ރެއާލްމެޑްރިޑުގެ އެކަޑަމީއިން ތަމްރީން ކުރި ގޮންޒާލޯ ގާސިޔާ މެޗުގެ އެންމެފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން ލެގާނޭޒް 2-3 އިން ބަލިކޮށް ކޮޕާޑެލްރޭ ސެމީފައިނަލުން މަޝްހޫރު ރެއާލްމެޑްރިޑް ރޭ ޖާގަ ހޯދައިފިއެވެ.

ލެގާނޭޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ރެއާލްއިންނެވެ. ފުރަތަމަ ލަނޑު ކެޕްޓަން ލޫކާ މޮޑްރިޗް ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކެވެ. ލެގާނޭޒުން އުއްމީދު އާކުރީ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ހުވާން ކްރޫޒެވެ. 59 ވަނަ މިނެޓުގައި ލެގާނޭޒުން އެއްވަރު ކުރީވެސް ކްރޫޒުގެ ލަނޑުންނެވެ.

މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީ ގާސިޔާ،20، ކުޅެން އެރުވީ 82 ވަނަ މިނެޓުގައި އެންޑްރިކުގެ ބަދަލުގަވެ. އަނިޔާގެ ސަބަބުން މިމެޗުގައި ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭ އާއި ޖޫޑް ބެލިންގހަމް މިމެޗުގައި ނުކުޅެއެވެ.

ޒުވާން ގާސިޔާ ލަނޑު ޖެހުމުގެ ކުރިން ރެއާލްގެ ފޭޑް ވަލްވާޑޭ އާއި މޮޑްރިޗް ފޮނުވާލި ދެތިން ހަމަލާ ވަރަށް ހުށިޔާރުކަމާއެކު ލެގާނޭޒްގެ ކީޕަރު ހުވާން ސޮރިއާނޯ ދިފާއު ކުރިއެވެ.

ކޮޕާޑެލްރޭ ސެމީފައިނަލުންް ރޭ ވަރުގަދަ އެތުލެޓިކޯ މެޑްރިޑްވެސް ވަނީ ޖާގަ ހޯދާފައެވެ. އެއީ 5-0 އިން ގެޓާފޭ ބަލިކޮށްފައެވެ. ކޮޕާ ޑެލްރޭ ކުއާޓާފައިނަލުގައި މިރޭ ބާސެލޯނާ އާއި ވެލެންސިޔާ އަދި ރެއާލް ސޮސިއެޑާޑާއި އޮސަސޫނާ ބައްދަލު ކުރާނެއެވެ.