އިންޑިއާ ސަރުކާރުގެ އިސްނެގުމާއި، ބޭރުން އިންވެސްޓްމެންޓް ހޯދުމާއި، ކުރިއަރަމުން އަންނަ ޓެކް ވޯކްފޯސްގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސް (މަބް) ގެ ދާއިރާއިން ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި އިންޑިއާ ދަނީ ފެންނަމުންނެވެ.

އިންޑިއާ ސަރުކާރުން ވަނީ މި ދާއިރާ ކުރިއަށް ނެރުމަށް، 1.14 ބިލިއަން ޑޮލަރު ގެ ބަޖެޓެއް ކަނޑައަޅައިގެން "އިންޑިއާ އޭއައި މިޝަން" ކުރިއަށް ގެންދަން އަމާޒު ހިފާފައެވެ.

އިންޑިއާ އޭއައި ވިޝަންއަށް ކަނޑައަޅާފައި ވަނީ، ފަސް އަހަރު ތެރޭގައި އޭއައިގެ ދިރާސާތައް ކޮށް، ގައުމީ ފެންވަރުގައި އެކަމަށް ބޭނުންވާ ކޮމްޕިއުޓިން ޕަވަރ އިތުރުކޮށް، އެ ދާއިރާގެ ތައުލީމު ރައްޔިތުންނާ ހަމައަށް އާންމު ކޮށްދިނުމަށެވެ.

އިންޑިއާގެ ގައުމީ ފެންވަރުގެ މަސައްކަތެއްގެ ގޮތުގައި ކޮމްޕިއުޓިން ޕްރޮސެސިންގ ޔުނިޓް ބާރުގަދަ ކުރުމަށް 10،000 ޖީޕީޔޫ ޑިޕްލޮއި ކުރުމަށްވެސް ވަނީ އަމާޒު ހިފާފައެވެ.

އޭގެ އިތުރުން އިންޑިއާއިން ވަނީ "އޭއައި އިންޑިއާ މިޝަން"ގެ ދަށުން، މި ދާއިރާގެ ވިޔަފާރިއަށް އަލަށް ނިކުންނަ ސްޓާޓްއަޕްތަކަށާއި ރިސާޗަރުންނަށް އެހީތެރިވުމަށް އޭއައި އިނޮވޭޝަން ސެންޓަރުތަކެއްވެސް އުފައްދާފައެވެ.

އޭއައިގެ ކުރިއަރާފައިވާ ހުނަރުތަކަށް އިންޑިއާގެ މިހާރުގެ ވޯކްފޯސް ތަމްރީނުކޮށް، އަދި ފުޅާދާއިރާއެއްގައި އޭއައިއަށް އެޑޮޕްޓް ކުރެވޭނެ ގޮތް ކަށަވަރު ކުރުމަށް ގައުމީ ނިޒާމެއްވެސް ވަނީ އެކުލަވާލާފައެވެ.

އެގޮތުން، އޭއައި ސޭފްޓީ އިންސްޓިޓިއުޓެއް ގާއިމްކުރުމަކީ މި މިޝަންގެ އެއް ބައެވެ. އަދި އެއާއެކު އެތިކަލް އޭއައި އަށް ފޯކަސް ކުރުމަށް ވެސް އަމާޒު ހިފާފައި ވެއެވެ.

މި މިޝަން އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި 2026 ވަނަ އަހަރު ނިމޭއިރަށް 5 ލައްކަ މީހުން އޭއައި އަށް ތަމްރީނު ކުރުމަށްޓަކައި، މައިކްރޮސޮފްޓު ފަދަ ދުނިޔޭގެ އެންމެ ބޮޑެތި ޓެކް ކުންފުނިތަކާއި ގުޅިގެން މަސައްކަތް ފަށާފައި ވެއެވެ.

މިހުރިހައި ކަމެއްގައި ފާހަގަ ކުރެވޭ، އެންމެ އަސާސީ ކަމަކީ އިންވެސްޓްމެންޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެނައުމާއި އެކަން ކުރިއަށް ގެންދިއުމަށް ޚާއްސަ އިދާރާއެއް ގާއިމް ކުރުމެވެ.

މިކަންކަމުގެ ނަތީޖާއަކީ އިންޑިއާއަކީ، އޭއައިގެ ބޮޑު މަރުކަޒެއްގެ ގޮތުގައި ދުނިޔޭގައި ފައިތިލަ ސާބިތުކޮށް އީޖާދީ ވޯކްފޯސްއެއް ދައްކައި، އެ ރޮނގުން މަސައްކަތް ކުރެވޭނެ ބަޔަކު އުފައްދައި އިގްތިސާދީ ދުވެލި ހަލުއި ކުރުމެވެ.