ޞަދަޤާތާއި ޚައިރާތާއި މިސްކިތް އެޅުމާއި ޤުރުއާން މަރުކަޒުތައް ޤާއިމުކުރުމަށް ހެޔޮ އެދޭ ފަރާތްތަކުން ދޭ ފައިސާ ޒަކާތު ހައުސްއަށް ލިބިގަތުމުގެ ނިޒާމު ޤާއިމު ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި މީރާގެ ޑިރެކްޓަރ ޖެނެރަލް ހަސަން ޒަރީރު ވަނީ ބައިވެރިވެލައްވާފައެވެ.
މި ނިޒާމު ޤާއިމުކުރުމާއި ގުޅޭ ގޮތުން މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ޞަދަޤާތައި ޚައިރަތާއި ހިބައާއި މި ނޫން ވެސް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފްތާގައި ޤާއިމު ކުރެވިގެންދާނެކަމަށާއި މި ނިޒާމުގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުންކަމަށެެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، ހެޔޮކަންކަމަށް ހޭދަކުރުމުގެ ޙާޖަތު ރާއްޖޭގައި ވަރަށް ބޮޑަށް އޮތް ހިނދު، ރާއްޖޭގެ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރަން އިސްކަން ދިނުން މުހިންމުކަމަށެވެ. އެގޮތުން ވަރަށް ގިނަ ރަށް ރަށަށް މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދަން ޖެހިފައިވާކަމަށާއި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަމުން މިދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއްކަމުގައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނަ އަކަށް ބަލައިގެންކަމަށެވެ.
https://islamicaffairs.gov.mv/28399