫޒު ފޯރުވާފައެވެ.
އެމެރިކާ ސަރުކާރުގެ ތަހުގީގަށްފަހު، ނިންމާފައި ވަނީ، މިފަދަ ސިޔާސަތުތަކުގެ ސަބަބުން ޗައިނާގެ އާގު ބޯޓު ބަނުމުގެ ދާއިރާއާއި ކަނޑުދަތުރުފަތުރުގެ ދާއިރާގައި ވާދަވެރިންނަށް ފުރުސަތު ކުޑަކޮށްފައިވާ ކަމަށެވެ.
މި ތަހުގީގުގެ މައުލޫމާތު އެނގޭ މަސްދަރަކުން ބުނެފައި ވަނީ، ބެއިޖިން އިން މި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަވެސް މަސްނޫއީ ގޮތަކަށް ދަމަހައްޓައި ދިން ކަމަށެވެ.
މި ތަހުގީގުގައި ބޭނުންކޮށްފައިވާ ޑޭޓާއިން ދައްކާގޮތުގައި ދުނިޔޭގެ 150 ބިލިއަން ޑޮލަރުގެ އާގު ބޯޓު ބަނުމުގެ ސިނާއަތުގައި ޗައިނާގެ ހިއްސާ 2000 ވަނަ އަހަރު ގާތްގަނޑަކަށް %5 ގައި އޮތުމަށްފަހު ކުއްލިއަކަށް 2023 ވަނަ އަހަރު %50 އަށްވުރެ މައްޗަށް ގޮސްފައި ވެއެވެ. އަދި މިކަމަކީ ޗައިނާ ސަރުކާރުން ދީފައިވާ ސަބްސިޑީތަކުގެ ނަތީޖާކަމަށްވެސް ނިންމާފައި ވެއެވެ.
މި ރިޕޯޓަށް ބިނާކޮށް ޗައިނާއާ ދެކޮޅަށް އިތުރު ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުނަށް ޓްރަމްޕް ސަރުކާރަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވެއެވެ. އެމެރިކާގެ ޔޫނިއަންތަކުން ހުށަހަޅާފައިވަނީ، ޗައިނާއިން އުފައްދާ އާގު ބޯޓާއި ކަނޑުދަތުރުފަތުރުގެ އުޅަނދުތަކުން ނަގާ ފީއާއި ޓެރިފް އަދި ބަނދަރު ފީ އިތުރު ކުރާށެވެ.
މި ހޯދުންތަކަކީ، ޗައިނާގެ ސިނާއީ ދާއިރާގައި ވާދަކުރުމަށް ހުޅަނގަށް އުދަގޫވާ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތުތަކާއި ޗައިނާއިން ދަނގަނޑުފަދަ މުދާތައް ގިނައިން އުފެއްދުމާ ގުޅިގެން އަމާޒުވެފައިވާ ފާޑު ކިޔުންތަކަށް ބުރަދަނެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
ޗައިނާއިން ވަނީ އެމެރިކާގެ ހޯދުންތައް ދޮގުކޮށް އެއްވެސް ގޯހެއް ހިންގާފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި ޔޫއެސްޓީއާރު އިން ހޯދި ހޯދުންތައް ރަސްމީކޮށް އާންމު ކުރުންވެސް އޮންނާނީ މި ހަފްތާގެ ފަހުކޮޅުގައި ކަމަށް ބެލެވެއެވެ.