ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ގެ ގެކޮޅުގައި މިއަދު ވަގުތީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ރޯކޮށްލައިފިއެވެ. ހަސީނާ ވަނީ، "ތާރީޚު ފޮހެވޭކަށް ނެތް" ކަމަށް ވިދާޅުވެ މި ހާދިސާ ކުށްވެރި ކުރައްވައި ފާޑުވިދާޅުވެފަ އެވެ.

ހަސީނާ މިކަން ކުށްވެރި ކުރައްވާފައި ވަނީ އޭނާގެ ޕާޓީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކޮށްފައިވާ ބަޔާނެއްގަ އެވެ.

ހަސީނާ ވިދާޅުވީ، "ސްޓްރަކްޗަރއެއް ނައްތާލެވިދާނެ، އެކަމަކު ތާރީޚު ފޮހެވިގެންނެއް ނުދާނެ" ކަމަށެވެ.

ޙަސީނާގެ ގޭގައި ހުޅުޖަހާފައި ވަނީ ސަޕޯޓަރުންނާ މުޚަތަބު ކުރައްވައި ޙަސީނާ ވާހަކަ ދައްކަވާނެ ކަން މީސްމީޑިއާގައި އާންމު ކުރުމާ ގުޅިގެންނެވެ. ސަރުކާރުގެ ސަޕޯޓަރުން ބުނެފައި ވަނީ ހަސީނާ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވައިފިނަމަ، ބުލްޑޯޒަރު ޖަހައި އެ ގެ އެއްކޮށް ވައްޓާލާނެ ކަމަށެވެ.

ބަނގްލަދޭޝްގައި ހުޅު ޖެހުމާއި ލޫޓުވުމުގެ ހާދިސާތައް އަދިވެސް އާންމު ވެފައި ވެއެވެ. އެންމެ ގިނަ ހަމަލަތައް ދެމުން ދަނީ އިދިކޮޅު ފަރާތްތައް ކަމަށްވާ ކުރީ ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށެވެ.

މި ގެއަކީ ހަސީނާގެ މަރުޙޫމް ބައްޕަ އަދި ބަންގްލަދޭޝްގެ މިނިވަން ލީޑަރު ޝެއިޚް މުޖީބުރު ރަހުމާން ގެ ގެކޮޅެވެ. އޭނާ އަވަހާރަކޮށްލީ 1971 ވަނަ އަހަރު އެ ގޭގައެވެ.