މިއީ ރާއްޖޭގައި ވަރަށް މަދުން އުޅޭ މިޔަރެކެވެ. މި ބާވަތުގެ މިޔަރެއް ރާއްޖެއިން ރެކޯޑްކުރެވިފައިވަނީ ހަމަ އެންމެ މިޔަރެކެވެ. އެއީ ރ. މަޑުއްވަރީ ދޯންޏެއް ހއ. އަތޮޅޫގައި މިޔަރު މަސްވެރިކަން ކުރުމުގައި ބޭނިފައިވާ މިޔަރެކެވެ. މިޔަރު ބޭނިފަރާތުން މިއީ ކުރިން ނުފެންނަ މިޔަރެއްކަމުން އެމިޔަރުގެ އަނގަ ހިއްކައިގެން ރައްކާކޮށްފައި ވަނިކޮށް މެރިން ރިސާރޗް ސެކްޝަންގެ ތަހުލީލް ޓީމުން އެ އަނގަ އައިޑެންޓިފައި ކުރީއެވެ.

މިއީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މި ބާވަތުގެ މިޔަރު ގާތްގަނޑަކަށް 2.4 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. މިޔަރުގެ ތުންކޮޅު ހުންނަނީ ވަށްކޮށެވެ. މިޔަރުގެ ކުލައަކީ މައިގަނޑު ގޮތެއްގައި އަޅިއެވެ. މިޔަރުގެ ބަނޑުދަށްފަރާތު ހުންނާނީ ހުދު ކުލައެއްގައެވެ. މި ޔަރުގެ އަނގައިގައި ހުންނަ ދަތްތައް ހުންނަނީ ބުޅިކޮށެވެ. މި ބާވަތުގެ މިޔަރަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައިނަތީ، މިއީ ރާއްޖެއިން ވަރަށް ނުފެންނަ ބާވަތެއްކަމަށްވާތީއެވެ. ވީމާ މި މިޔަރުގައި ހުރި އެންމެ ފާހަގަ ކުރެވޭ ސިފަ ކަމުގައިވާ" ދަތްބުޅިކަން" ފާހަގަކޮށް " ދަތްބުޅިމިޔަރު" ކިޔާފައި ވަނީއެވެ. މިބާވަތުގެ މިޔަރުގެ ޢާންމު ކާނާއަކީ އެތެރެވަރީގައި ކަނޑުގެ މަތީބައިގައި އުޅޭ ކުދިމަހާއި އަޑީގައި އުޅޭ ތަފާތު ބާވަތްތަކުގެ މަހެވެ.މި ބާވަތުގެ މިޔަރު އާންމުކޮށް އުޅެނީ 30 މީޓަރަށްވުރެ ތިލަ ހިސާބުގައެވެ.