ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރުމާ ގުޅޭ އެއްވެސް ބިލެއް ހިމެނިފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މީޑިއާތައް ޑީރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން ކަމަށްވެސް ވިދާޅުވިއެވެ.
މި ބަޔާން އައިސްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އިންޓަނެޓާއި މީޑިއާ ރެގިއުލޭޓް ކުރުމަށް ބިލެއް ހުށަހަޅުއްވަން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ނާޒިމް ވިދާޅުވެފައިވަނީ މި ބިލު ހުށަހަޅުއްވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.
ނާޒިމް ވިދާޅުވެފައިވަނީ މި ބިލު ހުށަހަޅުއްވަނީ "އެކްސް" އާއި "ޓިކްޓޮކް" ފަދަ ޕްލެޓްފޯމްތަކުގައި ސާބިތު ނުހިފޭ ވާހަކަތައް ފެތުރޭތީ، އެކަން ރެގިއުލޭޓް ކުރެވޭނެ ގާނޫނީ އޮނިގަނޑެއް ގެނައުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި މި ބިލު ތައްޔާރުކުރަނީ މެލޭޝިއާ ފަދަ ޤައުމުތަކުގައި އޮންނަ މަލްޓި މީޑިއާ ކައުންސިލްގެ މޮޑެލް ބަލައިގެން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ނާޒިމް އިތުރަށް ވިދާޅުވެފައިވަނީ މީޑިއާތައް އަމިއްލައަށް ރެގިއުލޭޓްވާން ބޭނުންވާ ކަމަށް ބުނި ނަމަވެސް، އެކަން އެގޮތަށް ނުވާތީ މީޑިއާ ރެގިއުލޭޓް ކުރާނެ ބިލެއް ހުށަހެޅުއްވުމަށް ނިންމެވި ކަމަށެވެ. އަދި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލަންޖެހޭ ކަމަށާއި، ދެ ކޮމިޝަނެއް ހަދައިގެން ނަތީޖާއެއް ނުނެރެވޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ދާދި ފަހުންވެސް ޓިކްޓޮކް، އިންސްޓަގްރާމް، ސްނެޕްޗެޓް، އެކްސް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ރާއްޖޭގައި ނުވަދެވޭ ގޮތަށް ސަރުކާރުން ހަދަން އުޅޭކަމަށް އަޑުފެތުރިފައިވެއެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައިއެވެ.