ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް އެއްއަހަރުގެ ލައިސަންސާއެކު ފަޔަރވޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނު ކޮށްފިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން މިއަދު ގެޒެޓް ކުރި އިއުލާނުގައި ބުނީ އެއްއަހަރުގެ ލައިސަންސާއެކު ފަޔަރވޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ފުރަތަމަ އިއުލާނާ ގުޅިގެން ލިބުނު ބިޑްތަކުގެ އަގުތައް މާބޮޑުކަމަށް ފެންނާތީވެ، ދެވަނަ ފަހަރަށް އިއުލާން ކުރީކަމަށެވެ.

ފަޔަރވޯލްގެ ބިޑް ފޮތް ސްޓެލްކޯއިން ވިއްކަނީ 500 ރުފިޔާއަށެވެ. ފުރަތަމަ އިއުލާނުގެ ދަށުން ބިޑްފޮތް ގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ފޮތް ގަންނަން ނުޖެހޭނެކަމަށް ސްޓެލްކޯގެ އިއުލާނުގައިވެއެވެ.

ސްޓެލްކޯއިން ބިޑް މަރުހަލާ ބަހާލާފައި ވަނީ 4 ބަޔަކަށެވެ. ފުރަތަމަ މިމަހުގެ 26 އިން 30 އޮންނާނީ ބިޑް ފޮތް ވިއްކުމާއި ބިޑް ސެކިއުރިޓީ ފައިސާ ބަލައިގަތުމެވެ. ދެވަނަ މަރުހަލާއަކީ ޑޮކިއުމަންޓް ދޫކުރުމެވެ. މިކަންވެސް ކުރިއަށްދާނީ މިމަހުގެ 26 އިން 30 އަށެވެ. އެއަށްފަހު ދެން އޮންނާނީ މައުލޫމާތު ދިނުމެވެ. މައުލޫމާތު ދިނުން ތާވަލު ކޮށްފައި ވަނީ ފެބްރުއަރީ 2 ވަނަ ދުވަހުގެ 10:00 އަށެވެ. ހަތަރުވަނަ މަރުހަލާއަކީ ބިޑް ހުށަހަޅަން ޖެހޭ މަރުހަލާއެވެ. ބިޑް ހުށަހަޅަން ޖެހޭ ތާރިހަކީ ފެބްރުއަރީ 9 ވަނަ ދުވަހުގެ 10:00 އެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެ ކަމަށް ސްޓެލްކޯގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބުކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މި މަސައްކަތަށް ހުށަހަޅާ ބީލަން ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެ ކަމަށާއި އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ ބީލަން ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.