ދިވެހި ސަރުކާރާއި، ޔޫ.އޭ.އީ ސަރުކާރާ ދެމެދު ވެފައިއޮތް ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުން މިއަދު އާކުރައްވައިފިއެވެ.
މި އެއްބަސްވުން އާކުރައްވާ ސޮއިކުރެއްވުން އޮތީ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2025 ގެ ހަވާސާގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުالله ފަޔާޒުއެވެ. އަދި ޔޫ.އޭ.އީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ކެބިނެޓް އެފެއާޒް ފޮރ ކޮމްޕެޓިޓިވްނަސް އެންޑް ނޮލެޖް އެކްސްޗޭންޖް، އަބްދުﷲ ނަދީރު ލޫތާއެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ ޔޫ.އޭ.އީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީ.އީ.އީ.ޕީ) ގެ ދަށުން ޔޫ.އޭ.އީގެ ތަޖުރިބާ ބަދަލުކޮށް ހިއްސާކުރުމުގެ ތެރެއިން ދިވެހި ސަރުކާރުގެ މަސައްކަތުގެ ނިޒާމާއި ތަޖުރިބާތަކުގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި އެއްބަސްވުމުގެ ދަށުން ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ހިންގޭ ޕްރޮގްރާމްތަކުގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިކުރުމަށް ފުރުސަތު ފަހިކޮށްދެވޭނެއެވެ.
ދެ ގައުމުގެ މެދުގައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން ވޭތުވެދިޔަ ތިން އަހަރުވެސް ދިވެހިރާއްޖެއިން ވަނީ ޔޫ.އޭ.އީ ސަރުކާރުގެ ޖީ.އީ.އީ.ޕީގައި ބައިވެރިވެފައެވެ.
މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އުނގެނުމާއި އީޖާދީ މުހިންމު އެކިއެކި ކަންކަމުގެ މައްޗަށެވެ. ޖީ.އީ.އީ.ޕީގެ ދަށުން މިހާތަނަށް ހިންގުނު ހަތަރު ތަމްރީނު ޕްރޮގްރާމެއްގައި ސަރުކާރުގެ 128 މުވައްޒަފުން ތަމްރީނު ކުރެވިފައިވާއިރު މީގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނެއެވެ.