ޗައިނާގެ އެއައި ޗެޓްބޮޓް ޑީޕްސީކް ވަނީ އެޕަލްގެ އެޕް ސްޓޯރުގައި އެންމެ މަތީ ސަފަށް އަރައި، ޗެޓްޖީޕީޓީ ފަދަ މަޝްހޫރު ޗެޓްބޮޓް އެޕްތައް ފަހަނައަޅައި ގޮސްފައެވެ. ނަމަވެސް މި ކާމިޔާބީއާއެކު ސެންސަރޝިޕްއާއި ޕްރައިވެސީއާ ގުޅޭ ކަންބޮޑުވުންތަކެއް ވެސް ވަނީ އުފެދިފައެވެ.
ޑީޕްސީކްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޗައިނީސް ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) ގެ ސިޔާސަތުތަކާއި ވިސްނުމަށް ވަރަށް ބޮޑަށް ތަބާވުމެވެ. "ޓިއަނަންމެން ސްކުއަރ، ޝިންޖިއަންގް އިންސާނީ ހައްގުތަކާއި، ޓިކްޓޮކް ޑޭޓާ ސެކިއުރިޓީ ފަދަ މައްސަލަތަކާ ގުޅޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ދެކޮޅުހަދައި ނުވަތަ އެފަދަ ޖަވާބުތައް ޑިޕްސީކްއިން އަވަހަށް ފޮހެލައެވެ." މި ކަމާ ގުޅޭ ގޮތުން ދިރާސާކުރާ ފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.
އޭގެ އިތުރުން އެ އެޕްއިން ސަމާލުކަން ހޯދާފައިވާ ކަމެއްގެ ގޮތުގައި، ފާހަގަ ވަނީ، ޑީޕްސީކްއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޅުގައި ފާޑުކިޔާއިރު، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާކަމެވެ. އަދި ޓައިވާނާ މެދު ބެއިޖިންގގެ ސިޔާސަތުތައް ސާބިތުކަމާއެކު ދިފާއުކޮށް، "ޓައިވާންގެ މިނިވަންކަމުގެ މަސައްކަތްތައް ނާކާމިޔާބުވާން ޖެހޭ" ކަމަށް ބުނެއެވެ.
މި ކާމިޔާބީން ޗައިނާގެ އޭއައި ޓެކްނޮލޮޖީގެ ކުޅަދާނަކަން ސާބިތުކޮށްދިން ކަމުގައިވިއަސް، ސިޔާސީ ކޮންޓްރޯލުން އޭއައިގެ ޖަވާބުތައް ބައްޓަންކުރާ ގޮތް ވެސް ހައިރާން ކުރަނިވި ގޮތަކަށް ހާމަވެގެންދެއެވެ. ޗައިނާގެ ސަރަހައްދުން ބޭރަށް މި ޓެކްނޮލޮޖީގެ ނުފޫޒު ފުޅާވަމުންދާއިރު، ޗެޓްބޮޓްގައި އިންސާދާފައިވާ ސެންސަރޝިޕްގެ ސަބަބުން ދުނިޔޭގެ އާންމު ހާލަތުގެ ވާހަކަތައް ޗައިނާ ބޭނުން ގޮތަށް ބައްޓަންކުރުމުގައި އޭއައިގެ ދައުރާމެދު ގިނަ ސުވާލުތަކެއް އުފެދެމުންދެއެވެ.