ސަރުކާރުން ގައުމު ތަރައްގީ ކުރާނީ އެއްވެސް ބަޔަކު ބާކީ ނުކޮށްކަމަށާއި، އެގޮތުން އަންހެނުން ކުރިއަރުވައި، އެކަނބަލުން ބާރުވެރިކުރުވައި، ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުން ވަރަށްބޮޑަށް އިސްކަން ދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމަށްޓަކައި ލުއިލޯނު ދޫކުރުމަށް ފާއިތުވި އަހަރު 100 މިލިއަން ރުފިޔާގެ ޚާއްޞަ ސްކީމެއް ތަޢާރަފުކުރައްވާފައިވާ ކަމަށާއި، މި ސްކީމްގެ ދަށުން ފުރަތަމަ ފިޔަވަހީގައި 60 ފަރާތަކަށް ލޯނު ދޫކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މި ހާއްސަ ލޯން ސްކީމްގެ 25 އިންސައްތަ ހާއްސަ ކުރެވިފައިވާނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ލޯނުސްކީމްގެ ދެވަނަ ފިޔަވަހި މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކައުންސިލްތައް ބާރުވެރިކުރުމަށް އިސްކަންދެއްވާ ބީދައިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުމަށްވެސް އިސްކަންދެއްވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށްޓަކައި ވަޒީފާއާބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ހުށަހަޅުއްވަންޖެހޭ އިސްލާހުތައް މި މަހު ހުށަހެޅުއްވާނެކަމަށެވެ. އަދި މި ދެ އިސްލާހުގެ ނަތީޖާއަކަށް ވާނީ މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބުމާއި، އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަމަށް ހައްލު ލިބުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަނީ އަންހެނުންނަށް ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމަށް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ސަރޖަރީ ކުރާ ފަދައިން "މިނިމަލީ އިންވޭސިވް ގައިނޮކޮލޮޖިކަލް ސަރޖަރީތައް" ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ތެރޭގައި 4 ސަރޖަރީއެއް ތައާރަފްކޮށްފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރަށް "އެންޑޯމެޓްރިއޯސިސް އެންޑް ޕެލްވިކް ކްލިނިކް"ގެ ނަމުގައި އައިޖީއެމްއެޗްގައި ކްލިނިކެއް ގާއިމުކުރައްވައި އެ ހިދުމަތް ވެސް މިހާރު ފޯރުކޮށްދެއްވަމުންދާކަމަށާއި، "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީ.އޯ.އެސް" ގެ ފަރުވާތައް އަސާންދަ ސްކީމުން ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، "އައި.ވީ.އެފް" އާއި "އައި.ޔޫ.އައި" ފަރުވާގެ އެހީ 105 ފަރާތަކަށް ހަމަޖެހި، 84 ފަރާތެއް ވަނީ މި ހިދުމަތް ހޯދަން ފަށާފައިކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މި ހިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ބަޖެޓުގެ ތެރެއިން 15 މިލިއަން ރުފިޔާ ކަނޑައަޅައި، ފަރޓިލިޓީ ކެއަރ ފަންޑެއް ގާއިމުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.