އެމެރިކާގެ ވެރިރަށުގެ އެއާޕޯޓަށް ޖައްސަން ދިޔަ މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް މުޑިއެރުވި ކަމަށް ބެލެވޭ ހާދިސާގެ ވީޑިއޯ ފާއްދާލި ދެ މުވައްޒަފުން ހައްޔަރުކޮށްފިއެވެ. މި ހާދިސާގެ ތަހުގީގުގައި ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއެވެ. ނަމަވެސް ހާދިސާގެ ފުރިހަމަ މައުލުމާތު އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.

ރޮނަލްޑް ރޭގަން ވޮޝިންޓަން ނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ އެމެރިކަން އެއާލައިންސްގެ ޖެޓަކާއި ސިފައިންގެ ހެލިކޮޕްޓަރެއް މުޑިއެރި ހާދިސާގެ ވީޑިއޯ ލީކް ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނަކީ ވެސް އެއާޕޯޓު މުވައްޒަފުންނެވެ.

މެޓްރޮޕޮލިޓަން ވޮޝިންޓަން އެއާޕޯޓްސް އޮތޯރިޓީ (އެމްޑަބްލިއުއޭއޭ)ގެ ދެ މީޙުންނަށް ތުހުމަތުކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކޮމްޕިއުޓަރުގައި ހުރި މައުލޫމާތު ނެގުމާއި އެ މައުލޫމާތު ފާއްދާ ލުމެވެ.

ހައްޔަރުކޮށްފައިވާ އެކަކަކީ، 21 އަހަރުގެ މުހައްމަދު ލަމީން މެބިންގޭ (ފޮޓޯގައި) އެވެ. އަދި ދެވަނަމީހާއަކީ 45 އަހަރުގެ ޖޮނަތަން ސެވޯއި އެވެ. ދެމީޙުންވެސް ވަނީ ހައްޔަރުކޮށްގެން ބަޔާން ނެގުމަށްފަހު ދޫކޮށްލާފައެވެ.