ފުލުހުންގެ އަނިޔާގައި މަރުވި އެމެރިކާގެ ކަޅުނަސްލުގެ ޖޯޖް ފްލޮއިޑްގެ އާއިލާއަށް 27 މިލިއަން ޑޮލަރު ދިނުމަށް، ފްލޮއިޑް ނިސްބަތްވާ މިނިއާޕޮލިސް ސިޓީ ކައުންސިލުން އެއްބަސް ވެއްޖެއެވެ.

މިނިއާޕޮލިސްއަކީ އެމެރިކާގެ މެނިސޯޓާ ސްޓޭޓްގެ ސިޓީއެކެވެ.

ޖޯޖް ފްލޮއިޑްގެ އާއިލާއަށް 27 މިލިއަން ޑޮލަރު ދިނުމަށް މިނިއާޕޮލިސް ސިޓީ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވަނީ ހުކުރު ދުވަހު ބޭއްވި ޖަލްސާގައެވެ.

ފްލޮއިޑްގެ އާއިލާއަށް 27 މިލިއަން ޑޮލަރު ދިނުމަށް މިނިއާޕޮލިސް ސިޓީ ކައުންސިލުން ފާސްކުރީ، ފްލޮއިޑްގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ، ކޯޓުން ބޭރުގައި ހައްލުކުރުމުގެ ގޮތުންނެވެ.

މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި ފުލުހުންކުރި އަނިޔާގެ ސަބަބުން ޖޯޖް ފްލޮއިޑްގެ މަރުވުމާގުޅިގެން އޭނާގެ އާއިލާއިން މިލިއާޕޮލިސް ސިޓީ ކައުންސިލްގެ އިތުރުން، ފްލޮއިޑަށް އަނިޔާކުރި 4 ފުލުހުންގެ މައްޗަށް މިދިޔަ އަހަރުގެ ޖުލައިމަހު ކޯޓަށް މައްސަލަ ހުށަހަޅާފައި ވެއެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި އާއިލާއިން ބުނެފައިވަނީ، ފުލުހުން ޖޯޖް ފްލޮއިޑަށް އަނިޔާކޮށް އޭނާގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށެވެ.

އަދި ފުލުހުން އެފަދަ ނުހައްގު އަނިޔާވެރި ބާރުތަކެއްގެ ބޭނުންކުރީ، ސިޓީ ކައުންސިލުން އެކަމަށް ހުއްދަ ދީފައި އޮންނާތީ ކަމަށާއި، ފުލުހުންގެ ތެރޭގައި ނަސްލީ ތަފާތުކުރުމުގެ ޝަގާފަތެއް އަށަގަންނުވަން ފުރުސަތު ދީފައި އޮތުމުން ކަމަށެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އާއިލާއަށް 27 މިލިއަން ޑޮލަރު ދިނުމަށް ސިޓީ ކައުންސިލުން ފާސްކުރުމާ ގުޅިގެން ޖޯޖް ފްލޮއިންޑްގެ ދައްތަ، ބްރިޖެޓް ފްލޮއިޑް ބުނީ، އޭނާގެ ކޮއްކޮގެ މަރަށް އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތުން ބައެއް ފުރިހަމަ ކުރެވުމުން އެކަމަށް ހިތްހަމަ ޖެހޭ ކަމަށެވެ.

އާއިލާގެ ހިތްތައްވަނީ ކުދިކުދި ވެފައި ކަމަށާއި، މަރުވަމުން ދިޔައިރުވެސް ޖޯޖް ފްލޮއިންޑް ދުނިޔެއަށް ދައްކުވައިދިން ކެތްތެރިކަމަށް އުފާކުރާ ކަމަށް ބްރިޖެޓް ބުނެފައި ވެއެވެ.

ޖޯޖް ފްލޮއިޑްގެ އާއިލާގެ ގާނޫނީ ވަކީލު ބެން ކްރަމްޕް ވިދާޅުވީ، މިވަރުން އަދި ފުދުނީ ނޫން ކަމަށެވެ.

އޭނާވަނީ "ބްލެކް ލައިވްސް މެޓަރ، ފްލޮއިޑްސް ލައިފް މެޓަރ" އޭ ހަމައެކަނި ބުނުމަކުން ނުފުދޭ ކަމަށާއި، އެމެރިކާއިން އެކަން އަމަލީގޮތުން ދައްކުވައިދޭން ޖެހޭ ކަމަށެވެ.

ބެން ކްރަމްޕް ވިދާޅުވީ، ފްލޮއިޑްގެ އާއިލާއިން ބޭނުންވެގެން އުޅެނީ އޭނާގެ މަރުގެ ބަދަލުގައި ފައިސާ ނޫން ކަމަށާއި، ބޭނުންވަނީ، އިޖުތިމާއީ އަދާލަތުގެ ސިޔާސަތުތައް އިސްލާހްކޮށް އަދި މުޅި ފުލުހުންގެ މުއައްސަސާވެސް އިސްލާހް ކުރުމަށް ކަމަށެވެ.

އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިންޑް މަރުވެފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ 25 ވަނަ ދުވަހުއެވެ.

އޭނާ މަރުވީ، ދޮން ނަސްލުގެ ފުލުސް އޮފިސަރ ޑެރެކް ޗައުވިން، ފްލޮއިޑް ބިންމައްޗަށް ވައްޓާލައި 9 ވަރަކަށް މިނެޓްވަންދެން އޭނާގެ ކަރުގައި ކަކޫއަޅައި ބާރަށް ފިއްތާލައިގެން އިނުމުގެ ސަބަބުންނެވެ.

އޭރު ޖޯޖް ފްލޮއިންޑް އާދޭސްކުރަމުންދިޔައީ، އޭނާއަށް ނޭވާ ނުލެވޭ ކަމަށް ބުނެއެވެ. ފުލުސް އޮފިސަރު ޑެރެކް ހުއްޓުވަން ކައިރީގައިތިބި އާންމުން ހަޅޭފަޅޭ ޖަހަމުން ދިޔައިރުވެސް އޭނާ އަޑުއިވޭ ކަމަށްވެސް ނުހެދިއެވެ.