ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، "ޤަޟާޢީ އަހަރު 2025" އިފްތިތާހުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު "ގަޟާއީ އަހަރު 2025" އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ގަޟާއީ އަހަރު އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ގަޟާއީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުއީ ގޮތުންނާއި، އިދާރީގޮތުން ޝަރުއީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވާ އިހުތިފާލެކެވެ.
ގަޟާއީ އަހަރު އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމުކުރެއްވުން ކުރިއަށްދިޔައެވެ. އަދި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަޙްމަދު މުއުތަސިމް އަދުނާން ވަނީ ގަޟާއީ ބަޔާން އިއްވަވާފައެވެ.
ގަޟާއީ އަހަރު އިފްތިތާހުކުރުމުގެ ޕްރޮގްރާމްގެ ގޮތުގައި 2021 ވަނަ އަހަރު ފިޔަވައި ފާއިތުވި 8 އަހަރު ވެސް ވަނީ ހާއްސަ ޙަހަރަކާތްތަކެއް ކުރިޔަށް ގެންދަވާފައެވެ. މިގޮތުން އިދާރީ ގޮތުން ޝަރުއީ ދާއިރާގެ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށްޓަކައި ފަނޑިޔާރުންގެ ގައުމީ މަހާސިންތާގެ ނަމުގައި މަހާސިންތާއެއް، މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މަހާސިންތާ ހާއްސަ ކުރައްވާފައިވަނީ އިސްލާމިކް ފައިނޭންސިންގ އަދި ޝަރުއީ ކޯޓުތަކުގައި ހުރި ޝަރުއީ އަދި އިދާރީ ކަންކަން އެއްގޮތްކުރުމާ ގުޅޭގޮތުންނެވެ.